"ސެކިއުލާ ބިލާއި" ދެކޮޅަށް ހުރިހާ ޕާޓީއެއްގެ މެންބަރުން އަޑުއުފުލުމުން ދިވެހިންގެ ހިތުގައި އޮތް ދީނީ ލޯބި ހާމަކޮށްދޭ: އަލީ ރަމީޒު

20 Jun 2021 | 17:00

ސެކިއުލާ ބިލާއި ދެކޮޅަށް ހުރިހާ ޕާޓީއަކުން ބަޔާން ނެރުމަކީ ދީނާއިމެދު ރައްޔިތުންގެ ހިތުގައި އިސްލާމްދީނަށް އޮތް ލޯބި ހާމަކޮށްދޭ ކަމެއް ދީނީ ކަންތައްތަކަށް މީހުން ހޭލުންތެރިކުރަމުން އަންނަ ޢަލީ ރަމީޒު ވިދާޅުވެއްޖެއެވެ.

ނަފުރަތުގެ ޢަމަލު ބަޔާކޮށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ ބިލާއި ދެކޮޅަށް ރާއްޖޭގެ ގިނަ ރައްޔިތުންނާއި، ކައުންސިލްތަކުން ދެކޮޅު ހަދައި ބަޔާންތައް ދަނީ ނެރެމުންނެވެ. އެގޮތުން އެބިލު އަނބުރާ ނެންގެވުމަށް އެދި 101 ޢިލްމުވެރިއެއްގެ ސޮޔާއެކު ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުއަށް ވަނީ ޕެޓިޝަނެއްވެސް ހުށަހަޅާފައެވެ.

އެކަމާއި ގުޅިގެން ޢަލީ ރަމީޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ސެކިއުލާ ބިލާއި ދެކޮޅަށް ހުރިހާ ޕާޓީއަކުން ތިބިކަން ހާމަވެގެން މިދަނީ ރާއްޖޭގެ ރައްޔިތުންގެ ހިތްތަކުގައި އިސްލާމްދީނަށް އޮތް ލޯބި ހާމަކޮށްދޭ އަލިގަދަ ހެއްކެއް ކަމަށެވެ.

އެބިލު އަނބުރާ ނެންގެވުމަށް އެދި 101 ޢިލްމުވެރިއެއްގެ ސޮޔާއެކު ރައީސުލް ޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙުއަށް ޕެޓިޝަނެއް ހުށައަޅައިިފައިވާއިރު، ޢިލްމުވެރިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ސެކިއުލަރ ޙަރަކާތްތައް މި ޤައުމުގައި ވަރުގަދަ ކުރުމަށް މިވީހާތަނަށް ބައިނަލްއަޤުވާމީ ޖަމާޢަތްތަކާ ގުޅިގެން އެކި ޖަމާޢަތްތަކުން ހިންގާ ޖަރީމާތަކާ ގުޅިގެން ދިވެހި ދައުލަތުގެ އިދާރާތަކަށް ހުށަހަޅާފައިވާ މައްސަލަތައް، އެކި ބަހަނާތަކުގެ ތެރޭގައި ހައްޔަރުވެ ކުރިއަށް ނުގޮސް އޮންނަކަމީ ޙަޤީޤަތްކަން ދިވެހި މުޖުތަމަޢުގެ ކޮންމެ ފަރުދަކަށް ވެސް މިހާރު ފެންނަން އެބައޮތް ކަމަށް އެ ޕެޓިޝަނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން އެފަދަ ހާލަތުގައިވެސް ދީނާ ދެކޮޅު ޖަރީމާތައް ހިންގާ މީހުންނާ ދެކޮޅަށް ޢިލްމުވެރިންނާއި ދީނަށް ޣީރަތްތެރިކަން ހުންނަ އާންމުންގެ ފަރާތުން ބުނާ ބަހަކާ ގުޅިގެން، ދީނުގެ ދިފާޢުގައި ތެދުވާ މީހުންނަށް ދަޢުވާ އުފުލޭނެ ގޮތަށް އޮތުމަކީ ލޮބުވެތި މިވަޠަނުގެ ދީނާއި ޤައުމިއްޔަތާ ޚިލާފު ކަމެއްކަމަށްވެސް ފާހަގަކޮށްފައިވެއެވެ.

Advertisement

ކޮމެންޓް

Advertisement