ޔާމީންގެ މަރަށް އިންސާފް ހޯދައިދިނުމުގައި ކެބިނެޓުގެ އިހްލާސްތެރިކަން ކުޑަ!

24 Apr 2019 | 12:54

ފާއިތުވެދިޔަ ފަަސް އަހަރަކީ ގިނަ ނޫސްވެރިންނާއި ލިޔުންތެރިންނަށް ބަނަ ފަސް އަހަރެކެވެ. އެތަކެއް ނޫސްވެރިންނަށް ޖަލުތަކުގެ ބިރާއި ކުރިމަތިލާން ޖެހުނެވެ. ބޮޑެތި ޖޫރިމަނާތަކުން ނޫސްވެރިންގެ ދުލާއި ގަލަންތައް ހުއްޓުުވުމަށް މަސައްކަތް ކުރިއެވެ. ނޫސްވެރިއަކު ވީނުވީއެއް ނޭނގި ގެއްލުވާލެވުނެވެ. ލިޔުންތެރިއަކު ކޮށާ ކުދިކުދި ކޮށްލިއެވެ.

މި ސަރުކާރުން ވެރިކަމަށް އައި ހިނދު، ވެފައިވާ އެންމެ ބޮޑު އެއް ވައުދަކީ ރިޟްވާނާއި ޔާމީން ރަޝީދަށް އިންސާފު ހޯދައިދިނުމެވެ. އެ ގެއްލުމާއި އެ މަރުން މާޔޫސީގައި ތިބި ފަރާތްތަކުގެ ހިތްތަކަށް ތަސައްލީއެއް ހޯދައިދިނުމެވެ. އެކަމަށް ރިޔާސީ ކޮމިޝަނުގެ ވަރުގަދަ ތަހުގީގެއް މިހާރުވެސް ދަނީ ކުރެވެމުންނެވެ.

އިއްޔެއަކީ ޔާމީން ރަޝީދުގެ އަނިޔާވެރި ގަތުލަށް ދެއަހަރު ވީ ދުވަހެވެ. ޔާމީން ރަޝީދު ޓްވިޓަރގެ ދުނިޔެއަށް އެންމެފަހުން ދޫކޮށްލި ފުއްޕާހަމުގެ ނިޝާނުން މުޅި ޓްވިޓަރ ކަހަލަ ގޮތަކަށް ފުރާލެވުނެވެ. އެ މަރާއި ރިޟްވާންގެ ގެއްލުވާލުމުގެ ހަގީގަތް ހޯދުމުގެ ރަމްޒެއްގެ ގޮތުގައެވެ. މި ހުރިހާ ޓްވީޓްތަކުގެ ތެރެއިންވެސް އެންމެ ފާހަގަކޮށްލެވުނީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކުރެއްވި ޓްވީޓެވެ. އެ ޓްވީޓާއި އެކު ޔާމީންއާއި ރިޟްވާނަށް އިންސާފު ހޯދުމުގެ އުންމީދުގެ ހުޅުކޮޅު އަލުން ރޯވެގެންދިޔަ ފަދައެވެ.

އެމަނިކުފާނު ކުރެއްވި އެންމެ ޓްވީޓަކުން ފަރުޖައްސާލެއްވީ އެއް ނޫނެވެ. އެެެ ދެފަރާތަށް އިންސާފު ހޯދުމަށް އޮތް ހިނގާލުމުގެ އެންމެ އިސްސަފުގައި ބައިވެރިވެ ވަޑައިގެން މި ސަރުކާރުން އެކަމާއި މެދު ސީރިއަސް މިންވަރު ހާމަކޮށްދެއްވިއެވެ.

ނަމަވެސް ހިތާމައަކީ މި އިހުސާސް މުޅި ސަރުކާރުގައި އެކަށީގެންވާ މިންވަރަކަށް ނެތުމެވެ. ކެބިނެޓުގައިވެސް މަދު ވަޒީރުންކޮޅެއް ފިޔަވައި އިއްޔެ ހިތާމަ ފާޅުކޮށްލަން ނުކެރުނުކަމެވެ. އެބޭފުޅުންނަށް ވަޒީފާގެ ގޮތުން އެ މައްސަލަތަކުގެ ތަހުގީގަށް ބާރު ނުފޯރުނަސް، ރަމްޒީ ގޮތުން އެފަދަކަމެއް ކުރުމަކީ އިންސާފަށް ތެދުވާކަން އަންގައިދޭނެ ކުޑަ ނިޝާނެކެވެ. އެކަމުން ބައެއް އުންމީދު އިތުރަށް ހަރުދަނާވެގެންދާނެ ފަދަ ކަމެކެވެ.

މިއަދު ދެ މަންމައިން ދަނީ ކަރުނަ އަޅަމުންނެވެ. މިއަދު ދެ އާއިލާއެއް ވަނީ ހިތާމައިން ފޯވެފައެވެ. މިއަދު އެތަކެއް ރައްޓެހިންނާއި ދަންނަ ބަޔަކު ވަނީ ގިލަނުގައެވެ. ނަމަވެސް އިންސާފުގެ އުންމީދަކާއި އެކުގައެވެ. އެ އުންމީދަށް ކުޑަ ހިތްވަރެއް ދިނުމަށް މުޅި ސަރުކާރުން ތެދުވުމަކީ ހަމަ ކުރެވިދާނެ ކަމެކެވެ.

Advertisement

ކޮމެންޓް

Advertisement