Advertisement

ފާތުންގެ "ތުއްތު އިސްލާމީ ވެށި" އިން ބެލެނިވެރިންނަށް ތަރުބަވީ އެތައް ފިލާވަޅުތަކެއް!

ފާތުންގެ ދެކުދިން--

އަލަށް މަންމަ އަކަށްވާ ކޮންމެ މީހަކަށްވެސް އެންމެ ބޮޑު ކަންބޮޑުވުމަކަށް ވާނީ  ލިބުނު ދަރިފުޅު އިސްލާމީ ރިވެތި އުސޫލު ތަކުގެ މަތީގައި ތަރުބިއްޔަތު ކުރެވޭނެ ގޮތެވެ. ބަވަނަ ވެފައިވާ މި ދުނިޔޭގައި، އިސްލާމް ދީނާއި ބީރަށްޓެހި، ހުޅަނގުގެ ތަފާތު ފިކުރުތަކާއި، ޕްރޮޕެގެންޑާތަކުގެ އަސަރު ރާއްޖެއަށް ވެސް ނުހަނު ބޮޑަށް ކޮށްފައިވާއިރު، އެފަދަ ކަންކަމަށް ހޭލުންތެރިވެ، އެފަދަ ފިކުރުތަކަށް ނޫނެކޭ ބުނެ، އިސްލާމްދީނުގެ މަތިވެރި އުސޫލުތައް ނަގަހައްޓާ ދަރިންތަކެއް ތަރުބިއްޔަތު ކުރުމުގެ އެދުމަކީ މުސްލިމު ކޮންމެ މަންމައެއްގެވެސް އެދުމެވެ.

އެ، އެދުން ޚުދު އަހަރެންގެ ހިތުގައިވެސް އަބަދު އޮވެއެވެ. އަލަށް މަންމަ އަކަށް ވީ ދުވަސްވަރަކީ، އެކަމާއި މެދު އޭގެ ކުރިން ފިކުރު ނުކުރާ މިންވަރަށް ފިކުރު ކުރެވެމުންދިޔަ ދުވަސްވަރެކެވެ. އެ ފަދަ ދަނޑިވަޅެއްގައި ފޭސްބުކުން ފެނުނު ޕޯސްޓެއް މިވަގުތުވެސް ހަނދާނުގައި އެބަ ހުއްޓެވެ. ދަރިފުޅު، "ބަސް ނާހާ" ނުވަތަ ރުޅިއައިސްގެން މައިންބަފައިން ދައްކާވާހަކަ އަޑު އަހަން ދެކޮޅު ހަދާ ނަމަ، ކުއްޖާއާއި މުޢާމަލާތް ކުރެވިދާނެ ގޮތްތައް އެ ޕޯސްޓުގައި ވަނީ ތަފްސީލް ކޮށްދީފައެވެ. ޕޯސްޓު އެއްކޮށް ކިޔާލުމަށްފަހު، އެފަދަ އެހެން މައުލޫމާތު ތައްވެސް ހޯދުމުގެ ޝައުގުވެރިކަން އުފެދިގެން ދިޔައެވެ. އެހެންކަމުން އެ ޕޭޖަށް ޒިޔާރަތް ކޮށްލީމެވެ.

ފާތުން އާއި ފާތުންގެ ދެކުދިން--

"ތުއްތު އިސްލާމީ ވެށި" ނަމުގައި ހިންގަމުންދާ އެ ޕޭޖުން އެފަދަ މުހިންމު އެތަކެއް މައުލޫމާތު ތަކާއި، ހިތުގައި އުފެދިފައިވާ އެތަކެއް ސުވާލުތަކުގެ ޖަވާބު ލިބެންފެށިއެވެ. ޕޭޖު މެދުވެރިކޮށް މަންމައަކު ގެނެސްދެމުންދިޔައީ އޭނާގެ ދެ އަންހެންދަރިންގެ ހިތުގައި އުފެދެމުންދިޔަ ސުވާލު ތަކާއި އެއަށް އޭނާ ދެމުންދިޔަ ޖަވާބުތަކެވެ. ދަރިން ދީނާއިމެދު ޝައުގުވެރި ކުރުމަށް އެ މަންމަ ކުރަމުންދިޔަ ބުރަ މަސައްކަތްތަކެވެ. ކުދިން ހިތްހަމަނުޖެހި ރުޅި އަންނަ ވަގުތުތަކުގައި އެ މަންމަ ކަން ކުރަމުންއައި ގޮތާއި، އެފަދައިން ކަން ކުރުމުން ނުކުންނަ ހެޔޮ ނަތީޖާގެ ވާހަކަތަކެވެ. އިސްލާމީ ތާރީޚް ގައި ހިނގާފައިވާ މުހިންމު ހާދިސާތަކުގެ ވާހަކައިން ޢިބްރަތް ހާސިލް ކޮށް، އަހަރެމެންގެ ހަގީގީ "ރޯލް މޮޑެލް" އިން ކަމުގައިވާ ލޮބުވެތި ރަސޫލާ ޞައްލައްالله ޢަލައިހި ވަސައްލަމް އާއި، އެކަލޭގެފާނުގެ އަނބިއަނބިކަނބަލުންނާއި، ދަރިދަރިކަނބަލުންގެ އިތުރުން، ޞަހާބީންނާއި، ޞަޙާބިއްޔާއިންނާައި މެދު ހިތުގައި ލޯބި އުފައްދައި، އެބޭކަލުންނާއި ކަނބަލުން އަހަރެމެންގެ ދަރިންގެ "ރޯލް މޮޑެލް" އިންނަށް ހެދުމަށް ކުރެވިދާނެ ކަންކަމުގެ ވާހަކައެވެ.

މި ނޫންވެސް މިފަދަ އެތައް މުހިންމު އެތައް ވާހަކަތަކާއި މައުލޫމާތު ތައް އެންމެހާ ބެލެނިވެރިންނާއި މައިންބަފައިންނަށް ގެނެސްދެމުންދިޔަ އެ މަންމަ އަކީ ދ. ކުޑަހުވަދޫއަށް އުފަން، ފާޠިމަތު އަހުމަދު (ފާތުން)އެވެ.

"ތުއްތު އިސްލާމި ވެށީ"ގެ ފެށުން

ތުއްތު އިސްލާމީ ވެށި ޕޭޖުގެ މޭސްތިރިޔާ، ފާތުންގެ ދެކުދިންވެސް އޭނާއަށް ލިބުނީ މަދީނާގައި ދިރިއުޅެމުންދިޔަ ދުވަސްވަރުގައެވެ. މަންމައަކަށް ވީއިރު، ދަރިން ތަރުބިއްޔަތު ކުރުމާއި ގުޅޭ މާ ގިނަ މައުލޫމާތު ތަކެއް ފާތުންއަށް ލިބިފައެއް ނެތެވެ. އެހެންކަމުން، އެފަދަ ފޮތްތައް ކިޔަން ފަށައި، އެ ފޮތްތަކާއި، ލިބެމުންދިޔަ ތަޖުރިބާ ތަކުގެ އަލީގައި ދަރިންނަށް ކިޔަވައި ދީ، ހެޔޮލަފާ ޞާލިހު ކުދިންގެ ގޮތުގައި ތަރުބިއްޔަތު ކުރުމުގެ މަސައްކަތް ކުރުމަށް އަތުކުރި އޮޅާލިއެވެ.

ތަރުބަވީ ހަޔާތުގެ މިދަތުރުގައި ފާތުންނަށްވެސް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ، ކުޑަކުދިންނާއި ގުޅޭ، ދީނީ ރަނގަޅު ފޮތްތައް ލިބެންނެތުމެވެ. ޝައުގުވެރިކަމާއެކު ކުދިންނަށް ކިޔަވައިދީ ،  ދީނީ ކަންކަން ބުނެދީ، ދީނަށް ލޯބި ޖެއްސުމަށް، ދީނީ ވާހަކަތަކަކީ ނުހަނު މުހިންމު އެއްޗެއް ކަން ޔަގީނެވެ. އެފަދަ ފޮތްތައް ލިބެން ނެތުމުން، ގޮތް ހުސްވެފައި ހުރުމުގެ ބަދަލުގައި،  ކުދިންނަށް އެފަދަ ވާހަކަތައް ކިޔައިދިނުމަށް، އަމިއްލަ އަތުން އޭ4 ސައިޒު ގަނޑުގައި ވާހަކަ ލިޔެ ވާހަކަ އާއި ގުޅޭ ކުރެހުންތައް ކުދިން ޝައުގުވެރިވާނެ ފަދަ ގޮތްތަކަށް ކުރެހިއެވެ. އެއަށްފަހު އެ ތައްޔާރުކުރި ވާހަކަ ފޮތް ތަކުން  ފާތުންގެ ކުދިންނަށް  އެ ވާހަކަތަށް ކިޔައިދޭން ފެށިއެވެ. އަދި އެވާހަކަތައް، ކުދިންގެ ހަޔާތާއި ގުޅުވައި، އެއިން ޢިބުރަތް ހާސިލްކުރުމަށް ބުނެދެމުންދިޔައެވެ.

ތުއްތު އިސްލާމީ ވެށި ޕޭޖުގެ ޕޯސްޓެއް

މިކަމުގެ ސަބަބުން ކުދިންގެ ހިތުގައި ދީނަށް ލޯބި ޖެހި، ޢިލްމު އުނގެނުމުގެ ޝައުވެރިކަން އުފެދެންފެށިއެވެ. އަދި އެ ވާހަކަތަކާއި، ފާތުންގެ ފަރާތުން އެ ކުދިންނަށް ލިބެމުންދިޔަ ފިލާވަޅުތަކުގެ އަސަރު ކުދިންގެ ހަޔާތުންވެސް ފެންނަން ފެށިއެވެ.

އެއާއިއެކު، ފާތުން ފަދަ، ދަރިން ހެޔޮ ގޮތުގައި ތަރުބިއްޔަތު ކުރުމުގެ ޝައުގުވެރިކަން ހުރި އެހެން ބެލެނިވެރިންނަށް، އެވާހަތައް ބުނެދީ، އޭގެ ފައިދާ އެ ބެލެނިވެރިންނަށާއި ދަރިންނަށްވެސް ކުރާނެ މަގު ތަނަވަސް ކޮށްދިނުމުގެ ޝައުގު ހިތުގައި އުފެދިގެން ދިޔައެވެ. އަދި އެކަމަށްޓަކައި އެންމެ ފަސޭހަ ގޮތަކީ މީސްމީޑިއާ ކަމަށް ވުމާއިއެކު، އެކަން ފަހިކޮށްދެއްވުން އެދި الله އަށް ދުޢާކޮށް، ވާންޖެހޭ ތައްޔާރީތައް ވެ، އަމިއްލަ ފޭސްބުކު ޕޭޖެއް  ހެދިއެވެ. 

ދަރިންނަށް ޝައުގުވެރިކޮށް ކިޔަވައި ދިނުމަށް ތުއްތު އިސްލާމީ ވެށި ގައި ދައްކާފައިވާ ނަމޫނާ ފިލާވަޅެއް--

" އަޅުގަނޑަށް ލިބިފައިވާ ޢިލްމެއް އެހެން ބަޔަކަށް ފޯރު ކޮށްދީ، ދުނިޔެއާއި އާޚިރަތުގައިވެސް ފައިދާ ކުރުވަނިވި އިންވެސްޓެއް ކުރަން ބޭނުންވީ. އެގޮތުން އިސްލާމީ ފޮތްތައް އަދި އިސްލާމީ ޕްރޮޑަކްޓްސް އަދި އިސްލާމީ ތަރުބިއްޔަތުގެ މަޢުލޫމާތުތައް ގިނަ ބަޔަކަށް ހިއްސާކޮށް، އަޅުގަނޑެކޭ އެއްފަދައިން ހިތްވަރު ބޭނުންވާ އެހެން މަންމައިންނަށް ވެސް އެހީވުމަށް. އެއީ ޚުދު އަޅުގަނޑުގެ އަމިއްލަ ނަފްސަށް ވެސް ކޮށްދޭ ހަނދާނެއްގެ ގޮތުގައި. ދަސްވެފައިވާ އެއްޗެއް އެހެން މީހުންނަށް ހިއްސާ ކުރުމަކީ ވަރަށް ގިނަ ފަހަރަށް އަމިއްލަ ނަފްސު ވެސް އެކަމަށް ހާނުވުމަށް ލިބިދޭ ހިތްވަރެއް. އެގޮތުން އިސްލާމީ ތަރުބިއްޔަތުގެ ޕޯސްޓްތަކާއި، އަދި އަޅުގަނޑުގެ ދެ ކުދިންނާއި އަދި ދިރިއުޅޭ މާހައުލުގައި ދިމާވާ ބައެއް ވާހަކަތައް އަޅުގަނޑު ހިއްސާ ކުރަން ފެށީ." ތުއްތު އިސްލާމީ ވެށި ޕޭޖު ހެދި މަގުސަދާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ފާތުން ވިދާޅުވި އެވެ.

ފާތުންގެ ދެ ކުދިން

މިފަދަ އެތަކެއް މަގުސަދުގައި 2018 ވަނައަހަރުގެ ފަހުކޮޅުގައި  "ތުއްތު އިސްލާމީ ވެށި" ނަމުގައި ހިންގަންފެށި އެ ޕޭޖު ގިނަ ބައެއްްގެ މެދުގައި މަގުބޫލުވެ، ގިނަބަޔަކަށް އެނގެން ފެށީ 2019 ވަނަ އަހަރުގެ ތެރޭގައެވެ.

"ޕޭޖްއަށް ނަން ދިނުމަށްމަށްޓަކައި ހިތަށް އެރި ދިރިއުޅެމުން ދާ މާޙައުލާއި ގުޅުވާލަން. އަޅުގަނޑުގެ ތުއްތު ދެ ކުދިން މަދީނާގާއި އުފަންވުމުން، އަދި އެ ބިމުގައި ބޮޑުވަމުން އަންނާތީވެ،  ހިތަށް އެރީ މިއީ އޭ އެންމެ ފުރިހަމަ އިސްލާމީ ވެށްޓަކީ އެ ދެ ކުދިންނަށް. އެގޮތުން ތުއްތު އިސްލާމީ ވެށި ނަން ދެވިގެން މިއައީ." ތުއްތު އިސްލާމީ ވެށި ޕޭޖަށް އެ  ނަން ދެވުނު ސަބަބު ހާމަކުރައްވައި، "ވޮއިސް" އަށް ދެއްވި ބަސްދީގަތުމެއްގައި ފާތުން ވިދާޅުވި އެވެ.

ތަރުބަވީ މައުލޫމާތު ތަކާއިއެކު ފެށި މަސައްކަތް ފުޅާވެ އެތައް ހާސް ބަޔަކަށް އެތަކެއް ފިލާވަޅު ތަކެއް!

ތުއްތު އިސްލާމީ ވެށި ޕޭޖު ހިންގަންފެށި އިރު، އިސްލާމީ ތަރުބިއްޔަތުގެ ޕޯސްޓްތަކާއި، ފާތުންގެ ދެ ކުދިންގެ ހަޔާތުގައި ދިމާވާ ބައެއް ކަންކަމާއި، އެނޫންވެސް، ދިރިއުޅޭ މާހައުލުގައި ދިމާވާ ބައެއް ވާހަކަތައް ޕޭޖު މެދުވެރިކޮށް ގެނެސްދެމުންދިޔަ ނަމަވެސް، އެ ޕޭޖު ފެށި އިރުވެސް ފާތުންގެ ހުވަފެނެއް އޮވެއެވެ. އެއީ ކުދިން ޝައުވެރިވާފަދަ ގޮތަކަށް،  އަމިއްލަ ދީނީ ފޮތްތަކެއް ނެރުމެވެ.

އެގޮތުން، ޕޭޖު ފުޅާވެ، ކުޑަ މުއްދަތެއްގެ ތެރޭގައި ގިނަ ބައެއްގެ މެދުގައި މަގުބޫލުކަން ލިބިގެންދިޔުމާއިއެކު އެ ހުވަފެން ހަގީގަތަކަށް ހެދުމުގެ މަސައްކަތް ފެށިއެވެ. އެ ކަމުގައި އެންމެ ބޮޑު އެއްބާރުލުމެއް ފާތުން އަށް ލިބިގެންދިޔައީ އޭނާގެ ފިރިމީހާ އައްޝައިޚް އަޙްމަދު އަޛްހާންގެ ފަރާތުންނެވެ.

ފޮތެއް ހެދުމަށްޓަކައި އަމިއްލައަށް ކުރެހުންތައް ކުރަހައި، ވާހަކަ ލިޔެ، ތުއްތު އިސްލާމީ ވެށީގެ ފުރަތަަމަ ވާހަކަ " އަޅުގަނޑު ނިދުމުގެ ކުރިން" ގެ ނަމުގައި ރާއްޖޭގެ ބާޒާރަށް ނެރުމަށްޓަކައި ފާތުން ކުރި އެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ބޮޑެތި ގޮންޖެހުންތަކާއި ފާޑުކިޔުންތައް ވެސް އަމާޒުވެގެން ދިޔައެވެ. ނަމަވެސް އެކަންކަމަށް ނުބަލައި، ފޮތް ބާޒާރަށް ނެރުމާއިއެކު ހީވެސް ނުކުރާހާ ތަރުހީބެއް ފޮތަށް ލިބިގެންދިޔައެވެ. އަދި ފޮތުގެ ސަބަބުންވެސް ޕޭޖު އިތުރަށް ފުޅާވެ ގިނަ ބަޔަކަށް އެނގިގެންދިޔައެވެ. އެއަށްފަހު "ޢަލީގެ ޗުއްޓީ އާއި ހުސްވަގުތު" ގެ ނަމުގައިވެސް ހުސްވަގުތު ހެޔޮ ގޮތުގައި ހޭދަކުރުމަށް ކުދިންނަށް ދަސްކޮށްދޭ ފޮތެއް ތުއްތު އިސްލާމީ ވެށިން  ނެރުނެވެ. އެއީވެސް ފާތުން އަމިއްލައަށް ކުރަހައި ލިޔެފައިވާ ފޮތެކެވެ.

ފާތުންގެ ދެފޮތް

އެ ދެފޮތްވެސް އެތަކެއް ބެލެނިވެރިން އެމީހުންގެ ދަރިންނަށް ކިޔައިދީ، އެއިން ގިނަ ފިލާވަޅުތަކެއް އެ ކުދިންނަށް ލިބިގެންގޮސްފައިވާކަން ފޮތާއި ގުޅިގެން ބެލެނިވެރިން ދީފައިވާ ފީޑްބެކްތަކުން އެނގިގެންދެއެވެ. އެ ފީޑްބެކްތަކުން ލިބުނު ހިތްވަރާއި، ފޮތާއި ގުޅިގެން ލިބެމުންދިޔަ ޚިޔާލުތަކަށް ބިނާކޮށް  މިއަހަރު ތެރޭގައިވެސް ތުއްތު އިސްލާމީ ވެށިން ވަނީ އައު ދެ ފޮތް ނެރެފައެވެ. "ޢާއިޝާ (ރއ) އާއި ތިން އޮށް ކަދުރު" އަދި "ނަބިއްޔާ ޞައްލައްالله ޢަލައިހި ވަސައްލަމް ގެ އޯގާތެރިކަން ދޫންޏަށް" ނަމުގައި މިފަހުން ނެރުނު މި ދެފޮތަކީ ރަސޫލާ ޞައްލައްالله ޢަލައިހި ވަސައްލަމް ގެ ޒަމާނުގައި ހިނގާފައިވާ އިބްރަތްތެރި ހަގީގީ ދެ ހާދިސާ އެއް ކުޑަކުދިންނާއި ގުޅޭ ގޮތަށް ކިޔައިދީފައިވާ ދެ ވާހަކައެވެ.

ފާތުން ލިޔެފައިވާ ދެ ފޮތް 

ފާތުންގެ އަމިއްލަ ފޮތްތަކުގެ އިތުރުން، ތުއްތު އިސްލާމީވެށިން އަންނަނީ، ދީނީ އިނގިރޭސި ވާހަކަ ފޮތްތައްވެސް ވިއްކަމުންނެވެ. އަދި މީގެ އިތުރުން، ތުއްތު ކުދިންނަށް ޢަރަބި އަކުރުތަކާއި ފިލިތައް ފަސޭހަކަމާއި އެކު ދަސްކޮށްދިނުމަށް، "އަލިފް ބޭބެ"ގެ ނަމުގައި ކެރެކްޓާރ އެއް ހަދައި، ވާހަކައިގެ ތެރެއިން ޢަރަބި ކިޔަން ފަރިތަކުރުމަށް މަންހަޖެއް ތައްޔާރު ކުރެވިފައިވާއިރު،  އަލިފު ބޭބެގެ އެ ވީޑިއޯ ތަކާއި އެކަމާއި ގުޅޭ ޕީޑީއެފް ވޯކްޝީޓްތައް ތުއްތު އިސްލާމީ ވެށިން ހެޔޮ އަގުގައި ގަންނަން ލިބެން ހުރެއެވެ.  އަދި އެފަދަ ވީޑިއޯ ތަކާއި ދީނީ އެހެނިހެން ވީޑިއޯ ތައް، ތުއްތު އިސްލާމީ ވެށީގެ ޔޫޓިއުބް ޗެނަލުން ހިލޭ ބަލާލެވެން ހުރެއެވެ.

ފާތުން ތައްޔާރު ކޮށްފައިވާ ޗާޓެއް

"ތަފާތު ޗާޓުތައް ވެސް ނެރެވިއްޖެ. އެގޮތުން ޖުޒްއު ޢައްމާ ހިތް ޗާޓު، ޖުޒްއު ޢައްމާ މާ ގަސް ޗާޓު، ފުރަތަމަ ޚަތިމު ޗާޓު، ދުވަހުގެ ތާވަލު ޗާޓު، ނަމާދު ޗާޓު، ރަމަޟާން ކަލަންޑަރު. ކަސްޓަމާރ ބޭނުންވާ ކުލައެއްގައި އަދި ބޭނުންވާ ނަމެއްގައި ކަސްޓަމައިޒް ކޮށް ޕީޑީއެފް ތައްޔާރު ކުރަން. ދެން އަޅުގަނޑުމެންގެ އެންމެ ބޮޑު ޕްރޮޖެކްޓަކީ ތުއްތު ކުދިންނަށް ޢަރަބި އަކުރުތަކާއި ފިލިތައް ފަސޭހަކަމާއި އެކު ދަސްކޮށްދިނުމަށް ތައްޔާރު ކުރެވުނު މަންހަޖު. އަލިފް ބޭބެގެ ކެރެކްޓާރ އެއް ހެދި، ވާހަކައިގެ ތެރެއިން ޢަރަބި ކިޔަން ފަރިތަކުރުމަށް ހެދުނު މި މަންހަޖަކީ އަޅުގަނޑުގެ ކުދިންނަށް ވެސް ޢަރަބި ކިޔަން ފަރިތަކުރުމަށް ފެށިގެން ދިޔަ ޕްރޮޖެކްޓެއް. އެގޮތުން ކުދިންގެ އަޑު އަޅައިގެން ކޮންމެ ފިއްޔަކަށް ވީޑިއޯސް ހެދިގެން ދިޔަ. އަދި މަސައްކަތު ޕީޑީއެފް ފައިލްއެއް ވެސް ހެދިގެން ދިޔަ. މި ޕްރޮޤްރާމްގެ ބައެއް ވީޑިއޯސްތައް މިހާރު ޕޭޖްއިން ގަންނަން ވެސް ލިބެން ހުންނާނެ. އިސްލާމީ ތަރުބިއްޔަތާއި ގުޅޭ ބައެއް ޕްރޮގްރާމްތައް ވެސް އޮންލައިން ކޮށް ކުރިއަށް ގެންދެވުނު." ތުއްތު އިސްލާމީ ވެށިން މިހާތަނަށް ކުރެވިފައިވާ ބައެއް މަސައްކަތް ތަކާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ފާތުން ވިދާޅުވި އެވެ.

ކުރިމަތިވި ގޮންޖެހުންތަކާއި ލިބުނު ކުރިއެރުން

ކުރާ ކޮންމެ ކަމެއްގައިވެސް ކާމިޔާބީ އާއި ހަމައަށް ވާސިލް ވުމުގައި ކޮންމެ މީހަކަށް ވެސް ގިނަ ގޮންޖެހުން ތަކާއި ކުރިމަތިލާން ޖެހެއެވެ. އެކަމުގައި ފާތުންވެސް އިސްތިސްނާއެއް ނުވެއެވެ. ތުއްތު އިސްލާމީ ވެށި ޕޭޖާއި އެކު ފާތުން ކުރަން ފެށި މަސައްކަތަކީ ބުރަ، އަދި ގިނަ ވަގުތު ނަގާ ކަމެކެވެ. އެ މަސައްކަތްތައް އެންމެ ފުރިހަމައަށް ކުރުމަށް ގިނަ ތަކެއްޗާއި ތަޖުރިބާކާރުން ވެސް ބޭނުންވެއެވެ. އެތަކެއްޗާއި، މަސައްކަތް ކުރަން އެކަށީގެންވާ ވަރަށް ވަގުތު ނުލިބުން ވެގެން ދިޔައީ ފާތުންއަށް ކުރިމަތިވި ބޮޑު ގޮންޖެހުމަކަށެވެ.

ނަމަވެސް އެ ހުރިހާ ގޮންޖެހުން ތަކާއިވެސް ފާތުން ކުރިމަތިލީ ވަރަށް ހިތްވަރާއިއެކު ކެރިގެންނެވެ.

ދަރިންނަށް ޝައުގުވެރިކޮށް ކިޔަވައި ދިނުމަށް ތުއްތު އިސްލާމީ ވެށި ގައި ދައްކާފައިވާ ނަމޫނާ ފިލާވަޅެއް--

ނަތީޖާއެއްގެ ގޮތުން ތުއްތު އިސްލާމީ ވެށި ވެގެން ގޮސްފައިމިވަނީ ރާއްޖޭގެ ހުރިހާ ބެލެނިވެރިންހެން ދަންނަ ޕޭޖަކަށެވެ. މިހާރު ތުއްތު އިސްލާމީ ވެއްޓަކީ ރެޖިސްޓާރ ކޮށްގެން ހިންގާ ވިޔަފާރި އަކަށް ވެއްޖެ އެވެ. ފޭސްބުކް ޕޭޖްގައި 28 ހާހަށްވުރެ ގިނަ ފޮލޯވާރުން ތިބިއިރު، އިސްޓަގްރާމް ޕޭޖުގައި، 2800 އަށް ވުރެ ގިނަ ފޮލޯވާރުން އަދި ޔޫޓިއުބް ޗެނަލްއަށް ވެސް 7000+ ވުރެ ގިނަ ސަބްސްކުރައިބާސް ވަނީ ލިބިފައެވެ. އަދި މީގެ އިތުރުން ތުއްތު އިސްލާމީ ވެށީގެ ވައިބާ ޗެނަލްގައި 3000 އަށްވުރެ ގިނަ މީހުން ތިބި އިރު، ޓެލެގްރާމް ޗެނަލްގައި ތިބި މީހުންގެ އަދަދު 700 އަށްވުރެ މައްޗެވެ.

ފާތުންގެ އުއްމީދަކީ ކުރިއަށް އޮތް ތަނުގައި އިސްލާމީ ކޮންޓެންޓް ހަދާ ގިނަ ގްރެފިކް ޑިޒައިނަރުން ހަޔަރ ކޮށްގެން މިހާރަށް ވުރެވެސް ކޮލިޓީ ރަނގަޅު ކުޑަކުދިންގެ އިސްލާމީ ވީޑިއޯތަކާއި އަދި އިސްލާމީ ގިނަ ފޮތްތަކެއް ޕަބްލިޝް ކުރުމެވެ. އަދި މީގެ އިތުރުން ދިވެހި އިސްލާމީ ގޭމުތަކާއި އަދި ކުޅޭ އެއްޗެހި ވެސް ތައްޔާރު ކޮށް މާކެޓަށް ނެރުމެވެ. އޭގެ އިތުރުން ތުއްތު އިސްލާމީ ވެށީގެ ޚާއްޞަ އެޕެއް ތަޢާރަފް ކުރުމަކީވެސް ފާތުން ދެކޭ ހުވަފެނެކެވެ.

ތުއްތު އިސްލާމީ ވެށީގެ ކާމިޔާބީއަށް، ފާތުންގެ ހާސް ޝުކުރު ޢާއިލާ އާއި އެހީތެރިންނަށް

ދިރިއުޅުމުގައި ލިބޭ ކުރިއެރުން ތަކާއި ކާމިޔާބީ ތަކާއި އިމްތިހާން ތަކުގައިވެސް، އަހަރެމެން ހެއްދެވި ފަރާތަށް ޝުކުރުއަދާ ކުރަންޖެހެއެވެ. ފާތުންގެ ހަޔާތުގައިވެސް ލިބެމުން ދާ ކާމިޔާބީ ތަކާއި، ކުރިމަތިވާ ގޮންޖެހުންތައް ކުރިމަތިވަނީ މާތް الله ގެ ރަހުމަތް ކަމުގައި އޭނާ ދެކެއެވެ. ހުރިހާ ހާލެއްގައި ވެސް އޭނާގެ ޚާއްސަ ޝުކުރު އޮތީ ހެއްދެވި ފަރާތަށެވެ. އެއަށްފަހު،  ޕޭޖުގެ ކަންކަމުގައި އެއްބާރުލުންދީ، އަދި ޕޭޖްގެ ހުރިހައި ކަމެއްގައި އެހީތެރިކަން ދެމުންދާ ފާތުންގެ ފިރިމީހާ އައްޝައިޚް އަޙްމަދު އަޛްހާން އަށްވެސް ވަކިން ޚާއްސަ ކޮށް ފާތުން ޝުކުރު އަދާކުރެއެވެ. މި ޝުކުރުގެ ލިސްޓުގެ ތެރެއިން ޚާއްސަ ޖާގައެއްް ފާތުންގެ  ލޯބިވާ ދެ ކުދިން ނުސައިބާ އަދި އައިޝްކޮ އަށްވެސް އޭނާ ދެއެވެ.

"މީގެ އިތުރުން އަޅުގަނޑުމެންގެ ދެ ފަރާތުގެ މަންމަ އާއި ބައްޕަ (ޝާހިދާ އިބްރާހިމް - އަޙްމަދު ރަޝީދު-ދ. ކުޑަހުވަދޫ)  (ޒުބޭދާ ޢަލީ - އާދަމް ޙަލީމް-ދ. މީދޫ) އަށް ޝުކުރު އަދާކުރަމެވެ. ދޮންބެ އަދި ދޮންތަ އަދި ދެ ފަރާތުގެ މުޅި ޢާއިލާ އަދި ރަޙުމަތްތެރިންނަށް ވެސް ޝުކުރު އަދާކުރަން. އަޅުގަނޑުމެންގެ މަދީނާގެ ކިޔެވުމުގެ ޙަޔާތުގައި އަޅުގަނޑުމެންނަށް އެހީތެރިކަން ފޯރުކޮށްދެއްވި ހުރިހައި ފަރާތްތަކަށް ވެސް މިއަދު ޝުކުރު އަދާކުރަން ބޭނުންވޭ. ޚާއްޞަކޮށް ދ. މީދޫ އަލަމާ އިބްރާހިމްބެ އަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަމެވެ. އަދި ހަމައެހެންމެ ދ. ކުޑަހުވަދޫ ދޭލިޔާގެ ޢާއިލާ އަދި ދ. ކުޑަހުވަދޫ ގުލްފާމްގެ ޢާއިލާ އަދި ދ. ކުޑަހުވަދޫ އަލިވާގެ އާމިނަތު ޔޫސުފް  އަށް ވެސް ވަރަށް ބޮޑަށް ޝުކުރު އަދާކުރަމެވެ. އަދި އެކި ގޮތްގޮތުން އަޅުގަނޑުމެންގެ ކިޔެވުމުގަޔާއި އަދި މި މަސައްކަތުގައި އެހީތެރިކަން ދެއްވި އެންމެހައި ފަރާތްތަކަށް ވެސް ވަރަށް ބޮޑަށް ޝުކުރު އަދާކުރަމެވެ."

ތަޢުލީމް އުނގެނި، އުނގަންނައި ދިނުމަކީ ބުރަ އަދި ބޮޑު މަސައްކަތެކެވެ. އެކަން ކުރެވޭނީ ގަދަ ހިތްވަރާއި އަޒުމް، އެމީހެއްގެ ކިބައިގައި ހުރެގެންނެވެ. ފާތުންނަކީ އެފަދަ މަންމައެކެވެ. ދަރިންނަށް ޢިލްމު އުގަންނައި ދިނުމަށް ފެށި މި ދަތުރުގައި އޭނާ ވަނީ އެތަކެއް ބައެއްގެ ދަރިންނަށް އުގަންނައިދީ ބެލެނިވެރިންނަށްވެސް އަގުހުރި ފިލާވަޅުތަކެއް ކިޔައިދީފައެވެ. އަދި މިހާރުވެސް އޭނާގެ އެ މަސައްކަތް އަންނަނީ އިހުނަށްވުރެ ފުޅާކޮށް ކުރިއަށް ގެންދަމުންނެވެ. އިލްމު އުނގަންނައިދިނުމުގެ މި މަތިވެރި މަސައްކަތް ފާތުން ކުރަމުން އަންނަނީ ވަރުބަލިކަމެއްނެތި ވަރަށްވެސް ކުރާހިތުންނެވެ. އެހެނީ، އޭނާގެ މަސައްކަތުން ދީނީ އިލްމު އެ އުނގެނޭ ކުދިން، އެ ޢިލްމު އުނގެނިގެން ދީނަށްޓަކައި ކުރާ ކޮންމެ ޚިދުމަތެއްގެ އަޖުރު، އެކުދިންގެ އިތުރުން، މާތް الله ގެ އިރާދަފުޅާއެކު އޭނާއަށް ވެސް ލިބިގެންދާނެ ތީއެވެ.

ފާތުންގެ ހަޔާތުގެ މި ދަތުރުން އަހަރެމެން އެންމެނަށް ވެސް އެނގިގެން ދަނީ، ކޮންމެ ކަމެއްވެސް ކުރާއިރު، މާތް الله ދަރުމަ އާއި ޘަވާބަށް އެދި އިޚްލާޞްތެރި ކަމާއި އެކު ކުރާނަމަ ކާމިޔާބީ އަކީ އެމީހެއްގެ އެއްޗެއް ކަމެވެ.

Advertisement

ކޮމެންޓް

Advertisement