ޖުމްހޫރީ ޕާޓީން އިތުރު 9 ދާއިރާއަކަށް ވާދަކުރަނީ

11 Feb 2019 | 06:58

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޖުމްހޫރީ ޕާޓީގެ ފަރާތުންއިތުރު ނުވަ ދާއިރާއަކަށް ވާދަކުރުމަށް ޓިކެޓް ދީފިއެވެ.

ކުނޫޒުގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި އިއުލާންކުރި 9 ދާއިރާއަކީ ތ.ކިނބިދޫ ދާއިރާ، ޅ.ނައިފަރު ދާއިރާ، ހއ.އިހަވަންދޫ ދާއިރާ، ށ.މިލަންދޫ ދާއިރާ، ހދ.ނޮޅިވަރަމް ދާއިރާ، ނ.ހޮޅުދޫ ދާއިރާ، ތ.ހިރިލަންދޫ ދާއިރާ، ގދ.މަޑަވެލި ދާއިރާ އަދި އައްޑޫ މީދޫ ދާއިރާއެވެ. މީގެ ކުރިން ޖުމުހުރީ ޕާޓީން ވަނީ 36 ދާއިރާއަކަށް ވާދަކުރުމަށް ޓިކެޓް ދީފައެވެ. އެއާކު ކުރިއަށް އޮތް މަޖީލީހުގެ އިންތިޚާބުގައި ޖުމުހޫރީ ޕާޓީގެ ފަރާތުން މުޅިއެކު 45 ދާއިރާއަކަށް ވާދަކުރާނެއެވެ.

މަޖިލީހަށް ވާދަކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން އިލެކްޝަންސް ކޮމިޝަނަށް ފޯމް ލާންޖެހޭ އެންމެ ފަހު ތާރީޚަކީ މިމަހުގެ އެކާވީސް ކަމުގައި ވާއިރު ޖޭޕީންވެސް އަންނަނީ އެޕާޓީގެ ފަރާތުން މަޖިލީހުގެ އިންތިޚާބުގައި ވާދަކުރަން ޓިކެޓ ދީފައިވާ ކެނޑިޑޭޓުންގެ ފޯމްތައް އިލެކްޝަނަށް ހުށަހެޅުމަށް ކުރަން ޖެހޭ މަސައްކަތް ތައް ކުރަމުންނެވެ.

އެގޮތުން އެޕާޓީން ބުނެފައިވަނީ އަންނަ ހަފްތާގެ ތެރޭގައި ކެނޑިޑޭޓުންގެ ފޯމްތައް އިލެކްޝަނަށް ހުށަހަޅާނެކަމަށެވެ.

އަންނަ އެޕްރީލް މަހުގެ ހަވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ މަޖިލީހުގެ އިންތިޚާބުގައި ގިނަ ޕާޓީތަކުން މެންބަރުން ވާދަކުރުމަށް ނިންމާފައިވާއިރު އެ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރުމަށްވެސް ގިނަ ބަޔަކު އަންނަނީ މަސައްކަތް ކުރަމުންނެވެ.

Advertisement

ކޮމެންޓް

Advertisement