Advertisement

ފެހިފެހި އާޒާދީ އަކީވެސް ކޮޕީރާގެއް؟

24 Jun 2019 | 19:42

މަޝްހޫރު ވޭލާ ސަގާފީ ބޭންޑްގެ ވާހަކަ ބުނެފިނަމަ ގިނަބަޔެއްގެ ހިތަށް އަންނާާނީ ފެހިފެހި އާޒާދީ ލަވައެވެ. އެ ބޭންޑްގެ ހުނަރުވެރި ލަވަކިޔުންތެރިޔާ ރުގިއްޔާ ނުވަތަ މަޝްހޫރު ނަމުންނަމަ ތިންބެރު ރުގިއްޔާގެ މޫރިތި އަޑުން އެ ލަވަ ކިޔަމުން، ހަށިގަނޑަށް ލައްވަމުންދާ ބަނޑިތަކަކީ ގިނަ ބަޔެއްގެ މެދުގައި އެ ބޭންޑާއި ރުގިއްޔާ މަގުބޫލު ކުރުވި ކަމެކެވެ.

ފެހިފެހި އާޒާދީ ލަވަ މިޒަމާނުގެ ގިނަ ޒުވާނުން ވޭލާ ބޭންޑާއި ގުޅުވާލިޔަސް، އެއީ އެ ބޭންޑްގެ ހަގީގީ އުފެއްދުމެއް ނޫންކަމީ ދިވެހި ޅެންވެރިކަމުގެ ގުލްޝަނުގެ ހަގީގީ އެކުވެރިންނަށް އެނގޭނޭ ކަމެކެވެ. ފެހިފެހި އާޒާދީއަކީ އެންމެ ފުރަތަމަ ހޯރަފުށީ ފަރީދާގެ ރިވެތި އަޑުން ދިވެހި ލަވައިގެ ދުނިޔެއަށް އުފަންވި ލަވައެކެވެ.

"ފެހި ފެހި އާޒާދީ ނޫރޭ އާވާނީ" ލަަވައިގައި ކިޔައިދެނީ ދިވެހި އުއްމަތަށް ކުރިމަތިވެފައިވާ އުފާާވެރި ދުވަސްތަކެއްގެ ވާހަކައެވެ. އެ އުފާވެރިކަމުގެ އިހުސާސްތައް ޅެންބަހުން ސިފަކޮށްދެއްވާފައިވަނީ ހއ.ހޯރަފުއްޓަށް ނިސްބަތްވެ ވަޑައިގަންނަވާ މަޝްހޫރު ޅެންވެރިޔާ އަލްމަރުހޫމް އާދަމް ސަލީމެވެ. ފެހިފެހި އާޒާދީގެ އިތުރުންވެސް މޮޅު ޅެންތަކެއް އެބޭފުޅާ ވަނީ ހައްދަވާފައެވެ.

އެގޮތުން ފާގަތި ރަބީޢު" އެއީ ވަރަށް ޚާއްޞަ މުނާސަބަތެއްގައި އެބޭފުޅާ ހެއްދެވި ޅެމެކެވެ. އެޅެމަކީ، ނުވަތަ ލަވަޔަކީ، އެބޭފުޅާ ރަށަށް، ތިލަދުންމަތީ އުތުރުބުރީ ހޯރަފުށްޓަށް ރާއްޖޭގެ ފުރަތަމަ ރައީސުލްޖުމްހޫރިއްޔާ އަލްއަމީރު މުޙައްމަދު އަމީން ޒިޔާރަތް ކުރެއްވުމާ ގުޅިގެން އޭނާ ހެއްދެވި ލަވައެއްކަމަށް ވެއެވެ.

ފެހިފެހި އާޒާދީގެ ލަވައަކީ މޮޅު ލަވައެކެވެ. ޅެންވެރިކަމުން ކުޅަދާނަ ލަވައެކެވެ. ނަމަވެސް އެ ލަވައިގެ މިއުޒިކަކީ ބޭރު ގައުމެއްގެ ލަވައެއްގެ މިއުޒިކާއި ވަރަށް ބޮޑަށް ވައްތަރު ރާގެއްކަން ފާހަަގަކޮށްލެެވެއެވެ. ފަހަރުގައި އެ ލަވަ އައްސަވާ ފަރާތަކަށް ފެހިފެހި އާޒާދީ އަކީ ކޮޕީއެކޭވެސް ހީވެދާނެއެވެ. އެއީ ކޮޕީއެއްތޯ މިހާތަނަށް ޔަގީންކުރެވިފައި ނެތެވެ.

ފެހިފެހި އާޒާދީގެ މިއުޒިކުގެ އަވައިގައި ގިނަބަޔަކު ޖެހިފައިވާއިރު، އެ ލަވައިގެ މިއުޒިކު ވައްތަރުވަނީ އަވަށްޓެރި ސިލޯނުގެ ސިންހަލަ ބައިލާ ލަވައަކާއެވެ. އާދެ، ފެހިފެހި އާޒާދީ އަކީ ލަންކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ކްލެރެންސް ވިޖޭވަރްދަނައިގެ، ކަނދަ ސުރިންދިނީގެ ކޮޕީއެއްތޯ ނިންމަވާނީ ތިޔަބޭފުޅުންނެވެ.

Advertisement

ކޮމެންޓް