މޯދީއާއި ކައިރި މުސްތަގްބަލެއްގައި ބައްދަލުވާާން އެދެން: ރައީސް ޞާލިހު

24 May 2019 | 14:01

ޤައުމުގެ ގުޅުން އިތުރަށް ބަދަހި ކުރެއްވުމަށްޓަކައި ކައިރި މުސްތަގުބަލެއްގައި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާއި ބައްދަލުވާން އެދޭކަމަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް އެހެން ވިދާޅުވީ އިންޑިޔާގެ އާންމު އިންތިޚާބުގައި ވެރިކަންކުރާ ބީ.ޖޭ.ޕީ ހޯދި ފުރިހަމަ ކާމިޔާބީ ފާހަގަ ކުރައްވައި، އެކަމަށްޓަކައި އިންޑިޔާގެ ބޮޑުވަޒީރު ހިޒް ނަރެންދްރަ މޯދީއަށް ފޯނުން ގުޅުއްވައި ތަހުނިޔާ ވިދާޅުވަމުންނެވެ.

އިންޑިޔާގެ ބޮޑުވަޒީރަށް ގުޅުއްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި އިންތިޚާބުގެ ކަންކަން ކުރިއަށްދިޔަ ސުލްހަވެރި، ޑިމޮކްރެޓިކް އުސޫލު ފާހަގަ ކުރައްވައި، އިންތިޚާބުގައި ވާދަކުރި ހުރިހާ ކެންޑިޑޭޓުންނަށާއި އިންޑިޔާގެ ރައްޔިތުންނަށްވެސް އެމަނިކުފާނު މަރުހަބާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ބޮޑުވަޒީރު ކަމުގެ ދެވަނަ ދައުރަކަށް ނަރެންދްރަ މޯދީ ހޮވިވަޑައިގަތުމަކީ، އިންޑިޔާގެ ކުރިމަގާމެދު އެމަނިކުފާނު ގެންގުޅުއްވާ ތަސައްވުރަށް ރައްޔިތުން އިތުބާރުކުރާ މިންވަރު ހާމަވެގެންދާ ކަމެއް ކަމުގައި ވިދާޅުވިއެވެ. އަދި ކުރިޔަށް އޮތް ދައުރުގައިވެސް ބޮޑުވަޒީރު މޯދީގެ ސަރުކާރުން އިންޑިޔާއަށް އިތުރު ކުރިއެރުންތައް ގެނެސްދެއްވާނެކަން ޔަގީންކުރައްވާކަމަށާއި، ދިވެހިރާއްޖެއާއި އިންޑިޔާއާ ދެމެދު ޤާއިމުވެފައިވާ ވަރުގަދަ ގުޅުން ކުރިއަށް އޮތްތާނގައި އިތުރަށް ބަދަހިވެގެންދާނެކަން ޔަގީން ކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެ އިތުރުން، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހި ކުރެއްވުމަށްޓަކައި ކައިރި މުސްތަގުބަލެއްގައި ދެބޭފުޅުން ބައްދަލުވެވަޑައިގެން، ދެ ޤައުމުގެ ޚާރިޖިއްޔާ ކުރިއެރުވުމަށް މުހިންމު މަސައްކަތްތަކެއް ކުރެވިގެންދާނެކަމަށް އުއްމީދު ކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

Advertisement

ކޮމެންޓް

Advertisement