ޕިއްޒާކިޗަން ކުރު ވާހަކަ: ނަހަމަ

05 May 2021 | 17:28

"ކޮބާ؟" ޒަރީރުގެ ފޯނަށް މެސެޖެއް އައެވެ. "ޑަން." އޭނާ މެސެޖަށް ޖަވާބުދިނެވެ. އޮފީހުގައި އެވަގުތު އިން ޒަރީރު އޮފީހުގެ ގޯތިތެރެއަށް ނުކުތީ ސިނގިރޭޓެއް ބޮވައިގަތުމުންނެވެ. ޖީބުން ސިނގިރޭޓު ފޮށި ނަގައި، އޭގެން ސިނގިރޭޓެއް ނެގުމަށްފަހު ތުނބުގައި ޖަހައި ރޯކޮށްލިއެވެ. ސިނގިރޭޓު ދަމާލުމަށްފަހުގައި އޭގެ ދުން ބޭރުކޮށްލުމަށްފަހު އޭނާ ފުންނޭވާ އެއް ލިއެވެ. އެހިނދު އޭނާގެ ފޯނަށް އަނެއްކާވެސް މެސެޖެއް އައެވެ. "މިރޭ އެގާރަގަޑި ސުންމިނެޓް." އޭނާ އެންމެ އިންތިޒާރުކުރަމުން ދިޔަ މެސެޖު ފެނުމާއެކު ސިނގިރޭޓު ބުރި އެއްލާލުމަށްފަހުގައި ވަގުތުން އޮފީހުން ނިކުމެގެން ގެއަށް ދިޔައެވެ. އަދި މުޅި ގޭތެރެ ދޮވެ ސާފުކުރުމަށްފަހުގައި، އޭނާގެ ބައެއް އަންނައުނުތައް ޕެކުކުރަން ފެށިއެވެ. އެރޭގެ އެކެއް ޖެހިއިރު ޒަރީރު އިނީ، ނިއުޒިލޭންޑަށް ދިއުމަށް ދަތުރު ކުރާ ފްލައިޓުގައެވެ. ފްލައިޓަށް އެރުމަށްފަހު އޭނާގެ ސޭވިން އެކައުންޓު ޗެކުކޮށްލިއެވެ. އޭގައި އެއް މިލިއަން ޑޮލަރު ހުރިތޯ ޔަގީންކުރުމަށެވެ. އެ އަދަދު ފެނުމާއެކު ހެވި ދިލިފައި އޭނާ ގޮނޑީގައި ހަމަޖެހިލިއެވެ.

ހޫދުގެ މަރުގެ ވާހަކަ މާގިނަ ދުވަސްތަކެއް ނުވެ މީހުން ހަނދާންނެތުނެވެ. ނަމަވެސް ރިފްޤާ އޭނާގެ ލޯބިވާ ފިރިމީހާ މަތިން މިއަދުވެސް ހަނދާންކުރެއެވެ. ހައިފާ ފެންނަ ކޮންމެ ފަހަރަކު ރިފްޤާއަށް ރޮވޭގޮތްވެއެވެ. އެކުދިންގެ ލޯބިވާ ބައްޕަ މި ދުނިޔެއާއި އަލްވަދާޢުކީ ހިތްދަތިގޮތުންނެވެ. ހޫދުގެ މަރުގެ ޚަބަރު ލިބުނުއިރު ރިފްޤާ ހުރީ ބާރަ އަހަރުގެ ދަރިފުޅުގެ ކެނޑޭޓު ހަރަކާތް ނިމެންވާއިރަށް ސްކޫލުން ގެއަށް ގެންނަން ބަލާ ގޮސް މަގުމަތީގައެވެ. އެ ޚަބަރާއެކު ރިފްޤާއަށް ހުރެވުނު ތަންވެސް ނޭނގުނެވެ. އަވަހަށް ދަރިފުޅު ގޮވައިގެން ދިޔައީ ފިރިމީހާގެ މަންމަމެން ގެއަށެވެ. އޭނާއަށް އެގޭގެ އޮޅިގަނޑު ގިރާކުރެވުނީ ހަމަ ކިރިޔާއެވެ. މަންމާއޭ ކިޔައި އަޑުން އަޑު ނަގައި ރޯން ފެށިއެވެ. އިސާހިތަކު މުޅި ޢާއިލާއާއި، ގާތްތިމާގެ މީހުންނަށް މި ޚަބަރު ލިބުނެވެ. އެންމެންވެސް ތިބީ ޝޮކެއްގައެވެ. އޭރު މަރުވި ހޫދުގެ ހަށިގަނޑު މާލެ ގެންނަނީއެވެ. ރިފްޤާ އެވަގުތު ސޯފާގައި ހަމަހިމޭންވެފައި އިނެވެ. އޭނާގެ ފިރިމީހާ މިއަދު އަތްދޫކޮށްލީ ހަމައެކަނި ޤައުމީ ވާޖިބުން އެކަންޏެއް ނޫނެވެ. އެ ދިޔައީ މުޅި ޢާއިލާވެސް ރޮއްވާލާފައެވެ.

ހޫދުގެ މުޅި އުމުރު ހޭދަވެގެން ދިޔައީ ޤައުމީ ވާޖިބު އަދާކުރުމުގައެވެ. ޤައުމަށް ދިމާވި އެތައް ކާރިސާއެއްގައި އޭނާ ހުރީ ޚިދުމަތަށް ނިކުމެއެވެ. ސިފައިންގެ މީހެއްގެ ވަޒީފާ އަދާކުރުމަކީ އޭނާ ކުޑައިރުއްސުރެން ދެކެމުން އައި ހުވަފެނެކެވެ. އެކި ފަހަރު އެކި ތަންތަނުގައި އެކި ޑިއުޓީ އަދާކުރަން ޖެހެއެވެ. ހުރިހާ ކަމެއްވެސް އޭނާ ކުރަމުން ދިޔައީ އިޚުލާސްތެރިކަމާއެކުގައެވެ. އެގޮތުން އެ ދުވަސްވަރު އޭނާ ޑިއުޓީ އަދާކުރަމުން ދިޔައީ މަޖިލިސް މެންބަރު ފަރުހާދުގެ ބޮޑީ ގާޑެއްގެ ގޮތުގައެވެ. ފަރުހާދާއި، ހޫދު އަކީ ވަރަށް ގާތް ދެމީހުންނެވެ. މީހުންގެ ލޯތަކަށް ފަރުހާދަކީ މެންބަރެއް ނަމަވެސް، ހޫދުއަށް އެއީ އޭނާގެ ގާތް އެކުވެރިއެކެވެ. އޭރު ޤައުމުގެ ސިޔާސީ މަސްރަޙު އައީ ދުވަހެއް ދުވަހަކަށް ގޯސްވަމުންނެވެ. ފަރުހާދަށް ވެސް އެތައް ފިއްތުން ތަކާއި ދިޔައީ ކުރިމަތިވަމުންނެވެ. މި ހުރިހާ ކަމެއް ފުދޭވަރަކަށް ގާތުން ފެންނަމުން ދިޔަ އެކަކަކީ ހޫދުއެވެ. ފަރުހާދަށް އޭނާގެ އަމިއްލަ ޕާޓީއިން ދިޔައީ ކޮރަޕްޝަންގެ ތުހުމަތެއް ކުރަމުންނެވެ.

ހޫދު ކޮންމެ ދުވަހަކު ހެނދުނު ހޭލައިގެން އޭނާގެ ރަސްމީ ޑިއުޓީއަށް ނިކުންނަނީ ހެވި ދިލިފައެވެ. އެދުވަހު ފަރުހާދަށް ހޫދު ފެނުމާއެކު، އިޝާރާތުން އަވަސްގޮތެއްގައި ކާރު ރެޑީ ކުރުމަށް ބުންޏެވެ. ހޫދު ކާރަށް އަރައި ކާރު ސްޓާޓުކޮށްގެން އިންދާ ފަރުހާދު އައިސް ކާރަށް އެރިއެވެ. "ހިއެއް ނުވޭ ދެން މާގިނަ ދުވަހު މިހެން ހުރެވޭނެ ހެނެއް. މައްސަލަ ވަރަށް ގޯސްވެއްޖެ. އަޅުގަނޑުގެ ދުވަސް މި ދަނީހެން ހީވަނީ. ހޫދު ވަރަށް ވިސްނައިގެން އުޅޭތި." ފަރުހާދު ބުންޏެވެ. ފަރުހާދުގެ މި ވާހަކަތަކަށް ޖަވާބު ދިނުމުގެ ގޮތުން ހޫދު ބޯ ޖަހާލިއެވެ. އެދުވަހުގެ މަޖިލިސް ނިމުމުން ފަރުހާދު އަވަސްވެގަތީ ގެއަށް ދިއުމަށެވެ. ފަރުހާދު ގެއަށްލާފައި އެރޭ ކާރު ގަރާޖަށް ވެއްދުމަށްފަހުގައި، އޮފީހަށް ގޮސް ކާޑު އައުޓް ކޮށްފައި ހޫދު ދިޔައީ ގެއަށެވެ.

ގެއަށް ދިޔައިރު ރިފްޤާ ހުރީ، އޭނާއަށް އެންމެ މީރު ގަރުދިޔައާއި ބަތާއި ތައްޔާރުކޮށްފައެވެ. ގަރުދިޔަ ކައްކާފައި ހުރީ މަހު ބޮލާއެކުގައެވެ. ދަރިފުޅާއި، އަންހެނުންނާއެކު ކައިގެން އޭނާ އަވަސްވެގަތީ ފެންވަރައިގެން ނިދާލުމަށެވެ. ނިދާފައި އޮތް ހޫދުއަށް ހޭލެވުނީ ކަރުހިއްކައިގަނެގެންނެވެ. ހަމަ އެވަގުތު އޭނާގެ ފޯނަށް މެސެޖެއް އައެވެ. އޮތީ ފަރުހާދުގެ މެސެޖެކެވެ. "އައިއެމް ފިނިޝްޑް." މެސެޖު ފެނިފައި ހޫދު ކުއްލިއަކަށް އެނދުން ތެދުވިއެވެ. އޭރު ކައިރީގައި ނިދާފައި އޮތް ރިފްޤާއަށް ވެސް ހޭލެވުނެވެ. ވެގެން އުޅޭ ގޮތް ބެލިއިރު، ފަރުހާދު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީއެވެ. "އަސްލުތަ؟" ރިފްޤާއަށް ހައިރާން ކަމާއެކު އަހާލެވުނެވެ. "އާނ.. ހަމަ މިއަދު ފަރުހާދު އަހަރެން ކައިރީގަ ބުނި ތިމަންނަ ދުވަސް ދަނިއްޔޭމި. ވަރަށް ދެރަކޮށް މި ދިމާވީ. ކުރާނެ ކަމެއް ނެތް." މިހެން ބުނެފައި ފެންބޮއެގެން އަނެއްކާވެސް އޭނާ ބެލީ ނިދޭތޯއެވެ. ނަމަވެސް ނިންޖަކާއި ނުވިއެވެ. ފަރުހާދާއި މެދު ކަންތައް ވެގެން ދިޔައީ އެންމެ ރަނގަޅަށް ނޫންކަން ހޫދުއަށް އެނގޭތީއެވެ.

ފަރުހާދު ހައްޔަރުކުރެވުނީ، ކޮރަޕްޝަންގެ މައްސަލައެއްގައެވެ. އޭނާގެ ގެ ބަލާފާސްކުރުމުގެ ތެރޭގައި ގިނަ އަދަދެއްގެ ފައިސާ ފެނިފައިވާތީއެވެ. ނަމަވެސް އެ ފައިސާއަކީ އޭނާގެ ފައިސާ ނޫންކަމާއި، އެއީ އޭނާގެ އަތަށް މީހަކު ރައްކާކުރުމަށް ދީފައިހުރި ފައިސާތަކެއް ކަމަށް ފަރުހާދު ބުންޏެވެ. "އަޅުގަނޑު މި ބުނަނީ އެއީ އަޅުގަނޑުގެ ފައިސާތަކެއް ނޫނޭ. އެކަމުގެ ހުރިހާ ހެއްކެއް މިއޮތީ ފެންނަށް. ރިޔާސީ އިންތިޚާބަށް ވާދަކުރާކަށް އަޅުގަނޑެއް ނޫޅެން. ކޮށްފާނެހެން ހީވާތީތޯ މަތިން އޯޑަރު އައީ ކޮންމެވެސް ބަހަނާއެއް ދައްކާފަ އަޅުގަނޑު ހައްޔަރުކުރަން؟ އަޅުގަނޑު ހައްޔަރުކުރުމާއި ހަމައަށް ތި ފައިސާ ގޭގައި ހުރި ކަމެއްވެސް ނޭނގެ. އަޅުގަނޑު ދިރިއުޅޭ ގެއަކީ ކުޑަ ތަނެއް ނޫން. ވީމާ ކަންކުރަން ދަންނަ، ތަޖުރިބާކާރަކަށް ކޮންމެ ތާކު ކޮންމެ އެއްޗެއް ވެސް ފޮރުވިދާނެ،" ކޯޓުގައި ފަރުހާދު ތަކުރާރުކޮށް ބުނަމުން ދިޔައީ މިހެންނެވެ. ފަރުހާދު ހައްޔަރު ކުރީއްސުރެން ފަރުހާދުގެ ވާހަކަ ނޫން ވާހަކައެއް މުޅި ޤައުމުގައި ނުދައްކައެވެ. ތުންތުން މަތިން އެކި ވާހަކަތައް ދިޔައީ ފެތުރެމުންނެވެ. ފަރުހާދު ހައްޔަރުކޮށްގެން ފުރަތަމަވެސް ގެންދިޔައީ ދޫނިދޫ އަށެވެ. އޭނާ ކޯޓަށް ހާޒިރުކުރާ ކޮންމެ ފަހަރަކު ސިއްރު ހެކިވެރިން ހެކިބަސް ދެމުން ގެންދިޔައީ އޭނާއާއި ދެކޮޅަށެވެ. އޭނާގެ ޤާނޫނީ ވަކީލުގެ ޓީމުން ދިޔައީ ކެނޑިނޭޅި އޭނާ ސަލާމަތްކުރުމުގެ މަސައްކަތް ކުރަމުންނެވެ. ހޫދު ދިޔައީ މި ހުރިހާ ކަމެއް ވަރަށް ގާތުން ބަލަމުންނެވެ.

މިގޮތުގައި ހުއްޓާ، ކުއްލިއަކަށް އެއްދުވަހު ކޯޓަށް ހާޒިރުވުމަށް އޭނާއަށް ޗިޓުއައެވެ. އޭގައި އޮތީ ފަރުހާދުގެ ބޮޑީ ގާޑެއްގެ ގޮތުގައި ފާއިތުވެދިޔަ އެއް އަހަރު މަސައްކަތްކޮށްފައިވާތީ އޭނާއާއި ކޯޓުން ސުވާލުކުރަން ބޭނުންވާ ވާހަކައެވެ. އޭރު ފަރުހާދާއި ދެކޮޅަށް ހެކިބަސް ދިނުމަށް، އެތައް ފޯނުކޯލަކާއި މެސެޖުތަކުގެ އިތުރަށް، ފައިސާގެ އިނާމުތައްވެސް ދިޔައީ ހުށައެޅެމުންނެވެ. ނަމަވެސް އޭނާ އަކީ ބޮޑު ހުވައެއް ކޮށްގެން ހުރި މީހަކަށް ވުމާއެކު، އޭނާ އިސްކުރީ ތެދުވެރިކަމާއެކު ހެކިބަސްދިނުމަށެވެ. އެއީވެސް ހޫދުގެ ނަޒަރުގައި ޤައުމަށް ވަފާތެރިވުމެވެ. ކޯޓުގައި ދައުލަތުގެ ވަކީލު ދިޔައީ ސުވާލަކަށްފަހު ސުވާލެއް ކުރަމުންނެވެ. ހޫދުއަށް ބައެއް ފަހަރު އެ ސުވާލުތަކަށް ޖަވާބުދޭން ވެސް އުނދަގޫވިއެވެ. "އެއީ ފަރުހާދުގެ ފައިސާތަކެއް ނޫން. އެންމެފަހުގެ ފޯނު ކޯލު ރިކޯޑާއި، ސީސީޓީވީ ފުޓޭޖަށް ބަލާލީމަވެސް އެނގިލައްވާނެ. އެއީ ސީދާ ޑިފެންސް މިނިސްޓަރުގެ ފައިސާތަކެއް. ފުރަތަމަ ތަޙުޤީޤު ކުރަންވީ ނޫންތޯ ފަރުހާދުގެ ގެއަށް ތި ފައިސާ ވެއްދިގޮތެއް. ފަރުހާދު އޭރު ހުރީވެސް ރާއްޖެއިން ބޭރުގަ. ދެން ބަޔަކު ރާވައިގެން ނޫންތޯ ތިވަރު ކަމެއް ކޮށްފަ ތިއޮތީ؟ އަޅުގަނޑު ރާއްޖޭގެ އެއްވެސް ޝަރުޢީ ކޯޓެއްގައި ދޮގު ހެކިބަސް ދޭކަށް ނެތިން." ހޫދު ހުރީ އޭނާގެ ގޮތުގައެވެ.

އެކި ފަހަރު މަތިން ހޫދު ކޯޓަށް ހާޒިރުކުރެވުނެވެ. ކޮންމެ ފަހަރަކުވެސް ހޫދު ދިޔައީ ފަރުހާދުއާއި އެއްކޮޅަށް ހެކިބަސް ދެމުންނެވެ. އެ މައްސަލައިގައި އަދި އިތުރު ދެމީހަކުވެސް ފަރުހާދާއި އެއްކޮޅަށް ހެކިބަސްދިނެވެ. ހޫދު، ހެކިބަސް ދިނުމަށް ކޯޓަށް ހާޒިރު ކުރާ ކޮންމެ ފަހަރަކު މައްސަލާގައި ހުރި ފޫނުބެދޭ ކަންކަމުގެ ވާހަކަ ވެސް ދައްކައެވެ. އަދި އެ ފައިސާ ތަކަކީ ޑިފެންސް މިނިސްޓަރުގެ ފައިސާތަކެއްކަން، އެނގޭ ހަމައެކަނި ހެކިވެރިއަކަށް ހުރީ ވެސް ހޫދުއެވެ. މިހާ ހިސާބުން މައްސަލަ އިތުރަށް ހޫނުވެ، މައްސަލަ ދިގުލައިގެން ދާންފެށިއެވެ. މިގޮތުގައި ދުވަސްތައް ފާއިތުވަމުން ގޮސް، އޮފީހުން ކުއްލިއަކަށް އޯޑަރެއް އައެވެ. އެއީ ހޫދު ފިޒިކަލް ޓްރެއިނިން އަކަށް އައްޑޫއަށް ފޮނުވާލުމަށެވެ. ކުއްލިއަކަށް ފުރައިގެން ދާން ޖެހުމުން ހޫދުހުރީ ހިތްހަމަ ނުޖެހިފައެވެ. އެހާ ދުވަސްފަހުން ކުއްލިއަކަށް ޓްރެއިނިންއަކަށް ފޮނުވާލުން އޭނާއަށްވީ ގަބޫލުކުރަން ދަތިކަމަކަށެވެ. "ހޫދު ދެން މި ދުވަސްކޮޅު ރަނގަޅުވާނީ ވެސް ދިޔައްޔާ. ފަރުހާދު މައްސަލައިގަ ހޫދުއަށް ކިހާ ޕްރެޝަރެއް އައިއްސި. އަހަރެންނަކަށް ވެސް ނެތް އިތުރު ޗޮއިސްއެއް. އެންމެ މަތިން އޯޑަރު އައީ." ހޫދުގެ މައްޗަށް ހުންނަ އޭނާގެ ވެރިޔާ ޒަރީރު މަސައްކަތް ކުރަމުން އައީ ހޫދުއަށް ވިސްނައިދެވޭތޯއެވެ. ނަމަވެސް ޒަރީރުގެ މަޤްޞަދު މުޅިން ތަފާތެވެ.

ކޮންމެއަކަސް އޭގެ ހަތަރު ދުވަސް ފަހުން ހޫދު ޓްރެއިނިންއަށް ފުރިއެވެ. ރިފްޤާއަށް ވުރެ ބޮޑަށް އެކަމާއި ދެރަވީ ހައިފާއެވެ. އެހާ ދުވަސްކޮށްފައި އޭނާގެ ބައްޕަ ކުއްލިގޮތަކަށް އަށް މަހަށް ފުރާތީއެވެ. ދަރިފުޅު ގައިގައި ބައްދާލާ އޭނާގެ ކޮލަށް ބޮސްދިނުމަށްފަހުގައި ހޫދު ފުރައިގެން ދިޔައީ ބަރު ހިތަކާއެކުގައެވެ. އަންހެނުންނާއި، ދަރިފުޅާއި އެގޮތަށް ވަކިވާންޖެހޭ ކޮންމެ ފަހަރަކު ހޫދުގެ ލޮލުން ކަރުނަ ފާއްދާލައެވެ. އޭނާގެ މުޅި ދުނިޔެއަކީ އެއީއެވެ. ދެން ހުރީ ލޯބިވާ މަންމައެވެ. ޓްރެއިނިންއަށް ދިޔަތާ ދެ މަސްވާން ކައިރިވެފައި ވަނިކޮށް ފަރުހާދު ތިން އަހަރަށް ޖަލަށް ލުމަށް ކޯޓުން ޙުކުމް ކުރިއެވެ. ހޫދު އެކަމާއި ހިތާމަކުރިއެވެ. ފަރުހާދަކީ އޭނާއަށް ވަރަށް ހެޔޮކޮށް ހިތާ މީހަކަށްވެފައި، އެންމެ ގިނަ ދުވަހު މަސައްކަތް ކުރެވުނީ ފަރުހާދު ކައިރީގައި ކަމަށްވާތިއެވެ. ކުރެވޭނެ އެއްވެސް ކަމެއް ނެތެވެ. މިއީ ހަމައެއް ލަމައެއް އޮތް ތަނެއް ނޫންކަން އެންމެ ރަނގަޅަށް އެގޭ އެކަކީ ހޫދުއެވެ.

އެއްރެއެއްގެ ރޭގަނޑު ކައިގެން މެސް ރޫމުން ނުކުންނަނިކޮށް، މަޙްމޫދު ގޮވާލިއެވެ. މަޙްމޫދަކީ އޭނާއާއި އެކުގައި އެއް ބެޗެއްގައި އުޅޭ މީހެކެވެ. "ހޫދު ކޮބާ ކޮފީއެއް ބޯލަންވީނު. މަ ކަލެއަށް ވަރަށް މީރު ކޮފީއެއް ގިރާދީފާނަން." މަޙްމޫދަކީ ސަކަ މިޒާޖުގެ، ހިތްތިރި މީހެކެވެ. "ކަލޭ ގިރާ ކޮފީ ބޮއެފިއްޔާ ފާޚާނާއިންވެސް ނާރާނެ." ހޫދު ހިނިގަނޑެއް ޖަހާލާފައި ބުންޏެވެ. "ނޫނޭ. ކަލޭ ފާޚާނާ ކޮށްކޮށް އަވަދިވާނެ. ޚަބަރު ހުސްވެގެން ވެއްޓިވެސް ދާނެ. މަ އެބަ ދަން ކޮފީ ގިރައިގެން. ކަލޭ ދޭ އައްޑާގަ އިށީންނަން." މެސްރޫމުގެ ބޭރުގައި އެލުވާފައި ހުރި އުނދޯލިތަކާއި ދިމާލަށް އިނގިލިދިއްކުރަމުން މަޙްމޫދު ބުންޏެވެ. އެރޭ މަޙްމޫދު އާއެކު ކޮފީ ބޮއެގެން އެތަނުގައި އެތައް އިރެއްވަންދެން ސަކަރާތް ޖަހަން ހޫދު އިނެވެ. ގަނޑިން ދިހައެއް ޖެހުމާއެކު ހޫދު ނުކުތީ ބޫޓަށް އަރައިގެން ދުވެލާށެވެ. ފަނަރަ ވަރަކަށް މިނެޓު ދުވެލިތަނާ، ކުއްލިއަކަށް އޭނާގެ ބޮލަށް ގޮތްވާން ފެށިއެވެ. އޭނާ ވަގުތުން މަޙްމޫދަށް ގުޅިއެވެ. އަދި އޭނާ ހުރި ހިސާބަށް ބަލާ އައިސްދިނުމަށް އެދުނެވެ.

"ކިހިނެއްވީ؟" މަޙްމޫދު ސުވާލުކުރިއެވެ. "ނޭނގެ. ހަމަ ބޮލަށް އެނބުރުން އަރަނީ. މިހާރު އެބަ މެއަށް ވެސް އުނދަގޫވޭ. ވަރަށް އެހެން ކަހަލަ." ހޫދުއަށް އޭރު މޭގައި ރިއްސާވަރުން ހުރެވެނީއެއް ނޫނެވެ. "އަވަހަށް ހިނގާ ޑޮކްޓަރު ކައިރިއަށްދާން. އަވަހަށް އަރާ..." މަޙްމޫދު ސައިކަލުގެ އިންޖީނު ސްޓާޓުކޮށްލިއެވެ. އަދި ބާރު ދުވެލީގައި ދުއްވާފައި ގޮސް ޓްރެއިނިން ސެންޓަރު ތެރެއަށް ސައިކަލު ވެއްދިއެވެ. "އޭ ވަރަށް އަވަހަށް ގޮސް ޑޮކްޓަރަށް ގޮވާބަލަ. ވަރަށް އަވަސް." މަޙްމޫދު، އޭރު ހުރީ ހޫދު ގައިގައި ހިފަހައްޓައިގެންނެވެ. އެވަގުތު ސެންޓަރު ތެރޭގައި ތިބި އެހެން މީހުންވެސް އައިސް އެތަނަށް ޖަމާވިއެވެ. އެއީ ހޫދު ހޭނެތިގެން މަޙްމޫދުގެ އަތްމައްޗަށް ވެއްޓުނު ވަގުތެވެ. އޭރު ޑޮކްޓަރު ދުވެފައި އެތަނަށް އަންނަތަން ފެނެއެވެ. ޑޮކްޓަރު އައިސް ޗެކުކުރުމަށްފަހުގައި ހުއްޓުންއެރިއެވެ. އެ ހިސާބުން ހޫދު މި ދުނިޔެއާއި އަލްވަދާޢު ކީކަން އެންމެނަށްވެސް ޔަގީންކުރެވުނެވެ. އެހިނދު އެންމެން އެއްފަހަރާ ދުޢާކިޔެވެ. އެވަގުތު މަޙްމޫދު ލޮލުން ކަރުނަ އޮހޮރަމުން އެންމެނާއި ކުޑަކޮށް އެއްފަރާތްވެލިއެވެ. އަދި ޖީބުން ފޯނު ނަގައި ޒަރީރަށް މެސެޖުކުރިއެވެ. "ނިމިއްޖެ." މަޙްމޫދު އެއްމިޔަކަނުން ހީލިއެވެ. "ގުޑް. މާބޮޑަށް ކަންކަން އެނގިގެން އުޅޭ މީހުންނަށް ވާނީ އެހެން. އިނާމު އޮންނާނެ." ޒަރީރު، އެ މެސެޖަށް ޖަވާބުދިނެވެ.

އިސާހިތަކު، ހޫދުގެ މަރުގެ ޚަބަރު މުޅި ޤައުމަށް ފެތުރިގެން ދިޔައެވެ. ކުށްލި މަރުތައް ގިނަވެފައިވާ އެ ދަޑިވަޅުގައި އެ ޚަބަރު ވެގެން ދިޔައީ ގިނަ ބަޔަކަށް އަސަރުކުރުވި ޚަބަރަކަށެވެ. ނަމަވެސް ހޫދުގެ މަރަކީ ކުށްލި މަރެއް ނޫން ކަމަށް އެތައް ބަޔަކު ދިޔައީ ބުނަމުންނެވެ. އެކަމަކު މީޑިއާތަކުންވެސް ހޫދުގެ މަރު ރިޕޯޓުކުރީ ކުއްލި މަރެއްގެ ގޮތުގައެވެ. ހުދު ރިފްޤާއަށް ވެސް އެކަން ގަބޫލުކުރަން ދަތިވިއެވެ. ހޫދުގެ ހަށިގަނޑު މާލެއަށް ގެނެވުމާއެކު އޭނާގެ ޢާއިލާ އެންމެން އާސަހާރައަށް ޖަމާވިއެވެ. ނުދަންނަ މީހުންނާއި ދަންނަ އެތައް ބައެކެވެ. އެއީ ހޫދުގެ މުޅި ޢާއިލާއަށް ބަރުދާސްތުކުރަން އުނދަގޫވި ހިތްދަތި ދުވަހެކެވެ. ނަމަވެސް ﷲ ގެ އަޅަކަށް ކެތްތެރިވުން ނޫން އިތުރުގޮތެއް ނުވެއެވެ. ރިފްޤާގެ ހިތްވަނީ މަރުވެފައެވެ. ހައިފާގެ ލޮލުން ކަރުނަ ނުހިކެއެވެ. ހޫދުގެ މަންމަ އިނީ ބުނާނެ އެއްޗެއް ނޭނގޭ ހާލަތުގައެވެ. އެއްބަނޑު ތިމާގެ މީހުން ވެސް ތިބީ ހަމަ މިފަދަ ހާލަތުގައެވެ.

ހޫދުގެ މަރަކީ، ގަސްތުގައި ދިން އަނިޔާއެއްކަން މުޅި ޢާއިލާއިންވެސް ދިޔައީ ތުހުމަތުކުރަމުންނެވެ. ފަރުހާދަށް ހޫދުގެ މަރުގެ ޚަބަރު ލިބުމާއެކު މުޅި މީހާ ހުރި ތަނަށް ހުއްޓުން އެރިއެވެ. ފަރުހާދަށް އޭނާގެ އަމިއްލަ ނަފުސު ކުށްވެރިކުރެވުނެވެ. ހޫދު އޭނާގެ ދިފާޢުގައި ހެކިބަސް ނުދިންނަމަ މިއަދު އޭނާ ހުންނާނީ ދުނިޔޭގައި ކަމަށް ފަރުހާދު ގަބޫލުކުރިއެވެ. ހޫދުއަށް އެ ފައިސާތަކުގެ ޙަޤީޤަތް ނޭނގުނު ނަމަ ކިހާ ރަނގަޅު ހެއްޔެވެ. މިއަދު ހޫދަށް އިންސާފު ހޯދައިދޭން ޚުދު ފަރުހާދު ވެސް ވަނީ ނުކުޅެދިފައެވެ. ބާރާއި، ނުފޫޒާއި، ފައިސާގެ ދަހިވެތިކަމުގައި މިތަނުގައި ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނެކަން ހޫދުގެ މަރާއެކު ފަރުހާދަށް ޔަގީންވިއެވެ.

ހޫދުގެ މަރުގެ ވާހަކަ އެ ޢާއިލާއިން ދައްކާކަށް ބޭނުމެއް ނުވިއެވެ. އެއީ މައްސަލަ ހުށައެޅިއަސް އޭގެން ލިބޭނެ މަންފާއެއް ނެތުމުންނެވެ. ހޫދު މަރާލެވުނީ ބާރުގަދަ ބައެއްގެ ނުފޫޒުންކަން އޭނާގެ ޢާއިލާއަށް އެނގުނު ހިސާބުން އެންމެން ހިމޭންވިއެވެ. މި ހުރިހާ ކަމަކަށްވުރެ ބޮޑަށް ރިފްޤާއަށް އެންމެ ހިތްދަތި އަސަރެއް ކުރުވީ އޭނާގެ ލޯބިވާ ފިރިމީހާގެ ހުރިހާ ސާމާނެއް ބަލާ ސިފައިންގެއަށް ހާޒިރުވާން ބުނި ދުވަހު އެމީހުން ކަންތައް ކުރި ގޮތުންނެވެ. "މަންމާ!.. އެމީހުން ހުރިހާ ސާމާނެއް ބެހެއްޓީ ބޭރު ދޮރާށި ކައިރި. ދަބަހުގައި ހުރި ހުރިހާ އެއްޗެއް ހަމަތޯ ޗެކުކުރަން ވެސް ބުނީ އެތާ ބިންމަތީގައި ދަބަސް ބަހައްޓާފައި. އެއްބައި އެއްޗެހި ނުވެސް ނެތް. އަހަރެންނަށް ހަމަ ރޮވުނު. މިއީ ތަ ޤައުމަށް ޚިދުމަތް ކޮށްދޭ މީހުންނަށް އިޙުތިރާމު ކުރާ ގޮތަކީ؟" ހޫދުގެ ތަކެތި އަޅާފައި ހުރި ދަބަސް ހިފައިގެން އޭނާގެ މަންމަ ކައިރިއަށް ގޮސް ރިފްޤާ ކިޔައިދިނެވެ. އެވަގުތު ދެމީހުންނަށް ވެސް އެއްފަހަރާ ރޮވުނެވެ. "ދަރިފުޅާ. ފައިސާ އޮތިއްޔާ ހުރިހާ ކަމެއްވެސް ވާނެ. އަހަރެމެން މުސްކުޅި ވަންދެން އެއް ކޯޓުން އަނެއް ކޯޓަށް ދިޔަސް، އޭނާގެ މަރުގެ މައްސަލައެއް ނުބަލާނެ. މިތާ އިންސާފުގެ ނަންވެސް ކިޔާނެ ކަމެއް ނެތް. އިންސާފު ލިބެން އޮތް ދުވަސް އޮތީ. ކެތްތެރިވޭ." ހަރީރާ އޭނާގެ ދަނބިދަރިއަށް ހިތްވަރު ދިނެވެ.

ހޫދުގެ މަރަށް އަހަރެއް ފާއިތުވެގެން ދިޔައިރު، އެންމެން އެކަމުގެ މަތިން ހަނދާންނެތިއްޖެއެވެ. ހޫދު މަރާލުމުގައި ބައިވެރިވި ޤާތިލުން މިނިވަންކަމާއެކު ދިރިއުޅެމުންދިޔައެވެ. ޒަރީރު ނިއުޒިލޭންޑުގައި އަހަރެއް ހޭދަކުރުމަށްފަހުގައި އެނބުރި މާލެއައީ، ހެލްތު މިނިސްޓަރުގެ މަޤާމަށެވެ. މަޙްމޫދު ސިފައިންގެއިން ކެނޑިގެން އޭނާގެ އަމިއްލަ ވިޔަފާރިތައް ފުޅާކުރުމުގައި އަވަދިނެތި ކުރިއަށް ދިޔައެވެ. ފައިސާއިން އެތައް ބައެއްގެ އަނގަ ބަންދުކޮށް، ބާރުގެ ބޭނުންކޮށްގެން ކުށެއްނެތް މީހެއްގެ އިންސާފު ފަށްޖަހައި ފޮރުވާލިއިރު، ނިކަމެތި ޢާއިލާއެއް އަދިވެސް ދަނީ އެކަމާއި ހިތާމަކުރަމުންނެވެ. ނަމަވެސް ހޫދުއާއި މެދު އޭނާގެ ޢާއިލާއިން ފަޚުރުވެރިވެއެވެ. އޭނާ ގެ އިޚުލާސްތެރި ކަމާއި، ތެދުވެރިކަމާއި، ހިތްވަރުގަދަ ކަމުންނެވެ. ދުނިޔޭގައި ނަހަމައިން ކިތަންމެ ކަމެއް ހިނގާދެއެވެ. ނަމަވެސް އާޚިރަތުގައި ޖަވާބުދޭންޖެހޭނެ ކަމާއިމެދު އެއްވެސް ސުވާލެއް ނެތެވެ. 

Advertisement

ކޮމެންޓް

Advertisement