Advertisement

އަހްޒާބު ހަނގުރާމައިގައި މުޝްރިކުންގެ މައްޗަށް ﷲ ފޮނުއްވީ ގަދަފަދަ ވެޔެކެވެ.

21 Mar 2024 | 11:00
ވެލީގެ ތޫފާން

ނަބިއްޔާ ސައްލަﷲ ޢަލައިހި ވަސައްލަމް ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި ހަނގުރާމަތަކުގެތެރެއިން އަހްޒާބު ހަނގުރާމަ ނުވަތަ ޚަންދަގު ހަނގުރާމައިގައި މުސްލިމުންގެ ލަޝްކަރަށް ﷲ ތައާލާ ނަސްރުދެއްވި ގޮތުގެ ވާހަކައަކީ ވަރަށް އާދަޔާއި ޚިލާފް ވާހަކައެކެވެ. ޚާއްސަކޮށް އަޙްޒާބުގެ އެންމެ ފަހުދުވަހުގެ އެންމެ ފަހުރެއިގެ ވާހަކައެވެ. އެވާހަކަ އެންމެ ތަފްސީލުކޮށް ގެންނަވާފައިވަނީ ކީރިތި މާތް ނަބިއްޔާގެ ކާތިބުއްސިރު ހުޒައިފަތުލް ޔަމާނީއެވެ.

އަހްޒާބުގެ އެންމެފަހުގެރެއިގެ ވާހަކަ އެކަލޭގެފާނު ކިޔުއްވައިދެއްވީ ވަރަށް މުސްކުޅި އުމުރުގައި އިރާގުގައި އުޅުއްވުމުގެތެރޭގައި އެއްދުވަހެއްގައި މިސްކިތުގައި ޒުވާނުންނާއެކު އިށީނދެވަޑައިގެން މާތްނަބިއްޔާގެ ވާހަކަތައް ކިޔުއްވައިދެއްވުމުގެތެރޭގައެވެ. އެމިސްކިތުގައި އިން ނޫކަށިފުރައިގެ ޒުވާނަކު ވަރަށް ހިތްވަރުގަދަ ބަހަކުން ހުޒައިފާއާއި މުޚާތަބުކޮށް ބުންޏެވެ. އަހުރެންނަށް ނަބިއްޔާ ސައްލަﷲ ޢަލައި ވަސައްލަމްގެ އަރިހުގައި އުޅެން ފުރުސަތު ލިބުނު ނަމަ އަހަރެން އެކަލޭގެފާނު ގެންގުޅުނީހީ އަހުރެންގެ ބުރަކަށިމަތީގައެވެ. ހަށިފޮޅާފައި މިޒުވާނާ މުޚާތަބު ކުރިގޮތުގެ ސަބަބުން ހުޒައިފަތުގެފާނުންގެ މޫނުފުޅުގެ ކުލަވަރު ބަދަލުވިއެވެ.

ދެން އެޒުވާނާއަށް އަހްޒާބުގެ ފަހުރެއިގެ ވާހަކަ ކިޔުއްވައިދެއްވިއެވެ.

Advertisement

ޙަދީސް ފޮތްތަކުގައި ބަޔާންކުރައްވާފައިވާގޮތުން އަހްޒާބު ހަނގުރާމައިގެ ފަހު ދުވަސްކަމުގައިވާ ހުކުރު ދުވަހު މުޅި ޖައްވު ބަނަވަމުންދިޔައީ ކަޅުވިލާތަކުންނެވެ. އިރުއޮއްސެމުންދިޔައިރު ބާރުގަދަ ގަދަވަޔާއި ގަދަފިންޏެއް އައިސްޖެހުނެވެ.

ބުޚާރީއާއި މުސްލިމްގައިވާ ގޮތުން އެރެއަށް އިރު އޮއްސުމުން ލޮބުވެތި މާތްނަބިއްޔާ ސައްލަﷲ ޢަލައި ވަސައްލަމް ތެދުވެވަޑައިގެން ( ތަޙައްޖުދު ނަމާދުގައި) މިފަދައިން ދުޢާކުރެއްވިއެވެ.

اللهم منزل الكتاب،  مجري السحاب،  هازم الأحزاب، إهزمهم وزلزمهم،  ونصرنا عليهم

މާނައަކީ، ފޮތް ބާވައިލެއްވި ރަސްކަލާކޮ. ވިލާތަކާއި ވައި ފޮނުއްވާ ރަސްކަލާކޮ. އަހްޒާބުގެ ލަޝްކަރު ނެތިކުރައްވައިފާނދޭވެ. އެއުރެންގެ ފައިދަށުން ބިންގަނޑު ގުޑުއްވައިފާނދޭވެ. އެއުރެންގެ މައްޗަށް އަޅަމެންނަށް ނަޞްރު ދެއްވާނދޭވެ.

ދެން ފަހެ ﷲ ތަޢާލާ އެކަލާނގެ ނަބިއްޔާގެ ދުޢާ އިޖާބަ ކުރައްވައި އެކަލޭގެފާނު އެދިވަޑައިގެންނެވި ފަދައިން ގަދަވަޔެއް އަހްޒާބުގެ ލަޝްކަރު މައްޗަށް ފޮނުއްވައި މުސްލިމުންނަށް ނަޞްރު ދެއްވިއެވެ.

ހުޒައިފަތުލް ޔަމާނީގެ ވާހަކަ ފަށްޓަވަމުން ވިދާޅުވިއެވެ.

އަހުރެމެން އެންމެން އެރެއި ލޮބުވެތި މާތް ނަބިއްޔާގެ އަރިހުގައި ތިބީމެވެ. އަބޫބަކުރުގެފާނު، ޢުމަރުގެފާނު، އުސްމާންގެފާނު، ޢަލީގެފާނު، އަބޫޢުބައިދާ މިހެންގޮސ ހުރިހައި ޞަހާބީން ތިބީމުއެވެ. އެވަރުގެ އަނދިރި ރެއެއް އަދި އެވަރުގެ ފިނިގަދަ ވައިގަދަ ރެއެއް އަހުރެމެންގެ ޙަޔާތުގައި ނުދެކެމެވެ. އަނދިރިކަމުން އަމިއްލަ އަތުގެ އިނގިލީގެ ކޮޅުވެސް ނުފެންނަހާ ކަޅުއަނދިރިއެވެ. ވައިގަދަކަމުން ގުގުރީގެ އަޑުފަދަ އަޑުފަތްގަނޑެއް އިވިއިވި ހުރެއެވެ.

މުސްލިމުން ތިބި ޙާލަތު އަޙްޒާބު ސޫރަތުގެ 10 ވަނަ އާޔަތުގައި ﷲ ތަޢާލާ ބަޔާންކުރައްވާފައިވެއެވެ. އެ އާޔަތުގެ މާނައަކީ "ތިޔަބައި މީހުންގެ މަތިންނާއި، ތިރިން ( އބަހީ ނަޖިދުކަރަވީ ފަރާތާއި މައްކާވީ ފަރާތުން ) އެއުރެން އައި ހިނދެއެވެ.އަދި ލޯތައް ބޮޑުވެ ( ކަންބޮޑުވުމުގެ ސަބަބުން ) ލަގޮނޑި ވަޅުތަކާއި ހަމަޔަށް ހިތްތައް އައި ހިނދެވެ. އަދި ތިޔަބައި މީހުން ﷲ އާއި މެދު ހީތައް ކުޅަހިނދެވެ"

އަހްޒާބު ހަނގުރާމައަކީ އަރަބިކަރައިން ނަބިއްޔާއާއި ދެކޮޅަށް ނެރުނު އެންމެ ބިޔަ ބޮޑު ލަޝްކަރުކަމުގައިވާ 10 ހާހަށްވުރެ ގިނަ ހަގުރާމަވެރިންނާއިގެން ގުރައިޝުވަންހައިގެ މީހުން މަދީނާ ހިސާރުކޮށްގެން ތިބި ހަނގުރާމައެވެ. މިހަނގުރާމަ މަހަކާއި ގާތްކުރާ މުއްތަދަތަކަށް ދިއުމުން މަދީނާއިން ކާބޯތަކެތި ހުސްވެ ވަރަށް ދަތި ހާލު މުސްލިމުންނަށް ކުރިމަތިވެފައިވެއެވެ. ހުއްޓުމެއްނެތި މަސްދުވަހު ހަނގުރާމަކުރަންޖެހުމުން މީސްތަކުންގެ ހިތްތަކަށްވަނީ ވަރުބަލިކަމާއި ޝައްކާއި ވަހުމް ވަދެފައެވެ. ﷲ ތަޢާލާ ސިފަކުރައްވާފައިވަނީ އެންމެ ފުރިހަމަ ގޮތަށެވެ.

ހުޒައިފާ ކުރިއަށް ގެންދެވިއެވެ. އެ ނާމާންރޭގައި ގުރައިޝްވަންހައިގެ މީހުން އަހެރެމެންގެ މަތީގައި ތިއްބެވެ. ބަނީގުޜައިޟާ އަހަރެމެންގެ ދަށުގައެވެ. އަހަރުމެން ތިބެންޖެހުނީ އެރެއި ދުޝްމަނުން ގުޅިގެން މަދީނާގައި ތިބި އަހަރެމެންގެ އާއިލާތަކަށް ކުއްލި ޙަމަލާއެއްދީފާނެކަމުގެ ބިރުވެރިކަމެއްގެތެރޭގައެވެ.

އެފަދަ ޙާލެއްގައި އަހުރެމެން ތިއްބައި ނަބިއްޔާ ސައްލަﷲ ޢަލައިހި ވަސައްލަމް ތެދުވެވަޑައިގެން އެއްސެވިއެވެ. ގުރައިޝް ވަންހައިގެ ލަޝްކަރުގެ ޚަބަރު މިރެއި ތިމަންކަލޭގެފާނާއި ހަމައަށް ގެނެސްދެއްވާނީ ކޮންބެއިކަލެއްތޯއެވެ. އެބެއިކަލެއްގެ ޞާޙިބެއްގެ ގޮތުގައި ޤިޔާމަތްދުވަހު ތިމަންކަލޭގެފާނު ވާހުށީމެވެ. އެފަދައިން ތިންފަހަރު ވިދާޅުވުމުންވެސް އެއްވެސް ބެއިކަލަކު ހަމައެކައްޗެއްވެސް ވިދާޅުނުވެ ހަމަހިމޭންކަމާއެކު ތިއްބެވިއެވެ. ދެން ނަބިއްޔާ ތިމަންނާގެ ނަމުން ގޮވައިލެއްވިއެވެ. އޭ ހުޒައިފާއެވެ. އަހަރެން ފުންމައިގެން ތެދުވެއްޖެއީމެވެ. ދެން ވިދާޅުވިއެވެ. ތިމަންކަލޭގެފާނަށް ގުރައިޝްވަންހައިގެ ޚަބަރު ގެނެސްދޭށެވެ. އެކަމަކު ކަލޭގެފާނު އެމީހުންގެތެރޭގައި ބޭޒާރުވެދާނެފަދަ ކަމެއް ނުކުރައްވައި ރައްކާތެރިވެގެން އުޅުއްވާށެވެ.

ޙުޒައިފާ ވިދާޅުވިއެވެ. އަހަރެންގެ ނަމުން އެކަލޭގެފާނު ވިދާޅުވުމުން އަހަރެންގެ ކުރިމަތީގައި އެހެން ގޮތެއް ނެތެވެ.

ދެން ނަބިއްޔާ ސައްލަﷲ ޢަލައިހި ވަސައްލަމް އަހުރެންނަށް ހެޔޮދުއާކުރެއްވިއެވެ. އޭ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޯއެވެ. އޭނާގެ ކުރިމަތިންނާއި ކަނާތްފަރާތުންނާއި ވާތްފަރާތުންނާއި މަތިންނާއި ތިރިން އޭނާ ރައްކާތެރި ކުރައްވާފާނދޭވެ. އެހިނދު އަހުރެންގެ ހުރިހައި ނުތަނަވަސްކަމަކާއި ބިރުވެރިކަމެއް ފިލައި ހިނގައްޖެއެވެ. ދެން އަހުރެން އަނދިރީގެތެރެއިން މުޝްރިކުންގެ ލަޝްކަރާއި ދިމާއާށް މިސްރާބު ޖަހައިފީމެވެ. އަހަރެންނަށް ފެނުނީ އިށީނދެގެން ތިބި ބައެކެވެ. އެމީހުންގެ ތެރޭގައި އިސްކޮށް އިން މީހާއަކީ އަހުރެން ލަފާކުރި ގޮތުން އަބޫސުފުޔާނެވެ. އޭނާއަކީ ގުރައިޝުންގެ ލަޝްކަރުގެ ވެރިޔާއެވެ.

އަބޫސުފިޔާނާއި ދުވަހަކުވެސް ހުޒައިފާ ބައްދަލުވެފައެއް ނުވެއެވެ. ގުރުއައިޝްވަންގައިގެ މީހުންނަށްވެސް އެކަލޭގެފާނަކީ ކާކުކަމެއް ނޭގެއެވެ. އަބޫސުފިޔާންކަމަށް ހުޒައިފާއަށް ލަފާކުރެވުނީ އެތާގައި ތިބި މީހުންގެ އިސްމީހަކަށް އޭނާ އިންކަން ފާހަގަ ކުރެވިގެންނެވެ.

ހުޒައިފާ ވިދާޅުވިއެވެ. އެމީހުންގެ މީހެއްކަމަށް ހެދިގެން އެމީހުންގެތެރޭގައި އިންދައި އިރުކޮޅަކުން އަބޫސުފިޔާނު ތެދުވެ ކިޔައިފިއެވެ. އަހުރެން މުހިއްމު ވާހަކައެއް ބުނަން އެބަޖެހެއެވެ. އެކަމަކު އޭގެކުރިން ތިޔަބައި މީހުންކުރެ ކޮންމެ މީހަކުވެސް އެމީހަކާއި ޖެހިގެން އިނީ ކާކުތޯ ޔަގީން ކުރާށެވެ. ދުޝްމަނުންގެ މީހަކު ނެތްކަން ޔަގީން ކުރުމުގެ ގޮތުންނެވެ. އޭނާ އެހެން ބުނުމާއެކު ހުޒައިފާ ވަގުތުން އޭނާއާއި ޖެހިގެން އިންމީހާގެ ކޮނޑުގައި ހިފާފައި ބުނެފިއެވެ. ކާކުހެއްޔެވެ. އެމީހާ ނަންބުނެފިއެވެ. ދެން އަނެއްފަރާތުގައި އިންމީހާގެ ކޮނޑުގައި އަތްލާފައި ތިޔައީ ކާކުހެއްޔޭ އެހުމުން އޭނާވެސް ނަންބުނެފިއެވެ. ހުޒައިފާ އެކަލޭގެފާނުންގެ ނަން ބުނާކަށެއް ނުޖެހުނެވެ.

ދެން އެކަން ނިމުމުން އަބޫސުފިޔާން ބުންޏެވެ. އޭ އަހުރެގެން ގައުމުގެ މީހުންނޭވެ. މިއީ އަހުރެމެންގެ ގެއެއް ނޫނެވެ. އަދި އަހުރެމެންނަށް ތާއަބަދަކު މިތާގައި ތިބެވޭކަށެއްވެސް ނެތެވެ. ތިޔަބައި މީހުންނަށްވެސް އެގޭނެފަދައން މިޖެހޭ ގަދަވައިގައި އަހުރެމެންގެ ހުރިހައި ތަކެއްޗެއް ވިއްސިވިހާލިވެއްޖެއެވެ. ހުޅުކޮޅެއްދިއްލޭވަރުވެސް ނުވެއެވެ. ބަނީ ގުރައިޟާގެ މީހުން އެތިބީ އަހަރެމެންނާއި ހެދި އެއްބެސްވުން ރޫޅައިލައި ޣަދަރުވެރިވެގެންނެވެ. އެހެންވީމާ އެންމެ ރަނގަޅުގޮތަކީ މިއަނދިރިކަމުގެތެރޭގައި އަހަރެމެން މިތަން ދޫކޮށްލާފައި އެބުރިދިއުމެވެ. ތިޔަބައި މީހުން ކޮންމެ ގޮތަކަށް ނިންމިކަމުގައިވިޔަސް އަހުރެންނެއް ނުހުންނާނަމެވެ. ދެން އޭނާ އޭނާގެ ޖަމަލުމައްޗަށް ސަވާރުވެގެން ދަތުރުފެށުމުން އެހެން މީހުންވެސް އޭނާގެ ފަހަތުން ދަތުރުކޮށްފިއެވެ.

ބުނެވޭގޮތުން ހުޒައިފަތުގެފާނު އެބުރި ނަބިއްޔާގެ އަރިހަށް ވަޑައިގެން މަގުމަތީގައި ވިއްސަކަށް އަސްވާރުންގެ ގާފިލާއަކާއި އެކަލޭގެފާނާއި ބައްދަލުވިއެވެ. އަސްމަތީގައި އެއައި މީހުންތިބީ ބޮލުގައި ފޮށާ އޮޅާލައިގެން މޫނު ނިވައިކޮށްގެންނެވެ. އެ އަސްވާރުން ހުޒައިފާއަށް ބުންޏެވެ. ކަލޭގެފާނުގެ ޞާޙިބާއަށް ދަންނަވާށެވެ. އަހަރެމެން ކަލޭގެފާނުގެ ފަރާތްޕުޅުން ހަނގުރާމަކޮށް ނިންމައިފީމެވެ. ބުނެވޭގޮތުން އެއީ މަލާއިކަތުންގެ ލަޝްކަރެކެވެ.

އަޙްޒާބު ހަނގުރާމައިގައި މުސްލިމުންނަށް ދެއްވި ނަޞްރުގެ ވާހަކަ އަޙްޒާބު ސޫރަތުގައި ﷲ ތަޢާލާ ބަޔާންކުރައްވާފައިވެއެވެ. އަޙްޒާބު ސޫރަތުގެ 9 ވަނަ އާޔަތުގެ މާނައިގައި ވެއެވެ.

" އޭ އީމާންވެއްޖެ މީސްތަކުންނޭވެ. ލަޝްކަރުތަކެއް ތިޔަބައި މީހުންނާއި ހަމައަށް އައި ހިނދު ﷲ ތިޔަބައި މީހުންނަށް ދެއްވި ނިޢުމަތް ތިޔަބައި މީހުން ހަނދުމަ ކުރާށެވެ. ފަހެ އެހިނދު އެއުރެންގެ މައްޗަށް ގަދަ ވަޔާއި ތިޔަބައި މީހުންނަށް ނުފެންނަލަޝްކަރުތަކެއް ތިމަން ރަސްކަލާނގެ ފޮނުއްވީމެވެ. ތިޔަބައި މީހުން ކަންތައްކުރާ ގޮތް މޮޅަށް ބައްލަވާވޮޑިގަންނަވާ ކަލަކު ކަމުގައި ﷲ ވޮޑިގެންވެއެވެ."

ނަބިއްޔާ ޙަދީސް ކުރައްވާފައި ވެއެވެ. ﷲ ތިމަންކަލޭގެފާނަށް ނަސްރުދެއްވީ އެކަލާނގެ ވައިގެ ލަޝްކަރުތަކުގެތެރެއިން ޞަބާ ފޮނުއްވައިގެންނެވެ. ޢާދު ބާގައިގެ މީހުން ހަލާކުކުރެއްވުމަށް އެއުރެންގެ މައްޗަށް ﷲ ފޮނުއްވީ އެކަލާނގެ ވައިގެ ލަޝްކަރު ދަބޫރެވެ. މުޝްރިކުންގެ މައްޗަށް ﷲ ދަބޫރު ފޮނުއްވި ނަމަ އެއުރެންގެ އެންމެން ހަލާކުވެ ނެތިވެދިޔައީހެވެ. އެހެންނަމަވެސް ނަބިއްޔާ ސައްލަﷲ ޢަލައިހި ވަސައްލަމް އެކަލޭގެފާނުގެ ގައުމުގެ މީހުން އިސްލާމްވުމަށް އެދިވަޑައިގަންނަވާ މިންވަރު ﷲ ދެނެވޮޑިގަންނަވާތީ، ﷲ އެއުރެންގެ މައްޗަށް ފޮނުއްވީ ޞަބާއެވެ. އެއީ ގަދަވަޔެކެވެ. އެމީހުންގެތެރެއިން އެކަކުވެސް އެވައިގެ ސަބަބުން މަރެއް ނުވެއެވެ. އެކަމަކު އެމީހުންގެ ހުރިހައި ފޭލިގެތަކެއް ހަލާކުވެ ނެތިވެ އަދި ކާބޯތަކެއްޗާއި ހިފައިގެންގުޅޭ ހުރިހައި އެއްޗެއް ގެއްލިގެންދިޔައެވެ. އެމީހުންނަށް މަޖްބޫރުވީ އެތަން ދޫކޮށްދިއުމަށެވެ.

އަޙްޒާބު ހަނގުރާމައިން ﷲގެ ނަޞްރު ލިބުމުގައި މުސްލިމުން ހަނގުރާމަކުރާކަށް ކަނޑި އުފުލާކަށެއް ނުޖެހުނެވެ. އެކަމަކު އެއީ ބޮޑުވެގެންވާ ނަޞްރެކެވެ. މުސްލިމުންނަށް އެހަނގުރާމައިން ނަޞްރު ލިބުމުން ނަބިއްޔާ ޙަދީސް ކުރެއްވިއެވެ. މިއަށްފަހުގައި ގުރައިޝުވަންހައިގެ މީހުން އަހުރެމެންނާއި ހަގުރާމައަށް ނާންނާނެތެވެ. ދެން އެމީހުންނާއި ހަގުރާމައަށްދާނީ އަހުރެމެންނެވެ. މައްކާ ފަތަޙަ ކުރުމުގެ ހަނގުރާމައައީ އަޙްޒާބު ހަގުރާމައަށްފަހުގައެވެ.

Advertisement

ކޮމެންޓް

Advertisement

Advertisement