ހަނގުރާމައިގެ މަންޒަރެއް
ދީން
22 Mar 2024 | 16:32
ބަދުރު ހަނގުރާމައިގައި އަބޫޖަހުލު ގަތުލުކުރި ދެކުދިންގެ ވާހަކަ

ބަދުރު ހަނގުރާމައިގައި މި އުއްމަތުގެ ފިރުޢަން އަބޫޖަހުލު ގަތުލު ކުރި ޅަޒުވާން ދެކުދިންގެ ވާހަކަ ޞަޙީޙް ބުޚާރީގައި ވަރަށް ތަފްސީލުކޮށް ގެންނަވާފައި ވެއެވެ. މި ދެކުދިންގެ ހިތްވަރުގަދަ ކަމުގެ ވާހަކަ ކިޔުއްވާ ދެއްވާފައިވަނީ އެމަންޒަރު ލޮލުން ދެކެލެއްވި ބަދުރުހަނގުރާމައިގައި ބައިވެރިވި ޞަޙާބީއެއްކަމުގައިވާ ޢަބްދުއްރަޙްމާން އިބްނި ޢައުފެވެ.

ޅަ ޒުވާން ދެކުދިންގެ އަތުން މިއުއްމަތުގެ ފިރްޢައުން އަދި މުސްލިމުންގެ މައްޗަށް އެންމެ ޢަދާވާތްތެރިކަން ބޮޑު ނުބައި ޖައްބާރު ޢަދުއްވު ޤަތުލްވެގެން ދިޔުމުގައި އެކުލެވިގެންވާ އެންމެ ބޮޑު ޙިކުމަތަކީ އޭނާ ނިކަމެތި ކުރައްވައި މީހުންގެ މަލާމާތް ރައްދުވާ މީހަކަށް ވުމެވެ. ޤުރައިޝްވަންހައިގައި އޭނާގެ ޢިއްޒަތަތާއި ގަދަރާއި މުއްސަނދިކަމާއި އާރާއި ބާރު ހުރިގޮތުން ހަނގުރާމައިގެ މައިދާނުގައި ކުޑަ ދެކުދިންގެ އަތުން އޭނާ މަރުވެދާނެކަމަށް ހީކުރާނީވެސް ފަހެ ކާކުހެއްޔެވެ.

ކޮންމެއަކަސް ޢަބްދުއްރަޙްމާން ބްނި ޢައުފު ކިޔުއްވާދެއްވާފައިވެއެވެ.

ބަދުރުގެ ދުވަހުގައި އަހުރެމެންގެ ލަޝްކަރު ދުޝްމަނުންނާއި ދިމާއަށް ކުރިއަށް ޖެހިގަތް ވަގުތު އަހުރެންނަށް އަހުރެންގެ ކަނާތްފަރާތަށާއި ވާތްފަރާތަށް ބެލެވުނެވެ. އަހަރެން އުއްމީދުކުރީ އަހުރެންނާއި ޖެހިގެން ދެފަރާތުގައި ހެޔޮވަރުގެ ވަރުގަދަ ދެ މީހުން ތިބޭނެ ކަމަށެވެ. ހަނގުރާމަ ކުރާއިރު އެމީހަކު ކުރިމަތިލާ މީހާ އަވަހަށް ޤަތުލު ކުރެވިއްޖެނަމަ ދެން އެންމެ ގާތުގައި ހުންނަ މީހާއަށް އެހީވާން އަންނާނެތީ އަހުރެން އުއްމީދު ކުރީ އަހުރެންނާއި އެކުގައިވެސް އެވަރުގެ ބާރުހުރި ދެމީހުން ދެފަރާތުގައި ތިބޭނެ ކަމަށެވެ. އެކަމަކު ކަނާތްފަރާތަށް ބަލާލިއިރު ހުރީ ޅަޒުވާން އުމުރުން ސޯޅަ، ސަތާރަ އަހަރުގެ ކުއްޖެކެވެ. ވާތްފަރާތަާށް ބަލާލިއިރުވެސް ހުރީ ހަމަ އެހާ ޅަ ކުއްޖެކެވެ. އެކަމާއި ކުޑަކޮށް މާޔޫސްކަމެއް ހިތަށްވެރިވެފައި ހުއްޓައި ކަނާތްފަރާތުގައި ހުރި ކުއްޖާ ކުއްލިއަކަށް އަހުރެންނާއި ކައިރިވެލާފައި ކަންފަތްދޮށުގައި ސިއްރުސިއްރުން ބުނެލައިފިއެވެ. އޭ ބޭބެއެވެ. އަބޫޖަހުލު ކުރިން ދެކެފައިވާނެތޯއެވެ. އަހަރެން އާއެކޭ ކިހިނެތްވީހޭ ބުނީމާ ބުނެފިއެވެ. އޭނާ ރަސޫލުﷲ ސައްލަﷲ ޢަލައިހް މަސައްލަމްއަށް ވަރަށް އިހާނާތްތެރިކޮށް ހިތިވާހަކަ އަހަރެން އެހީމެވެ. އެހެންވެ އަހަރެން މިހިރީ އަހަރެންނަށް އޭނާ ފެނިއްޖެނަމަ އަހަރެންގެ ހިޔަނި އޭނާގެ ހިޔަނިމައްޗަށް ޖެހިގަނެ އަހަރެެމެން ދެމީހުންކުރެ އެކަކު މަރުވެއްޖައުމަށްދާންދެން ދޫނުކުރުމުގެ މައްޗަށް ﷲ ގަންދީ ހުވައި ކޮށްގެންނެވެ. ދެން އެކުއްޖާގާތު އަހުރެންނަށް އޭނާ ފެނިއްޖެނަމަ އަންގާލާނަމޭ ބުނެފައި ކުރިއަށް ހިނގައި ނުގަނެވި އުޅެނިކޮށް އަނެއްފަރާތުގައި ހުރިކުއްޖާވެސް އަހުރެންނާއި ކައިރިވެލާފައި ސިއްރުސިއްރުން ހަމަ އެހެން ބުނެފިއެވެ. މިދެކުދިންވެސް އުޅެނީ އަނެއްކުއްޖާއަށް ނާންގައި ސިއްރުން އެވާހަކަ އަހާށެވެ. އެދެކުދިންގެ ހުރި ހިތްވަރާއި ޖޯޝާއި އަޒުމްފެނިފައި އަހުރެންގެ ނުތަނަވަސްކަން ފިލައިފިއެވެ.

ދެން އަހުރެމެން ހަނގުރާމަ ކުރަމުންދަނިކޮށް އަހުރެންނަށް އަބޫޖަހުލު ބަދުރުގައި އޭނާ ހުންނަން ޚާއްސަކޮށްފައި ހުރިތަނުގައި ހުއްޓައި ފެނިއްޖެއެވެ. އޭނާ ހުރީ ގަސްތަކެއްގެ ނިވަލުގައެވެ. އޭނާއަކީ ޤުރައިޝުންގެ ލަޝްކަރުގެ އެންމެ އިސް މީހާއަށްވުމުން އޭނާއަށް ރައްކާތެރިކަން ދިނުމަށް ވަށައިގެން މީހުން ތިއްބެވެ. އަދި އޭނާގެ ފިރިހެންދަރިފުޅު އިކްރިމާވެސް ރައްކާތެރިކޮށްދޭން ކަނޑިހިފައިގެން ހުއްޓެވެ. އަހުރެންނަށް ފެންނަނީ ގަސްތަކާހެދި އޭނާގެ މެއާއި ހަމައިން މައްޗެވެ. އަބޫޖަހުލުފެނުމާއެކު އެދެކުދިންނަށް އެހެރީ ތިޔަކުދިން ހޯދާ މީހާއޭ ބުނެލީމާ މީހުންގެތެރެއިން އެދިމާއަށް އެކުދިން ދެމިގެންފިއެވެ. އެހާ ހަގު ދެކުދިންވީމާ އެހެންމީހުންގެ މާކަބޮޑު ސަމާލުކަމެއް އެދެކުދިންގެ މައްޗަށް ނުދެވެއެވެ.

އަބޫޖަހުލު ޤަތުލު ކުރި ދެކުދިންގެ ތެރެއިން އެއްކުއްޖަކީ މުއާޒް އިބްނި އަމްރް އަލް ޖުމޫހެވެ. އޭނާގެ ބައްޕައަކީ ބަނޫ ސަލަމް ވަންހައިގެ ލީޑަރެވެ. މުއާޒަކީ އަގަބާގައި މަދީނާގެ މީހުން ދެވަނަ ފަހަރަށް ރަސޫލާއަށް ބައިއަތު ހިފަން އައިއައުމުގައި ޅަކުދިންގެ ތެރެއިން އިސްލާމްވި ކުއްޖާއެވެ. އޭނާ ހަލުވިކަމާއެކު އަބޫޖަހުލު ރައްކާތެރިކަން ހޯދައިގެން ހުރިގަސްތަކާއި ދިމާއަށް ދުވެފައި ގޮސް އެތަނުގައި ތިބި މީހުން ހުރަސްއަޅައި އަބޫޖަހުލާއި ހަމައަށް ނުފޯރާފާނެހެން ހީވުމާއެކު ވިދުވަރެއްހާ ހަލުވިކޮށް ފުންމުނުހާ މައްޗަކަށް ކަނޑިމަޅާލައިގެން ފުންމައިގެންގޮސް ހޫރައިލި އެތިފަހަރު އެރީ އަބޫޖަލުގެ ކަނާތު ފަޔަށެވެ. ވަގުތުން އެފައިވަކިވެ ވިއްސައިގެން ދިޔައެވެ. އިކްރިމާއަށް ފެނުނީ މިކުއްޖާ ފުންމައިގަތްތަނެވެ. މިހަމަލާއިން އިކްރިމާ އޭނާގެ ބައްޕަ ސަލާމަތްކުރެވޭތޯ ހޫރާލި ކަނޑިއެތިފަހަރު އެރީ މުއާޒުގެ ކަނާތަށެވެ. އެއަތް ވަގުތުން ކޮނޑު ހުޅުން ބުރިވިއެވެ. އެދުވަހުގެ ވާހަކަ މުއާޒު ފަހުން ކިޔައިދިނެވެ. އަހަރެންގެ އަތް އޮތީ ބުރިވެ އެކަމަކު އެއްކޮށް ވަކިނުވެ އެލިފައެވެ. ދެން އަހަރެން ތެދުވެގެން ހިނގައިގެންފައި އެތަނުން ދިޔައިރު އެއަތް އެހެން އޮންނާތީ އުނދަގޫވެގެން އަހަރެންގެ ފައިން އަތްތިލައަށް އަރައި ހިފާލުމުން އެއަތް ހަށިގަނޑާއި ވަކިވިއެވެ. މުއާޒް މަރުވީ އުސްމާންގެފާންގެ ވެރިކަމުގައެވެ.

އަނެއްކުއްޖާއަކީ މުޢައްވިޒް އިބްނިލް އަފްރާޙެވެ. އޭނާއަށް ލަޝްކަރުގައި ބައިވެރިވެވުނީ އޭނާ ކުޑަކަމުން ލަޝްކަރުގައި ނުހިހަމަނަން ނިންމާފައިވަނިކޮށް ޝަކުވާދަންނަވައި، ލަޝްކަރުގައި ހިމެނުނު އޭނާގެ ބޭބެއަށްވުރެ ވަރުގަދަވާނެކަމަށް ޗެލެންޖްކޮށް ބަނޑުމުސާރައަށް އޭނާގެ ބޭބެއާއި ހިފައި ބޭބެ ވައްޓާލައި ހިތްވަރު ދައްކައިގެންނެވެ. އަފްރާޙަކީ އޭނާގެ މަންމަގެ ނަމެވެ. އަފްރާޙްއަކީ މަދީނާގައި ވަރަށް ހެޔޮލަފާ މާތް އަންހެނަކަށްވާތީ އޭނާގެ ތިންދަރިންގެ ނަމުގެ ފަހަތަށްވެސް ކިޔަނީ އޭނާގެ ނަމުންނެވެ. އަފްރާޙްގެ ތިން ކުދިންގެތެރެއިން ދެ ކުދިން ބަދުރު ހަނގުރާމައިގައި ޝަހީދުވިއެވެ.

މުޢައްވިޒުވެސް އަބޫޖަހުލުގެ ގަޔަށް ކަނޑީގެ ހަމަލާއެއް ދިނެވެ. އެކަމަކު އޭނާގެ ހަމަލާ އެރީ އަބޫޖަހުލުގެ ގައިގެ ކޮންތަނަކަށް ކަމެއް ނޭނގެއެވެ. މިދެކުދިން އަބޫޖަހުލު ގަތުލު ކުރުމަށްފަހު އަވަސް އަވަހަށް ރަސޫލު ސައްލަﷲ ޢަލައި ވަސައްލަމްގެ އަރިހަށްގޮސް ދެންނެވިއެވެ. ޔާރަސޫލުﷲ އެވެ. އަހަރެމެން އަބޫޖަހުލު ޤަތުލުކޮށްފީމެވެ. ކޮންމެ ކުއްޖަކުވެސް ދެންނެވީ ޤަތުލުކުރީ އޭނާ ކަަމަށެވެ. ދެން އެދެކުދިންގެ ކަނޑި ދެއްކުމަށް ރަސޫލާ ވިދާޅުވުމުން ކަނޑިދެއްކިއިރު ދެކުދިންގެ ކަނޑީގައިވެސް ލޭހުރިތަން ފެނިވަޑައިގެން ވިދާޅުވިއެވެ. އޭނާ ޤަތުލުކުރީ ތިޔަ ދެކުދިންނެވެ. ދެން ހަނގުރާމައިގެ ތެރެއަށްގޮސް ހަނގުރާމަ ކުރަމުންދަނިކޮށް މުޢައްވިޒް ޝަހީދުވިއެވެ. އަބޫޖަހުލުގެ ގައިގައިހުރި އަގުބޮޑު ތަކެތި ލިބުނީ މުޢައްވިޒް ޝަހީދުވެފައި ވުމުން މުޢާޒަށެވެ.

ހަނގުރާމަ ނިމުމުން ރަސޫލުﷲ ސައްލަﷲ ޢަލައިހި ވަސައްލަމް އިސްލާމުންނަށް އަބޫޖަހުލުގެ މަސްގަނޑު ހޯދުމަށް ވިދާޅުވުމުން އެކިބޭކަލުން އެކިދިމާއަށްގޮސް ހޯދަމުންދަނިކޮށް ގަސްތަކުގެތެރޭގައި އޭނާ ވެއްޓިފައި އޮއްވާ ފެނުނީ ޢަބްދުﷲ އިބްނި މަސްޢޫދަށެވެ. އޭރު އަދި މަރެއް ނުވެއެވެ. ބާރުބާރަށް ފަހުނޭވާ ލަމުންދަނީއެވެ. ދެން އެކަލޭގެފާނު އޭނާގެ މޭމަތީގައި ފައިންއަރާ ބާރުކޮށްލުމުން ލޯ ހުޅުވާލީމާ އިބްނި މަސްޢޫދު އޭނާއަށް ވިދާޅުވިއެވެ. އޭ ﷲގެ ޢަދުއްވާއެވެ. މިއަދު ކަލޭ ނިކަމެތި ކުރައްވާފައިވާ ތަން ކަލެއަށް ނުފެނޭ ހެއްޔެވެ. ދެން އޭނާގެ ކަރުގައި އެކަލޭގެފާނުންގެ ކަނޑިކޮޅުން ޖައްސައި ބުރިކޮށްލަން އުޅުއްވައި ކަނޑިކޮށިވެފައި ވުމުން އަބޫޖަލުގެ އަތުގައި ޖައްސަވައި އޭނާގެ ކަނޑި އަތުން ދޫވުމުން އަބޫޖަހުލުގެ ކަނޑިން އޭނާ ޤަތުލު ކުރެއްވިއެވެ. މިވާހަކަ އެކަލޭގެފާނު ވަޑައިގެން ރަސޫލާގެ އަރިހު ދެންނެވުމުން ކަލޭގެފާނު އޭނާ ގަތުލުވެފައި އޮތްތަން ދެކެވަޑައިގެންނެވިންތޯ ތިން ފަހަރު ނަބިއްޔާ އެއްސެވިއެވެ. ދެން ޚުދު އެކަލޭގެފާނު ދެކެވަޑައިގަންނަވަން ބޭނުންފުޅުވެގެން ވަޑައިގެން ބައްލަވާލައްވާފައި ޙަދީސް ކުރެއްވިއެވެ. އޭނާއަކީ ތިމަންކަލޭގެފާނުގެ އުއްމަތުގެ ފިރުއައުނެވެ.

ކޮންމެއަކަސް މިހާދިސާއިން ޅަޒުވާން މުޢާޒާއި މުޢައްވިޒުގެ ހިތްވަރާއި ނަބިއްޔާގެ މައްޗަށް އޮތް ލޯބި ފެނިގެންދެއެވެ. އެދެކުދިންގެ ހިތުގައި އަބޫޖަހުލާއިމެދު ރުޅިއާއި ނަފްރަތާއި އަދި އޭނާގެ ކިބައިން ބަދަލުހިފުމުގެ ރޫހް އުފެދުނީ އޭނާ ނަބިއްޔާއަށް ކޮށްފައިވާ ގޯނާތަކުގެ ވާހަކަ އެކުދިންނަށް އިވި ނަބިއްޔާގެ މައްޗަށް އެކުދިންގެ ހިތްތަކުގައި އުފެދިފައިވާ ލޯތްބެއްގެ ބޮޑުކަމުންނެވެ. އެލޯބި އެކުދިން އުފުއްލައިދިނީ މުސްލިމުންގެ އެންމެ މަތީދަރަޖައަށެވެ. ބަދުރުހަގުރާމައިގައި ބައިވެރިވެވަޑައިގެންނެވި ބޭކަލުންނަކީ އެންމެ މާތްބެއިކަލުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ