ކޯޓްތަކުގެ ޖާގައިގެ ދަތިކަމަށް ހައްލު ހޯދުމަށް ހަދަމުންދާ އިމާރާތް ރައީސް ބައްލަވާލައްވައިފި
ކްރިމިނަލް ކޯޓާއި ޑްރަގު ކޯޓުގެ ޖާގައިގެ ދަތިކަމަށް ހައްލުހޯދުމަށް ހަދަމުންދާ އިމާރާތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ބައްލަވާލައްވައިފި އެވެ.
މި އިމާރާތަކީ ހުޅުމާލޭގައި ތަރައްޤީކުރަން ހަމަޖެހިފައިވާ ސުޕީރިއާ ކޯޓު ކޮމްޕްލެކްސް އިމާރާތް ކުރެވެންދެން ކޯޓުތަކުގެ ޖާގައިގެ ދަތިކަމަށް، މިވަގުތަށް ހައްލު ހޯދައިދިނުމަށް ހަދަމުންދާ އިމާރާތެކެވެ.
ރައީސުލްޖުމްހޫރިއްޔާގެ މިއަދުގެ ޒިޔާރަތުގައި، ކޯޓު އިމާރާތުގެ ޕްލޭންތައް ބައްލަވާލައްވައި، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ އިސް ބައެއް ބޭފުޅުންނާއި ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާބެހޭ ވަޒީރުގެ އަރިހުން އެ މަސައްކަތުގައި މިހާތަނަށް ލިބިފައިވާ ކުރިއެރުންތައް އޮޅުންފިލުއްވާފައިވެ އެވެ. މި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ކެބިނެޓުގެ ވަޒީރުންނާއި ޝަރުއީ ދާއިރާގެ އިސްބޭފުޅުންނާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ދިވެހިރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމަށް މިއަދު ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ، މައްސަލަތަކުގެ އަޑުއެހުންތައް ލަސްވެ، ހުކުމަކާ ހަމައަށް ވާސިލުނުވެ ދިގުލައިގެން ދިއުންކަމުގައި، މިއަހަރުގެ ރިޔާސީ ބަޔާނުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ. އަދި މިއާއެކު ކޯޓުތަކަށް ދިމާވެފައި އޮތް ޖާގައިގެ ދަތިކަމަށް ޙައްލު ހޯއްދަވައިދެއްވުމުގެ ގޮތުން، ހުޅުމާލޭގައި ސުޕީރިއަރ ކޯޓު ކޮމްޕްލެކްސް އެޅުމުގެ މަސައްކަތް، މިއަހަރު ފައްޓަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists