މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: ފޮޓޯ/ މަޖިލިސް
ހަބަރު
09 Jul 2025 | 11:27
ހިޔާލު ހޯދުމުގެ ވޯޓު ނެގުމުގެ ބިލް ބަލައިގަނެ، ދިރާސާ ކުރަން ކޮމިޓީއަށް

އިންތިޚާބުތައް ކުރިއަށްދާ ގޮތް ބަދަލު ކުރުމަށް، ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓަކަށް ދިޔުމުގެ ކުރިން އެފަދަ ވޯޓުތަކާ ގުޅޭ ހާއްސަ ގާނޫނެއް ހެދުމަށްޓަކައި ހުށަހެޅި ބިލް ރައްޔިތުންގެ މަޖިލީހަށް ބަލައިގަނެ ދިރާސާކުރަން ކޮމިޓީއަށް ފޮނުވައިފި އެވެ.

ސަރުކާރުގެ ފަރާތުން އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހް ހުށަހެޅުއްވި މި ބިލް މަޖިލީހަށް ބަލައިގަތުމަށް ފެންނަ ކަމަށް ފާސްވީ ވޯޓުގައި ބައިވެރިވި 62 މެންބަރުންގެ އިއްތިފާގުންނެވެ.

ބިލް މަޖިލީހަށް ބަލައިގަތުމަށް ފާސްވުމުން ބިލް ދިރާސާކުރަން ވަނީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް މިއަދު ފޮނުވާފަ އެވެ.

ބިލު ހުށަހެޅި ސަބަބުގެ ގޮތުގައި ފާހަގަކޮށްފައި އޮތީ، ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގޭނެ ހާލަތްތަކާއި އެ ވޯޓު ނެގުމަށް ހުށަހަޅާ ފަރާތްތަކުގެ ދައުރާއި ޒިންމާތަކާއި، އެ ވޯޓު ނެގުމުގައި އިލެކްޝަންސް ކޮމިޝަނުން އަމަލުކުރާނެ އުސޫލުތަކާއި، އެ ނޫނަސް ވޯޓު ނެގުމާ ގުޅޭ އެންމެހާ ކަންކަން ބަޔާން ކުރުމެވެ. 

މި ބިލުގައި، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާއްމު ވޯޓު ނެގޭނެ ހަތަރު ކަމެއް ފާހަގަކޮށްފައިވެއެވެ. އެއީ

1- ރައްޔިތުންނާ ގުޅޭ މުހިންމު ކަންތައްތައް

2- ގައުމީ މުހިންމު މައްސަލަތައް 

3- ގާނޫނުއަސާސީގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ބާޔަންކޮށްފައިވާ އެންމެހާ ހާލަތްތައް. އޭގެ ތެރޭގައި ހިމެނެނީ، މަޖިލީހުގެ އުމުރު، ރައީސް އިންތިހާބު ކުރާ ގޮތް އަދި ގާނޫނުއަސާސީގެ ދެވަނަ ބާބުގައިވާ އަސާސީ ހައްގުތަކާއި މިނިވަންކަމާ ގުޅޭ މާއްދާއަކަށް އިސްލާހު ގެނައުން

4- ގާނޫނު އަސާސީއަށް އިސްލާހެއް ގެނައުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބިލެއް ރައީސުލްޖުމްހޫރިއްޔާ ތަސްދީގުނުކުރައްވައި، އެކަން ރައްޔިތުންގެ މަޖިލީހަށް އަންގާ ޙާލަތުގައި، އެ ބިލަކަށް ރައްޔިތުންގެ ރުހުން އޮތްތޯ ބެލުމަށް

މި ބިލުގައިވާ ގޮތުން، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާއްމު ވޯޓު ނެގުމަށް މަޖިލީހަށް ފެންނަ މަޖިލީހަށް ފެންނަ ޙާލަތުގަޔާއި މަޖިލީހަށް ލާޒިމްވާ ހާލަތްތަކުގައި އެ ވޯޓު ނެގުމަށް ކަނޑައަޅާނީ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތުން ފާސް ކުރާ ގަރާރަކުންނެވެ.

އަދި ޚިޔާލު ހޯދުމުގެ އާއްމު ވޯޓު ނެގުމަށް ރައީސްއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ބޭނުން ކުރަންވާނީ ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އުސޫލުތަކާ އެއްގޮތަށް ކަމަަށާ، އާއްމު ވޯޓެއް ނެގުމަށް ރައީސް ބޭނުންވެވަޑައިގަންނަވާ ނުވަތަ ލާޒިމްވާ ޙާލަތްތަކުގައި އެކަން ކަނޑައަޅާނީ އެ މަނިކުފާނު ސޮއިކޮށް ނެރޭ ހާއްސަ ގަރާރަކުން ކަމަށްވެސް ބުނެފައިވެއެވެ.

މަޖިލީހުން ފާސް ކުރާ ގަރާރުގައި ނުވަތަ ރައީސްގެ ގަރާރުން ވެސް އެއް މައްސަލައަށް ވުރެ ގިނަ މައްސަލައާ ގުޅޭ ގޮތުން ވޯޓު ނެގުމަށް ކަނޑައެޅިދާނެ ކަމަށް ބިލުގައި ބުނެ އެވެ.

މި ފަދަ ގަރާރު ނެރޭ އިރު، އެކަމާ ގުޅޭ މައުލޫމާތު ކަރުދާހެއް ވެސް އާންމު ކުރަން ވާނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެ އެވެ. 

މި ދެ ގަރާރުގައި ހިމަނަން ޖެހޭ ކަންކަމަކީ: 

- ރައްޔިތުންގެ ހިޔާލު ހޯދުމަށް އެދި ހުށަހަޅާ މައްސަލައިގެ ނުވަތަ ސުވާލުގެ ފުރިހަމަ އިބާރާތް

- އެ މައްސަލައެއްގައި ރައްޔިތުންގެ ހިޔާލު ހޯދުމަށް އެދި ހުށަހަޅާ ސަބަބު

- ވޯޓު ނެގުމަށް އެދި ހުށަހަޅާ މުއްދަތު

ބިލުގެ 19 ވަނަ މާއްދާގައިވާ ގޮތުން، ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމަށް އެދި ހުށަހާޅާ ތާރީހާއި އެ އިންތިހާބަކާ ދެމެދު މަދުވެގެން 45 ދުވަސް އޮންނަން ޖެހެ އެވެ. އަދި ގިނަވަގެން 90 ދުވަސް ނުވަތަ ތިން މަސްދުވަހުގެ މުއްދަތެއް އޮންނަންވާނެ އެވެ. 

މީގެ އިތުރުން، ރައީސްގެ ނުވަތަ މަޖިލީހުގެ ގަރާރު އިލެކްޝަންސް ކޮމިޝަނަށް ފޮނުވާތާ ފަސް ދުވަސް ތެރޭ ހިޔާލު ހޯދުމަށް އެދި ހުށަހަޅާފައިވާ ސުވާލުގެ ފުރިހަމަ އިބާރާތް އިލެކްޝަން ކޮމިޝަނުން އާންމު ކުރަން ޖެހޭއިރު، އެ ސުވާލު އާންމު ކުރާތާ ހަތް ދުވަސް ތެރޭ އިންތިހާބުގެ ތާރީހު އިއުލާން ކުރަން ޖެހެއެވެ. 

އަދި ވޯޓު ނެގުމަށް އެދި ހުށަހަޅާ މުއްދަތުގައި ވޯޓު ނުނެގޭނެ ކަމަށް ކޮމިޝަނަށް ލަފާ ކުރެވޭ ނަމަ، އެކަން ރައީސް ނުވަތަ މަޖިލީހަށް ލިޔުމުން އަންގަން ޖެހޭނެ ކަމަށާ އެ އަންގާއިރު، ދެން ވޯޓުލުން އޮންނާނެ ކަމަށް ލަފާ ކުރެވޭ ތާރީހު ވެސް ބަޔާން ކުރަން ޖެހޭނެ ކަމަށް ބުނެފައިވެއެވެ. 

މީގެ އިތުރުން، މަޖިލީހުން ނުވަތަ ރައީސްގެ ގަރާރު ފާސް ކުރުމަށް ފަހު އަނބުރާ ގެންދެވޭނީ، އިންތިހާބުގެ ތާރީހު އިއުލާން ކުރުމުގެ ކުރިން ކަމަށާ އޭގެ ފަހުން ގަރާރު އަނބުރާ ގެންދިޔުމުގެ ފުރުސަތެއް ނޯންނާނެ ކަމަށްވެސް ބިލުގައި ވެއެވެ.  އަދި ގަރާރު އަނބުރާ ގެންދިޔުމުގެ ކުރީން އަނބުރާ ގެންދަން ނިންމި ސަބަބުވެސް ހާމަކުރަންވާނެ ކަމަށް ބުނެފައިވެއެވެ.

ރައީސް މުއިއްޒު މީގެ ކުރިން ތަކުރާރުކޮށް އެކި ޖަލްސާތަކުގައި ވާހަކަދައްކަވަމުން ވަނީ ބައެއް އިންތިޚާބުތައް ކުރިއަށްދާ ގޮތް ބަދަލުކުރުމަށް ވިސްނަވާކަން ފާހަގަކުރައްވައި އެކަމަށް ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނަންގަވާނެކަން ހާމަކުރައްވާފައެވެ. އެގޮތުން ބަދަލު ކުރައްވަން ނިންމަވާ ކަންކަމުގެ ތެރޭގައި ހިމެނެނީ؛ 

- ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލައި އެއް ބުރުން ވެރިޔަކު ހޮވާ ގޮތަށް ހެދުން

- ޕްރިފެރެންޝަލް ވޯޓިން ނިޒާމަކުން ވެރިޔަކު ހޮވާ ގޮތަށް ހެދުން

- ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ތާރީހެއްގައި ބޭއްވުން

- ވެރިކަމުގެ ހުވާ ކުރައްވާ ދުވަސް 11 ނޮވެމްބަރަށް ބަދަލު ކުރަން

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Aug 2026
ކޯޓްތަކަށް ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގޭނީ ޔާމީނަށް: އަބްދުއްރަހީމް
"ކޯޓުތަކަށް މި ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް، އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް," އަބްދުއްރަހީމް ވިދާޅުވި އެވެ.
06 Aug 2026
ދަތިތައް ހުރިނަމަވެސް ވައުދުތައް ފުއްދައިދޭނަން: ރައީސް ޑރ.މުއިއްޒު
ދަތިތަކާއެކުވެސް ރައްޔިތުންނަށް ވީ ވައުދުތައް 2028 ވަނަ އަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ތެރޭގައި ފުއްދަވާނޭކަމަށް ރައީސް ވިދާޅުވިއެވެ
05 Aug 2026
ގޮނޑުހޮވައި މަގުމަތިވެގެން އުޅޭ ހާހެއްހާ ކުދިން މާލެ ސަރަހައްދުގައި
އާޒިމް ވިދާޅުވީ މާލެ ސަރަހައްދުގައި އުޅޭ މިފަދަ ކުދިން އަލުން މުޖުތަމައުއަށް ނެރުމަށް އެންޑީއެމްއޭ އާއި ފުލުހުންނާއި، މާލެސިޓީ ކައުންސިލް އަދި ސަރުކާރު ގުޅިގެން މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ
05 Aug 2026
ފަރުމަސްވެރި ކަމަށް ހާއްސަކޮށް އަޅާ ފުރަތަމަ އައިސްޕްލާންޓް އުކުޅަހުގައި
މިއީ ފަރުމަސްވެރި ކަމަށް ހާއްސަކޮށްގެން އަޅާ ކުދި އައިސްޕްލާންޓު ތަކުގެ ތެރެއިން ފުރަތަމަ އައިސްޕްލާންޓެވެ.
05 Aug 2026
އުކުޅަހުން އެދުނީ އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މެންދުރު އުކުޅަހު ކޮންވެންޝަން ސެންޓަރުގެ އިދާރާގަ އެވެ.
05 Aug 2026
އެމްޑީޕީގެ މުޒާހަރާގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ހާލަތު ބަދަލުކުރުން: ޝިފާޒް
އެމްޑީޕީން ކުރިއަށްގެންދާ މި މުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 13 ވަނަ ދުވަހުގެ ރޭ 20:30 ގައި މަޖީދީމަދު ސޯޝަލް ސެންތަރު ކައިރިން ކަމަށް އެޕާޓީން ބުނެއެވެ
05 Aug 2026
'ޕާލް ރެސިޑެންސް" އާ ގުޅިގެން އިލްމުވެރިންގެ ގުޅުމުން މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށްގެންދަނީ
ޕާލް ރެސިޑެންސް ޕްރޮގްރާމާ ގުޅޭގޮތުން ސަރުކާރުން ބުނެފައިވަނީ، މިއީ ރާއްޖެއަށް ގެއްލުންވާ ބީދައިން ކުރިއަށްގެންދާ ޕްރޮގްރާމެއް ނޫންކަމަށެވެ
05 Aug 2026
ނިޔާވި ފަރާތްތަކުގެ އެކައުންޓަށް ޖަމާވި ފައިސާ ރިކަވާވޭ
ނިޔާވެފައިވާ 700 ވުރެ ގިނަ މީހުންގެ އެކައުންޓަށް ޖަމާކޮށްފައިވާ 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ރިކަވާ ކުރެވެމުންދާ ކަމަށް އެންސްޕާގެ ސީއީއޯ އާމިނަތު ޝިރުނާ ވިދާޅުވެއްޖެ އެވެ.