މަޖިލީހުގެ މުސާރައާއި އިނާޔަތް ނަގާކަށް އުޒުވެރިއެއް ނުވޭ ، ރިޔާސަތަށް އަރަން އުޒުރުވެރިވޭ: ރޮޒެއިނާ
ރައްޔިތުންގެ މަޖިލީހުންދޭ މުސާރައާއި އިނާޔަތް ނެގުމަށް އުޒުރުވެރި ނުވާ ކަމަށާއި އެކަމަކު ރިޔާސަތަށް އެރުމަށް އުޒުރުވެރި ވާކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެެންބަރު ރޮޒެއިނާ އާދަމް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ފާޑު ވިދާޅުވެއްޖެއެވެ.
ރޮޒައިނާ މިއަދު ކުރެއްވެވި ޓްވީޓެއްގައި ވިދާޅުވީ "އިތުބާރެއް ނެތް ރައީސް އަކާއި ނައިބު ރައީސް އެއް މަޤާމުގައި ބަގުޑިބައްދައިގެން މަޖްލިސް "ހައިޖެކް" ކޮށްފިކަމަށެވެ.
"އިސްތިއުފާ އެއް ނުދެއްވާ، އެކަމަކު ރިޔާސަތަށް އަރަން އުޒުރުވެރިވޭ، މުސާރަ ނަގާކަަށް އިނާޔަތްތައް ބޭނުންކުރާކަށް އުޒުރުވެރިއެއްނުވޭ" ރޮޒެއިނާ ވިދާޅުވެފައިވެއެވެ.
ރޮޒެއިނާ ރައީސް ނަޝީދަށް މި ގޮތަށް ފާޑު ވިދާޅުވެފައި މިވަނީ މިއަދުގެ މަޖިލީހުގެ ޖަލްސާ ރިޔާސަތު ބަލައްޓަވާނެ ބޭފުޅަކު ނެތިގެން ހުއްޓާލައިފައިވާ ދަނޑިވަޅެއްގައެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވަނީ މަޖިލީހުގެ 54 މެމްބަރަކު ސޮއި ކުރައްވާ އެމަނިކުފާނުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށައަޅުއްވާފައިވާތީ މަޖިލީހުގެ ރިޔާސަތު ބެއްލެވުމަށް އުޒުރުވެރިވެލައްވާކަމަށް ވިދާޅުވެ މަޖިލީހަށް ސިޓީއެއް ފޮނުއްވައިފައެވެ.
މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އަށް މެމްބަރުން ވަޑައިގެންނެވި ނަމަވެސް މަޖިލީހުގެ ޖަލްސާ ވަނީ ކުރިއަށް ނުގެންގޮސް ހުއްޓައިލައިފައެވެ. ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނެ ބޭފުޅަކު ނުވެ މަޖިލިސް ހުއްޓައިލީއިރު މިއަދުގެ ޖަލްސާއަށް މަޖިލީހުގެ ނައިބު ރައީސް އީވާ ޢަބްދުاللهގެ އިތުބާރު ނެތް ކަމުގެ މައްސަލަ އޮތީ އެޖެންޑާ ކުރެވިފައެވެ.
އީވާގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހުގެ އިދާރާއަށް ހުށައަޅައިފައިވަނީ 50 މެމްބަރުންގެ ސޮޔާއި އެކުއެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists