ރައީސް ނަޝީދަށް ދިން ޙަމަލާއާއި ގުޅޭ އެކަށީގެންވާ މަޢުލޫމާތު ފޯރުކޮށްދިނުމަށް އިންތި ގޮވާލައްވައިފި

02 Jun 2021 | 15:22

މިދިޔަ މަހުގެ ހަވަނަ ދުވަހު ކުރީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް ދިން ޙަމަލާއާއި ގުޅޭ އެކަށީގެންވާ މަޢުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ މެންބަރު އިމްތިޔާޒް ފަޙުމީ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުން އިންތި ވިދާޅުވީ، ރާއްޖެއަށް ޓެކްސްގެ ނިޒާމެއް ތައާރަފު ކުރީ ރައީސް ނަޝީދުގެ ވެރިކަމުގައި ކަމަށެވެ.

އެގޮތުން އެފަދަ ބޭފުޅަކު އަވަހާރަކޮށްލުމަށް މަސައްކަތްކޮށްފައިވާ އިރު، އެ ޙާދިސާއާއި ގުޅޭ އެކަށީގެންވާ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭކަމަށް އިންތި ވިދާޅުވިއެވެ.ނަމަވެސް އެ ފަރާތްތަކަށް ޖެހިލުންވާ ފަދަ ފިޔަވަޅުތަކެއް ސަރުކާރަށް އެޅިފައި ނެތުމުގެ ސަބަބުން އެފަދަ ކަންކަން ކުރާ ފަރާތްތަކަށް ހިތްވަރުލިބޭ ކަމަށްވެސް އިންތި ވިދާޅުވިއެވެ.

"ޓެރަރިޒަމާއި ހައްދުފަހަނައަޅާ ދިޔުމުގެ މައްސަލަތަކުގައި މިގޮތަށް ހަރުދަނާ ނޫނިއްޔާ އެކަން ކުރާ މީހުން ޖެހިލުންވާނެ ފަދަ ފިޔަވަޅުތަކެއް އެޅިފައި ނެތުމުގެ ސަބަބުން އަނެއްކާ އެބަ ހިތްވަރުލިބޭ އެފަރާތްތަކަށް"، އެބޭފުޅާ ވިދާޅުވިއެވެ.

އިންތި ވިދަޅުވީ، އެފަދަ ކަންތައްތަކަކީ ވަރަށް ކަންބޮޑުވާ ކަމެއް ކަމަށާއި، ދަޢުލަތުން މިފަދަ ފަރާތްތަކަށް އެކަށީގެންވާ ފިޔަވަޅުތައް ހިނގަމުންދާ ގޮތަށް ބަލާއިރު ފެނިގެންދަނީ، މުޅި އުމުރު ދުވަހުވެސް ގައުމަކުން ނުދެކޭ ފަދަ ލޮނު މަޑުކޮށް ސަރުކާރުން ކަންކަން ކުރާތަން ކަމަށް އިންތި ވިދާޅުވިއެވެ.  

Advertisement

ކޮމެންޓް

Advertisement