މުޒާހަރާގައި 3 ފުލުހަކަށް އަނިޔާވި، އަންހެން ފުލުހަކު ވެއްޓިފައިވަނިކޮށް ގައިމަތިން ބައެއް މީހުންދިޔަ: ފުލުހުން

ރޭ ގެ މުޒާހަރާގެ ތެރެއިން... ފޮޓޯ: ވޮއިސް

ރޭގެ މުޒާހަރާގައިފުލުހުންގެ 3 މީހަކަށް އަނިޔާވިއިރު، އޭގެތެރޭގައި އަންހެން ފުލުހަކު ހިމެނޭކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން ބުނެފިއެވެ.

މުޒާހަރާގައި ފުލުހުންނަށް ލިބުނު ގެއްލުންތަކާ ގުޅޭގޮތުން އެ އިދާރާއިން ބުނީ ރޭ ކުރިއަށްދިޔަ މުޒާހަރާގައި ފުލުހުންގެ ތިން އޮފިސަރަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާކަމަށެވެ. މީގެ ތެރޭގައި އަންހެން ފުލުހަކު ހިމެނޭކަން ފާހަގަކުރަމުން ފުލުހުން ބުނީ އެ އަންހެން ފުލުސް އޮފިސަރު ޝީލްޑާއެކު މަގުމައްޗަށް ވެއްޓިފައިވަނިކޮށް މުޒާހަރާގެ ބައެއް ބައިވެރިން އޮފިސަރުގެ ގައިމަތިން ދިޔަކަމަށެވެ. އަންހެން ފުލުހަށް އަނިޔާވީ އެހެންވުމުގެ ސަބަބުންކަމަށް ފުލުހުން ފާހަގަކުރިއެވެ.

ރޭ ގެ މުޒާހަރާގެ ތެރެއިން... ފޮޓޯ: ވޮއިސް

ފުލުހުން ބުނީ ފިރިހެން ފުލުހުންގެ ތެރެއިން އެކަކަށް ބެރިކޭޑުން ޖެހުމުގެ ސަބަބުން އަނިޔާ ލިބުނުއިރު، އަނެއް އޮފިސަރަށް އަނިޔާވެފައިވަނީ، އެއްވެފައިތިބި މީހުން ޝީލްޑްތަކުގައި ތެޅުމުގެ ސަބަބުންކަމަށެވެ. އަނިޔާވި ފުލުހުންގެ ތެރެއިން 2 މީހަކަށް ސެނަހިޔާގައި ފަރުވާދިންއިރު، އަނެއް ފުލުހަށް ފަރުވާދީފައިވަނީ އޭޑީކޭ ހޮސްޕިޓަލުންކަމަށް ފުލުހުން ބުންޏެވެ.

ރޭގެ މުޒާހަރާގައި ބައެއް ބައިވެރިންނަށްވެސް ވަނީ އަނިޔާވެގެން ހޮސްޕިޓަލަށް ގެންގޮސްފައެވެ. އޭގެ ތެރެއިން އެކަކަށް ހާޓްއެޓޭކެއް ޖެހުމުގެ ސަބަބުން ހޮސްޕިޓަކުގައި ފަރުވާދެމުން ދާކަމަށް މައުލޫމާތު ލިބެއެވެ.

ކޮމެންޓް