ދީން
29 Jul 2022 | 20:44
ޢުޤޫބާތެއްގެ ގޮތުން ރާމާމަކުނުތަކަކަށް ބަދަލުކުރެވުނު ބައެއް

މާތް ﷲ ސޫރަތުލް އަޢުރާފުގައި ބަޔާންކުރައްވާފައިވާ ގޮތުގައި ބަނޫ އިސްރާއީލުންގެ ތެރެއިން މާތް ﷲ އެބަޔަކަށް ނުބައިވެގެންވާ ޢުޤޫބާތެއް ދެއްވި ބަޔަކުވިއެވެ. މިބައިމީހުންނަކީ އަޅުގަނޑުމެން ފަދައިން ކަނޑާ ކައިރި ހިސާބެއްގައި އުޅެމުން އައި ރަށެއްގެ ބައެކެވެ. އެބައެއްގެ ލޭނާރުކަމުގައި ވެފައިވަނީ މަސްވެރިކަން ކުރުމެވެ. މަހަށް ނުނިކުމެ ހަމައެންމެ ދުވަހެއްވެސް ދޫކޮށްލާކަށް ބޭނުމެއް ނުވެއެވެ.

ކަނޑުގެ އެކި ހިސާބުތަކަށް ދަތުރުކޮށް މަސްވެރިކަން ކޮށް އުޅުނެވެ. މިބައިމީހުން މާތް ﷲއަށް ޝުކުރުވެރިވެ، އެކަލާނގެއަށް ކިޔަމަންގަންނަ މިންވަރު އިމްތިހާނު ކުރެއްވިއެވެ. ހަފްތާގެ ހުރިހާ ދުވަހެއްގައި މަސްވެރިކަން ކުރުން ހުއްދަކުރައްވައި، ހަފްތާއަކު އެއްދުވަސް މާތް ﷲއަށް ޝުކުރުކޮށް އަޅުކަންކުރުމަށް ޚާއްޞަކުރުމަށް އެންގެވިއެވެ.

އެ ދުވަހަކީ ހޮނިހިރު ދުވަހެވެ.މިރަށުގެ މީހުންނަކީ ފަހުން އަންނާނެ ބަޔަކަށްވާ ޢިބްރަތެއްކަމުގައި ލެއްވިއެވެ. މާތް ﷲ މިރަށުގެ މީހުން ކަންތައް ކުރާގޮތް އިމްތިޙާނުކުރެއްވުމަށްޓަކައި މިބައިމީހުން ކުރެ ގިނަ ބަޔަކަށް ކެތްނުވެވޭވަރުގެ އިމްތިޙާނެއް ކުރިމަތިކުރެއްވިއެވެ. ހޮނިހިރުދުވަހު މަސްވެރިކަންކުރުމާއި މަސްހިފުން މަނާކުރެވުނު ނަމަވެސް، އާދަޔާޚިލާފު ދުވަހަކަށް މާތް ﷲ އެދުވަސް ބަދަލުކުރެއްވިއެވެ.

އެހެން ދުވަސްދުވަހު އެބައިމީހުން ކަނޑަށް ނުކުމެ ދަތިއުނދަގުލުން ހޯދާ މަސްތައް ހޮނިހިރު ދުވަހު ފާޅުވެ ފަޅުތެރެއަށް ވަދެގެން ގޮނޑުދޮށަށް އަންނަނީއެވެ. ހަފްތާގެ އެހެންދުވަހަކު މިގޮތަކަށް ކަންތަކެއް ނުވެއެވެ.މި ރަށުގެ ބައެއްމީހުންނަށް މި މަންޒަރު ބަލާކަށް ކެތެއްނުކުރެވުނެވެ. މާތް ﷲގެ ޙުކުމްފުޅުތަކުން ބޯދަމައިގަންނަން މަސައްކަތްކުރާ އެހެންމީހުންނެކޭ އެއްފަދައިން މިބައިމީހުންވެސް މިކަމުގައި ހެދޭނެގޮތެއް އޮތްތޯ ވިސްނަމުން ދިޔައެވެ.

ކަނޑުގެ އައްސޭރިފަށުގައި މާތް ﷲ އެބައިމީހުންނަށް ދެއްވާފައިވާ ރައްކާތެރިކަމާއި ދެއްވާފައިވާ އެކިއެކި ނިޢުމަތްތަކުގެ މަތިން ހަނދާންނައްތާލިއެވެ. ކިޔަމަންތެރިކަމުގެ މައްޗަށް އަމިއްލަ އެދުމާއި މަކަރުވެރިކަމާއި ހީލަތްތެރިކަން ކުރިއަށް ނެރުނެވެ. މިބައިމީހުންގެ ތެރެއިން މޮޅެތި ވިސްނުންތައް ވިސްނޭ ބައެއްކަމަށް ދެކިއުޅުނު ބަޔަކު ނުކުމެ، މާތް ﷲ ގެ އަމުރުފުޅު އަމިއްލަ އެދުމާ އެއްގޮތަށް ކޮށާމަށާ ހަދަން ފެށިއެވެ. އެއްބަޔަކު އަނެއްބަޔަކަށް ހީލަތްތެރި ވަސްވާސްތައް ދެމުން ދިޔައެވެ.

"ތިމަންމެނަށް މާތް ﷲ ނަހީކުރެއްވީ ހޮނިހިރު ދުވަހު މަސްހިފުމެވެ. އެދުވަހަކު މަހެއް ނުހިފާނަމެވެ. އެދުވަހުގައި މަސްތައް ބަންދުކޮށްލާފައި ބަހައްޓާފައި އާދީއްތަދުވަހު މަސްތައް ހިފާނީއެވެ."

މި ވިސްނުން މި ރަށުގެ ބައެއްމީހުންނަށް ކަމުދިޔައެވެ. މާތް ﷲގެ ނަހީފުޅުގެ މައްޗަށް އަމިއްލަ އެދުން އިސްކުރިއެވެ. ހުކުރުދުވަހުގައި މަސްތައް ބަންދުކުރާނެ އީޖާދުތައް ކޮށް ފަޅުތެރޭގައި ބެހެއްޓިއެވެ. އެހެން ހޮނިހިރު ދުވަހެކޭ އެއްފަދައިން މި ހޮނިހިރުދުވަހުވެސް މަސްތައް ފަޅުތެރެއަށް ވަދެގެން އައިސް ފަޅުތެރޭގައި މަސްތަކަށް ނުނިކުމެވި ބަންދުވިއެވެ. މިކަމުގައި އުޅުނު މީހުން ކެތްތެރިކަމެއް ނެތި އިންތިޒާރުކުރަމުން ދިޔައީ އާދީއްތަދުވަހަށް އަލިވިލޭނެ އިރަކަށެވެ.

އާދީއްތަދުވަހަށް އަލިވިލުމާއެކު މަސްތައް ހިފައިފިއެވެ.މިރަށުގެ މީހުންގެ ތެރޭގައި ހެޔޮވިސްނޭ ހެޔޮ ލަފާމީހުންވެސްވިއެވެ. މާތް ﷲ ނަހީކުރެއްވި ކަމަކަށް އަރައިގަތުމަކީ އެކަމުގެ ސަބަބުން މާތް ﷲގެ ޢުޤޫބާތެއް އަތުވެދާނެކަމެއްކަމުގައި މިބައިމީހުން ދަނެއެވެ. މުޖުތަމަޢެއްގައި ނުބައިކަމެއް ފެތުރޭނަމަ އެކަމެއް މަނާކުރުމަކީ ކޮންމެ ހެޔޮވިސްނޭ މީހެއްގެ މައްޗަށް އެމީހެއްގެ ކުޅަދާނަކަން ހުރި މިންވަރަކުން ވާޖިބުވާނެކަމެއް ކަން މިބައިމީހުންނަށް އެނގެއެވެ.

ޢާއްމުކޮށް ފާޅުގައި ނުބައިކަމެއް ހިނގާއިރު އެކަން މަނާނުކޮށް ހުރުމުގެ ސަބަބުން ޢާއްމު ކޯފާއެއް އަތުވެދާނެތީ މިބައިމީހުން ބިރުގަނެއެވެ. މިބައިމީހުން ނުކުމެ ހޮނިހިރުދުވަހު މަސްތައް ބަންދުކޮށް ހަދާމީހުންނަށް ހެޔޮ ވިސްނޭތޯ މަސައްކަތް ކުރިއެވެ. އެކަން އެގޮތަށް ނުކުރުމަށާއި މާތް ﷲއަށް ބިރުވެތިވުމަށް ނަޞޭޙަތްތެރިވަމުން ގެންދިޔައެވެ.

މިއީ އެބައެއްގެ ހިތުގައި އީމާންކަމާއި ކިޔަމަންތެރިކަން ހުރި ހެޔޮވިސްނޭ ކޮންމެ ބަޔަކުވެސް ކަންތައް ކުރާނެ ގޮތެވެ.އެ ރަށުން ފާޅުވި މި ދެބައިމީހުންގެ އިތުރަށް ތިންވަނަ ވައްތަރެއްގެ ބަޔަކުވެސް ފާޅުވިއެވެ. ތިންވަނަ ވައްތަރުގެ މީހުންނަކީވެސް މަސްހިފުމުގެ ކަންކަމާ ދެކޮޅުވި ބައެކެވެ. އެހެންނަމަވެސް، މަސްހިފައި އުޅުނުމީހުން ކުރަމުން އެއައި ނުބައި ކަންތައް ހުއްޓުވުމަށް މީގެ މީހުން މަސައްކަތެއް ނުކުރިއެވެ. މިބައިގެ މީހުންގެ ވިސްނުމަކަށްވީ ނުކިޔަމަންތެރިވާމީހުން ނުކިޔަމަންތެރިވާން ދޫކޮށްލުމެވެ. އެކުރާ ނުބައިކަންކަން ހުއްޓުވުމުގެ ބޭނުމެއް ނެތްކަމުގައެވެ. ހަލާކުވާ ބަޔަކު ހަލާކުވާން ދޫކޮށްލުމެވެ.

އެ ޢަމަލު ހުއްޓުވުމުގެ އެއްވެސް މާނައެއް ނެތްކަމުގައެވެ. މީގެ މީހުން އެކަން ނުކުރުމަށް ނަޞޭޙަތްތެރިވަމުން ދިޔަ މީހުންނަށް ބުނަމުން ދިޔައެވެ. "ﷲ އެބަޔަކު ހަލާކު ކުރައްވަން، ނުވަތަ ގަދަވެގެންވާ ޢަޛާބަކުން ޢަޛާބު ދެއްވަންވެފައިވާ ބަޔަކަށް، ތިޔަބައިމީހުން ވަޢުޡު އިއްވަނީ ކީއްވެގެން ހެއްޔެވެ؟"

މީގެ ރައްދުގައި ހެޔޮވިސްނޭ މުޞްލިޙުން އެބައިމީހުންގެ މަތިވެރި މަސައްކަތް ދިފާޢުކުރަމުން ޖަވާބުދިނެވެ. "އެއީ ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ޙަޟްރަތަށް އުޒުރު ހުށަހެޅުމުގެ ގޮތުންނެވެ. އަދި އެބައިމީހުން ތަޤުވާވެރި ވެދާނެ ކަމަށްޓަކައެވެ."އެ ރަށުގެ މި ތިން ވައްތަރުގެ މީހުންވެސް އެބަޔަކު ޢަމަލުކުރަމުން އައި ގޮތަށް ޢަމަލުތައް ކުރަމުން ގެންދިޔައެވެ.

ހޮނިހިރު ދުވަހު މަސް ހިފަމުން އައިމީހުން އެ ގޮތުގައެވެ. ނަޞޭޙަތްތެރިވަމުން އައިމީހުން އެ ގޮތުގައެވެ. މުންކަރާތް މަނާކުރުމަށް ބޭނުންނުވާމީހުން އެ ގޮތުގައެވެ. މިގޮތުގެ މަތީގައި މި ރަށުގެމީހުން ތިއްބައި މާތް ﷲގެ ޢުޤޫބާތް އައެވެ. މި ރަށުގެ އަހުލުވެރިންނާމެދު އެކަލާނގެ ކަންތައް ކުރެއްވިގޮތް ބަޔާންކުރައްވައި އަޢުރާފު ސޫރަތުގެ 165 އަދި 166 ވަނަ އާޔަތުގައި އައިސްފައިވެއެވެ.

"ފަހެ، އެބައިމީހުންނަށް ހަނދުމަކޮށްދެއްވި ކަންތައް އެބައިމީހުން ހަނދާންނައްތައިލިހިނދު، ނުބައިކަންތައް ނަހީކޮށް އުޅުނުމީހުން، ތިމަންރަސްކަލާނގެ މިންޖުކުރެއްވީމެވެ. އަދި ތިމަންރަސްކަލާނގެ ގަދަފަދަވެގެންވާ ޢަޛާބަކުން އަނިޔާވެރިވީ މީހުން ހިއްޕެވީމެވެ. (އެއީ) އެބައިމީހުން ފާސިޤުވެ އުޅުނުކަމަށްޓަކައެވެ. ފަހެ، އެބައިމީހުންނަށް ނަހީކުރެއްވި ކަންތަކާމެދު އެބައިމީހުން ބޮޑާވެގަތްހިނދު، ތިމަންރަސްކަލާނގެ އެބައިމީހުންނަށް ވަޙީކުރެއްވީމެވެ. ދެރަވެ، ނިކަމެތިވެގެންވާ ރާމާމަކުނުތަކެއް ކަމުގައި ތިޔަބައިމީހުން ވާށެވެ!"

މި އާޔަތްތަކާމެދު ވިސްނާލުމުން ދޭހަކޮށްދެނީ މާތް ﷲ ބަޔާންކޮށްދެއްވާފައި ވަނީ ނަހީކުރެވުނު ކަންތަކަށް އަރައިގަތްމީހުންނަށް ކަންތައް ވެގެންދިޔަ ގޮތާއި އެކަން ހުއްޓުވުމަށް ނަޞޭޙަތްތެރިވި މުޞްލިޙުންނާމެދު ކަންތައް ވެގެންދިޔަ ގޮތެވެ. ތިންވަނަ ވައްތަރުގެމީހުންގެ ޙާލަތެއް ގެންނަވާފައެއް ނުވެއެވެ.

ހެޔޮކަންކަމަށް ގޮވާލައި ނުބައިކަންކަން ނަހީކުރުމުގެ މަތިވެރި މަސައްކަތުގެ މަތިން އެބައިމީހުން ހަނދާން ނައްތާލީތީ އެބައިމީހުންގެ މަތިން މާތް ﷲ އެވަނީ ހަނދުމަ ނައްތަވާލައްވާފައެވެ. ބައެއް ތަފްސީރު ޢިލްމުވެރިން ބަޔާންކުރައްވާ ގޮތުގައި؛ މިބައިމީހުންވެސް ވީ ޢުޤޫބާތް ދެއްވުނު މީހުންގެ ތެރޭގައެވެ.

އަނެއްބައި ޢިލްމުވެރިން ވިދާޅުވާގޮތުގައި މިބައިމީހުންނަށް މާތް ﷲ ޢަފޫކުރެއްވުމުގެ ސަބަބުން އެ ޢުޤޫބާތުން ސަލާމަތްކޮށްދެއްވިއެވެ. والله أعلم.މިއީ ނުބައިކަންކަން މުޖުތަމަޢުތަކުގައި ހިނގާއިރު، އެ މުޖުތަމަޢުއެއްގައި ޢާއްމުކޮށް އުޅޭނެ 3 ވައްތަރެއްގެ ބައެކެވެ. އަޅުގަނޑުމެންގެ މި އިސްލާމީ ދިވެހި މުޖުތަމަޢުގައިވެސް ނުބައިވެގެންވާ ބޮޑެތި ފާފަތައް ފެތުރި ޢާއްމުވާއިރު މި 3 ވައްތަރުގެ މީހުން އުޅޭކަން ވަރަށް ސާފުކޮށް އެނގެއެވެ.

ބޮޑެތިފާފަތައް ކުރާމީހުންނާއި، އެ ފާފަތައް ކުރުމުން ދުރުހެލިވުމަށް އެކިގޮތްގޮތުން ނަޞޭޙަތްތެރިވާމީހުންނެވެ. އަދި ތިމަންމެން އެފާފައެއް ނުކުރާކަމަށާއި، ނުބައިގޮތަށް އުޅޭމީހުން ނުބައިކޮށް އުޅެން ދޫކޮށްލުމުގެ ވިސްނުން ހުންނަމީހުންނެވެ. ޝައްކެތްވެސް ނެތްގޮތުގައި ކާމިޔާބު ލިބޭނީ ހެޔޮކަންކަމަށް އަމުރުކޮށް މުންކަރާތްތައް ނަހީކުރުމަށްޓަކައި ވީވަރަކުން މަސައްކަތްކުރާ މުޞްލިޙުންނަށެވެ.

އެފަދަ މުޞްލިޙުންކަމުގައި މާތް ﷲ އަޅަމެން ލައްވާށި! އަދި އަޅަމެންގެ ތެރެއިން ބައެއްމީހުން ކުރާ ފާފައިގެ ސަބަބުން ޢާއްމުވެގެންވާ ކޯފާއެއް ނުފޮނުއްވާނދޭވެ!

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ