ފުލެޓުތަކުގެ މަސައްކަތް ސީލައިފް ގްލޯބަލްއަށް ކުރިއަށް ގެންދެވިފައިނުވަނީ އެޗްޑީސީގެ އިހުމާލަކުންނެއް ނޫންކަމަށް ބުނެފި

17 Jun 2021 | 12:42

ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާއި އެކުގައި އެއްބަސްވެފައިވާ ހައުސިންގ މަޝްރޫއު ފެށުމަށް އެތައް ފުރުސަތުތަކެއް ދީފައިވާނަމަވެސް، އެ މަޝްރޫޢު ފެށިފައިނުވަނީ ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ އިހުމާލަކުން ނޫންކަމަށް އެކުންފުނިން ބުނެފިއެވެ.

އެޗްޑީސީން އާންމުކުރި ނޫސްބަޔާނެއްގައި ބުނީ ހުޅުމާލޭގައި 3000 ހައުސިންގ ޔުނިޓް އެޅުމާއި ގުޅޭގޮތުން ސީލައިފް ގްލޯބަލް ކުންފުންޏާއި އެކުގައި އެއްބަސްވުމެއްގައި ސޮއިކުރެވުނީ 2014ވަނަ އަހަރުގެ މާރިޗުމަހުގެ 13ވަނަ ދުވަހުގައިކަމަށެވެ. އެކި ފިޔަވަހިތަކަކަށް ބަހާލައިގެން ކުރިއަށްދާ މި މަޝްރޫޢުގެ ތެރެއިން ފުރަތަމަ 1000 ޔުނިޓް އިމާރާތްކުރުމަށް އެއްބަސްވެވުނު އިރު، އެއްބަސްވުމާއި އެއްގޮތަށް މަސައްކަތް ކުރިއަށް ނުދިޔުމުން 2015ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 14ވަނަ ދުވަހުގައި އެއްބަސްވުން ބާޠިލުކުރެވުނު ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

ނަމަވެސް އެކަން ސީލައިފް ގްލޯބަލް ކުންފުނިން ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަށް އިސްތިއުނާފްކޮށް، އެ މައްސަލަ ކާމިޔާބުކުރުމުން އެ މަޝްރޫއު ހިންގުމުގެ ފުރުޞަތު އަނެއްކާވެސް ދެވުނުކަމަށް ވަނީ ބުނެފައެވެ. އެހެން ނަމަވެސް މި ފުރުސަތުގައިވެސް އެކަން ނުކުރުމުން 2018ވަނަ އަހަރުގެ ތެރޭގައި އެއްބަސްވުން އަނެއްކާވެސް ބާޠިލުކުރެވުނުކަމަށް އެޗްޑީސީގެ ބަޔާނުގައި ވަނީ ބުނެފައެވެ. މިކަންކަމުގެ ތެރެއިން ސީލައިފް ގްލޯބަލްއިން އެކުންފުންޏަށް ބައިނަލްއަޤުވާމީ ބޭންކެއްގެ ފޭކް ލިޔުމެއް ބޭނުންކޮށްގެން އޮޅުވާލައި، ފުލެޓު ގަތުމަށް ބުކިންގ ފީ އަދި އެޑްވާންސްގެ ގޮތުގައި ގިނަ އަދަދެއްގެ ފައިސާ އާންމުންގެ އަތުން ނެގި މައްސަަލަތަކެއްވެސް ފެންމަތިވެފައިވާކަމަށް އެޗްޑީސީން ވަނީ ފާހަގަކޮށްފައެވެ.

އެޗްޑީސީން ބުނީ އެ ފައިސާތައް އަނބުރާ ނުދީގެން އެ ފައިސާގެ ބަދަލު ހޯދުމަށް އެކުންފުނީގެ ކިބައިން އެދުނު 395 މީހުންނަށް ބަދަލު ހަމަޖައްސައިދޭން ދިޔަ ޚަރަދު ހޯދުމަށް، ސީލައިފް ގްލޯބަލް ކުންފުންޏާއި އެކުންފުނީގެ ޑިރެކްޓަރުންނާއި، ހިއްސާދާރުންގެ މައްޗަށް ދަޢުވާކޮށްފައިވާނެ ކަމަށެވެ.

އެކުންފުނިން އިތުރަށް ބުނީ މިއީ ދިވެހި އެތައް ރައްޔިތުންގެ މަސްލަހަތު ހިމެނޭ މަޝްރޫޢުއަކަށްވާތީ، މި މަޝްރޫޢު ކުރިއަށް ގެންދިއުމުގެ ފުރުޞަތު އެތައް ފަހަރެއްގެ މަތިން ސީލައިފް ކުންފުންޏަށް ދެވުނުކަމަށެވެ. ނަމަވެސް އެކަން އެ ފަރާތްތަކަށް ކުރެވިފައި ނުވާކަމަށާއި، އެއީ އެޗްޑީސީގެ އިހުމާލަކުން ވީކަމެއް ނޫންކަމަށްވެސް އެކުންފުނިން ވަނީ ބުނެފައެވެ.

Advertisement

ކޮމެންޓް