02 Feb 2019 | 12:06
ފެބްރުއަރީ 1 ގައި ގެންނަން އުޅުނު "ޖުޑިޝަރީގެ ބަޣާވާތަށް" މައުމޫން ތާއީދުކުރައްވަނީތޯ؟

2018 ވަނަ އަހަރު ރާއްޖޭގައި އޮތް ރައްޔިތުން އިންތިޚާބުކުރި ރައީސް އަބްދުﷲ ޔަމީންގެ ސަރުކާރު ބަދަލުކުރަން ޖުޑިޝަލް ކޫއެއް ގެންނަން އުޅުނުއުޅުމުގައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ބައިވެރިވެވަޑައިގަންނަވާކަން ދޭހަވާ މޭރުމަކުން އެމަނިކުފާނު ވާހަކަފުޅު ދައްކަވައިފިއެވެ.

ސޯޝަލް މީޑިއާގައި ރާއްޖޭގެ ރައްޔިތުންނަށް އާއްމުކޮށް ފެންނަގޮތަށް އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ 2018 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރަކީ ޚުދުމުޚުތާރު ސަރުކާރުގެ ބެކްބޯން ފުޑިގެންދިޔަ ތާރީޚީ އަމުރެއްކަމަށެވެ. 

މައުމޫން މި އިޝާރާތްކުރައްވަނީ އެމަނިކުފާނުގެ އެއްބަފާ ކޮއްކޯފުޅު އަބްދުﷲ ޔަމީންގެ ވެރިކަން ސުޕްރީމްކޯޓުގެތެރެއިން ބަދަލުކުރަން ނެރުނު އަމުރަށެވެ. މި އަމަރާއެކު ރައީސް އަބްދުﷲ ޔާމީން ވެރިކަމުން އަޒުލުކުރުމަށް ނުވަތަ އެމަނިކުފާނުގެ ކިބައިން ރައީސުލްޖުމްހޫރިއްޔާކަމުގެ ޝަރުތު އުނިވެފައިވާކަން ކަނޑައަޅަން ސުޕްރީމް ކޯޓުގެ ބެންޗުން އެތައް ދެފަހަރަކު އުޅެގެންވެސް ބެންޗުގެ އަޣްލަބިއްޔަތު ނުލިބެގެން އެބަޣާވާތް ނާކާމިޔާބުވެ އެބަޣާވާތުގައި ބައިވެރިވިކަމުގެ ތުހުމަތުގައި ހައްޔަރުކުރެވުނު މީހުންގެތެރޭގައި ރައީސް މައުމޫން ހިމެނިވަޑައިގަތެވެ.

ރައީސް މައުމޫންގެ ޓްވީޓްގައި އެދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ހައްޔަރުކޮށްފައިތިބި (ކުށްވެރިން) ހުރިހައި ސިޔާސީ ލީޑަރުން މިނިވަންކުރުމަށް ނެރުނު އަމުރަކީ ލޭންޑްމާކު ނުވަތަ ވަރަށް މަތީ ދަރަޖައަކަށް ފާހަގަކުރެވިގެންދާ އަމުރެއްކަމަށްވެސް ސިފަކުރައްވާފައިވެއެވެ. އެމަނިކުފާނުގެ ޓްވީޓުން ކޮއްކޯފުޅާމެދު އޮތް ރުޅިވެރިކަމާއި ނަފްރަތު ސާފުކޮށް ފާހަގަކުރެވެއެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ޖުޑިޝަރީގެ ތެރެއިން ރައްޔިތުން އިންތިޚާބުކުރި ސަރުކާރެއް ބަދަލުކޮށްލަން މި ހިންގި ބަޣާވާތަށްފަހު އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށް ތަހްގީގު ހިންގާފައިވެއެވެ.

މިބަޣާވާތް ގެނައުމަށް ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުންނަށް ރިޝްވަތު ދީފައިވާކަން ތަހްގީގަށް ފާހަގަކުރެވި އެންމެފަހުން އުއްތަމަ ފަނޑިޔާރުކަމުން އަބްދުﷲ ސައީދު ވަކިކޮށް އަދި އަލީހަމީދުވެސް ފަނޑިޔާރުކަމުން ވަކިކުރެވިފައިވެއެވެ. ސުޕްރީމް ކޯޓްގެ އަމުރުގައި ތިބި ހުރިހައި ކުށްވެރިން އަދީބު ފިޔަވައި އާސަރުކާރު އައުމާއެކު ވަނީ މިނިވަންކޮށްފައެވެ. 

ޖަލުގައި އެތިއްބެވީ ރައީސް މައުމޫން އިޝާރާތްކުރެއްވި ބެކްބޯން ބިންދައިލި ހިއްވަރުގަދަ އަމުރު ނެރުމުގައި އިސްކޮށް އުޅުއްވި ދެފަނޑިޔާރުންނެވެ. އަދި ރައީސް އިބްރާހިމް މުހައްމަދުސާލިހްގެ މިހިގަމުންދާ ވެރިކަމުގެތެރޭގައި ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުންވަނީ އެފަނޑިޔާރުންނާ ގުޅޭ ކަރޮޕްޝަންގެ މައްސަލައެއް ބަލައިދޭން އޭސީސީއަށް ފޮނުވާފައެވެ.

2018 ވަނަ އަހަރު ފެބްރުއަރީ 1 ވަނަ ދުވަހު ކުށްވެރިން ދޫކުރަން ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ދިވެހި ސަރުކާރުން އެންމެ ބޮޑަށް ވައްކަންކުރިކަމަށް ޝަރީއަތަށް ސާބިތުވެފައިވާ ކުރީގެ ނާއިބް ރައީސް އަހުމަދު އަދީބާއި ފަނޑިޔާރަކު ގަދަކަމުން ހައްޔަރުކުރުމުގެ ކުށުގައި ޓެރަރިޒަމްގެ ދައުވާ އުފުލި ކުށްސާބިތުވެފައިވާ ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ. އެފަހަރު އަމުރުނެރުމާއެކުވެސް މައުމޫން އެއަމުރަށް ތާރީފްކޮށް އަދި އަމުރުގައި ހިމެނުނު ހުރިހައި ކުށްވެރިންނަށް މަރުހަބާ ވިދާޅުވެ ސޯޝަލް މީޑިއާގައި ޓްވީޓްކުރައްވާފައިވެއެވެ.

އަމިއްލަ ކޮއްކޯފުޅުގެ ވެރިކަން ވަށްޓާލުމަށް ތާއީދުކުރައްވައި އަދި އިންތިޚާބުގައި ކޮއްކޯފުޅު ބަލިކުރައްވަން މައުމޫން އެމަނިކުފާނުގެ ސިޔާސީ އެންމެ ބޮޑު ދުޝްމަންގެ ފަސްބައިގައި ހިއްޕަވައިގެން ރައްޔިތުންގެ ކައިރިއަށްވަޑައިގެން މަސައްކަތްޕުޅު ކުރައްވައި އިންތިޚާބުވި އެމްޑީޕީގެ ވެރިކަމުގައި ކޯލިޝަންޕާޓީތަކާއެކު ހެދި އެއްބަސްވުން އެމްޑީޕީން މިއަދު ރޫޅައިލައިފިކަމަށް ރައީސް މައުމޫން އެބަ ތުހުމަތުކުރައްވައެވެ.

އެމަނިކުފާނުގެ މަސައްކަތްޕުޅުން ގެނައި އެމްޑީޕީގެ ސަރުކާރުން އިންޑިޔާއާއެކު ކުއްލި އަސްކަރީ ގުޅުމެއް އުފައްދައިފިކަން އިއުލާންކުރުމާއިގުޅިގެން ދިވެހި ރާއްޖެ އިންޑިޔާގެ އަސްކަރީ ހިމާޔަތުގެ ދަށަށް ގެންދިއުމަށް ރައީސް މައުމޫންވެސް ތާއީދުކުރައްވާކަމަށް ތުހުމަތުކުރެވެން އެބައޮތެވެ. އެއީ މިހާތަނަށް އިންޑީޔާއާއެކު ދިވެހިސަރުކާރުންވީ އަސްކަރީ އެއްބަސްވުމާގުޅޭގޮތުން އެމަނިކުފާނު ޚިޔާރުކުރައްވާފައިވަނީ ހަނުހުންނެވުން ކަމުގައިވާތީއެވެ. އަދިއެމަނިކުފާނު ހިމެނިވަޑައިގަންނަވާ ކޯލިޝަން ސަރުކާރުގެ ދުވަސްތަކުގައި އިސްލާމްދީނުގެ ހުކުމްތަކަށް ފާޅުގައި ދިވެހިންގެ ބަޔަކު ފުރައްސާރަކުރެވެމުންދާއިރު، އަދި ސަރުކާރަށް އެކަން ހުއްޓުވުމުގައި މާކަބޮޑުކަމެއް ނުކުރެވޭއިރުވެސް އެއްޗެކޭ ވިދާޅުނުވެ ހުންނެވީ ހަނުއެވެ.

އެމްޑީޕީގެ ފުރަތަމަ ސަރުކާރުން ރައީސް ނަޝީދަށް އެގިވަޑައިގެން މައުމޫންގެ މައްސަލަތައް ތަހްގީގުކުރަން ފުލުސް އޮފީހަށް ހާޒިރުކުރުމުންވެސް މައުމޫން ޚިޔާރުކުރެއްވީ ހަނުހުންނެވުމެވެ. އެއަށްފަހު ޖުޑިޝަލް ކޫގައި އެމަނިކުފާނުގެ މައްޗަށް ކުރެވުނު ތުހުމަތުތަކަށްވެސް ޚިޔާރުކުރެއްވީ ހަނު ހުންނެވުމެވެ. މިއަދު އިންޑިޔާގެ ހިމާޔަތުގެ ދަށަށް ދިވެހިރާއްޖެ މަޑުމަޑުން އެކަމަކު ހަމަކަށަވަރުން ގެންދާތަން ބައްލަވަންވެސް އެހުންނެވީވެސް ހަނުއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Jun 2026
ދަރިފުޅަށް ޖިންސީގޯނާ ކުރުމުގެ ތުހުމަތު ފުލުހަކަށް، ހައްޔަރު ކޮށްފި
އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 30 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.
10 Jun 2026
އަޒާންއާ އެއްކޮޅަށް އަމުރެއް، ދައުރުގެ ލިޔުން ނަގަން އަންގައިފި
އަދި އެ މައްސަލަ ހުށައެޅުއްވުމަށް ގާނޫނީ ހަރަދުގެ ގޮތުގައި ހޭދަވި 28،670 ރުފިޔާގެ އިތުރުން މައްސަލައިގެ ރެޖިސްޓްރޭޝަން ފީ ނަގައިދިނުމަށެވެ.
10 Jun 2026
ސޯބެ މެންބަރު ކަމުގެ ހުވާކުރެއްވުން އަންނަ ހޯމަ ދުވަހު
މަޖިލީހުގެ އިދާރާއިން ބުނީ ސޯބެ, މެންބަރު ކަމުގެ ހުވާކުރެއްވުން ހޯމަ ދުވަހުގެ ހެނދުނު 08:30 ގައި މަޖިލީސް ކުރާ ގޭގައި އޮންނާނެ ކަމަށެވެ.
10 Jun 2026
ވަރލްޑްކަޕާ ގުޅިގެން ރައީސްގެ ސޮއި ހިމެނޭ ހާއްސަ ފުޓްބޯޅަތަކެއް ދިވެހި ކުޅިވަރު ލެޖެންޑުންނަށް
ބޯޅަތަކުގައި ސޮކުރައްވަމުން ގެންދެވިއިރު، ވަޒީރު ރާފިއު ވަނީ ވަރލްޑް ކަޕް ކާމިޔާބުކުރައްވާނީ ކޮން ޓީމެއްތޯ ރައީސް އަރިހު ސުވާލުކުރައްވާފައެވެ. ޖަވާބުގައި ރައީސް ވަނީ، އެމަނިކްފާނު ސަޕޯޓްކުރައްވަނީ އެންމެ ކުޑައިރުންސުރެ އާޖެންޓީނާއަށްކަމަށް ވިދާޅުވެފައެވެ
10 Jun 2026
އެލްޖީއޭގެ ރައީސަކަށް މިނިސްޓަރު ޒަރީރު އައްޔަނުކުރައްވައިފި
އެލްޖީއޭ އިން މިއަދު ބުނީ ލޯކަލް ގަވާމަންޓް އޮތޯރިޓީގެ ރައީސްގެ މަގާމަށް މިނިސްޓާ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓާޕްރައިޒަސް ހަސަން ޒަރީރު, ރައީސުލް ޖުމުހްރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މިއަދު އައްޔަން ކުރައްވާފައިވާ ކަމަށެވެ.
10 Jun 2026
އިންނަމާދޫ ވޮލީ ދަނޑު މައްސަލާގައި އަންހެނުންނާއި ފިރިހެނުން މެދުގައި އަރާރުމެއް
ކައުންސިލުން ބުނީ ވަކި ގޮތަކަށް ދަނޑުގައި ކުޅުމުގެ އިންތިޒާމްތައް ހަމަޖައްސަންދެން މިއަދުން ފެށިގެން ވޮލީދަނޑު ވަގުތީގޮތުން ބަންދުކޮށްފައިވާކަމަށެވެ
10 Jun 2026
ހިޔާ ޓަވަރުން ކޮމާޝަލް ޔުނިޓު ކުއްޔަށް ދޫކުރަން ހުޅުވާލައިފި
ހުޅުމާލެ ފޭސް ދޭއްގައި ހުންނަ ހިޔާ ޓަވަރުތަކުގެ ތެރެއިން ދެ ޓަވަރެއްގެ ކޮމާޝަލް ޔުނިޓު ކުއްޔަށް ދޫކުރަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ހުޅުވާލައިފިއެވެ.
10 Jun 2026
ޔޫތު ހަބްގައި ވޯލްޑް ކަޕް ބަލަން ޚާއްޞަ 'ވޮޗް ޕާޓީ' އެއް ބާއްވަނީ
ފީފާ ވޯލްޑް ކަޕް 2026 ގެ ފޯރި ދިވެހި ޒުވާނުންނާ ހަމައަށް ފޯރުކޮށްދިނުމުގެ ގޮތުން، ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން ޚާއްޞަ 'ވޮޗް ޕާޓީ' ސީރީޒްއެއް ބޭއްވުމަށް ނިންމައިފިއެވެ.