ކައްކާ ގޭސްފުޅިތަކުގެ ރެގިއުލޭޓަރުތަކުގެ ފެންވަރު ކަނޑައެޅި މިންގަނޑަށްވުރެ ދަށްނަމަ ރާއްޖޭގައި ބޭނުންނުކުރެވޭ ގޮތް ހެދުމަށް މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށް ޑިފެންސް މިނިސްޓަރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޙަސަން ރަޝީދު މިކަން ހާމަކުރެއްވީ ރޭ ބޭއްވި އަހާ ފޯރަމުގައި ޢާންމު ފަރާތަކުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
އެގޮތުން މިނިސްޓަރު ވިދާޅުވި ގޮތުގައި ފަހަކަށް އައިސް އަލިފާނުގެ ހާދިސާތައް ގިނަވެފައިވާއިރު އެކަމުގެ މައިގަނޑު ސަބަބަކީ މީހުން ތޮއްޖެހިގެން ކުދިކުދި ތަންތަންކޮޅުގައި ދިރިއުޅެން ޖެހިފައިވުމާއި އެފަދަ ތަންތަނުގައި ޤަވާޢިދާ ޚިލާފަށް ކަރަންޓު ވަޔަރުކޮށްފައި ހުރުމެވެ.
ހަމައެއާއެކު އަލިފާނުގެ ހާދިސާތައް ހިނގަން މެދުވެރިވާ އަނެއް ސަބަބަކީ ބަދިގެ ގޭސް ރެގިއުލޭޓަރުތަކުގެ ފެންވަރު ދަށްވުން ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
"ބާޒާރުގައި އެބަހުރޭ ތަފާތު ކޮލިޓީގެ ރެގިއުލޭޓަރު. އެހެންވީމަ އަޅުގަނޑުމެން އެބަ ގަސްތުކުރަން މިކަމަށް ޙައްލެއް ގެނައުމަށްޓަކައި މީގެ ސްޓޭންޑަރޑް ބަލާފައި އަޅުގަނޑުމެން ކަނޑައަޅާ ސްޓޭންޑަޑަކަށްވުރެ ދަށް ސްޓޭންޑަރޑްގެ ރެގިއުލޭޓަރު ބޭނުން ނުކުރެވޭ ގޮތަށް ހަދަން."
މިނިސްޓަރު ޙަސަން ރަޝީދު ވިދާޅުވިއެވެ.
މީގެ އިތުރުން ގޭސް ވިއްކާ ފަރާތްތަކާ އެކު ކުރިއަށް އޮތް ދުވަސްތަކުގައި މަޝްވަރާ ބައްދަލުވުންތައް ބާއްވަވައި ގޭގައި ގޭސްފުޅި ބެހެއްޓުމުގެ ރައްކާތެރިކަން ކަށަވަރުކުރެއްވުމަށް ފިޔަވަޅު އަޅުއްވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists