ރައީސް ނަޝީދު ފެއިލްވެއްޖެ، އެ ޑިޒައިން ކުރައްވަނީ ބަޣާވާތެއް: ރީކޯ މޫސަ

18 Jul 2021 | 18:31

ރައީސް ނަޝީދު ފެއިލްވެއްޖެ ކަމަށާއި މިހާރު އެ ޑިޒައިން ކުރައްވަނީ ބަޣާވާތެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސަ ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މޫސަ ވިދާޅުވީ ރައީސް ނަޝީދު މިހާރުވަނީ ފެއިލް ވެފައިކަމަށާއި، އަޒުމަކީ ރައީސް ނަޝީދާއި ނުލައި އެމްޑީޕީ ހިންގުންކަމަށެވެ.

މޫސަގެ ވާހަކައިގައި ރައީސް ނަޝީދަށް ވަރަށްބޮޑަށް ފާޑުވިދާޅުވިއެވެ.

މޫސަ ވިދާޅުވީ ރައީސް ނަޝީދު އެމްޑީޕީ އުފައްދަން ސޮއި ކުރެއްވީ 21 ވަނައަށް ކަމަށާއި ރައީސް ޞާލިޙް އަކީ 2 ވަނައަށް ސޮއިކުރެއްވި މެންބަރުކަމަށެވެ.

އެމްޑީޕީއިން އެންމެ ފުރަތަމަ ކުރި މުޒަހަރާގައިވެސް ރައީސް ނަޝީދު ބައިވެރިވެވަޑައިންފައި ނުވާނެ ކަމަށާއި އޭރުވެސް އެމަނިކުފާނު ހުންނެވީ ރާއްޖެއިން ބޭރުގައި ކަމަށް މޫސަ ވިދާޅުވިއެވެ.

ހަޔާތުގެ ވަރަށް ގިނަ ދުވަހު ވަރަށް ބުރަކޮށް ރައީސް ނަޝީދު މަސައްކަތް ކުރެއްވި ކަމަށާއި އެހެންނަމަވެސް ރައީސް ނަޝީދު ލައްވާ މިވަގުތު ސިޔާސީ މަސައްކަތެއް ކުރާކަށް ނުވާނެ ކަމަށް މޫސަ ވިދާޅުވިއެވެ.

ސަބަބެއްގޮތުގައި މޫސަ ފާހަގަކުރެއްވީ މެއި 6 ގައި ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއަށްފަހު އެމަނިކުފާނަށް ލިބިވަޑައިންނެވި ޝޮކެވެ.

އަދި އަލުން އެނބުރި މާގަދަކޮށް އަންނާނެ ކަމަށް ބަޔަކު ބުނިނަމަވެސް މީހާއަށް އެވަރުވީމަ ގަދައެއް ނުވާނެކަމަށާއި މިވަގުތު ރައީސް ނަޝީދު އަށް ބޭނުންވަނީ ސިކުނޑި ހަމަޖައްސާލުން ކަމަށް މޫސަގެ ވާހަކައިގައި ވަނީ ވިދާޅުވެފައެވެ.

"މައިގަނޑު ނުކުތާއަކީ ރައީސް ނަޝީދު މިހާރު ފެއިލް ވެއްޖެއޭ. އަޅުގަނޑުމެން އެންމެނަށް އަނިޔާދީ އަޅުގަނޑުމެން ބޭރުކޮށްފަ މަނިކުފާނު ތިޔަ ޕާޓީ ހަވަރަށް ނުދޭށޭ މަނިކުފަނުގެ އެއްޗެއްނޫނޭ ތިއީ"

މޫސަ އިތުރަށް ވިދާޅުވީ ރައީސް ނަޝީދު ބޭނުންވާ ގޮތަކަށް ދެނެއް އެމްޑީޕީއެއް ނުގެންދެވޭނެ ކަމަށާއި އެތަން އިރާދަކުރެއްވިއްޔާ ރައީސް ނަޝީދަށް ފެނިވަޑައިންނަވާނެ ކަމަށެވެ.

ރައީސް ނަޝީދަށް ފާޑުކިޔުން އަމާޒުކުރުމާއިއެކު، ރައީސް ޞާލިޙް އަށް މޫސަގެ ވާހަކައިގައި ވަރަށް ބޮޑަށް ތަޢުރީފު ކުރެއްވިއެވެ.

އެގޮތުން މޫސަ ވިދާޅުވީ 2023 ގައި ވެރިކަމަށް ނުކުންނަވަން ހުރިއްޔާ ރައީސް ޞާލިޙްއަށް ފުރުޞަތު ބޮޑު ކަމަށާއި އެހެންނަމަވެސް ވަރަށް މަސައްކަތް ކުރައްވަންޖެހިވަޑައިންނަވާނެ ކަމަށެވެ. އެއާއިއެކު އެމްޑީޕީގެ ކުޑަ ދަށުގައި ނުކުންނަވަން ޖެހޭގޮތް ރައީސް ޞާލިޙަށް އެނގިވަޑައިންނަވާނެ ކަމަށާއި، ވެރިކަމަށް ވަޑައިންނަވާނަމަ ރައީސް ނަޝީދާއި ނުލާވެސް ވެރިކަމަށް ވަޑައިންނެވޭނެކަމަށް މޫސަ ވަނީ ވިދާޅުވެފައެވެ.

"ރައީސް ޞާލިޙުއަކީ ތަޖުރިބާކާރު ބޭފުޅެއް ނަޝީދު އެ ތެޅިގަންނަނީ ކޮންކަމަކާކަން ރައީސަށް މާރަނގަޅަށް އެނގޭނެ ނަޝީދަށް އޮންނާނެ ބާރުވެސް އިނގޭނެ. ރައީސް ޞާލިޙް މިކަމަކާ މާބޮޑަކަށް ހާސްވެގެން އުޅޭހެނެއްވެސް ހިއެއްނުވޭ"

މޫސަ ވިދާޅުވީ އެންމެންގެވެސް އޮތީ ވެރިކަމުގެ ފިކުރު ނަމަވެސް އެންމެ ތާއީދު ބޮޑުވެރިޔަކީ ރައީސް ޞާލިޙުކަމަށެވެ.

ރައީސް ނަޝީދު ކުރީގެ ރައީސް ޔާމީން އާއިއެކު ކޯލިޝަން ހެއްދެވުމަށް ޝައުގުވެރިކަން ފާޅުކުރައްވަމުން ގެންދަވާތީ މޫސަ ވިދާޅުވީ ރައީސް ނަޝީދުގެ ކަންތައްތައް ރަނގަޅުވާން އޮތިއްޔާ ޔާމީން ކައިރިއަށް ވެސް ވަޑައިންނަވާނެ ކަމަށާއި އަމިއްލަފުޅަށް އެ ޑިޒައިން ކުރައްވަނީ ބަޣާވަތެއް ކަމަށެވެ.

Advertisement

ކޮމެންޓް