ޢަލީ ވަޙީދުގެ ޝަރީއަތް މިމަހުގެ 21ވަނަ ދުވަހުގައި ބާއްވަނީ

16 Jun 2021 | 22:48

ޓޫރިޒަމް މިނިސްޓަރކަމުގެ މަޤާމުގައި ހުންނަވަނިކޮށް އެ މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަށް ޖިންސީ ގޯނާއާއި ފުރައްސާރަކުރި ކަމުގެ ތުހުމަތު ކުރެވިފައިވާ ކުރީގެ މިނިސްޓަރ ޢަލީ ވަޙީދުގެ މައްޗަށް އުފުލިފައިވާ ދަޢުވާތަކުގެ ޝަރީއަތުގެ އަޑުއެހުމެއް، އަންނަ ހަފުތާގެ ހޯމަ ދުވަހުގައި ބޭއްވުމަށް ތާވަލުކޮށްފިއެވެ.

މިކަން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުންވެސް ވަނީ މީޑިއާތަކަށް ކަށަވަރުކޮށްދީފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ކޯޓުއަމުރަކާއެކު ބޭސްފަރުވާއަށް ދިޔަގޮތަށް ޢަލީ ވަޙީދު އަދިވެސް ހުރީ ރާއްޖެއިން ބޭރުގައެވެ. އޭނާއަށް ބޭސްފަރުވާއަށް ދިން މުއްދަތު ހަމަވެފައިވާއިރު، ޢަލީ ވަޙީދު ވަނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް އޭނާގެ ޝަރީއަތް ހިންގައިދޭން އެދިފައެވެ. މިކަމާއި ގުޅޭގޮތުން ކޯޓުން މިހާތަނަށް ގޮތެއް ނިންމާފައެއް ނުވެއެވެ. ނަމަވެސް ބެލެވޭ ގޮތުގައި ހޯމަ ދުވަހުގެ ޝަރީއަތުގައި އެކަމާއި ބެހޭގޮތުން ކްރިމިނަލް ކޯޓުން ގޮތެއް ނިންމާނެއެވެ.

އަދި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އައްސަދު ޢަލީ ޖާމިނުކުރުވި މައްސަލައިގައި ހެދުނު އެއްބަސްވުމާއި ޚިލާފުވި މައްސަލައިގައިވެސް ގޮތެއް ކަނޑައަޅާނެކަމަށް ވަނީ ބެލެވިފައެވެ. މީގެކުރިން ޢަލީ ވަޙީދު ވަނީ އޭނާގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކަށް އިންކާރުކޮށްފައެވެ. އަދި މިއީ ބަޔަކު ރާވައިގެން، އޭނާގެ އަބުރު ކަތިލުމަށް ކުރާ ކަމެއްގެ ގޮތުގައިވެސް ވަނީ ސިފަކޮށްފައެވެ. 

Advertisement

ކޮމެންޓް