މަޑުއްވަރީ މޮނިޓަރިންއަށް ދާންޖެހުނީ އެޗްޕީއޭގެ އިހުމާލުން: ރަށު ކައުންސިލް

11 May 2021 | 13:51

ރ. މަޑުއްވަރީ މޮނިޓަރިންއަށް ދާންޖެހުނީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ އިހުމާލުން ކަމަށް އެރަށު ކައުންސިލުން ނެރުނު ނޫސް ބަޔާނެއްގައި ވިދާޅުވެއްޖެއެވެ.

ވެކްސިންގެ 2 ޑޯޒް ޖަހައިގެން ކަރަންޓީން ވުމަކާއިނުލާ އެރަށަށް މާލެއިން ދަތުރުކުރި މީހަކު ޕޮޒިޓިވް ވެފައިވާކަމަށް ބުނެ މިއަދު ވަނީ އެރަށް މޮނިޓަރިންއަށް ލާފައެވެ.

މިކަމާއި ގުޅިގެން ދެންމެ އެ ކައުންސިލުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ފަރާތަކީ ވެކްސިންގެ ދެޑޯޒް ފުރިހަމަކޮށް، 14 ދުވަހުގެ މުއްދަތު ހަމަކުރުމަށްފަހު، ހާލުބެލުން ޕޯޓަލް މެދުވެރިކޮށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ ހުއްދަ ލިބިގެން ރަށަށް ދަތުރުކޮށްފައިވާ ފަރާތެއް ކަމަށެވެ.

މިއީ، އެ ރަށުގައި ކުރިއަށްދާ ފުޓްސަލް މުބާރާތެއްގައި ބައިވެރިވުމަށް ދަތުރުކޮށްފައިވާ ފަރާތެއްކަމަށް މަޢުލޫމާތު ލިބިފައިވާ ކަމަށާއި މިފަރާތުން ރަށަށް ދަތުރުކުރުމުގެ ކުރިން ތިން ފަހަރެއްގެ މަތިން ކޮވިޑް-19 އަށް ޓެސްޓް ކޮށްފައިވާ ކަމަށެވެ.

ބަޔާނުގައި ބުނެފައިވާގޮތުން، އެޕްރީލް 27 ވަނަ ދުވަހު ނެގި ސާމްޕަލްގެ ނަތީޖާކަމަށް ޕޯޓަލްއިން ދައްކަނީ "އިންކޮންކްލޫސިވް" ކަމަށެވެ. އަދި ދެވަނަ އަށް (އޭޕްރީލް 29 ވަނަ ދުވަހު) ނެގި ސާމްޕަލްގެ ނަތީޖާ ޕޮޒިޓިވް ވެފައިވާއިރު، އޭޕްރިލް 30 ވަނަ ދުވަހު ނެގި ސާމްޕަލްގެ ނަތީޖާ ވަނީ ނެގެޓިވްވެފައެވެ. މިނަތީޖާތައް މެއި މަހުގެ 2 ވަނަ ދުވަހާއި ހަމައަށް ޕޯޓަލްއަށް އަޕްޑޭޓް ވެފައިވާއިރު، އެންމެ ފަހުގެ ސާމްޕަލް ނެގެޓިވްވެފައިވާ ކަމަށް އެފަރާތުގެ ފޯނަށް މެސެޖުވެސް ލިބިފައިވެއެވެ.

ކަރަންޓީނު ނުވާ ގޮތަށް ދަތުރުކުރުމުގެ ހުއްދަ ހާލުބެލުން ޕޯޓަލް މެދުވެރިކޮށް އެޗްޕީއޭގެ ފަރާތުން ދީފައިވަނީ މެއި މަހުގެ 4 ވަނަ ދުވަހު ކަމަށާއި އަދި ދަތުރާއިބެހޭ މަޢުލޫމާތު ކައުންސިލަށް ލިބުމާއެކު، އެޗްޕީއޭ އިން ކައުންސިލަށް ދީފައިވާ ފާސް ޕޯޓަލް މެދުވެރިކޮށް، ދަތުރުކުރުމުގެ ހުއްދަ އެޗްޕީއޭގެ ފަރާތުން ދީފައިވޭތޯ ބަލައި ޔަގީންކޮށްފައިވާނެ ކަމަށާއި އަދި އެފަރާތުން ރަށަށް ގޮސްފައިވަނީ އެޗްޕީއޭގެ ހުއްދަ ލިބިގެން ކަމަށްވާތީ، އެ ކައުންސިލުން އެދަތުރުކުރުމަށް އިޢުތިރާޒްކޮށްފައެއް ނުވާނެކަމަށް ބަޔާނުގައި ވެއެވެ.

މީގެ އިތުރުން، ހާލުބެލުން ޕޯޓަލް މެދުވެރިކޮށް ކަރަންޓީނު ނުވެ ދަތުރުކުރުމުގެ ހުއްދައަށް އެދޭ ބައިގައި، ކައުންސިލުން ފުރިހަމަކުރަންޖެހޭ ނުވަތަ ހުއްދަ ދޭންޖެހޭ އެއްވެސް ބައެއް ހިމެނިފައި ނުވާކަމަށާއި ކަރަންޓީނު ނުވެ ރަށަށް ދަތުރުކުރެވޭ ގޮތަށް ހުއްދަ ދިނުން މެނދުކަނޑާލުމުގެ ކުރިން، އެޗްޕީއޭގެ ހުއްދައާއެކު މިދެންނެވި ފަރާތުން އެ ރަށަށް ދަތުރުކޮށް ރަށުގެ ގިނަ ފަރާތްތަކަކާއި ކޮންޓެކްޓްވެ، ފުޓްސަލް މުބާރާތުގައި މެޗުވެސް ކުޅެފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

އެ ރަށަށް އެ ފަރާތުން ދަތުރުކުރިތާ ހަތަރުވަނަ އަށް ވީދުވަހު (މޭ 8 ވީ ހޮނިހިރު ދުވަހު)، އެޗްޕީއޭގެ ފަރާތުން އެފަރާތަށް ގުޅައި ބައެއް ސުވާލުތައް ކޮށްފައިވާ ކަމަށާއި ޖަވާބުގައި ފަހުން ނެގި ސާމްޕަލް ނެގެޓިވްވެފައިވާ ވާހަކައާއި، ހުއްދަ ލިބިގެން ރަށަށް ދަތުރުކޮށް މިހާރު ރަށުގައި ހުރި ކަމަށް އެފަރާތުން ބުނުމުން އިތުރު ފިޔަވަޅެއް އެޅުމަށް ނުވަތަ ކަރަންޓީނުވާން އެޗްޕީއޭގެ ފަރާތުން ބުނެފައި ނުވާކަމަށް އެފަރާތުން ބުނެފައިވާކަމަށް ބަޔާނުގައި ވެއެވެ.

އަދި އެ ރަށަށް ދަތުރުކުރި ފަހުން މިއަދަށް ހަދުވަސް ވެފައިވާއިރު، ކުއްލިއަކަށް އެޗްޕީއޭއިން އެފަރާތަށް ގުޅައި ކަރަންޓީނުވާން އެންގުމާއި، އޭނާގެ ފަރާތުން އެހެން މީހުންނަށް ބަލި ފެތުރިދާނެކަމަށް ގަބޫލުކޮށް، އެގެއާއި، އެފަރާތާއި ކޮންޓެކްޓްވި ފަރާތްތައް 14 ދުވަހަށް ކަރަންޓީނުކުރުމަށް ރަށުގެ ޞިއްޙީ މަރުކަޒަށް އަންގައި، މުޅި ރަށް މޮނިޓަރިންގެ ޙާލަތަށް ގެނައުމަކީ މިކައުންސިލުން ނުހަނު ކަންބޮޑުވާ ކަމެއްކަމަށް ބުނެ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ކައުންސިލުން ބުނެފައިވަނީ، ކޮންމެ ސަބަބެއް މެދުވެރިވެގެން ކަމުގައިވިޔަސް، އެޗްޕީއޭއިން ކޮވިޑަށް ޕޮޒިޓިވްވެފައިވާ ފަރާތަކަށް ކުރަންޓީނު ނުވާ ގޮތަށް ދަތުރުކުރުމުގެ ހުއްދަ ދިނުމަކީ، ރަށުގެ އެންމެހާ ރައްޔިތުން ނުރައްކަލުގެ ތެރެއަށް ވައްޓާލުންކަމަށް ކައުންސިލުން ގަބޫލުކުރާ ކަމަށެވެ.

އަދި ޕޮޒިޓިވްވިކަމަށް ބުނާ ފަރާތުގެ އެންމެ ފަހުގެ ނެގެޓިވް ނަތީޖާ އެޗްޕީއޭއިން ބަލައިނުގަންނަ ކަމުގައިވާނަމަ، ދަތުރު ކުރުމުގެ ހުއްދަ ދެވިގެން ނުވާނެކަމުގައާއި، އެނަތީޖާ ޤަބޫލުކުރާ ކަމުގައި ވާނަމަ، މިއަދު ރަށް މޮނިޓަރިންގ ޙާލަތަށް ގެންނަންޖެހޭ ސަބަބެއް އޮތްކަމަކަށް ކައުންސިލުން ނުދެކޭ ކަމަށް ކައުންސިލުން ބުނެފައިވެއެވެ.

އެފަރާތުން ރަށުގައި އުޅޭތާ ހަދުވަސް ވެފައިވާއިރު ކޮންޓެކްވާނެ މީހުންގެ އަދަދު ވަރަށް ގިނަވާނެތީ މިއިން ކޮންޓެކްޓަކާއެކު، މިބަލި ހަލުވިކަމާއެކު ފެތުރެން ފަށައިފިނަމަ، ކޮންޓްރޯލް ކުރަން އުނދަގޫވާ މިންވަރަށް ބަލި ފެތުރިގެން ހިނގައިދާނެތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް ދެމުންދާ ވެކްސިންގެ 2 ޑޯޒް ފުރިހަމަ ކުރުމަށްފަހު ކަރަންޓީން ނުވެ ރަށްރަށަށް ދަތުރު ކުރެވޭގޮތަށް އުސޫލު ބަދަލުކޮށް އޭރު ބައެއް ފަރާތްތަކަށް ވަނީ ދަތުރު ކުރުމުގެ ހުއްދަވެސް އެޗްޕީއޭއިން ދީފައެވެ.

ނަމަވެސް، ފަހުން ވަނީ އެ އުސޫލު ބަދަލުކޮށް އެފަދަ ފަރާތްތަކުންވެސް ކަރަންޓީން ވާންޖެހޭގޮތަށް ބަދަލު ކޮށްފައެވެ. 

Advertisement

ކޮމެންޓް

Advertisement