ރައީސް ޑރ. މުއިއްޒުގެ ތަޤުރީރުފުޅުގައި ޤައުމިއްޔަތުގެ ފުރިހަމަ ވިންދު!

17 Nov 2023 | 23:03
ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު

ދިވެހި ޖުމްހޫރިއްޔާގެ އަށް ވަނަ ރައީސްކަމުގެ ގާނޫނީ ހުވާކުރެއްވުމަށް ފަހު މިއަދު ހަވީރު، ޑރ. މުހައްމަދު މުއިއްޒު ދެއްވި އިފްތިތާހީ ތަޤްރީރު ވެގެންދާނީ ހަމަ ޔަޤީނުންވެސް ތާރީޚީ ތަޤްްރީރަކަށެވެ. ޤައުމިއްޔަތާ ދީނީ ވިންދާއި އޭގެ ރޫހުގައި ހޫނު ލޭ ހިނގަ ހިނގައިހުރި އަސަރުގަދަ ތަޤްރީކަށެވެ. އެ ތަޤްރީރުގައި މުޅިންވެސް ހުރީ ދިވެހި ޤައުމިއްޔާތު ގޮވާންކުރުމަށް ބެނުންވާނެ އެންމެ ދުޅަހެޔޮ ކާދެވެ. 

އެމަނިކުފާނު ވާހަކަފުޅުގައި ދިވެހި ޤައުމިއްޔާތައި ސިޔާދަތަށް އަމާޒުކުރައްވައި އަމުނައިލެއްވި ކޮންމެ ލަފުޒެއްގައި ޤައުމުވަންތަކަމުގެ އަޑުހަރު ވިންދު ޖަހަން ދިޔަ ކަހަލައެވެ.

އޭ ލޮބުވެތި ޝަރަފުވެރި ދިވެހި ދިދަޔާ! މިއަދު މިވަގުތުން ފެށިގެން އިރާދަކުރެއްވިއްޔާ، ތިޔަ އައުދާނަ ދިވެހި ދިދަޔަށް އިރު އޮއްސުން ނިމުނީ! މީގެ ފަހުން ތިޔަ ފަހުރުވެރި ދިދައަކީ، ރާއްޖޭގެ ކޮންމެ ރަށެއްގައި ވެސް 24 ގަޑިއިރު ޝަރަފާއި އިއްޒަތާއެކު ވިހުރިވިހުރި ހުންނާނެ އެންމެ އިއްޒަތްތެރި ނިޝާން! މިއަދު އަޅުގަނޑުގެ އިލްތިމާސަކީ، ދިވެހީން ދިވެހީންގެ ހަރުދަނާ ގޮތްތައް ކުރިއަށް ނެރޭށޭ! އެކުވެރިވާށޭ! ބައިބައިނުވާށޭ! މިއަދު އަޅުގަނޑުގެ ހިތުގެ ނިދާޔަކީ، ދިވެހީން ދިވެހީންގެ ރިވެތި އަހުލާގު ދައްކުވައިދޭށޭ! ހެޔޮބަސް ބުނާށޭ! ނުބައިބަސް ނުބުނާށޭ! މިއަދު އަޅުގަނޑުގެ އެދުމަކީ، މި ލޮބުވެތި ދިވެހި ފަސްގަނޑުގެ ކޮންމެ ވެލިފުކެއްގެ އަގު ދަސްކުރާށޭ! ފަރުވާކުޑަކޮށް ނުލާށޭ! 

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު 

މިއީ މިއަދު އެމަނިކުފާނު ދެއްވި ތަޤްރީރުގައިތެރެއިން ވިންދު ހިފަހައްޓައިލެނު ހިނދުކޮޅެކެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިމުމަކާއި ގާތަށް އައިސްފައި ވަނިކޮށް ތުނިކޮށް ވާރޭ ވެހެންފެށިއެވެ. 

އެމަނިކުފާނު ފަހަތަށް އެނބުރިވަޑައިގަތުމުން ބައެއް މީހުން ހީވީ، އެއީ ވާރޭ ވެހެން ފެށުމުން ބޭއިޚްތިޔާރުގައި ކުރެއްވުނު ކަމެއް ކަމަށެވެ. ނަމަވެސް އެމަނިކުފާނު ފަހަތަށް އެނބުރި ވަޑައިގަތީ، އެތަނުގައި ވިހުރިވިހުރި ހުރި ގައުމީ ބޮޑު ދިދަ އަށް މުޚާތަބުކުރައްވައި ވާހަކަފުޅު ދެއްކެވުމަށެވެ. 

މަތީގައި އެވާ ޢިބާރާތުގެ ކޮންމެ ލަފުޒަކަށް ފުންކޮށް ވިސްނައިލުމުން އެނގި ހާމަވެގެންދަނީ، ދިވެހި ފަސްގަނޑާއި މި ދިވެހި އުއްމަތުގެ ޤައުމުވަންތަކަމާއި ގުޅުންހުރި ކޮންމެ ކަމަކަށް ރައީސް ޑރ މުއިއްޒުގެ ހިތްޕުޅުގައި އޮންނެވި އަހަންމިއްޔަތެވެ. އެ ހިތްޕުޅުން ޖާގަ ހުސްކުރައްވައިފައިވާ ތަނަވަސްކަމެވެ. 

ވުމާއެކު މިއަދުގެ ތަޤްރީރުގައު އެމަނިކުފާނު ޖުމުލަކޮށް، ޤައުމިއްޔަތުގެ ލޭނާރުތަކުގެ ލޭ ކައްކުވާލައި އަމުނައިލެއްވި ވާހަކަފުޅުތަކަށް ފުންކޮށް ނަޒަރުހިންގައިލި ކޮންމެ ރައްޔިތަކު ބުނަމުން އެދަނީ އެ ވާހަކަފުޅުތަކުގައި ދިރުމާއި ވިންދު އޭގެ އެންމެ ޝަރަފުވެރި މާނައިގައި ފެންނަން ހުރި ވާހަކައެވެ. 

އެގޮތުން އެމަނިކުފާނުގެ ވާހަކަފުޅުގައި ވިދާޅުވެފައިވަނީ، ދިވެހި ސަރުކާރުގެ ސިޔާސަތު ބިނާވާން ވާނީ، ދިވެހި ރައްޔިތުންނަށް އެންމެ މަސްލަހަތު ހުރި ގޮތުގެ މައްޗަށް ކަމަށާއި، އެގޮތަށް ބަލާއިރު އެމަނިކުފާނަކީ ދިވެއްސެއް ކަމުން ދިވެހި ރައްޔިތުން އަންނާނީ، ލިސްޓުގެ އެންމެ ކުރިއަށް އެއްވަނައަށް ކަމުގައެވެ. 

އެހެން ގައުމެއްގެ ބަޔަކު އަންނާނީ، އޭގެ ފަހަތަށް

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު 

ހަމައެއާއެކު އެމަނިކުފާނު ވިދާޅުވީ އެހެން ގައުމުތަކާ ރަހުމަތްތެރިވާނެ ކަމަށާއި، ހަތުރުވެރިކަމެއް، ހަސަދަވެރިކަމެއް ނުބާއްވާނެ ކަމަށެވެ. އަދި އަވަށްޓެރީންނާއި ދުރު ހިސާބުތަކުގެ ގައުމުތަކަށް ވެސް އިހުތިރާމުކުރާނެ ކަމަށެވެ. އެގޮތުން އަބަދުވެސް ދިވެހި ރައްޔިތުންގެ މިނިވަންކަމާއި، ސިޔާދަތީ ރަތް ރޮނގު ފިސާރި ފަލަކޮށް ދައްމަވާނެކަމަށާއި އެއީ ކޮންމެ ގައުމެއްގައި ވެސް އޮންނަ ރަތް ރޮނގެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެހެން ގައުމުތަކުގެ މިނިވަންކަމާއި، ސިޔާދަތީ ރަތް ރޮނގަށް ދިވެހި ދައުލަތުން ފުރިހަމަޔަށް އިޙްތިރާމުކުރާނެކަމަށާއި ދިވެހި ދައުލަތުގެ ރަތް ރޮނގަށްވެސް އެ ހައްގު އޮންނަންވާނެކަމަށެވެ. 

އެއީ ކޮންމެ ގައުމެއްގައި ވެސް އޮންނަ ރަތް ރޮނގެއް. އަދި އޮންނަންވާނެ ވެސް ރޮނގެއް. އެހެން ގައުމުތަކުގެ މިނިވަންކަމާއި، ސިޔާދަތީ ރަތް ރޮނގަށް ދިވެހި ދައުލަތުން ފުރިހަމަޔަށް އިޙްތިރާމުކުރާނެ. ދިވެހި ދައުލަތުގެ ރަތް ރޮނގަށްވެސް އެ ހައްގު އޮންނަންވާނެ

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު 

ހަމަ އެވާހަކަ ފުޅާއި ވިދިގެން، އެމަނިކުފާނު ވިދާޅުވީ އެކަމުގައި ކުޑައެއް ބޮޑެއް، ގާތެއް ދުރެއް ތަފާތުވެގެނެއް ނުވާނެ ކަމަށާއި އިރާދަކުރެއްވިއްޔާ، އެ ހައްގު ނިގުޅައިގަންނާކަށް އެއްވެސް ގައުމަކަށް ފުރުސަތު ނުދެއްވާނެ ކަމަށެވެ. އަދި ދިވެހީންނަކީ މިނިވަންކަމުގެ ދަރީން ކަމަށާއި، ދޫނި އޭގެ ހާލި ބަލަހައްޓާ ފަދައިން، ދިވެހީން މިހާތަނަށް ވެސް އައީ މި ލޮބުވެތި ދިވެހި ފަސްގަނޑު މިނިވަންކަންމަތީ، އެތައް ޒަމާނަކަށް ބަލަހައްޓަމުން ކަމަށެވެ.

މީގެ އިތުރުން ދެން ރައީސް  ދެއްވެވީ، މިއަދު ފެއްޓެވި ދަތުރަކީ ދިވެހި އުންމަތް އޭގެ ހަގީގީ ބަނދަރާ ދިމާޔަށް މިސްރާބު ހެޔޮކޮށްލުމުގެ ދަތުރުކަމުގެ ޔަގީންކަމެވެ. އަދި އެ ދަތުރަކީ ދިވެހިވަންތަ ގައުމީ ޝަހުސިއްޔަތު، އަންނަން އޮތް ޖީލުތަކަށް ފޯރުވައިދިނުމުގެ ބުރަ މަސައްކަތް ފަށާ ދަތުރުތަކަމުގެ ޔަޤީންކަންވެސް ރައީސް ވަނީ އަރުވައިފައެވެ.

ގައުމި ހައިސިއްޔަތުން ބަލާއިރު، ދިވެހި ގައުމަށް ވަފާތެރިވުމަށްވުރެ ބޮޑު އުފަލެއް އަޅުގަނޑަށް ނެތްކަން ތިޔަ ލޮބުވެތި ރައްޔިތުންނަށް ކަށަވަރުކޮށްދޭނަން

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު 

އެމަނިކުފާނު އިތުރަށް ވިދާޅުވީ 4000 އަހަރުވީ މިނިވަން ދިވެހިރާއްޖޭގެ ފަހުރުވެރި ދިވެހި ހަޟާރަތާއި އަސްލުތައް ދަސްކޮށް، އެކަންކަމުން އިލްހާމު ލިބިގެން، ދިވެހި ގައުމަށް ހެޔޮއެދި، މުރާލި ހިންމަތްތެރިޔަކަށްވުމުގެ ފުރުސަތު، ދިވެހި ކޮންމެ ކިޔަވާ ކުއްޖަކަށް ލިބެންޖެހޭނެ ކަމަށެވެ. އަދި މިއަދު މި ފަށަނީ ދިވެހި ގައުމިއްޔަތު ދިރުވައި އާލާކުރުމުގެ ގައުމީ މަޝްރޫއު ކަމަށާއި މިއީ، ދިވެހީންގެ ސިކުނޑިތައް ބިނާކުރުމާއި، ދިވެހީންގެ ކެރުމާއި، އަޒުމާއި ހިތްވަރާއި، އިސްލާމީ ރިވެތި ސިފަތަކަށް ހޭނުމާއި، ދިވެހީން، ގޮތާ ފޮތާ ދިމާޔަށް އުފަލުން އެނބުރިލާނެ މަޝްރޫއެއް ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

އެމަނިކުފާނުގެ އިފްތިތާހީ ތަގުރީރު ނިންމާލެއްވީ، މަޝްހޫރު ޅެންވެރިޔާ އަލް-މަރްހޫމް ޔޫސުފް މުހައްމަދުފުޅު (އެދުރުބެ) ހައްދަވާފައިވާ ޅެމެއްގެ ބައިތަކުންނެވެ.

"ކޮން ފަދަ ނަސީބެއްތޯއެ މީ، ދޮންވެލި ބިމެއްގައި ލެއްވުމީ ހަންހާރަވެތި ދިވެހީންގެ މީ، ގިންތީ ތެރޭ ހިމެނުއްވުމީ،"

މުއިއްޒުގެ ތަގުރީރަށް ތައުރީފުކުރައްވައި، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމަނިކުފާނުގެ ތަގުރީރަކީ ބާރުގަދަ އަދި ހިތްވަރުލިބިވަނިވި ތަގުރީރެއް ކަމަށެވެ.
އަދި ހަމަ އެޔާއެކު ކުރީގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޒް އަހުމަދު ފާއިޒް ލިޔުއްވި ގޮތުގައި މުއިއްޒު އެ އިއްވެވީ ޖަޒުބާތުން ފުރިހައިވާ އަސަރުގަދަ ވާހަކަފުޅުތަކެއް ކަމަށެވެ.

މަޝްހޫރު ލިޔުންތެރިޔާ އަދި ވާހަކަދެއްކުންތެރިޔާ ހޯރަފުށީ މުހައްމަދު އާދަމް ސަލީމް ފޭސްބުކުގައި ލިޔުއްވި ގޮތުގައި އޭނާގެ ހަޔާތުގައި މިހާތަނަށް އެހި، އެންމެ އަސަރުގަދަ، އެންމެ ގައުމީ، އަދި އެންމެ އުއްމީދީ ތަގުރީރަކީ، މުއިއްޒު އެ ދެއްވި އަސަރީ އަދި ޖޯޝީ ތަގުރީރު ކަމަށެވެ.

ޝައްކެއްވެސް ނެތެވެ! ރައީސުލްޖުމްހޫރިއްޔާ ކަމުގެ ޤާނޫނީ ހުވާ ކުރެއްވުމަށްފަހު ރައީސް ޑރ މުހައްމަދު މުއިއްޒު މިއަދު ދެއްވި ތަޤްރީރު ވެގެންދާނީ ދިވެހި ޖުމްހޫރިއްޔާގެ ތާރީޚުގައިވެސް ވެރިއަކު ދެއްވި އެއްމެ އަސާސް ހުރި އެންމެ އަސަރުހުރި އަދި ޤައުމިއްޔަތުގެ ވިންދު އެންމެ ގަދައަށް ޖަހަޖަހައު ހުރި ތަޤްރީރަށެވެ. 

Advertisement

ކޮމެންޓް

Advertisement

Advertisement