ޗައިނާ-ދިވެހިރާއްޖެ އޮޕްތޮމޮލޮޖީ ސެންޓަރުގެ ޑޮކްޓަރުން--
ހަބަރު
05 Jun 2023 | 16:59
ޗައިނާގެ ލޮލުގެ ޑޮކްޓަރުންގެ ޓީމްގެ ފަރާތުން ދިވެހި ރައްޔިތުންނަށް ޚާއްސަ މެސެޖެއް

ޗައިނާ-ދިވެހިރާއްޖެ އޮޕްތޮމޮލޮޖީ ސެންޓަރުގެ، ޗައިނާގެ ޑޮކްޓަރުންގެ ފަރާތުން ޚާއްސަ މެސެޖެއް ދިވެހި ރައްޔިތުންނަށް ދެއްވައިފި އެވެ. 

ޗައިނާގެ ޑޮކްޓަރުންގެ ފަރާތުން އާއްމު ކޮށްފައިވާ ސިޓީއެއްގައި ބުނީ، މިހިނގާ ޖޫން 6 ވަނަ ދުވަހަކީ "ސައިޓް ޑޭ" ނުވަތަ ފެނުމުގެ ދުވަހުގެ ގޮތުގައި އެގައުމުން ފާހަގަކުރަމުން އަންނަ ދުވަސް ކަމަށެވެ. އަދި މި ދުވަސް އެ ގައުމުގައި ފާހަގަކުރަމުންދާތާ 28 އަހަރު މި އަހަރަށް ވާއިރު، މި އަހަރުގެ މިދުވަހުގެ ޝިޢާރަކީ "ހުރިހާ އެންމެންގެ ލޮލުގެ ސިއްހަތަށް އިސްކަންދިނުން" ކަމަށް އެ ސިޓީގައި ބުނެފައިވެ އެވެ. 

މިއަހަރުގެ މި ދުވަހާއި ގުޅިގެން މައިގަނޑު ދެ ގްރޫޕަކަށް ޚާއްސަ ސަމާލުކަމެއްދިނުމަށް ވަނީ ނިންމާފައެވެ. އެތަނުން ފުރަތަަމަ ގުރޫޕުގައި ހިމެނެނީ ބޮޑެތިވަމުންއަންނަ ފުރާވަރުގެ ކުދިންނާއި، ކުޑަ ކުދިންނެވެ. ދެވަނަ ގުރޫޕަކީ އުމުރުން ދުވަސްވީ މީހުންނެވެ. އަދި މި އަހަރުގެ މައިގަނޑު އަމާޒަކަށް ކަނޑަޅާފައިވާ ބަލިތަކަކީ، މަޔޯޕިއާ އާއި އެނޫންވެސް ފެނުމުގެ އެކި އުނދަގޫތަކާއި، ކެޓެރެކްޓްސް އާއި ރެޓީނާއަށް ޖެހޭ ބަލިތަކެވެ. އޭގެ ތެރޭގައި, ޑައިބެޓިކް ރެޓީނޯ ޕަތީ އާއި މެކިއުލާ ބަލިތައް ހިމެނެއެވެ. 

ލޮލުގެ ޚާއްސަ މި ބަލިތަކަށް އަމާޒުކޮށް ފަރުވާ ކުރުމުގެ މައިގަނޑު މަޤްޞަދަކީ، ލޮލުގެ ފެނުން ރަނގަޅު ހަޔާތެއް ބިނާކޮށްދިނުމަށް މަސައްކަތް ކުރުން ކަމަށް ޑޮކްޓަރުންގެ ސިޓީގައި ބުނެފައި ވެއެވެ. 

ލޮލުގެ ބަލިތައް ހުންނަ ދިވެހިންގެ ކިބައިން ފެނިފައިވާ ބައެއް ކަންކަން 

ޗައިނާގެ ލޮލުގެ ޑޮކްޓަރުންގެ ޓީމް ހިމެނޭ، ޗައިނާ-ދިވެހިރާއްޖެ އޮޕްތޮމޮލޮޖީ ސެންޓަރު މިވަގުތު ޚިދުމަތް ދެމުން ގެންދަނީ ޑރ. އެންޑީ އަބްދުالله އަބްދުލް ހަކީމް އޮޕްތޮމޮލޮޖީ ސެންޓަރުގައެވެ. ޗައިނާ-ދިވެހިރާއްޖެ އޮޕްތޮމޮލޮޖީ ސެންޓަރުގައި ހިމެނޭ ޑޮކްޓަރުންނަކީ އެގައުމުގެ އެންމެ ނަން ހިނގާ "ޒޮންގޝަން އޮޕްތަލްމިކް ސެންޓަރ" އާއި، ސަން ޔަޓް-ސެން ޔުނިވާސިޓީގެ ބޭފުޅުންނެވެ. 

ޗައިނާގެ ޑޮކްޓަރުންގެ ޓީމުގެ ޑޮކްޓަރެއް ބަލިމީހަކަށް ފަރުވާ ކުރަނީ -- ފޮޓޯ/ ޓުވިޓާ

ޗައިނާ-ދިވެހިރާއްޖެ އޮޕްތޮމޮލޮޖީ ސެންޓަރަށް މިހާތަނަށް ދައްކާފައިވާ ބަލިމީހުންގެ ތެރެއިން، ކުޑަކުދިންނާއި، ބޮޑުވަމުންއަންނަ ކުދިންގެ އިތުރުން އުމުރުން ދުވަސްވީ މީހުން ލޮލުގެ ޚާއްސަ ފަރުވާއަށް ބޭނުންވެފައިވާކަން ފާހަކުރެވިފައިވާކަމަށް އެ ސެންޓަރުގެ ޑޮކްޓަރުންގެ ސިޓީގައި ބުނެފައިވެއެވެ. 

އެގޮތުން ދިވެހިރަާއްޖޭގެ ގިނަ ކުޑަކުދިންނާއި ބޮޑުވަމުން އަންނަ ކުދިންގެ ދިރިއުޅުމުގެ އާދަތައް ހުންނަ ގޮތުން، ވަރަށް ކިޔެވުމުގަޔާއި އެނޫންވެސް ކަންކަމުގައި ކޮންމެ ދުވަހަކު ވަރަށް ގިނައިން، އިލެކްޓްރޯނިކް ވަސީލަތްތައް ބޭނުން ކުރަމުންދާކަން ފާހަގަވެފައިވާ ކަމަށާ، އެއީ ރަނގަޅު އާދައެއް ނޫން ކަމަށް އެ ސިޓީގައި ބުނެފައިވެ އެވެ. އަދި އޭގެ ސަބަބުން މަޔޯޕިއާ ނުވަތަ ދުރު ނުފެންނަ ގިނަ ބަޔަކު ތަހައްމަލް ކުރަމުންދާ ކަމަށްވެސް ބުނެފައިވެއެވެ. 

އަދި ދުރު ނުފެންނަ ގިނަ ކުދިންނަށް ރަނގަޅު އެދެވޭ ފަރުވާއެއް ދެވިފައި ނުވާކަން ފާހަގަކުރެވޭ ކަމަށާ، އޭގެ ސަބަބުން އެކުދިންގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމަށްވެސް އަސަރުކޮށްފައިވާ ކަމަށް ބުނެފައިވެއެވެ. 

އެ ސިޓީގައި އިތުރަށް ބުނެފައިވަނީ، ދިވެހިރަާއްޖެ އޮންނަ ހިސާބުގެ އިރުގެ އަލްޓްރާ ވައިލެޓް ދޯދިތަކުގެ އަސަރު ވަރަށް ބޮޑަށް ކުރާ ކަމަށެވެ. އެކަމުގެ ސަބަބުންނާއި، ކެއުމުގައި ހަކުރު ގިނަ ވައްތަރުތައް ބޭނުންކުރަމުންދާތީ، ފެނުމުގެ އެކި ބަލިތަކަށް މަގުފަހިވެގެންދާކަމަށާ، އޭގެ ތެރޭގައި، ކެޓެރެކްޓްސް އާއި ޑައިބެޓިކް ރެޓީނޯ ޕަތީ ހިމެނޭ ކަން ފާހަގަކޮށްފައިވެއެވެ. އަދި އެފަދަ ބަލިތައް އާއްމުކޮށް ފެންނަނީ އުމުރުން ދުވަސްވީ މީހުންގެ ކިބައިންކަންވެސް ބުނެފައިވެއެވެ. 

ޗައިނާގެ ޑޮކްޓަރުންގެ ޓީމުން ބަލިމީހަކަށް ފަރުވާ ކުރަނީ -- ފޮޓޯ/ ޓުވިޓާ

މީގެ އިތުރުން، ލޮލުގެ ޗެކަޕް ގަވާއިދުން ހެދުމުގެ މުހިންމުކަން އުމުރުން ދުވަސްވީ ގިނަ މީހުންނަށް ނޭނގޭ ކަމަށާ، އޭގެ ސަބަބުން ލޮލަށް ބޭނުންވާ ފަރުވާ ނުލިބި، ފެނުމަށް ބޮޑު އަސަރެއް ކުރާ ކަމަށްވެސް ޑޮކްޓަރުން ވަނީ ފާހަގަކޮށްފައެވެ. 

ދުރު ނުފެންނަ މައްސަލައިން ސަލާމަތްވެ އެކަން ކޮންޓްރޯލް ކުރުމަށް ކުރެވޭނެ ކަންކަން 

1) އައުޓް ޑޯ ކުޅިވަރުތައް، ނުވަތަ ބޭރުގައި ކުޅެވޭ ކުޅިވަރުތަކާއި ހަރަކާތް ތަކުގައި ބައިވެރި ވުމަކީ ދުރު ނުފެނުމުގެ މައްސަލައިން ރައްކާތެރިވާ ކަމެއް ކަމަށް ދިރާސާތަކުން ދައްކައެވެ. އެހެންކަމުން ކުދިންނާއި އުމުރުން ދުވަސްވީ މީހުންވެސް ކޮންމެ ދުވަހަކު މަދުވެގެން 2 ގަޑި އިރު ގެއިން ބޭރުގައި އެފަދަ ކަމެއްގައި ވަގުތު ހޭދަކުރުން މުހިންމު. 

2) ރަނގަޅު އާދަތައް އަށަގެންނެވުމާއި، އިލެކްޓްރޯނިކް ވަސީލަތްތައް ބޭނުންކުރާ މިންވަރު މަދުކުރުން. ކިޔަވާ ވަގުތު ތަކުގައި ވެސް 20-20-20 އުސޫލާއި އެއްގޮތަށް ކިޔެވުން. އެއީ، 20 މިނެޓް ވަންދެން ކިޔެވުމަށްފަހު، ބްރޭކް އެއް ނަގައި އެމީހަކާއި 20 ފޫޓު ދުރުގައި ހުރި އެއްޗަކަށް 20 މިނެޓް ވަންދެން ބެލުމެވެ. 

3) ރަނގަޅު އަލީގައި ކިޔެވުން. ރަނގަޅަށް ދުވާލުގެ އަލި ނުލިބޭ ނަމަ، ކިޔަވާ ބޮކި ދިއްލުމަށްފަހު ކިޔެވުން. އަދި ރޭނގަޑު ނުވަތަ ހަވީރު ކިޔަވާ ނަމަ، މޭޒުމަތީގައި ހުންނަ ކިޔަވާ ބޮކީގެ އިތުރުން ކޮޓަރީގައި ހުންނަ ބޮކި ވެސް ދިއްލުން. 

4) ކުޑަކުދިންނާއި ބޮޑުވަމުން އަންނަ ހުރިހާ ކުދިންވެސް ލޮލުގެ ރަނގަޅު ކްލިނިކް އަކުން އަހަރަކު ދެފަހަރު ލޮލުގެ ޗެކްއަޕެއް ހެދުން. އަދި މައްސަލައެއް ފެންނަ ނަމަ، ފަރުވާކޮށް ޑޮކްޓަރ ގެ އިރުޝާދާއި އެއްގޮތަށް އަމަލު ކުރުން. 

5) ފެނުމުގެ ދަތިކަން އުޅޭ ނަމަ، ލޮލުގެ ރަނގަޅު ކްލިނިކް އެއް ނުވަތަ ހޮސްޕިޓަލަކަށް ދައްކައި، ލޮލުގެ ނަންބަރާއި އެއްގޮތަށް ނަންބަރު އައިނު އެޅުން. 

އުމުރާއި ގުޅިގެން ކުރިމަތިވާ ލޮލުގެ ބަލިތަކުން ރައްކާތެރިވުމަށް ކުރެވޭނެ ކަންކަން

1) ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް މަސައްކަތް ކުރުން. އެގޮތުން، ކޮންމެ ދުވަހަކުވެސް ކަސްރަތުކުރުމާއި، މިންހެޔޮ ނުވަތަ ބެލެންސްޑް ޑައިޓެއް ޚިޔާރު ކުރުމާއި، ހަކުރު ބޭނުންކުރާ މިންވަރު ހިފެހެއްޓިފައި ބެހެއްޓުމާއި، ކެލޮރީސް މަދު ކެއުމެއް ޚިޔާރު ކުރުން. 

2) އިރުގެ އަލްޓްރާ ވައިލެޓް ދޯދިތަކަށް ހުށަހެޅޭފަދަ ހަރަކާތްތަކުގައި މާ ގިނަ ވަގުތު ހޭދަ ނުކުރުން. އެފަދަ ހަރަކާތެއްގައި ބައިވެރިވާނަމަވެސް، އަލްޓްރާ ވައިލެޓް ދޯދިތަކުން ލޯ ސަލާމަތް ކޮށްދޭ ރަނގަޅު އަވި އައިނެއް ބޭނުންކުރުން. 

3) ގަވާއިދުން ހެލްތު ޗެކްއަޕް ހަދައި، ލޭގެ ޕްރެޝަރާއި، ސަރުބީގެ މިންވަރާއި ހަކުރު ހުންނަ މިންވަރު ކޮންޓްރޯލްކުރުން. އެފަދައިން ކަން ކުރުމުން ޑައިބެޓިކް ރެޓީނޯ ޕަތީން ރައްކާތެރިކޮށްދެއެވެ. ނުވަތަ އެ ބަލި ބޮޑުވާ މިންވަރު ލަސް ކޮށްދެއެވެ. 

4) ޑައިބެޓިކް ރެޓީނޯ ޕަތީން ރައްކާތެރިވެ އެކަމަށް އޮތް އެންމެ އެދެވޭ ފަރުވާ އަކީ، އަވަހަށް ބަލި ދެނެގަނެ، އެކަމަށް އަވަސް ފަރުވާ ހޯދުމެވެ. އެކަމަށްޓަކައި، ޓައިޕް 2 ޑައިބެޓްސް އަށް ހުރިކަން އެނގޭ ހިސާބުން، ލޮލުގެ ޗެކްއަޕެއް ވޭހާވެސް އަވަހަށް ހެދުން. 

5) ޑައިބެޓިކް ރެޓީނޯ ޕަތީގެ ފުރަތަމަ ސްޓޭޖްގައި ބޭހުން ފަރުވާ ކުރުން. އަދި މާ ބޮޑަށް ޖެހިފައިވާނަމަ، ލޭޒާ ފަރުވާ ފަދަ ފަރުވާ ހޯދުން. 

ޗައިނާ-ދިވެހިރާއްޖެ އޮޕްތޮމޮލޮޖީ ސެންޓަރުގެ ޑޮކްޓަރުން ބުނީ، އެ ސެންޓަރުން މަސައްކަތް ކުރަމުންދާނީ ލޮލުގެ ފަރުވާ ކުރުމަށް ބޭނުންކުރާ ޒަމާނީ ޓެކްނޮލޮޖީއާއި ވަސީލަތްތަކުގެ އެހީގައި އެކަމަށް ބޭނުންވާ މީހުންނަށް ފަރުވާ ކުރުމަށް ކަމަށެވެ.   

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.
03 Aug 2026
އަމީނީ މަގަކީ އެމްޑީޕީ ސަރުކާރުގެ ފެންވަރު: މުއްޠަލިބު
މާލޭގެ އަމީނީމަގަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެށި މަޝްރޫއު އެއް ކަމަށާ، އެ މަޝްރޫޢުން އެނގިގެންދަނީ އެ ސަރުކާރުގެ މަސައްކަތުގެ ފެންވަރު ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.
03 Aug 2026
އައްޑޫ ލިންކު ރޯޑު މަރާމާތު ކުރަން 400 މިލިއަން ޚަރަދުވާނެ: ޑރ. މުއްޠަލިބު
އައްޑޫ ލިންކު ރޯޑަކީ ކޮންމެހެންވެސް ހަދަންޖެހޭ ތަނެއް ކަމަށާ، އެ މަގު ރަނގަޅު ފެންވަރެއްގައި މަރާމާތު ކުރަން 400 މިލިއަނެއްހާ ރުފިޔާ ހޭދަވާނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.