ބަނގުރަލާއި އެކު މާލެއިން ދެމީހަކު ހައްޔަރުކޮށްފި
ބަނގުރަލާއި އެކު މާލެއިން ދެމީހަކު ހައްޔަރުކޮށްފިއެވެ.
އެދެމީހުން ހައްޔަރު ކޮށްފައިވަނީ ބަނގުރާ ގެންގުޅޭ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިގެން ހިންގި އޮޕަރޭޝަނެއްގައެވެ.
ފުލުހުން ބުނެފައިވަނީ ހުޅުމާލެއިން މާލެއަށް ކާރެއްގައި ބަނގުރާ އެތެރެކުރަން އުޅޭ ކަމުގެ މައުލޫމާތު ލިބި ހިންގި މި އޮޕަރޭޝަންގައި މާލެއަށް އެ ކާރު އައުމުން، ބުރިޖާ ހިސާބުން އެ ކާރު ހުއްޓުމަށް ތަކުރާރުކޮށް ފުލުހުން އެންގުމުންވެސް ކާރު މަޑުނުކޮށް ދިއުމުން ގަލޮޅު ޕޮލިހުގެ ފުލުހުން އެ ކާރު ފަހަތުން ގޮސް ކާރު ހުއްޓުވާފައިވާކަމަށެވެ.
އަދި ސީގަލް ކަންމަތިން ކާރު ހުއްޓުވައި ކާރުގައި ތިބި 21 އަހަރުގެ ދިވެހި ދެ ފިރިހެނުން ވަނީ ހައްޔަރުކޮށްފައި ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
އިތުރަށް ފުލުހުން ބުނެފައިވަނީ ކާރު މަޑުކުރަން ފުލުހުން އެންގުމުން މަޑުނުކޮށް ގޮސް، އެ މީހުން ގެންގުޅުނު ކޮތަޅެއް ފިލިގަސް މަގަށް ވަނީ އެއްލައިލާފައި ވާކަމަށެވެ. އަދި އެ ކޮތަޅު ބަލައިފާސްކުރި އިރު 24 ދަޅު ބަނގުރާ ފެނިފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
މިމައްސަލަ ފުލުހުންގެ ޑްރަގް އެންފޯސްމަންޓުން ގެންދަނީ ތަހުގީގު ކުރަމުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists