Advertisement

ހިޔާ ފްލެޓް ގައި އިތުރު ލިފްޓް ހަރުކުރުމުގެ އެއްބަސްވުން ދަނީ ހަދަމުން: ރައީސް ޑރ.މުއިއްޒު

ރައީސް ޑރ. މުހައްމަދު މުއިއްޒު-- ފޮޓޯ: ރައީސް އޮފީސް

ހިޔާ ފްލެޓުގައި އިތުރު ލިފްޓުތައް ހަރުކުރުމުގެ މަސައްކަތް އެއްބަސްވުން ހަދަން ފަށައިފި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ މިއަދު ހަވީރު ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަލަށް އިމާރަތްކުރާ ސްކޫލުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަަވަމުންނެވެ.

މި ރަސްމިއްޔާތުގައި ރައީސް ޑރ.މުޢިއްޒު ވިދާޅުވީ ހުޅުމާލޭގެ ދެވަނަ ފިޔަވައްސަކީ، މިހާތަނަށް މާބޮޑު އަޅައިލުމެއް އަޅައިނުލެވި އޮތް ހިސާބެއްކަމަށާއި އެތަނުގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް ފުރިހަމަކަން ގެނެސްދިނުމަކީ، މި ސަރުކާރުގެ ވަރަށް މުހިންމު ސިޔާސަތެއް ކަމަށެވެ.

"އާދެ، މިތަނުގައި މިހިރަ ޓަވަރުތަކާ ބެހޭގޮތުން އަޅުގަނޑު ދަންނަވާލަން އޮތް ވާހަކައަކީ، ދެވަނަ ފިޔަވަހީގައި މިހިރަ ޓަވަރުތަކުގައި އިތުރު ލިފްޓް ހަރުކުރުމަކީ، އަޅުގަނޑު ވީ ވަޢުދެކޭ. އަދި ވަޢުދުވީ ގޮތަށް އިރާދަކުރެއްވިއްޔާ، ކޮންމެ ޓަވަރެއްގައި ހަރުކުރަން ނިންމާފައިވާ ގޮތަށް، ދެ ލިފްޓް ހަރުކުރުމަށް ބޭނުންވާ ނިންމުންތައް ނިންމައި، އެގްރީމަންޓް ހެދުމުގެ މަސައްކަތް ކުރިއަށް އެދަނީ."

ރައީސް ޑރ.މުއިއްޒު ވިދާޅުވިއެވެ.

އަދި އިތުރު ލިފްޓް ހަރުކުރުމުގެ މަސައްކަތް ހަފްތާ 14 ގެ ތެރޭގައި، ހަމަ އެ ތާވަލު ކުރެވުނު ގޮތަށް ފެށިގެންދާނެކަމަށް ރައީސް ޑރ.މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުންވެސް ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތާވަލް ކުރެވިފައިވާ ގޮތަށް، މި ސަރަޙައްދުގައި ކުރިއަށް ގެންދިޔުމަށް ރޭވިފައިވާ އެހެން މަސައްކަތްތައްވެސް ކުރިއަށް ދާނެ ކަމަށާއި ގެދޮރުވެރިކަމަށް ޙައްލުތައްވެސް ރައްޔިތުންނަށް ބޭނުންވެފައިވާ ގޮތަށް، އެކަންކަން ތާވަލް ކުރެވިގެން ކުރިއަށް ގެންދާ ކަމަށް ރައީސް ޑރ.މުއިއްޒު ވިދާޅުވިއެވެ.

Advertisement

ކޮމެންޓް

Advertisement