Advertisement

އަބްދުﷲ ޔާމީނަކީ ވަގެއް ހޭ ނުވަތަ މިއީ ޖަޒުބާތީ ޕްރޮޕެގެންޑާއެއްހޭ؟

02 Jan 2019 | 20:22

ޖަރުމަންގެ ހަމްބާރގްގައި ނުކުންނަ ޑަ ސްޕީގްލް ނޫހަކީ ޔޫރަޕްގައި ނުކުންނަ އެންމެ މަޝްހޫރު އެއް ނޫހެވެ. ވޭތުވެދިޔަ ދެހަފްތާއެއްގެތެރޭގައި ނޫސްވެރިކަމުގެ ދުނިޔެ ސިއްސުވައިލީ މިނޫހުގެ ވަރަށް މަޝްހޫރު ޖަރނަލިސްޓެއްކަމުގައިވާ ކްލާސް ރިލޯޓިއަސް ގަސްދުގައި ފޭކްނިއުސް ރިޕޯޓްތައް ނުވަތަ އަމިއްލައަށް ހަދައިގެން ހަގީގަތާއި ޚިލާފް ރިޕޯޓްތައް ލިޔަމުންދަނިކޮށް އެކަން ފަޅާއަރައި އޭނާގެ މައްޗަށް ޝަރީއަތް ހިންގުމަށް އެކިފަރާތްތަކުން ގޮވާލަމުންދާ އަދި ޚުދު ޖަރުމަން ނޫހުން އޭނާގެ މައްސަލަ އެގައުމުގެ ޕްރޮސެކިއުޓަރުން ހުށަހެޅުމަށް ތައްޔާރުވަމުންދާ ޚަބަރުންނެވެ. އެމެރިކާއިންވަނީ އެގައުމުގެ ރައީސަށް ނިސްބަތްކޮށް ރިލޯޓިއަސްލިޔެފައިވާ ފޭކް ނިއުސްރިޕޯޓްތަކުގެ މިނިވަން ތަހުގީގެއް ހިންގުމަށް ގޮވާލަމުންނެވެ. މިއީ ނޫސްވެރިކަމުގެ މިނިވަންކަން އޮންނަ ޔޫރަޕްގެ މިސާލެކެވެ. ސާބިތު ނުހިފޭކަންކަމުގައި މީހުންގެ އަބުރަށް އަރައިގަތުމަކީ ނޫސްވެރިކަމުގެ މިނިވަންކަން ކަމަށް އެތަހްޒީބު މުޖްތަމައުތަކުގައި ގަބޫލުކުރާކަމަކަށް ނުވުމެވެ.

ފޭކް އަދި ބަޔަސްރިޕޯޓިން

ކަންމިހެންއޮތް އިރު ރާއްޖޭގެ އެންމެ މަޝްހޫރު އޮންލައިން ނޫހުގައި އެނޫހުގެ އެންމެ އިސް އެޑިޓަރ ނޫސްވެރިކަމުގެ މިނިވަންކަމުގެ ބޭނުން ހިފައި، ހަގީގަތެއްކަމަށް ސާބިތުވެފައިނުވާކަމެއް އެއީ ހަގީގަތަކަށް ހަދައިގެން މުޅި ރާއްޖެއަށް ފެތުރުމުން އަޅުގަނޑުމެން ކިޔާނީ ކީކޭތޯއެވެ.

އެރިޕޯޓްގެ މައިގަނޑު އަމާޒަކީ އެންމެފަހުން ރާއްޖޭގެ ރައީސްކަމުގައި ހުންނެވި އަބްދުﷲ ޔާމީނަކީ ވަގެއްކަމަށް ސާބިތުކޮށްދިނުމެވެ. ވަގަކަށް ވެދާނެއެވެ. އެކަމަކު އެމީހަކީ ވަގެއްކަމަށް ޝަރީއަތަށް ސާބިތުނުވާހާ ހިނދަކު އެފަދައިން މީހަކު ސިފަކޮށްދެވޭނެ ދީނީ އަދި ގާނޫނީ ހަމައެއް ނޯވެއެވެ. މަތީގައި އަޅުގަނޑު އިޝާރާތްކޮށްލީ ނޫސްވެރިކަމުގެ މިނިވަންކަން އެންމެ ފުޅާކޮށް އޮންނަ ޔޫރަޕްގައި ކަންހިގި ގޮތެވެ.

ރާއްޖޭގައި ނުކުންނަ ނޫހުގެ މިރިޕޯޓްގައި ނޫސްވެރިޔާ ލިޔެފައި ވެއެވެ.

"ރައީސްކަމުގައި ހުންނެވި އިރު ޔާމީން ބޭނުންފުޅުވިހާ ގޮތަކަށް މަސައްކަތްކުރަމުން ދިޔަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ތަހުގީގު ރިޕޯޓްގެ މައުލޫމާތު އާންމުކުރުމާ އެކު އަނެއްކާވެސް މި އޮތީ އެމަނިކުފާނުގެ ވެރިކަމުގެ ލައްގަނޑު ބޮޑުވެފަ އެވެ. ދިފާއުގައި ކިތައްމެ ވަރަކަށް ވާހަކަފުޅު ދެއްކެވިޔަސް ދިވެހި ރައްޔިތުންގެ 1.4 ބިލިއަން ރުފިޔާގެ ވައްކަން ހިނގާފައި އޮތީ ޔާމީންނަށް އެނގިވަޑައިގެން، އަދި ޔާމީން ވެސް ދެއްވި ހުއްދަތަކާއި ގެންނެވި ބަދަލުތަކުގެ ތެރެއިންނެވެ."

އެމްއެމްޕީއާރްސީގެ ވައްކަމާއިބެހޭގޮތުން ލިޔުއްވާފައިވަނީ އެމްއެމްޕީއާރްސީން ދޫކުރި ފަޅުތަކާއި ރަށްތަކަށް 91 މިލިޔަން ޑޮލަރު ލިބިފައިވާއިރު 77 މިލިޔަން ޑޮލަރު އެމްއެމްޕީއާރްސީއާއި ހަވާލުކޮށްފައިވިޔަސް އެމްއެމްޕީއާރްސީގެ އެކައުންޓަށް ވަދެފައިވަނީ 12.5 މިލިޔަން ޑޮލަރުކަމަށާއި އެކަމަކު އެ ފައިސާ ވެސް ވަނީ ދައުލަތުގެ އާމްދަނީއަށް ނުވަދެ، އަމިއްލަ ދެ ކުންފުންޏަކެއްގެ އެކައުންޓަށް ދަވާލައިފަ އެވެ.

"ޔާމީންގެ އެކައުންޓަށް ވެއްދި 1 މިލިއަން ޑޮލަރަކީ ވެސް އޭގެ ބައެކެވެ." ނޫސްވެރިޔާ ލިޔެފައިވެއެވެ.

ނޫސްވެރިޔާ އަމިއްލަ ޖަޖްމަންޓެއްނެރެ މިހެންލިޔެފައިވިޔަސް ރާއްޖޭގެ އެއްވެސް ތަހްގީގީ އިދާރާއަކުން ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓަށްވަން 1 މިލިޔަން ޑޮލަރަކީ އެމްއެމްޕީއާރްސީގެ ފައިސާކަން ޔަގީންކޮށްދީފައެއް ނުވެއެވެ. ފުލުހުންގެ ތަހްގީގުން އަދި ސާފެއް ނުވެއެވެ. އޭސީސީގެ ތަހްގީގަކަށް އެކަން ސާބިތެއް ނުވެއެވެ. ރާއްޖޭގެ ޝަރުއީ ކޯޓަކުން އެ އެއްމިލިޔަން ޑޮލަރުގެ ޝަރީއަތެއް ނުހިންގައެވެ.

"ދިފާއުގައި ކިތައްމެ ވަރަކަށް ވާހަކަފުޅު ދެއްކެވިޔަސް ދިވެހި ރައްޔިތުންގެ 1.4 ބިލިއަން ރުފިޔާގެ ވައްކަން ހިނގާފައި އޮތީ ޔާމީންނަށް އެނގިވަޑައިގެން"

އެކަމަކު މިއީވެސްއަދި ސާބިތުވެގެންގޮސްފައިވާކަމަކަށް ނުވެއެވެ. އެވައްކަން ކޮށްފައިވަނީ ޔާމީނަށް އެގިވަޑައިގެންކަން އެއްވެސް ފަރާތަކުން ނުނިންމައެވެ. މިނޫސްވެރިޔާއާއި އާއްމުންގެތެރެއިން އެގޮތަށް ވާހަކަދައްކާ ބަޔަކު ފިޔަވައެވެ. އެހެންކަމުން މިއީ ނޫސްވެރިޔާ އަމިއްލައަށް ތަހްގީގުކޮށް ޝަރީއަތްކޮށް މީހަކު ވަގަކަށް ހަދައި ނިންމާފައިވާ ނިންމުމެކެވެ. މިއަށްވުރެ މާނުރައްކާތެރި ނިންމުމެއް ނިންމާފައިވެއެވެ. " މި ބޭފުޅުންގެ މައްޗަށް ކުށް ސާބިތުވިޔަސް ނުވިޔަސް، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ އެންމެ ކުރީ ސަފުގައި ތިއްބެވީ މި ތިން ބޭފުޅުންނެވެ" މިއީ ޕަބްލިކް ޖަޒުބާތެއްގައި ޖެއްސުމުގެ ވަރުގަދަ ޕްރޮޕެގެންޑާއަކަށް ނުވޭތޯއެވެ؟ ނޫސްވެރިކަމުގެ އެއްވެސް ހަމައެއް ހިފަހައްޓަން ބޭނުން ނުވުމެވެ. އެއަށްވުރެ ވަރުގަދަ ޖެލަސީއެއް ބަސްމަގުން ދޭހަވެއެވެ. އެކަމަކު އެހެންވާންވީ ކީއްވެގެން ހެއްޔެވެ. މިޕްރޮޕެގެންޑާގެތެރެއިން ޕޮލިސްކޮމިޝަނަރގެ މަގާމުގައި ހުންނެވި ބޭފުޅަކު ލައްވާ ސްޓޭޓްމަންޓެއް ނަގައި، ކުށެއްކުރިކަން ސާބިތުނުވާ މީހަކު ހައްޔަރުކުރަން ޕޮލިސް ކޮމިޝަނަރ ވާހަކަފުޅުދެއްކެވުމަކީ ފުލުހުންގެ ޕްރޮފެޝަނަލިޒަމާއި ގާނޫނާއި ގަވާއިދާއި ޕަބްލިކް މަސްލަހަތު ހިމާޔަތްކުރުމުގެ އެންމެ މަތީ އެއް މުއައްސަސާއާއި އެކަށީގެންވާ ކަމަކަށް ވާނެތޯއެވެ.

ޖަރުމަނުގެ ނޫސްވެރިޔާވެސް އަމަލުކުރީ ހަމަ މިބީދައިންނެވެ. ފޭކް ނިއުސް ލިޔެގެންވިޔަސް އޭނާއަށް ޖަރުމަނުގެ ނޫސްވެރިކަމުގެ އެތައް އެވޯޑެއް ލިބިފައިވެއެވެ. އެކަމަކު އޭނާ ޝަރީއަތަށް އެބަހުށަހެޅެއެވެ. ރާއްޖޭގައިވެސް ހަމަ އެވޯޑް ލިބިފައިވާނޫސްވެރިންނެވެ. އެކަމަކު ދޮގުވާހަކަދައްކައި ފޭކްނިއުސްނެރެ މީހުންގެ އިއްޒަތްނަގާލާ މީހުންވަނީ ރާއްޖޭގައި ވަރަށް މަތީ ދަރަޖައިގެ މަގާމެއްގައި ތިބޭ ބައެއްކަމަށެވެ.

މިވާހަކަ އަޅުގަނޑު ދެއްކީމާ މިއީ އަބްދުﷲ ޔާމީން ހިންގެވިކަމަށް ތުހުމަތުކުރެވޭ ކަންކަން ދިފާއުކުރުމަށް އުޅެނީކަމަށް ބުނެފާނެއެވެ. އެކަމަކު ނޫސްވެރިޔާގެ މި ޕްރޮޕެގެންޑާއާއި 2012 ވަނަ އަހަރު ކްރިމިނަލް ކޯޓްގެ އިސްގާޒީ އަބްދުﷲ މުހައްމަދާއިބެހޭގޮތުން ސަރުކާރުން ވާހަކަތަކެއް ފެތުރުމަށްފަހު ސިފައިންނެރެ ގާނޫން އަސާސީއާއި ގާނޫންތަކާއި ޚިލާފަށް އޭނާ ހައްޔަރުކުރުމާއި އޮތީ ކޮންތަފާތެއް ހެއްޔެވެ؟ ދެފަރާތުންވެސް ޝަރީއަތްކުރުމެއްނެތި މީހުންގެ މައްޗަށް ހުކުމްޖަހައި ތަންފީޒުކުރީއެވެ. ސިފައިން ގާޒީ ހައްޔަރުކުރީއެވެ. ނޫސްވެރިޔާ އަބްދުﷲ ޔާމީނަކީ ވަގެއްކަމަށް ސިފަކޮށްދިނީއެވެ. އަބްދުﷲ ޔާމީން ފަހަތުން ބެރުޖަހައި އެއްޗެހި ގޮވަމުންދިޔަ މީހުންނާ ނޫސްވެރިޔާއާ ހުރީ ކޮންތަފާތެއް ހެއްޔެވެ. ފަހަރުގައި މިއީ ޖުޑިޝަރީ އޮތް ހާލަތުން ރީކޯ މޫސާމަނިކުގެ ފިލޯސަފީ އިސްކުރަންޖެހުންކަމަށްވެދާނެއެވެ. މަގުމަތީ ކޯޓޭ ކިޔައި މީހުންނަށް ހުކުމް ޖެހުމެވެ.

ދައުލަތުގެ މުދަލުން ވައްކަންކުރުމުން ފެންނަނީ ކޮންމަންޒަރެއް

ކޮންމެއަކަސް މިއީ ސިޔާސީ ވަކި ފިކުރެއްގެ ވަރަށް ގިނަ ބަޔަކު ވަރަށް ބޮޑަށް ގަބޫލުކުރާ ވާހަކައެއްކަމަށް ވެދާނެއެވެ. ދައުލަތުގެ މުދަލުން ވައްކަންކުރުމުން އެއާއި ވިދިގެން އަމަލުކުރަމުންދާގޮތަކީ އަދި މާ ލަދުވެތި ގޮތެކެވެ. ވައްކަންކުރިކަމަށް ނޫސްވެރިޔާ ލިޔެފައިވާ ތިން މީހުންގެތެރެއިން ދެމީހެއްގެ މައްޗަށް ޝަރީއަތްކޮށް ޖަލަށްލެވިފައިވެއެވެ. އެކަމަކު އެޖަލަށްލި ދެމީހުން ސަރުކާރުން މިއަދު ހަދާފައިވަނީ ސިޔާސީ ކުށްވެރިންގެ ގޮތުގައެވެ.

އިންތިޚާބުގެ ކުރިންވެސް ސިޔާސީ ކުށްވެރިންގެ ލިސްޓެއް ހަދައި އެލިސްޓުގެ އެންމެ ކުރީސަފަށް އެދެމީހުންގެ ނަމާއި ފޮޓޯލައިގެން ރައްޔިތުންނަށް ދެއްކިއެވެ. ދެންއެމީހުން މިއަދު ޖަލުން ނެރެ ގެއަށް ބަދަލުކޮށް ލަވަކިޔައި ގިޓާކުޅެ ސިޔާސީ ޕާޓީ އުފައްދައިގެން ސިޔާސީ މަސައްކަތްފެށުމުން ވައްކަންކުރާމީހުންނަށް އޮތް ޖަޒާއަކީ ކޮބައިކަން އެބަ ފެނެއެވެ.

މިކަންކަން ހިގާއިރު މިދެކުށްވެރިން ނެރޭ ޕީއާރްސްޓޭޓްމަންޓްތަކަށް ނޫހުގެ އެންމެ ފަލަ ސުރުޚީތަކުގެގޮތުގައި ހިމަނައި އެމީހުންގެ މައުސޫމްކަން އާއްމު ރައްޔިތުންގެ ހިތަށް ވައްދައިދޭން ކުރާ މަސައްކަތަކީވެސް ވައްކަމާއިދެކޮޅަށް ވާހަކަދައްކާނަމަ ކަންބޮޑުވުން ހުރިކަންކަމެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިންގާފައިވަނީ ބޮޑު ވައްކަމެކެވެ. ހަމައެހެން ދައުލަތުގެ މުދަލުން ބޮޑުވައްކަމެއްކޮށް އެކަން ސާބިތުވުމުން ސަރުކާރުން މިއަދު އަމަލުކުރާގޮތަކީވެސް ވަރަށް ބޮޑު ކަމެކެވެ. އަދި ވައްކަންކުރުމާއި ޒިނޭކުރުމާއި ރާބުއިންފަދަ ޝަރުއީ ބޮޑެތި މައްސަލަތަކުގައި ފޭކް ނިއުސްތައް ލިޔެ ޕްރޮޕެގެންޑާ ފެތުރުމަކީވެސް ބޮޑުކަމެކެވެ. 

Advertisement

ކޮމެންޓް