އަޅުގަނޑު ނެތިއްޖެނަމަ ވަރަށްގިނަ ބޭފުޅުންނަށް ފައިދާވާނެ: ރައީސް ނަޝީދު

07 Jul 2021 | 08:42

ރައީސް ނަޝީދު ނެތިއްޖެނަމަ ވަރަށް ގިނަ ބޭފުޅުންނަށް ފައިދާވާނެ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ކުރިއަށްގެންދާ "އާސްކް ސްޕީކަރ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.

ރައީސް ނަޝީދަށް ދެވުނު ހަމަލާއާއި ގުޅޭގޮތުން އެމަނިކުފާނުގެ އާއިލާއިން ސަރުކާރާއި ދިފާއީ ވަޒީރަށް ކުރާ ތުހުމަތު ތަކާއިގުޅިގެން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ ޑިފެންސް މިނިސްޓަރުވެސް އަދި އެހެން މިނިސްޓަރެއްވެސް އަދި ރައީސުލް ޖުމްހޫރިއްޔާ އެއްވެސް އެމަނިކުފާނަށް ގެއްލުމެއް ދޭން އުޅުއްވަފާނެ ކަމަށް ޤަބޫލުފުޅު ނުކުރައްވާކަމަށެވެ.

މީގެ އިތުރުން ރައީސް ނަޝީދު ވަނީ އެމަނިކުފާނު ނެތިއްޖެނަމަ ވަރަށް ގިނަބަޔަކަށް ފައިދާވާނެ ކަމަށްވެސް ވިދާޅުވެފައެވެ.

"ދެން މި ވާގޮތަކީ އަޅުގަނޑު ނެތިއްޖެނަމަ ވަރަށްގިނަ ބޭފުޅުންނަށް މީގެން ފައިދާވާނެ. އެހެންވީމާ ބައެއްބޭފުޅުންނަށް ސިޔާސީގޮތުން ވިސްނާއިރުގައި އެވިސްނުންއާދޭ" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ އެމަނިކުފާނަށް ދެވުނު ހަމަލާއާއި ގުޅިގެން 2 ދަރިކަނބަލުންނަށް ވަނީ ވަރަށްބޮޑެތި އަސަރުތަކެއް ކޮށްފައި ކަމަށެވެ. އަދި މިކަމުގެ ސަބަބުން އެމަނިކުފާނުގެ އާއިލާއަށް ކުރާނެ އަސަރު ހުރިހާ ބޭފުޅުންނަށްވެސް ތަސައްވަރެއް ގެނެވޭނެ ކަމަށް ދެކިވަޑައިންނަވާ ކަމަށްވެސް ރައީސް ނަޝީދުވަނީ ވިދާޅުވެފައެވެ.

Advertisement

ކޮމެންޓް

Advertisement