ސެކިޔުލަރިޒަމްގެ ނުރައްކާތެރިކަން 3

17 May 2019 | 16:15

ލިޔުނީ: އައްޝައިޚް އަޙްމަދު ސަމީރު

ސެކިޔުލަރިޒަމްގެ ދެބައި:

ދެވަނައީ: ކަލަކުވޮޑިގެންވާކަމަށް ޤަބޫލުކުރާ ބައެވެ. މިފިކުރުގެ އަހުލުވެރިން ﷲ ވޮޑިގެންވާކަމަށް އިންކާރެއް ނުކުރާނެއެވެ. އަދި ނަޒަރީގޮތެއްގައި ﷲ ވޮޑިގެންވާކަމަށް އީމާންވެއެވެ. ނަމަވެސް ދުނިޔޭގެ އެއްވެސްކަމަކަށް ދީނުގެ ޙުކުމްތަކުން ބާރު ފޯރުވުމަށް އެބައިމީހުން އިންކާރުކުރެއެވެ. އެބައިމީހުންގެ ޝިޢާރަކީ ދީނާއި ދުނިޔޭގެ ކަންކަން މުޅިން ވަކިކުރުމެވެ.

މިއީ މިއަދު މުސްލިމުންގެމައްޗަށް އެންމެ ނުރައްކާތެރި ފިކުރެވެ. އިސްލާމީ ލަޝްކަރުތަކުގެ ކުރިމަތީގައި ޞަލީބީ ލަޝްކަރުތައް ހަނގުރާމައިގެ މައިދާނުގައި ކުރުކަކޫ ޖަހަން މަޖުބޫރިވި ހިސާބުން އެވެރިންގެ ހަނގުރާމަ އަމާޒުކޮށްފައިވަނީ އުންމަތުގެ އިސްލާމީ ފިކުރާ ދެކޮޅަށް ހަނގުރާމަ ކުރުމަށެވެ.

އިސްލާމުންގެ ގޮތުގައި ތިއްބަސް އެބައިމީހުންގެ ކިބައިން އިސްލާމް ދީނުގެ އަސަރެއް ފެންނަން ނެތްބައެއްގެ ގޮތުގައި ތިބުމީ ދީނީގޮތުން އެންމެރަނގު ގޮތްކަމުގައި އުންމަތުގެ ސިކުޑިތަކަށް ވައްދައިގެންނެވެ. މިފިކުރު އުންމަތަށް ނުރައްކާވާ ސަބަބަކީ ޢާންމު މުސްލިމުންނަށް މިވެރިންގެ ނުރައްކާތެރިކަން ދެނެގަންނަށް ފަސޭހަކަމަކަށް ނުވާތީއެވެ. އެއީ މިވެރިންނަކީ ބޭރުފުށުން އިސްލާމުންގެ ގޮތުގައި ދިރިއުޅެމުންދާ ބައެކެވެ.

އިސްލާމްދީނުގެ ބައެއް އަޅުކަންތައް އެހެން މީހުންފަދައިން ކުރާތީ ފެންނަބައެކެވެ. އަދި އެމީހުންގެ ނުބައި ފިކުރަށް ދަލީލުދައްކަން ކީރިތި ޤުރްއާނުގެ ބައެއް އާޔައްތަކުންވެސް ތަންތަންކޮޅު ކިޔާބައެކެވެ. އަދި ސަލާމާއި ޞަލަވާތްލެއްވި ކީރިތި ރަސޫލާގެ ޙަދީޘް ބަސްފުޅެއްވެސް ކިޔާފާނެތެވެ. އަދި މިފަދަ ބައެއް މީހުންނަކީ ޤައުމުގައި ބަސްހިނގާ، މަތީ މަޤާމުތަކުގެ މީހުންކަމުގައިވެދެއެވެ.

އެހެންކަމުން އެމީހުންގެ ޖަހާއި މަޤާމައި ނުފޫޒުގެ ލިބާހުގައި އެވެރިން މުސްލިމުންގެ ސިކުނޑިތަކަށް ސަވާރުވެއެވެ. ކަން މިހެންވުމުން މިވެރިންގެ ނުބައިކަން ދެނެގަންނަން ޢާންމުންނަށް މާ ފަސޭހައެއް ނޫނެވެ. އަދި އަމުދުން އިސްލާމްދީން ޙިމާޔަތްކޮށް ރައްކާތެރި ކުރުމުގެ ޝިޢާރުގެ ދަށުގައި ސެކިޔުލަރިޒަމަށް މަގުފަހި ކުރުމީ މިވެރިންގެ އެންމެ ނުބައި އެއް ޞިފައެވެ. ދީނުގެ ނަމުގައި މިވެރިން ދީން ހަލާކުރުރަމުންދަނީ ނުހަނު މަކަރުވެރިކަމާއެކުއެވެ.

އިސްލާމް ދީނަކީ ނުހަނު މަތިވެރި ދީނެއްކަމުން އެއްވެސް މީހަކު ނާޖާއިޒްގޮތުގައި ދީން ބޭނުންކުރިޔަ ދީގެން ނުވާނެކަމުގެ މަކަރުން ޖަރީކުރެވިފައިވާ ޝިޢާރުގެ ދަށުގައި، ޤައުމުގެ ސިޔާސަތު ހިންގުމުގެ އެއްވެސްކަމަކަށް ދީން ވައްދައިގެން ނުވާނެކަމުގައި އެވެރިން ބުނެއެވެ.

ދީނަކީ އިންސާނާއާއި އޭނާގެ ވެރިރަސްކަލާނގެއާ ދެމެދުގައިވާ މަތިވެރި ރޫޙީގުޅުމެއްކަމުގައި ވީހނދު، އިންސާނުންގެ ތެރޭގައި އަރާރުން އުފެދި ދެބަސްވާ މައްސަލަތަކުގައި ފައިސަލާކުރުމަށް ދީންވައްދައިގެން ނުވާނެކަމުގައި މިވެރިންދައްކައެވެ. އެހިސާބުން އެއްލާލަނީ އިސްލާމީ ޝަރީޢަތެވެ. އަދި މީގެ ދަށުން މުޖުތަމަޢުގައި ހިނގާ އެއްވެސްކަމަކާ ގުޅިގެން ދީނީ ޢިލްމުވެރިން އެއްވެސް ބަހެއް ބުނެގެން ނުވާނެކަމަށް ދައްކައެވެ. އަދި އެފަދަ ބަހެއް ދީނީ ޢިލްމުވެރިޔަކު ބުނެފިނަމަ އެއީ ހުރިހާތަނަކަށް ދީން ވައްދަނީ ކަމުގެ ބުނެ ދީނީ ޢިލްމުވެރިންނަށް ބަދުބަސް ރައްދުކުރެއެވެ. ( ނުނިމޭ)

Advertisement

ކޮމެންޓް

Advertisement