ދީން
26 May 2023 | 13:12
ވާހަކަ: ފާފަ ކުރުމަށް ނަފްސް އިންތިހާއަށް އެދޭކަން ހާމަކުރި މީހަކަށް އިމާމް ދެއްވި ނަސޭހަތް

ސަލަފުއްޞާލިޙުންގެ ޒަމާނުގައި އިމާމް އިބްރާހީމް އަދްހަމް ނަމަކަށް ކިޔާ ޠަބީޢީ ބޭކަލެއް އުޅުއްވިއެވެ. އެކަލޭގެފާނަކީ ޒުހުދުވެރިކަމާއި، ވަރަޢަވެރި ކަމާއި، ތަޤުވާވެރިކަމުން މަޝްހޫރުވެވަޑައިގެންނެވި ބޭކަލެކެވެ. 

އެއްދުވަހަކު އެކަލޭގެފާނުގެ އަރިހަށް މީހަކު އައިސް ދެންނެވިއެވެ. 

"އަހަރެންގެ ނަފްސު ފާފަކުރުމަށް އެދި ގޮވަނީއެވެ. އެހެންކަމުން އަހަރެންނަށް ނަސޭހަތެއް ދެއްވާށެވެ."

އެމީހާ އެފަދައިން ވިދާޅުވުމުން އިމާމް އޭނާއަށް ވިދާޅުވީ 5 ކަމެއް ހާސިލް ކުރެއްވުމަށެވެ. އަދި އެ ފަސް ކަންތައް ހާސިލް ކުރެއްވުމަށްފަހު ބޭނުން ވަރަކަށް ފާފަކުރެއްވި ކަމުގައި ވިޔަސް މައްސަލައެއް ނެތް ކަމަށް އިމާމް ވިދާޅުވި އެވެ. 

އިމާމް އެފަދައިން ވިދާޅުވުމުން އެމީހާގެ މޫނަށް ހައިރާން ކަމާއި އުފާވެރިކަން ވެރިވެގެންދިޔައެވެ. އަދި އެއީ ކޮން ފަސް ކަމެއްތޯ ދެނެގަތުމުގެ ޝައުގު ހިތުގައި އުފެދިގެން ދިޔައެވެ. އެފަދައިން ނުވާންވީ ސަބަބެއްވެސް ނެތެވެ. އެ މީހާ އަކީ ފާފަކުރުމަށް ނަފްސު އިންތިހާއަށް އެދުނު މީހެކެވެ. އަދި އިމާމް އިބްރާހީމް އަދްހަމް ފަދަ ބޭކަލެއްގެ ދުލުން، ފަސް ކަމެއް ހާސިލް ކުރެއްވުމަށްފަހު ފާފަ ކުރިޔަސް މައްސަލައެއް ނެތް ކަމަށް ވިދާޅުވުމަކީ އޭނާގެ އެ އެދޭ އެދުން ފުއްދުމަށް މަގުފަހިވެގެންދާނެ ކަމެއް ކަމުގައި އޭނާއަށް ގަބޫލުކުރެވުނެވެ. 

އެހެންކަމުން، އެ ފަސް ކަމަކީ ކޮބައިތޯ ލަސްނުކޮށް އިމާމްގެ އަރިހުން ސުވާލު ކުރެއްވިއެވެ. 

"ތިބާ ފާފަކުރަން ބޭނުންވާނަމަ الله ސުބުޙާނަހޫވަތަޢާލާގެ ރިޒުގުން ނޫން އެހެން މީހެއްގެ ރިޒުގުން ކައިބޮއި އުޅޭށެވެ. އެއަށްފަހު ތިބާ ފާފަ ކުރާށެވެ." ޖަވާބުގައި އިމާމް ވިދާޅުވި އެވެ.

އިމާމް އެފަދައިން ވިދާޅުވުމުން، އެއީ ނުވާނެ ކަމެއް ކަމުގައި އެމީހާ އިމާމަށް ދެންނެވިއެވެ. އެހެނީ، ދުނިޔެއާއި ދުނިޔޭގައި ވާހާ ތަކެއްޗަކަށް ރިޒުގު ދެއްވަނީ الله އެވެ. ވީއިރު އެނޫން އެހެން އެއްވެސް ފަރާތެއްގެ ކިބައިން ރިޒުގު ހޯދާނެ ގޮތެއް ނޯންނާނެ ކަމަށް އޭނާ އިމާމަށް ދެންނެވިއެވެ. 

"ތިބާ الله ސުބުޙާނަހޫވަތަޢާލާގެ ރިޒުގުން ކަމުން އެކަލާނގެއަށް އުރެދޭކަށް ލަދެއް ނުގަނޭ ހެއްޔެވެ؟" އެމީހާގެ ވާހަކަ އާއި ގުޅިގެން އިމާމް ސުވާލު ކުރެއްވިއެވެ. 

އެއަށްފަހުގައި ދެވަނައަށް ކުރަންވީ ކޮންކަމެއްތޯ އޭނާ ސުވާލު ކުރެއްވިއެވެ. 

ޖަވާބުގައި އިމާމް ވިދާޅުވީ ފާފަކުރަން ބޭނުންވާ ނަމަ الله ސުބުޙާނަހޫވަތަޢާލާއަށް ބައްލަވާވޮޑިގެންނުވާނެ ތަނަކަށް ދިޔުމަށްފަހުގައި ފާފަކުރުމަށެވެ. ނަމަވެސް އެއީވެސް ނުކުރެވޭނެ ކަމެއް ކަމުގައި އެމީހާ އިމާމަށް ދެންނެވިއެވެ. އެހެނީ، އެކަލާނގެއީ އަހަރެެމެން ސިއްރުންނާއި ފާޅުގައި ކުރާ ކަންކަން ވެސް ދެނެވޮޑިގެންވާ އަދި ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ. 

"ތިބާ الله ސުބުޙާނަހޫވަތަޢާލާގެ ރިޒުގުން ކަމުން، އެކަލާނގެ ބައްލަވާވޮޑިގެންވާކަން އެނގޭ ހިނދުވެސް، އެކަލާނގެއަށް އުރެދޭކަށް ލަދެއް ނުގަނޭ ހެއްޔެވެ؟" އެމީހާގެ ވާހަކަ އާއި ގުޅިގެން އިމާމް ސުވާލު ކުރެއްވިއެވެ. 

އެއަށްފަހުގައި ތިންވަނައަށް ކުރަންވީ ކޮންކަމެއްތޯ އޭނާ ސުވާލު ކުރެއްވިއެވެ. 

ޖަވާބުގައި އިމާމް ވިދާޅުވީ ފާފަކުރަން ބޭނުންވާ ނަމަ الله ސުބުޙާނަހޫވަތަޢާލާގެ ބިން ދޫކޮށް އެހެން ބިމަކަށް ދިޔުމަށްފަހުގައި ފާފަކުރުމަށެވެ. ނަމަވެސް އެއީވެސް އެއްވެސް ހާލެއްގައި ނުކުރެވޭނެ ކަމެއް ކަމުގައި އެމީހާ އިމާމަށް ދެންނެވިއެވެ. އެހެނީ، އެކަލާނގެ ފިޔަވައި ދެން އެހެން އެއްވެސް ފަރާތެއްގެ ބިމެއް ނުވެއެވެ. މުޅި ކައުނާއި، މިދުނިޔެއާއި ދުނިޔޭގައި ވާހާ އެއްޗެއްގެ ވެރިރަސްކަލާނގެ އަކީވެސް اللهއެވެ. އެހެން އެއްވެސް މީހަކަށް އެތަކެތީގެ ހަގީގީ މިލްކިވެރިކަން ލިބިގެން ނުވެއެވެ. 

"ތިބާ الله ސުބުޙާނަހޫވަތަޢާލާގެ ރިޒުގުން ކަމުން، އެކަލާނގެ ބައްލަވާވޮޑިގެންވާކަން އެނގޭ ހިނދު، އަދި އެކަލާނގެ ބިމުގައި އުޅެމުން، އެކަލާނގެއަށް އުރެދޭކަށް ލަދެއް ނުގަނޭ ހެއްޔެވެ؟" އެމީހާގެ ވާހަކަ އާއި ގުޅިގެން އިމާމް ސުވާލު ކުރެއްވިއެވެ. 

އެއަށްފަހުގައި ހަތަރުވަނައަށް ކުރަންވީ ކޮންކަމެއްތޯ އޭނާ ސުވާލު ކުރެއްވިއެވެ. 

"ތިބާގެ އަރިހަށް މަލަކުލް މައުތުގެފާނު ވަޑައިގެންނެވުމުން އެކަލޭގެފާނު އަރިހުން ދަންނަވާށެވެ. މިވަގުތަކު ނުދެވޭނެއެވެ. އަދި ދިޔުމަށް އިންކާރު ކުރާށެވެ." ޖަވާބުގައި އިމާމް ދެންނެވިއެވެ. 

އިމާމް އެފަދައިން ވިދާޅުވުމުން އިންސާނާގެ މަރުގެ ވަގުތު ޖެހުމުން އެކަން ފަހެއް ނުކުރެވޭނެ ކަމަށާ އެ ވަގުތު ޖެހުމުން، ވަގުތުން މަރު ހިއްޕަވާނެ ކަަމަށް އެމީހާ ދެންނެވިއެވެ. ވީއިރު އެފަދައިން ބުނުމަކީ ނުވާނެ ކަމެއް ކަމުގައިވެސް އޭނާ ދެންނެވިއެވެ.  

"ތިބާ الله ސުބުޙާނަހޫވަތަޢާލާގެ ރިޒުގުން ކަމުން، އެކަލާނގެ ބައްލަވާވޮޑިގެންވާކަން އެނގޭ ހިނދު، އަދި އެކަލާނގެ ބިމުގައި އުޅެމުން، އަދި މަރުވުމުން އަމިއްލަ އަށް ދިފާއު ނުވެވޭއިރުގައިވެސް އެކަލާނގެއަށް އުރެދޭކަށް ލަދެއް ނުގަނޭ ހެއްޔެވެ؟" އެމީހާގެ ވާހަކަ އާއި ގުޅިގެން އިމާމް ސުވާލު ކުރެއްވިއެވެ.

އެއަށްފަހުގައި ފަސްވަނައަށް ކުރަންވީ ކޮންކަމެއްތޯ އޭނާ ސުވާލު ކުރެއްވިއެވެ. 

"ތިބާ الله އަށް އުރެދޭށެވެ. އެއަށްފަހު ތިބާ މަރުވުމަށްފަހުގައި އަޒާބުގެ މަލާއިކަތް ބޭކަލުން ވަޑައިގެންނެވުމުން، ނުދާނެ ކަމުގައި އެބޭކަލުންގެ އަރިހުގައި ދަންނަވާށެވެ." ޖަވާބުގައި އިމާމް ދެންނެވިއެވެ.

ނަމަވެސް އެއީވެސް ނުވާނެ ކަމެއް ކަމުގައި އޭނާ ދެންނެވިއެވެ. 

"ތިބާ الله ސުބުޙާނަހޫވަތަޢާލާގެ ރިޒުގުން ކަމުން، އެކަލާނގެ ބައްލަވާވޮޑިގެންވާކަން އެނގޭ ހިނދު، އަދި އެކަލާނގެ ބިމުގައި އުޅެމުން، މަރުވުމުން އަމިއްލަ އަށް ދިފާއު ނުވެވޭއިރު، އަދި ގިޔާމަތް ދުވަހު ތިބާ ނަރަކައަށް އެއްލާލެވޭއިރު އެކަމުންވެސް ދިފާއު ނުވެވޭއިރުގައި އެކަލާނގެއަށް އުރެދޭކަށް ލަދެއް ނުގަނޭ ހެއްޔެވެ؟" އެމީހާގެ ވާހަކަ އާއި ގުޅިގެން އިމާމް ސުވާލު ކުރެއްވިއެވެ.

ޖަވާބުގައި އެމީހާ ދެންނެވިއެވެ. 

"އޭ އިމާމުއެވެ. ފުދިއްޖެއެވެ. ފުދިއްޖެއެވެ." 

އެއަށްފަހުގައި އެމީހާ އަކީ ތަގުވާވެރި ޞާލިހު އަޅެއްގެ ގޮތުގައި މީ ކަމުގައި ބުނެވެއެވެ. 

(ނިމުނީ) 

**************

އަހަރެން އެންމެހާ އިންސާނުންނަކީވެސް ފާފަކުރުމަށް ނަފްސް އެދޭ ބައެކެވެ. އެހެންނަމަވެސް، އެފަދައިން އަހަރެމެންގެ ނަފްސް ގޮވާލާ ހިނދުގައި، މި ފަދައިން ހިތަށް އަރުވާލަންޖެހެއެވެ. 

"ތިބާ الله ސުބުޙާނަހޫވަތަޢާލާގެ ރިޒުގުން ކަމުން، އެކަލާނގެ ބައްލަވާވޮޑިގެންވާކަން އެނގޭ ހިނދު، އަދި އެކަލާނގެ ބިމުގައި އުޅެމުން، މަރުވުމުން އަމިއްލަ އަށް ދިފާއު ނުވެވޭއިރު، އަދި ގިޔާމަތް ދުވަހު ތިބާ ނަރަކައަށް އެއްލާލެވޭއިރު އެކަމުންވެސް ދިފާއު ނުވެވޭއިރުގައި އެކަލާނގެއަށް އުރެދޭކަށް ލަދެއް ނުގަނޭ ހެއްޔެވެ؟"

ކޮމެންޓް
ގުޅޭ ލިޔުންތައް
21 Sep 2026
ސްރީލަންކާގެ އެންމެ ނުރައްކާތެރި އެއް ގޭންގް ލީޑަރުގެ މުޅި މިލްކިއްޔާތު ދައުލަތަށް ނަގަނީ
ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ލޯކު ޕެޓީގެ ހިފަހައްޓާފައިވާ މުދަލުގެ ތެރޭގައި 15 ޕާޗުގެ ބިމަކާއި އެ ބިމުގައި އިމާރާތްކޮށްފައިވާ ގެއެއް ހިމެނެއެވެ
21 Sep 2026
މެންބަރުންގެ އަގުބޮޑު ހެލްތު އިންޝުއަރެންސް އުވާލުމަށް ގޮވާލާ ޕެޓިޝަނަށް 6،977 ސޮއި ލިބިއްޖެ
ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ގޮތުން 2015 އިން 2025 އަށް މެންބަރުންގެ ހެލްތު އިންޝުއަރެންސް "ޕްރީމިއަމަށް" 100 މިލިއަނެއްހާ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ
21 Sep 2026
ޝައިޚު އަޙުމަދު ބިން ރާޝިދު އަވަހާރަވުމާ ގުޅިގެން ރައީސް ޑރ.މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެ
ޝައިޚު އަޙުމަދު އަވަހާރަވުމާ ގުޅިގެން ދުބާއީ ސަރުކާރުން ވަނީ ހިތާމައިގެ މުއްދަތެއްގެ ގޮތުގައި 10 ދުވަސް ކަނޑައެޅުމަށް ނިންމާފައި
21 Sep 2026
އެމެރިކާއިން އިންޑިއާ އަށް ދަތުރުކުރި ފްލައިޓަކަށް އަރަން ވީލްޗެއަރ ކިއު އެއް
ދަތުރުފަތުރާ ގުޅޭ ކޮމެންޓޭޓަރެއް ކަމަށްވާ ޕްރިޔެޝް ޝަރުމާ ހިއްސާކުރި އެ ފޮޓޯއިން ފެންނަނީ ދޮށީ ޢުމުރުގެ ބައެއް މީހުންނާއި ޒުވާން ކަމަށް ފެންނަ ބައެއް ފަސިންޖަރުން ވީލްޗެއާގައި އެހީތެރިކަމަށް އެދި ތިބި މަންޒަރެވެ. މިކަމާ ގުޅިގެން ގިނަ ބަޔަކު ވަނީ އެ ޚިދުމަތަކީ ހަޤީޤީ ބޭނުމެއް ނެތި ފަސޭހައަކަށް ހޯދާ ޚިދުމަތެއްތޯ އަހައި ސޯޝަލް މީޑިއާގައި ސުވާލު އުފައްދާފައެވެ
21 Sep 2026
ގައްދޫ ކައުންސިލުން އަހަރެއްތެރޭ 1600 މީހަކަށް ލައިސަންސް: ބޮޑު ހިޔާނާތެއް, މައްސަލަ ބަލަނީ
ގދ.ގައްދޫ ކައުންސިލުން ދެމުންއައި، އެއްގަމު ލައިސަންސް، ކަނޑު ލައިސަންސްގެ ހުރިހާ ޚިދުމަތްތައް މެދު ކަނޑާލައިފި އެވެ.
21 Sep 2026
ތިންވަނަ ފިޔަވަހީގެ މަސައްކަތަށް ވެސްޓް ޕާކު ސަރަހައްދުން މަގު ބަންދުކުރަނީ
އެ ކުންފުނިން ޢާންމުކުރި އެންގުމުގައިވާ ގޮތުން މިރޭ 12:00 އިން ފެށިގެން ވެސްޓްޕާކް ސަރަހައްދުގެ އެއް ފަޅި ބަންދުކުރާނެއެވެ. ނަމަވެސް މަގުގެ އަނެއް ފަޅިން ޢާންމު ދަތުރުފަތުރަށް ބޭނުންކުރެވޭނެ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.
21 Sep 2026
ރަސްމާލެއަށް ގެންނަން ސަރުކާރުން ސޮއިކުރި ބިޔަ އިންވެސްޓްމަންޓަށް ރައީސް ނަޝީދު ތާއީދު
ރަސްމާލޭގައި ވޯތަރ ފްރަންޓް ޕްރޮޖެކްޓެއް އެބީދައިން ކުރިއަށްގެންދިއުމަށް ސަރުކާރުން ނިންމެވި ނިންމެވުމަކީ ރަނަގޅު ނިންމެވުމެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ
21 Sep 2026
ފުލުހުންނަށް ހަމަލާދީ މާރާމާރީ ހިންގި މައްސަލައިގައި ހައްޔަރުކުރި 6 މީހުންނަށް ދައުވާކުރަން ފޮނުވައިފި
ފުލުހުންގެ ގާނޫނީ ވާޖިބަށް ހުރަސްއަޅައި، ފުލުހުންނަށް ހަމަލާދީ މާރާމާރީ ހިންގި މައްސަލައަކާ ގުޅިގެން ހައްޔަރުކުރި ހަ މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް (ޕީޖީ) ފޮނުވައިފިއެވެ.