Advertisement

އޮޑިޓް އޮފީހަށް 93 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފި

ރައްޔިތުންގެ މަޖިލިސް-- ފޮޓޯ--މަޖިލިސް

އަންނަ އަހަރަށް ލަފާކޮށް އޮޑިޓަރ ޖެނެރަލްގެ އޮފީހަށް 93.4 މިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މިބަޖެޓް ފާސްކޮށްފައިވަނީ 44 މެމްބަރުންގެ ވޯޓުންނެވެ.

އަންނަ އަހަރަށް ލަފާކޮށް އޮޑިޓް އޮފީހުން ހުށަހެޅީ 95 މިލިޔަން ރުފިޔާގެ ބަޖެޓެކެވެ. އެ ބަޖެޓް ހުށަހަޅަމުން އޮޑިޓް އޮފީހުން ބުނީ އަންނަ އަހަރު އެއޮފީހުން 327 އޮޑިޓެއް ކުރުމަށް ނިންމާފައިވާކަމަށެވެ. އެ އޮޑިޓްތަކުގެ ތެރެއިން އެންމެ ބޮޑު އިސްކަމެއް ދެއްވާ އޮޑިޓްތަކުގެ ތެރޭގައި މުޅި ދައުލަތުގެ އޮޑިޓް ކަނޑައެޅިފައިވާ ތާރީޚުގައި ނިންމުމަށް އަމާޒު ހިފާފައިވާ ކަމަށްވެސް ބުނެފައިވެއެވެ. 

Advertisement

އޮޓިޓް އޮފީހުގެ ބަޖެޓް އާއި ގުޅޭގޮތުން ފިނޭންސް މިނިސްޓްރީއާއި މަޝްވަރާ ކުރުމަށްފަހު މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ހުށަހެޅީ 93.4 މިލިޔަން ރުފިޔާގެ ބަޖެޓެކެވެ. އެގޮތުން، ބަޖެޓްގެ 61 މިލިޔަން ރުފިޔާ އަކީ އޮފީސް ހިންގުމާއި، ހަރުމުދާ ގަތުމަށް ކަނޑައެޅި ބަޖެޓަށް ވާއިރު، އަނެއް 32 މިލިޔަން ރުފިޔާ އަކީ ކެޕިޓަލް ޚަރަދުގެ ގޮތުގައި ހަމަޖެއްސުމަށް ފާސްކޮށްފައިވާ ބަޖެޓެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ދިރާސާކުރި އަންނަ އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ބަޖެޓަކީ ދައުލަތުގެ ބަޖެޓާއި ވަކިން މަޖިލީހަށް ހުށަހަޅައި ފާސްކުރަންޖެހޭ ބަޖެޓެކެވެ. ނަމަވެސް ދައުލަތުގެ ބަޖެޓް މަޖިލީހުން ފާސްކުރާއިރު އޮޑިޓް އޮފީހުގެ ބަޖެޓުވެސް ފާސްކޮށް ދައުލަތުގެ ބަޖެޓްގައި ހިމަނަންޖެހެއެވެ.

Advertisement

ކޮމެންޓް