ފ އަތޮޅު ވޮލީބޯޅައިގައި ފީއަލީން ކުރަމުން އައި ތާރީޚީ ރަސްކަން ނިމުމަކަށް!
މެދުރާއްޖެ ސަރަހައްދުގެ ވޮލީބޯޅައިގައި ފީއައްޔަކީ އެންމެ ނަން ވިދާނެ އެއްރަށެވެ. އެ ސަރަހައްދުގެ ނިސްބަތުން ވޮލީގެ ހުނަރުވެރި ކުޅުންތެރިން އެއް ފަސްގަނޑެއްގައި އެންމެ ގިނަ އެއްރަށްވެސް މެއެވެ. ވަކިން ޚާއްސަކޮށް ފ އަތޮޅު ވޮލީ ބޯޅައިގެ ރަސްކަމުގެ ތަޚުތުގައި ޒަމާނުއްސުރެ ރަސްކަންވެސް އަދި ރަނިކަންވެސް ކުރަމުން އައީ ފީއަލީގެ އަންހެން އަދި ފިރިހެން ވޮލީޓީމުތަކެވެ. އެހެން ނަމަވެސް އެއީ އިއްޔެއާއި ރޭ ކުޅެވުނު ފ އަތޮޅު ކައުންސިލް ވޮލީބޯޅަ މުބާރާތުގެ ފައިނަލާއި ހަމައަށެވެ. އަތޮޅުވޮލީ މުބާރާތުގެ ފިރިހެން ޑިވިޜަން ގެ ޗެމްޕިއަންކަން ނިލަންދޫއިން، އަދި އަންހެން ޑިވިޜަން ގެ ޗެމްޕިއަންކަން މަގޫދޫއިން ހޯދުމާއެކު ފ އަތޮޅު ވޮލީގައި ފީއަލީން ކުރަމުން އައި ރަސްކަން ނިމުމަކަށް އައީއެވެ.
މުބާރާތުގެ ފައިނަލް މެޗުގެ ތެރެއިން ފީއަލި ޓީމުގެ ކުޅުންތެރިއަކު ބޯޅައެއް ޖައްސަނީ: ފޮޓޯ / ދަ ނިއުސް
މި ހިނގާ އޮގަސްޓު މަހުގެ 10ން 16 ވަނަ ދުވަހުގެ ނިޔަލަށް އަތޮޅު ވެރިކަން ކުރާ ރަށް ނިލަންދޫގައި ކުރިއަށްދިޔަ މި މުބާރާތުގައި އެ އަތޮޅުގެ 5 ރަށުގެ ތެރެއިން 4 ރަށް ބައިވެރިވިއެވެ. ތަފާތު އެކި ސަބަބުތަކާއި ހުރެ އެންމެ ފަހު ވަގުތު އެ އަތޮޅު ބިލެއްދޫއަށް މުބާރާތުގައި ބައިވެރިވެވޭ ގޮތް ނުވީއެވެ.
މުބާރާތް ހިންގުމަށް ފ އަތޮޅު ކައުންސިލުން އެކުލަވާލި ގަވާއިދުގައި ބުނާގޮތުން މި މުބާރާތުގައި ބައިވެރިކުރެވޭނީ ކޮންމެ ރަށު ކައުންސިލަކުން އަންހެން އަދި ފިރިހެން އެއް ޓިމެވެ. އެޓީމު ތަކަށް ކުޅެވޭނީ އެ ރަށެއްގެ ރަށްވެހިކަމުގެ ދަފްތަރުގައި ހިމެނޭ ކުޅުންތެރިންގެ އިތުރުން ރަށުން ބޭރު ދެ ކުޅުންތެރިންނަށެވެ. ރަށުން ބޭރުން ކުޅޭ ކުޅުންތެރިންގެ ތެރެއިން އެއް ކުޅުންތެރިއަކަށް ރާއްޖެއިން ބޭރު ކުޅުންތެރިއެއްވެސް ހިމެނި ދާނެއެވެ. އެހެންނަމަވެސް ރަށުން ބޭރުން ކުޅޭ ދެ ކުޅުންތެރިންވެސް ވާންޖެހޭނީ ފ އަތޮޅުން ބޭރުގެ ދެ ކުޅުންތެރިންނަށެވެ. މުބާރާތުގައި ބައިވެރިވާ އެއްވެސް ރަށެއްގެ ކުޅުންތެރިއަކަށް އެ އަތޮޅު އެހެން ޓީމަކަށް ނުކުޅެވޭނެއެވެ.
މުބާރާތުގެ ފައިނަލް މެޗުގެ ތެރެއިން ފީއަލި ޓީމުގެ ކުޅުންތެރިއަކު ބޯޅައެއް ޖައްސަނީ: ފޮޓޯ / ދަ ނިއުސް
ކޮންމެ ޓީމެއްވެސް ކޮންމެ ޓީމަކާ ވާދަކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމަކަށް ފައިނަލްގެ ޖާގަ ލިބޭ ގޮތަށް ރޭވިފައިވާ މި މުބާރާތުގެ ދެ ޑިިވިޜަންގެވެސް ފައިނަލަށް ފީއަލި ޓީމުތައް ދަތުރުކުރިއެވެ. ކުޅުނު ހުރިހާ މެޗަކުން މޮޅުވެ އެރަށު އަންހެން ވޮލީ ޓީމު ފައިނަލަށް ދަތުރުކުރި އިރު ދެވަނަ ޓީމެއްގެ ގޮތުގައި މަގޫދޫ ކައުންސިލްގެ އަންހެން ޓީމު ފައިނަލަށް ދަތުރު ކުރީ ލީގް ބުރުގައި ހަމައެކަނި ފީއަލީ ޓީމުއެކު ކުޅެ ބަލިވެގެންނެވެ.
ފިރިހެން ޑިވިޜަންގެ އެއްވަނަ ޓީމެއްގެ ގޮތުގައި ފައިނަލްގެ ޖާގަ ހޯދީ ނިލަންދޫ ވޮލީ ޓީމެވެ. ލީގު ބުރުގެ ދެވަނަ ލިބުނު ފީއަލި ޓީމުން ވަނީ ނިލަންދޫއާއެކު ކުޅެ 3 - 1 ން ލީގު ބުރުގެ މެޗުގައި ބަލިވެފައެވެ.
މުބާރާތުގެ ފިރިހެން ފައިނަލްގައި ވާދަކޮށް ފީއަލި ޓީމުގެ މައްޗަށް ނިލަންދޫ ޓީމުން ކުރި ހޯދީ ސީދާ ތިން ސެޓުންނެވެ. ޖުމްލަ ގޮތެއްގައި މުޅި މެޗުގެ ކޮންޓްރޯލް ނަގައިގެން ނިލަންދޫ ޓީމުން މި މެޗު ކުޅެފައިވަނީ ޖުމުލަކޮށް ފަސޭހަކޮށެވެ. ވުމާއެކު 20-25 , 22-25 އަދި 21-25 ގެ ނަތީޖާއަކުން މި މެޗު ކާމިޔާބުކޮށް ފ އަތޮޅު ފިރިހެން ވޮލީގެ ތާރީޚުގައި ފީއަލި ދިފާއުކުރަމުން އައި ހަރުފަތަށް ނިލަންދޫ ޓީމު އަރައި ހަމަޖެހިލީއެވެ.
މުބާރާތުގެ ފިރިހެން ޑިވިޜަންގެ ޑްރީމް ޓީމް : ފޮޓޯ / ދަ ނިއުސް
ރޭގެ އަންހެން ފައިނަލުގައި ފީއަލި ޓީމާއި މަގޫދޫ ޓީމު ބައްދަލުކުރި މެޗް ފަށައިގެން ހަމަހަމަ ވާދަވެރި ކުޅުމެއް ކުޅެމުން އައިސް ސެޓުގެ ސްކޯރ 30ން ވެސް މައްޗަށް ދިޔައެވެ. އެހެންނަމަވެސް ފަހު ވަގުތު ފީއަލި ޓީމަށް ހެދުނު ގޯސްތަކުގެ ފައިދާ ނަގައި 32 - 34ން މި ސެޓް ކާމިޔާބުކޮށްފައިވަނީ މަގޫދޫ ވޮލީ ޓީމެވެ. ޖެހިގެން އައި ދެސެޓް ފީއަލީ ޓީމުން ގެނެސްފައިވަނިކޮށް ފަހަތުން އަރައި ދެން އައި ދެ ސެޓު ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދައި ފ އަތޮޅުގެ އަންހެން ވޮލީގައި ފީއަލިން ދިފާއުކުރަމުން އައި ރަން ވަނަ މާގުދޫއިން ހާސިލްކުރީއެވެ.
މުބާރާތުގެ ފިރިހެން ޑިވިޜަންގެ ޑްރީމް ޓީމް : ފޮޓޯ / ދަ ނިއުސް
ފީއަލީގައި އެއްނަންބަރު ކުޅިވަރެއްގެ ގޮތުގައި އަބަދުވެސް ކުޅެމުން އަންނަ ކުޅިވަރަކީ ވޮލީއެވެ. އަދި ރަށުގައި ބާއްވާ މުބާރާތްތަކުގެ ތެރެއިންވެސް އެންމެ ބޮޑު ތަރުހީބަކާއި ފޯރިއެއް އަންނަނީ ވޮލީ މުބާރާތްތަކުގެ ތެރެއިންނެވެ.
އަތޮޅު ފެންވަރުގައްޔާއި ޤައުމީ ފެންވަރުގެ ގިނަ މުބާރާތްތަކެއްގައި ވާދަކޮށް ފީއަލީގެ ޓީމުތައް އަބަދުވެސް އައީ ބޮޑެތި ކާމިޔާބީތައް ހޯދަމުންނެވެ. ނަތީޖާއެއްގެ ގޮތުން ފީއަލިން އުފެދެމުން އައި ކުޅުންތެެރިންނަކީ މެދު ރާއްޖެ ސަރަހައްދުންނާއި ޤައުމީ ފެންވަރުގައިވެސް މޮޅެތި ހުނަރުވެރި ކުޅުންތެރިންތަކަކަށް ވެގެންދިޔައެވެ.
އެގޮތުން ގައުމީ ފެންވަރުގެ މުބާރާތްތަކުގައި ކުޅޭ ކުޅުންތެރިންގެ ތެރެއިން ފ އަތޮޅުން އެންމެ ގިނަ ކުޅުންތެރިން ކުޅެނީ ފީއަލިންކަންވެސް ފާހަގަކޮށްލެވެއެވެ.
ފީއަލީ އެކުވެރި ޒުވާނުންގެ ގުޅުމަކީ ފީއަލީ ގެ ކުޅިވަރުގެ ތާރީޚުގައިވެސް އެންމެ ޚާއްސަ ފަރާތެވެ. ކުޅިވަރުގެ ރޮނގުން އެރަށަށް ހޯދައިދިން ހުރިހާ ކާމިޔާބީއެއް ހޯދައިދިން ޖަމިއްޔާއަކީ ވެސް ފީއަލީ އެކުވެރި ޒުވާނުންގެ ގުޅުމެވެ. އެގޮތުން އަތޮޅު ވެރިޔާގެ ވާދައިގެ ތަށްޓަށް ކުޅުނު ވޮލީމުބާރާތްތަކުން ފެށިގެން މަގޫދޫ ޒުވާނުންގެ ކްލަބުން މުޅި އަތޮޅަށް ހުޅުވާލައިގެން ބޭއްވި ވޮލީ މުބާރާތުގެވެސް އެންމެ ގިނަ ތަށި ނަގައި ރަށަށް ރީތިނަން ހޯދައިދިން ޓީމަކީ ވެސް ފީއަލީ އެކުވެރި ޒުވާނުންގެ ގުޅުމެވެ.
ވުމާއެކު މި ތާޖްރީބާތަކުގެ އަލީގައި ފ އަތޮޅުގެ އެންމެ ހުނަރުވެރި ވޮލީ ކުޅުންތެރިން އުފެދިފައިވަނީ ފީއަލީގައެވެ. އަދި އެއިންވެސް ފީއަލީ އެކުވެރި ޒުވާނުންގެ ގުޅުމުންނެވެ.
ނިމިދިޔަ 2022 ވަނަ އަހަރު ބޭއްވުނު ރާއްޖެ އެޓޯލް ވޮލީ މުބާރާތުގައި ފ އަތޮޅުގެ 5 ރަށުންވެސް ބައިވެރި ވެފައިވާއިރު މި މުބާރާތުގައި އަތޮޅުގެ ހުރިހާ ޓީމުތަކެއްގައިވެސް ފީއަލީގެ އަންހެން އަދި ފިރިހެން ކުޅުންތެރިން ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.
އެހެންނަމަވެސް މިއަދު އެ އަތޮޅުގެ ވޮލީގެ "ކިންގްސް" ގެ ނަން ފީއައްޔަށް ގެއްލުނީއެވެ. އަދި ވޮލީގެ "ކުއީންސް" ގެ ގޮތުގައި ނަން ކިޔަމުން އައި ފީއަލީގެ އަތުން އެ ނަންވެސް ގެއްލުނީއެވެ.
މުބާރާތުގެ ފައިނަލް މެޗުގައި ނިލަންދޫ ސަޕޯޓަރުން އެ ޓީމަށް ހިތްވަރުދީ ފޯރި ނަގަނީ : ފޮޓޯ / ދަ ނިއުސް
ފ އަތޮޅުގައި ބޭއްވި ބޮޑެތި ހުރިހާ މުބާރާތްތަކެއްގައި ފީއަލީ ކުޅުންތެރިން އަންނަނީ ހުނަރުވެރި މޮޅު ކުޅުމެއް ދައްކަމުންނެވެ. އަތޮޅު ފެންވަރުގައި ބޭއްވޭ ގިނަ މުބާރާތްތަކުގައިވެސް އަތޮޅުގެ އެކި ރަށްތަކަށް ނިސްބަތްވާ ޓީމުތަކަށް ފީއަލީގެ ގިނަ ކުޅުންތެރިން އަންނަނީ ކުޅެމުންނެވެ. އެހެންނަމަވެސް 1300އެއްހާ މީހުންގެ އާބާދީ އޮންނަ މި ރަށުގައި އުފެދިފައިވާ ދެ ޖަމިއްޔާގެ ދެމެދުގައި އޮންނަ ވާދަވެރިކަމުގެ ނަތީޖާއަކީ ފީއައްޔަށް ވޮލީގައި ލިބިފައިވާ ރީތި ނަމާއި ޝަރަފު އާޚިރުގައި އެރަށު ރައްޔިތުންގެ އަތުން ގެއްލިގެން ދިއުން ކަން ކަމުގައި އެރަށު ރައްޔިތުންނަށް ރެޔާއި ހަމައަށް އިހްސާސް ކުރެވިފައެއް ނެތެވެ.
މި ވާދަވެރިކަމުގެ ސަބަބުން މިއަދާއި ހަމައަށްވެސް ފީއަލި ތަމްސީލުކުރާނެ އެއް ޓީމު މުޅި ރަށުން ހޮވާލެވިގެން މުބާރާތެއްގައި ތަމްސީލުކުރުމަކީ ހީއަކުންވެސް އެ ރަށު ރައްޔިތަކު އަދި އެ އަތޮޅުގެ ރައްޔިތަކުވެސް ގަބޫލުކުރާނެ ކަމެއް ނޫނެވެ.
"އަސްލު ދެ ޖަމިއްޔާގެ ދެމެދުގައި އޮތް ވާދަވެރިކަމުގެ ސަބަބުން މިއަދު ރަށަށް ވަރަށް ބޮޑު ދެރައެއް ލިބިގެން މި ދިޔައީ، ކައުންސިލުން ވެސް ބޭނުމެއް ނުވޭ އިދިކޮޅު ޕާޓީއަށް ތާއީދުކުރާ ޖަމިއްޔާގެ ކުޅުންތެރިއަކު ގެންދާކަށް، މިއަދު ބަލިވުމުގެ ޒިންމާ ކައުންސިލުން ނަގަންޖެހޭނެ." ވޮލީއަށް ލޯބި ކުރާ ފީއަލީ ރައްޔިތަކު ބުންޏެވެ.
ރަށުގައި އުފެދިފައިވާ ދެ ޖަމިއްޔާއަކީ ދެ ފިކުރަކަށް ތާއީދުކުރާ ދެ ޖަމިއްޔާއަށްވުމުން ސަރުކާރަށް ތާއީދުކުރާ ކައުންސިލާއި ދެ ފަރާތުގެ ގުޅުންތައް މާބޮޑަށްވެސްވަނީ ކުޑަވެފައެވެ.
"މި ރަށުގެ ރައްޔިތުންވެސް ގަބޫލު ކުރާނެ ފީއަލީ އެކުވެރި ޒުވާނުންގެ ގުޅުން (ފެޒްގް) (ސަރުކާރާއި އިދިކޮޅު ފިކުރުގެ ޖަމިއްޔާ) ގައި ކަން މުޅި ރަށުގެ ނިސްބަތުން އެންމެ ހުނަރުވެރި ކުޅުންތެރިން ތިބީ، މުޅި ރަށުން ޓީމެއް ނެގިޔަސް އެ މީހުން ކުޅުންތެރިން ގިނަ ވާނީ، އެއީ އެކަމުގެ ކައުންސިލުން ބޭނުންވާ ގޮތެއް ނޫން، އެހެންވެ މިއަދު މިހެން މިވީ" ފީއަލިން ވާހަކަދެއްކި އެހެން ބޭފުޅަކު ވިދާޅުވިއެވެ.
މިއަހަރުގެ އަތޮޅު ވޮލީ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ފީއަލީ ކައުންސިލުން އެ ރަށް ތަމްސީލުކުރާނެ ވޮލީ ޓީމަށް ކުޅުމަށް ޝައުގުވެރިކަން ހުރި ފަރާތްތަކަށް ނަން ނޯޓު ކުރުމަށް ފުރުސަތު ހުޅުވާލިއެވެ. އަދި އެ ފުރުސަތުގައި ރަށުގެ ދެ ޖަމިއްޔާ ހިމެނޭހެން ގިނަ އަދަދެއްގެ ކުޅުންތެރިން ބައިވެރި ވިވެސްމެއެވެ. އެހެން ނަމަވެސް ޓީމު އެކުލަވާލުމުގައި ކައުންސިލުން އިދިކޮޅު ޖަމިއްޔާގެ ކުޅުންތެރިންނަށް ޕްރެކްޓިސް ތަކުގައިވެސް ބައިވެރި ވުމުގެ ފުރުޞަތު ކުދިންކަން އޭގެ ކުޅުންތެރިއަކު ފާހަގަ ކުރިއެވެ.
"އަހަރުމެން އެންމެ ހަމަ ނަން ނޯޓު ކުރިން، އެންމެ ކުރިޔާލާ ނާންނޯޓު ކުރި މީހުންގެ ތެރޭގައި އަހަރުމެން ހިމެނޭނެ، އެކަމު ޓީމު ނަގަން ޕްރެކްޓިސް އެއްގަވެސް ބައިވެރިވުމުގެ ފުރުސަތު ހަމަ އެކަކަށްވެސް ކައުންސިލުން ނުދިން." ވޮއިސް އެމްވީ އާއި ވާހަކަ ދައްކަމުބް ފެޒްގް ގެ ކުޅުންތެރިއަކު ބުންޏެވެ.
ކޮންމެ އަކަސް ބައިބައިވުމާއީ ދެކޮޅުވެރިކަމުގެ ފަހަތުގައި ލިބިދޭ ދެރަ ނަތީޖާ ފީއަލީގެ ވޮލީއާއި މިއަދު އެ ބައްދަލު ކުރީއެވެ. ކުރިއަށް އޮތް ތަނުގައިވެސް އެއްބައެއްގެ ގޮތުގައި ނިކުމެ ވާދަކޮށްގެން ފީއަލީގެ ވޮލީގެ ރަސްކަން އަނބުރާ ހޯދިދާނެ ކަމުގައި އެރަށު ގިނަ ބަޔަކު ގަބޫލު ކުރެއެވެ.
"މި މުބާރާތް މިއީ ފީއަލީގެ ވޮލީއަށް ވަރަށްބޮޑު ފިލާވަޅަކަށް ވާނެ، މުޅި މި ސަރަހައްދުގައި ތިބި އެންމެ ހުނަރުވެރި ކުޅުންތެރިން ތިބެ މި މުބާރާތް އެންމެ ފަހުން ފީއައްޔަށް ގެއްލުނީ ހަމަ ހަމަ ފުރުސަތު ކުޅުންތެރިންނަށް ނުދެވުމުން، އަތޮޅުގެ އެހެން ރަށްރަށްވެސް ވޮލީގައި މި އަންނަނީ ކުރި އަރަމުން، އެހެނަސް އަދިވެސް އެންމެ އެކުގައި އެއްބައެއްގެ ގޮތުގައި ނިކުމެއްޖެ ނަމަ މި ތަށި އަނބުރާ ހޯދުން އަހަރުމެންނަށް އެހާ އުނދަގުލެއް ނުވާނެ" ފީއަލީގައި ވެސް އަދި ފ އަތޮޅުގައިވެސް އުފެދުނު އެންމެ މޮޅު އަންހެން ވޮލީ ކުޅުންތެރިޔާ ވޮއިސް އަށްދިން އިންޓަރވިއު އެއްގައި ވިދާޅުވިއެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists