Advertisement

ޤައުމާއި މެދު

މާތް ﷲ ވަނީ އަހަރެމެންގެ މި ކުޑަކުޑަ ޤައުމު އިސްލާމްކަންމަތީގައި އެތައް ސަތޭކަ އަހަރަކު ލައްވާފައެވެ. ޢަޤީދާގެ ގޮތުން ތަފާތު އެކި ބާޠިލު ފިރުޤާތަކުން ސަލާމަތްކޮށް ދެއްވާފައެވެ. އިސްލާމްދީންދެކެ ލޯބިވާ، އެދީނުގެ ޝިޢާރުތައް ނަގަހައްޓާ ބައެއްކަމުގައި ލައްވާފައެވެ. މިއީ ނިސްބަތުން އިސްލާމީ ގިނަ ޤައުމުތަކުގައިވެސް ނެތް ފުރިހަމަކަމެކެވެ. الحَمْدُ لِلَّهِ!

މި މަތިވެރި ނިޢުމަތްތަކުން މި ޤައުމު މަޙްރޫމުކޮށްލުމަކީ ބަޔަކު ކެނޑިނޭޅި އެތައް މަސައްކަތްތަކެއް ކުރަމުންދާ ކަމެކެވެ. ތަފާތު ނަންނަމުގައްޔާއި ފަންޑުތަކާއި ތަފާތު ޖަމްޢިއްޔާތަކުގެ ނަމުގައެވެ.ދިވެހިރާއްޖޭގެ ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! އެ ބައެއްގެ މެދުގައި މާތް ﷲގެ މަތިވެރި ނޫރު ދެމިއޮންނާނީ އެބަޔަކު އެކަމަށްޓަކައި އެދި މަސައްކަތްކުރާ މިންވަރެއްގެ މައްޗަށެވެ. އެބަޔަކަށް މާތް ﷲ ދެއްވި ދީނާމެދު ފަރުވާކުޑަކުރަން ފަށައިފިނަމަ އެ ފުށްމިފުށަށް ޖައްސަވައިފާނެއެވެ.

މިއީ ވަކި ޤައުމެއް ވަކި ބިމެއްވެގެންވާ ކަމެއް ނޫނެވެ. މާތް ﷲގެ ޙަޟްރަތުގައި އެންމެ މާތްވެގެންވާ ބިންކަމުގައިވާ މައްކާގެ ބިމާއި، އެ ބިމުގައިވި އެންމެ މާތް ގެކޮޅުކަމުގައިވާ ކަޢުބާއަކީ ބުދުތަކުން ފުރިގެންވި ތަނެއްކަމުގައިވީ ޒަމާންތަކެއް ހިނގައްޖެއެވެ. އިބްރާހީމް عَلَيهِ السَّلَام އަށްފަހު މައްކާގެ ބިމުގައި ބުދުތައް ބަހައްޓައި އެ ބުދުތަކަށް އަޅުކަން ކުރެވުނެވެ. މާތްވެގެންވާ މަސްޖިދުލް ޙަރާމާއި އެތަނުގައިވާ ކަޢުބާ ވަށައިގެންނާއި އެ ކަޢުބާގެ އެތެރޭގައި އެތައް ބުދެއް ބެހެއްޓި އަޅުކަން ކުރެވިގެންދިޔައެވެ. އޮރިޔާން ޙާލަތުގައި އެ ކަޢުބާ ވަށައިގެން ޠަވާފުކުރުމަކީ އަޅުކަމެއްކަމުގައި ބެލި، އެ ތަނުގައި މާތް ﷲ ނޫން ފަރާތްތަކަށް ޤުރުބާންކޮށް ހެދުނެވެ.

Advertisement

އޭގެފަހުގައި މާތް ﷲ މި އުއްމަތުގެ ނަބިއްޔާ صَلَّى اللهُ عَلَيهِ وَسَلَّم ފޮނުއްވައި އެ ބިން ޝިރުކުން ޠާހިރުކުރެއްވިއެވެ. މިއީ މައްކާގެ މާތް ބިމުގައި ކަންކަން ވެގެންދިޔަ ގޮތެވެ. ވީއިރު، އެހެން ޤައުމަކަށް ނުވަތަ ބިމަކަށް އެހެންދީންތަކާއި ބާޠިލު ޢަޤީދާތައް ނުވަންނާނެކަމަށް އޮންނާނީ ކޮން ޔަޤީންކަމެއްތޯއެވެ؟

އެހެންދީންތަކުގެ ކަންކަމަށާއި އެފަދަ މީހުންގެ ޘަޤާފަތްތަކަށް ތަބާނުވުމަށް އައިސްފައިވަނީ މި ނުރައްކާތެރިކަމުގެ ސަބަބުންނެވެ. ޝައިޠާނާގެ ކެހިވެރިކަމުގައި ޖެހިގެން ހިނގައިދާނެތީއެވެ.

ވިސްނަވާށެވެ! އެންމެ ފުރަތަމަ މި ބިންމަތީގައި ޝިރުކު އުފެދިގެން އައި ގޮތަކީ ފުރިހަމަ ޢިބްރަތެކެވެ. އާދަމް عَلَيهِ السَّلَام އިން ފެށިގެން 10 ޤަރުނު ވަންދެން އިންސާނުން ދިޔައީ މާތް ﷲއަށް އަޅުކަން ކުރަމުންނެވެ. އޭގެފަހުގައި، ނޫޙު عَلَيهِ السَّلَام ގެ ޤައުމުގެ މީހުންގެ ތެރޭގައި ޞާލިޙު ބޭކަލުންތަކެއް ނިޔާވުމުން ޝަޢިޠާނާ އެބައިމީހުން ކެހިވެރިކުރިއެވެ. އެ ބޭކަލުންގެ ޞޫރާގައި ބުދުތައް ހަދައި، އެބޭކަލުންގެ ނަންތަކުން އެ ބުދުތަކަށް ނަންތައް ދީ، އެބައިމީހުން އިށީނދެ ތިބޭ ތަންތަނުގައި އެބުދުތައް ބެހެއްޓުމަށް ވަސްވާސްދިނެވެ. މިބައިމީހުން އެފަދައިން ކަންކުރިއެވެ. އެހެންނަމަވެސް މި ބައިމީހުން އެ ބުދުތަކަށް އަޅުކަމެއް ނުކުރެއެވެ. ޖީލަކަށްފަހު ޖީލެއް ނެތެމުން އައިވަރަކަށް ޖާހިލުކަން ފާޅުވާންފެށިއެވެ. ނަތީޖާއެއްގެ ގޮތުން އިންސާނީ ދަރިފަސްކޮޅުގައި ﷲ ނޫން ފަރާތްތަކަށް އަޅުކަންކުރުން ފެށިގެން އައެވެ. ދެން މާތް ﷲ ނޫޙު عَلَيهِ السَّلَام ފޮނުއްވިއެވެ.

އެބައެއްގެ އަމިއްލަ އެދުންތައް އިސްކުރުމުގެ ގޮތުން، އަހަރެމެންގެ މި ލޮބުވެތި ޤައުމުން އިސްލާމްދީން ފިލައިގެން ނުދާނެކަމަށް ކަރަށް ބާރުލާފައި ބަޔަކު ބުނެއެވެ. އެހެން ދީންތަކުގެ މީހުންގެ ޢަޤީދާއާއި ޘަޤާފަތާއި ޚާއްޞަ ހެދުންތައް އެޅުމާއި ފައްޅިތަކަށް ދިޔުމަކީ އިސްލާމްދީނަށް އޭގެ އަސަރުކުރުވާނެ ކަމެއް ނޫންކަމަށް އެބައިމީހުން ބުނެއެވެ. މިއީ ކަނޑައެޅިގެން ނުބައި އޮޅުވާލުމެކެވެ. އަދި ޝައިޠާނުންގެ މަކަރުވެރި ހީލަތެކެވެ. މިފަދަ ކަންކަމުގެ ނުބައި އަސަރު މިއަދަކު ނުވަތަ މާދަމަޔަކު ނުފެނިދާނެއެވެ. އޭގެ އަސަރު ފެންނާނީ ދަރިފަސްކޮޅުންނެވެ. ނޫޙު عَلَيهِ السَّلَام ގެ ޤައުމުގެ މީހުންނަށް ކުރިމަތިވިފަދައިން ކުރިމަތިވެދާނެކަމާމެދު ބިރުވެތިވާންޖެހޭނެއެވެ.

އަޅުގަނޑުމެންގެ މި މުޖުތަމަޢުއާ އެކަށީގެންނުވާ ކަންކަން ފެތުރުމަށްޓަކައި އަބަދުވެސް ބަޔަކު އަތުކުރި އޮޅާލާފައި ތިބެއެވެ. ވަރުވަރުގެ ރިބަވީ ލޯނުތަކާއި، ބަނގުރަލާއި، ޖުވާއާއި، ކަސްރަތުގެ ނަމުގައި ހިންދީ ބުދުދީނުގެ ތެރޭގައިވާ ޔޯގާފަދަ ކަންކަމެވެ. ކަމެއް ގެނެސް ފެތުރުމުގެ ކުރިން އިސްލާމްދީނުގައި އެކަން އޮންނަގޮތް ބަލަންޖެހޭނެއެވެ. ބަލާލުމެއްނެތި ގެނެސް އިސްލާމީ މުޖުތަމަޢުއަކަށް އެކަށީގެންނުވާ ފޭރާމެއް ލައްވަން އުޅުމުން އަޑުތައް ގަދަވާނެއެވެ. އެކަމުގެ ޙުކުމް ޢިލްމުވެރިން ބަޔާންކުރާނެއެވެ. ދެން "ހުރިހާކަމެއް ޙަރާމް ކުރަނީއޭ" "ކަސްރަތެއް ކުރެވެންވެސް ނެތޭ" "ހަމަ ކުއްލިއަކަށް ޙަރާމް ވީއޭ" "ވިޔަފާރިއެއްވެސް ކުރެވެންނެތޭ" ގޮވުމަކީ އެ ގޮވާބައެއްގެ ތަޞައްރަފު ނުފުދޭކަމެވެ. ނުވަތަ އެފަދަ ބައެއްގެ ޖާހިލުކަމެވެ.

އިސްލާމީ މުޖުތަމަޢުއަކަށް ނުބައިކަންކަން ގެނެސް ފެތުރުމަކީ ބިރުހުރި ނުރައްކާތެރިކަމެކެވެ. އެފަދައިން ކަންކަން ކުރާމީހާއަށް އޭނާ މަރުވުމަށްފަހުގައިވެސް އެކަމުގެ ފާފަތައް އޭނާއަށް ލިބިލިބި ހުންނާނެކަމެކެވެ. އެމީހެއްގެ ފަހަތުން އެ ނުބައިކަމަކަށް ތަބާވީހާ ބައެއްގެ ފާފަ އެމީހަކު އުފުލަންޖެހޭނެއެވެ. އެތައްއެތައް ބަޔަކު ކުރާ ނުބައިކަންކަމުގެ ފާފަ އުފުލަންޖެހޭ މީހެއްކަމުގައި ވެއްޖެ މީހެއްގެ އަބާއްޖަވެރިކަމާއެވެ!!

ދިވެހިރާއްޖޭގެ ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! މާތް ﷲއަށް ބިރުވެތިވެ، އެކަލާނގެ ދީނުގައި ސާބިތުވާ ބަޔަކު ކަމުގައި ވާށެވެ! އެ ދީނުގެ މާތް މަތިވެރި ނިޢުމަތާމެދު ފަރުވާތެރިވާށެވެ! އިސްލާމްދީންދެކެ ލޯބިވާށެވެ! އަހަރެމެންގެ މި ޖީލާ ހަމައަށް މި މުޖުތަމަޢުގައި އިސްލާމްދީން މި އައީ ﷲގެ ރަޙްމަތާއެކު އަހަރެމެންގެ ކާބަފައިންގެ ޤުރުބާނީތަކެއްގެ ސަބަބުންނެވެ. ހަމަމިގޮތަށް މި ޖީލަށްފަހުގައި އަންނާނެ ޖީލުތަކަށް މި ހެޔޮކަންމަތީ ފޯރުކޮށްދިނުމަކީ މި ޖީލުގެ ކޮންމެ މީހެއްގެ މައްޗަށް ވާޖިބުވާނެކަމެކެވެ. އެ ޖީލުތަކުގައި ވާނީ ހަމަ އަހަރެމެންގެ ލޭ ހިނގާ ދަރިންނެވެ. އަހަރެމެންގެ ދަރިންނަކީ މަގު ގެއްލިފައިވާ، މާތް ﷲގެ ދީނުން ދުރުވެފައިވާ ބައެއްކަމުގައިވާކަށް ހަމަގައިމުވެސް ނޭދޭނެއެވެ.

Advertisement

ކޮމެންޓް

Advertisement

Advertisement