މުޒާހަރާގައި އަނިޔާވި ނޫސްވެރިޔާ އިތުރު ފަރުވާއަށް ބޭރަށް ގެންދަނީ
ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ރައީސް ޔާމީން އަބްދުލްގައްޔޫމު މިނިވަންކުރުމަށް ގޮވާލާ އިދިކޮޅުން މާލޭގައި ކުރި މުޒާހަރާ ކަވަރުކުރަމުން ދިޔަ ނޫސްވެރިންގެ ތެރެއިން އަނިޔާލިބި ހާލު ސީރިއަސްވި ނޫސްވެރިޔާ އިތުރު ފަރުވާއަށް ރާންޖޭން ބޭރަށް ގެންދަން ނިންމައިފިއެވެ.
އިތުރު ފަރުވާއަށް ބޭރަށް ގެންދަނީ ޗެނަލް13 ގެ ނޫސްވެރިޔާ ހަސަން ޝަހީދެވެ. ޝަހީދުގެ އާއިލާއާއި ހަވާލާ ދީ އިދިކޮޅު ޕީޕިއެމުން ބުނީ އޭނާގެ ސިކުނޑިއާއި މައިބަދައަށް ގެއްލުންވެފައިވާކަމަށެވެ. އެހެންވެ، އާއިލާއިން މިވަގުތު މަސައްކަތް ކުރަނީ، އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ގެންދިއުމަށްކަމަށް މައުލޫމާތު ދިނެވެ.
މިއަދުގެ މުޒާހަރާގައި ނޫސްވެރިންނަށް އެކިވަރުގެ އަނިޔާ ލިބިފައި ވާއިރު، މޯލްޑިވްސް ޖާނަލިޒަމް އެސޯސިއޭޝަން (އެމްޖޭއޭއިން) ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އެމްޖޭއޭއިން ބުނީ މީޑިއާ ފާސް އަޅައިގެން ތިބި ވީޑިއޯގްރާފަރާއި ފޮޓޯޖާނަލިސްޓަށް ފުލުހުންގެ ޝީލްޑުން ޖެހި އަނިޔާވެފައިވާއިރު, ޕެޕާސްޕްރޭގެ އަސަރު ވެސް އެމީހުންނަށް ކޮށްފައިވާ ކަމަށެވެ.
މިއަދުގެ މުޒާހަރާއަށް ފުލުހުން ވަނީ ވަރަށް ބޮޑަށް ހުރަސްއަޅާފަ އެވެ. އަދި މުޒާހަރާ ރޫޅާލުމަށް ފުލުހުން ގެންދިޔައީ ހާލަތާއި ނުބައްދަލު ބާރުގެ ބޭނުން ކުރަމުންނެވެ.
މުޒާހަރާ ރޫޅާލުމަށް ފުލުހުން ވަނީ ބައިވެރިންގެ ގަޔަށް ޕެޕާ ސްޕްރޭވެސް ޖަހާފައެވެ. ޕެޕާ ސްޕްރޭ ޖެހީ އިންޒާރަކާއި ނުލާކަމަށާއި، އެ ވަގުތު މުޒާހަރާ ކަވަރުކުރަމުން ދިޔަ ނޫސްވެރިންގެ ގަޔަށްވެސް ފުލުހުން ޕެޕާ ސްޕްރޭ ޖަހާފައިވާކަމަށް މައުލޫމާތު ލިބިއެވެ.
އެގޮތުން މޫނާއި ކައިރިން ޕެޕާ ސްޕްރޭ ޖެހުމާއި ގުޅިގެން ޗެނަލް-13 ގެ ދެ ނޫސްވެރިންނަށް އަނިޔާވެފައިވާއިރު، އެކަކު ވަނީ ލިބުނު އަނިޔާތަކަށް ފަރުވާދިނުމަށް ހޮސްިޓަލަށް ގެންގޮސްފަ އެވެ.
މިއަދުގެ މުޒާހަރާގައި ފުލުހުންގެ ފަރާތުން އަނިޔާލިބުނު އިތުރު 4 މީހަކަށްވެސް ހޮސްޕިޓަލުގައި ފަރުވާ ދިންކަމަށް އިދިކޮޅު ކޯލިޝަންގެ ތަރިޖަމާނު ހީނާ ވަލީދު ވަނީ ވިދާޅުވެފަ އެވެ.
އޭގެ އިތުރުން މިއަދުގެ މުޒާހަރާ ރޫޅާލުމުގެ ތެރެއިން ފުލުހުން ވަނީ 11 މީހުން ހައްޔަރުކޮށްފަ އެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists