ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަސްޓްލޭޑީ ފަޒްނާ ވޮލަންޓިއަރެއްގެ ގޮތުގައި!

24 May 2021 | 20:44

ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަނބިކަނބަލުން ފަޒްނާ އަޙުމަދު، ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ވޮލަންޓިއަރެއްގެ ގޮތުގައި މަސައްކަތްޕުޅު ކުރައްވަން ފައްޓަވައިފިއެވެ.

މިކަން ހާމަވެފައިވަނީ، މޯލްޑިވްސް ގާލް ގައިޑްސް އެސޯސިއޭޝަނުން ފޭސްބޫކުގައި ކޮށްފައިވާ ޕޯސްޓަކުންނެވެ. އެ އެސޯސިއޭޝަނުން ބުނެފައިވަނީ، ފަސްޓްލޭޑީ ފަޒްނާއަކީ އަންހެނުންނާއި އަންހެން ކުދިންނަށް ވެސް ނަމޫނާ ބޭފުޅެއް ކަމަށެވެ. އަދި މިވަގުތު ވެސް ހުންނެވީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ވޮލަންޓިއަރެއްގެ ގޮތުގައި މަސައްކަތް ކުރައްވަން ކަމުގައި ބުނެފައިވެއެވެ.

ފަސްޓްލޭޑީ ފަޒްނާގެ އުފަންދުވަހާއި ގުޅުވައިގެން އެ އެސޯސިއޭޝަނުން ކުރި މި ޕޯސްޓާއިއެކު، އެކަމަނާ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި މަސައްކަތް ކުރައްވާކަން ހާމަވެފައި ވީނަމަވެސް، އެކަމަނާ އެ މަސައްކަތަށް ގުޅިވަޑައިގެންނެވި ދުވަހެއް ސާފެއް ނުވެއެވެ.

އެހެންނަމަވެސް، ކޮވިޑް-19 އެންމެ ފުރަތަމަ ރާއްޖެއައި ދުވަސްވަރު ވެސް އެކަމަނާވަނީ ވޮލަންޓިއަރކޮށް އެކި މަސައްކަތްތަކުގައި ބައިވެރިވެވަޑައިގަންނަވާފައެވެ. އަދި މިހާރު ރާއްޖޭގައި ކޮވިޑްގެ ހާލަތު ގޯސްވެފައިވާތީ، ވޮލަންޓިއަރކޮށް މަސައްކަތް ކުރާނެ މީހުން ހޯދުމަށް ހެލްތު މިނިސްޓްރީން އިޢުލާން ކުރުމާއިއެކު މީގެ ކުރިންވެސް އެކަމަނާ އެކަމަށްވަނީ ޝައުޤުވެރިން ފާޅު ކުރައްވާފައެވެ.

ހުޅުމާލެ މެޑިކަލް ފެސިލިޓީއަކީ ކޮވިޑްގެ ބަލިމީހުން އެންމެ ގިނަ ފެސިލިޓީއެވެ. އަދި އެކަށީގެންވާވަރަށް އެތަނުގައި މަސައްކަތް ކުރާނެ މީހުން ނެތުމުން އެކަމުގެ ޝަކުވާ އިންތިހާއަށްވަނީ އިތުރު ވެފައެވެ.

ފޮޓޯ: މޯލްޑިވްސް ގާލް ގައިޑްސް އެސޯސިއޭޝަން

Advertisement

ކޮމެންޓް