މައްސަލަ ޖެހުމުން ސީޝައިން ގެސްޓްހައުސްއިން ދެއްކީ ނަމޫނާ!

21 Jun 2019 | 19:08

މާލެ އަތޮޅު ހުރާގެ ސީ ޝައިން ގެސްޓު ހައުސް އަށް، ދިމާވި މައްސަލައެއްގައި އެތަނުގެ ވެރިން ނާއި މުއައްޒަފުން އަމަލު ބެހެއްޓި ގޮތުން، އެތައް ބައެއްގެ ތައުރީފު ލިބި މުޅި ޓޫރިޒަމް އިންޑަސްޓްރީ އަށް ނަމޫނާ ދައްކައިފިއެވެ.

އެހެން ނަމަވެސް މީސްމީޑިއާގައި ސީ ޝައިންގެ ވާހަކަ ފުރަތަމަ އައީ މުޅިން އެހެން ގޮތަކަށެވެ. ލާރިތަކެއް އަނބުރާ އަވަހަށް ހޯދުމަށް މިދުއަމް ފޭސްބުކް ގައި ޖެހި ވާހަކަ އަކުންނެވެ. ފޭސްބުކް އެކްޓިވިސްޓުގެ އެ ސްޓޭޓަސް އެތައް ބަޔަކު ޝެއާ ކޮށް، ސީ ޝައިން އާއި ގުޅައި ޕްރެޝާ ކުރިއެވެ. އަނެއް ދުވަހު ފެނިގެން ދިޔައީ މުޅިން ތަފާތު މަންޒަރެކެވެ.

ސީ ޝައިންގެ ވެރިއާ މުހައްމަދު ނާފިޒުގެ ބަޔާން ޝެއާ ކުރަމުން މައްސަލަ ފުރަތަމަ ޖެއްސި ފަރާތުންވެސް ވަނީ ސީ ޝައިން އާއި ނާފިޒަށް ވަރަށް ތައުރީފް ކޮށްފައިއެވެ. ޖެހުނު މައްސަލައިގެ ސަބަބުން ނާފިޒު މާފަށް އެދި ފައިވާއިރު މައްސަލަ ޖެއްސި ފަރާތުންވަނީ އޭނާގެ އަމަލުން ސީ ޝައިން ގެ ނަމަށް މީސްމީޑިއާގައި ލިބުނު ގެއްލުމަށްވެސް މާފަށް އެދިފައިއެވެ.

މި ކަން ދިމާވީ ސީ ޝައިންގެ ލޯންޗެއް އެކްސިޑެންޓް ވެގެން އެ މަރާމާތު ކުރުމުގެ މަސައްކަތުގައި ނާފިޒު ވަރަށް ބުރަކޮށް އުޅެނިކޮށެވެ. އެރޭ ވަރަށް ގިނަ ބަޔަކު ވަނީ ނާފިޒާއި ގެސްޓް ހައުސް އައި ގުޅައި ވަރަށް ޕްރެޝާ ވެސް ކޮށްފައިއެވެ. އެހެން ނަމަވެސް ނާފިޒު އެކަމާއި ކުރިމަތިލާފައި ވަނީ ވަރަށް ކެއްތެރިކަމާއި އެކުގައިއެވެ. މުއައްޒަފުންނަށް އިރުޝާދު ދިނީ ވެސް އެގޮތަށް އެކަން ކުރުމަށެވެ. ނާފިޒު ވެސް ހުރިހާ މަސައްކަތެއް ހުއްޓާލާފައި، ފޯނު ހިފައިގެން ވަނީ ފޭސްބުކަށެވެ. އާއްމު މީހުންނަށް ކަންތައް ހިނގައި ދިޔަގޮތް އޮޅުން ފިލުވައިދޭން ރިޕްލައި ކުރުމަށެވެ. ކުންފުންޏާއި ނާފިޒުގެ ނަޒަރުގައި އެއްމެ މުހިންމު ބަޔަކީ ކަސްޓަމަރުން ނާއި އާއްމު މީހުން ކަމަށް ވާތީއެވެ. ސީ ޝައިންގެ ވެރިޔާ އާއި ޓީމް ހުރިހާ ކަމެއް ހުއްޓާލާފައި މުޅި އެއްރޭ ހޭދަ ކުރީ އެކަމުގައިއެވެ. އާއްމުންގެ މެސެޖުތަކަށް ޖަވާބު ދީ ވެގެން އުޅޭ ގޮތް ކިޔައި ދިނުމުގައިއެވެ. އެރެއިން އެރެއަށް ސީ ޝައިންގެ ފޭސްބުކް ޕޭޖްގައި އެވާހަކަތައް ކިޔައިދީ މާއްފަށް ވެސް ވަނީ އެދިފައިއެވެ.

ދެފަރާތުން މައްސަލަ ހަލު ކުރި ގޮތާއި ސީ ޝައިން އިން އެކަމުގައި އަމަލު ބެހެއްޓި ގޮތުން ނާފިޒާއި ސީ ޝައިން އަށް ވަރަށް ގިނަ ބަޔަކު މީސް މީޑިއާގައި ވަނީ ތައުރީފް ކޮށްފައިއެވެ.

މިކަމާ ގުޅިގެން ވޮއިސް އިން ކުރި ސުވާލަކަށް ޖަވާބު ދެމުން މައްސަލަ ޖެއްސި މިދުއަމް ބުނެފައި ވަނީ” ދިމާވި ކަމަކާއި ގުޅިގެން ވަރަށް ހިތްހަމަ ނުޖެހި ހުރެ ފޭސްބުކް އަށް ވަދެ ލިއުނީ ، އެކަމަކު ސީ ޝައިން އާއި ނާފިޒް އެކަމާއި ކުރި މަތިލީ ހީވެސް ނުކުރާ ހާ ޕްރޮފިޝަނަލްކޮށް، އަސްލު އަޅުގަނޑު ފޭސްބުކު ގައި ލިއުމުން ވަރަށް ގިނަ މީހުން ގުޅި، މެސެޖުކޮށް ހަދައި ތަންކޮޅެއް ހަރުކަށި އިބާރާތުން ވެސް ބައެއް މީހުން ވާހަކަވެސް ދައްކާނެ، އެކަމަކު އެ ހުރިހާ ޕްރެޝާ އެއް ސީ ޝައިން ޓީމުން ހޭންޑުލް ކުރީ ވަރަށް ޕްރޮފިޝަނަލްކޮށް، އަޅުގަނޑު އެއްމެ މީހަކު ލިއުނު އެއްޗަކަށް ޖަވާބު ދީ ކަން ހައްލު ކުރުމަށް މުޅި ޓީމާއި ތަނުގެ ވެރިޔާ މުޅި އެއްދުވަސް ހޭދަ ކުރުމުން ދައްކުވައިދެނީ ކަސްޓަމާރ ކެއާ އަށް އިސްކަން ދޭ ވަރު” މިދުއަމް ބުންޏެވެ.

Advertisement

ކޮމެންޓް

Advertisement