ކުޑަކުއްޖެއްގެ ފުރާނަ ގަސްދުގައި ދުއްވާލުމަކީ މުޅި ޤައުމު ކަރުނަ އަޅަންޖެހޭ ވަރުގެ ކަމެއް: ޖެންޑަރ މިނިސްޓަރ

22 Jun 2021 | 12:14

ކުޑަކުއްޖެއްގެ ފުރާނަ ގަސްދުގައި ދުއްވާލުމަކީ މުޅި ޤައުމު ކަރުނަ އަޅަންޖެހޭ ވަރުގެ ކަމެއް ކަމަށް ޖެންޑަރ މިނިސްޓަރު އާއިޝަތު މުޙައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ، ރަހީނުކޮށް މަރާލައި އެއްލާލާފައި އޮއްވާ ފެނިފައިވާ އުމުރުން ތޭރަ އަހަރުގެ ފިރިހެން ކުއްޖެއްގެ މައްސަލައިގައި ކުރެއްވި ޓުވީޓެއްގައެވެ.

ޖެންޑަރ މިނިސްޓަރު ވިދާޅުވީ، ކުޑަކުދިންނަށް ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގައި ކުރިމަތިވާ ގިނަ ގޮންޖެހުންތައް ނައްތާލުމަށްޓަކައި މުޢައްސަސާތައް ގުޅިގެން ކުރެވޭ މަސައްކަތް މިހާރަށްވުރެ ބަދަހިކޮށް ވަރުގަދަ ކުރަންޖެހޭ ކަމަށެވެ.

އަދި ލޯތްބާއި އަޅާލުމާއެކު ރައްކާތެރިކަމުގައި ބޮޑުވުމުގެ ޙައްޤު ލިބިފައިވާ ކުޑަކުއްޖެއްގެ ފުރާނަ ގަސްދުގައި ދުއްވާލުމަކީ މުޅި ޤަޢުމު ކަރުނަ އަޅަންޖެހޭ ވަރުގެ ކަމެއް ކަމަށްވެސް ޖެންޑަރ މިނިސްޓަރު ވިދާޅުވިއެވެ.

މިމައްސަލައާއި ގުޅިގެން ފުލުހުން ވިދާޅުވީ، ރަހީނުކުރިކަމުގެ ތުޙުމަތުގައި ހޯދަމުންދިޔަ ކުއްޖާ ފެނިފައިވަނީ ރޭ މެންދަމު 2:38 ހާއިރު ކަމަށެވެ. އަދި މިމައްސަލައާއި ގުޅިގެން ދިވެހި ދެފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށްވެސް ފުލުހުން ވަނީ ވިދަޅުވެފައެވެ. އެއީ އުމުރުން 17 އަހަރުގެ ކުއްޖަކާއި 27 އަހަރުގެ ފިރިހެނެކެވެ.

Advertisement

ކޮމެންޓް

Advertisement