ޣައްޒާގައި ސުންނާފަތިވެފައިވާ އިމާރާތްތަކުގެ ތެރެއިން ކުޑަކުެއްޖެއް ފާނޫޒެއް ހިފައިގެން-- ފޮޓޯ/ އޭއޭ.ކޮމް
ދުނިޔެ
18 Feb 2026 | 11:00
ގާކުނޑިތަކުގެ ތެރެއިން ފާނޫޒުގެ އަލި: ޣައްޒާއަކީ އީމާންތެރިކަމުގެ ލާމަސީލެއް

އެތައް މަސްތަކެއް ވަންދެން މުޅި އަވަށުން ފެންނަމުންދިޔައީ ހަމައެކަނި ގާކުނޑިތަކާއި ހިރަފުހެވެ. އިސްރާއީލުގެ ލާއިންސާނީ ހަމަލާތަކުން ސުންނާފަތިވެފައިވާ އިމާރަާތްތަކެވެ. ރަހުމުކުޑަ އަމަލުތަކުން ދުނިޔެ ދޫކޮށްދިޔަ ޝަހީދުންގެ ލޭ ހިކިފައިވާ ފަސްގަނޑެވެ. 

މުޅި އަވަށް ސުންނާފަތިވެ، ބިމާހަމަވެފައިވާ އިމާރާތްތަކުގެ އަނދިރިކަމާއި، ކޮންމެ ވަގުތަކުވެސް އަތުވެދާނެ ހަމަލާތަކުގެ ބިރުވެރިކަމުގެ ތެރެއިންވެސް، ޣައްޒާގެ ރައްޔިތުން މި އަހަރުގެ ރޯދަމަހާއި ކުރިމަތިލީ ވަރުގަދަ އީމާންތެރިކަމާއިއެކުއެވެ.  އަދިވެސް އެތައް ހާސް ބަޔަކު ސުންނާފަތިވެފައިވާ އިމާރާތްތަކުގެ ދަށުގައި ވަނީ ތާށިވެފައެވެ. ވީނުވީއެއް ނޭންގި ގެެއްލިފައެވެ. ނަމަވެސް، މި އަހަރުގެ ރަމަޟާން މަހުގެ މާނަ ތަފާތެވެ. އަޅިކަމާއި އަނދިރިކަމުގައި އޮތް އަވަށެއް ކުލަކުލައިގެ އަލިތަކުން ދިއްލާލި ނުގުޑާފަދަ އަޒުމަކާއިއެކުއެވެ. ހަލާކުވެފައިވާ ގޭގޭގެ ކޮންކްރީޓް ގައުތަކުގެ މަތީގައާއި، ފުނޑުފުނޑުވެފައިވާ ދޮރުތަކުގައި ކުދި ފާނޫޒުތައް ދިއްލައި، ރޯދަމަހުގެ އުފާވެރިކަން އިހުސާސް ކުރުމަށް ޣައްޒާގެ ރައްޔިތުން މަސައްކަތް ކުރަމުންދަނީ ނުހަނު ހިތްވަރާއިއެކުގައެވެ. 

ޣައްޒާގައި ރޯދައަށް ޒިނަތްތެރިކޮށްފައި-- ފޮޓޯ/ އައިއެންއީ.އީއެސް

އިސްރާއީލުގެ ހަމަލާއެއް ކޮންމެފަދަ ވަގުތެއްގައިވެސް އައިސްދާނެކަމުގެ ބިރުވެރިކަމުގެ ތެރެއިންވެސް، އެގައުމުގެ ޚާން ޔޫނިސްގެ އަބޫ ސުފްޔާން އަވަށުގައި، ކުޑަކުދިން ދަނީ ވެއްޓިފައިވާ ފާރުތަކުގެ މަތިން އަރައި، ފޭލިގެތަކާއި ސުންނާފަތިވެފައިވާ އިމާރާތްތަކުގެ ދެމެދުގައި ރަތް އަދި ރީނދޫ ކުލައިގެ ބޮކިފަތިތައް ދަމަމުންނެވެ. އެކުދިންގެ ބޭނުމަކީ ރަމަޟާން މަހަށްޓަކައި އެގައުމުގެ މަގުތައް ޒީނަތްތެރިކުރުމެވެ. މިއާއިއެކު، ބޮން އެޅުމުގެ ސަބަބުން ސުންނާފަތިވެފައިވާ ގޯޅިތަކުގައި "ރަމަޟާން މުބާރަކް" އަދި "މަރުޙަބާ އޭ ބަރަކާތްތެރި މައްސަރު" ލިޔެފައިވާ ބެނާތައް ވެސް ވަނީ ދަމާފައެވެ. މި ބޮކިތައް ދިއްލުމަށް ބޭނުންކުރަނީ ކުދި ޖަނަރޭޓަރުތަކެވެ. ރޭގަނޑު ހަމައެކަނި މަދު ވަގުތުކޮޅަކަށް މި ބޮކިތައް ދިއްލުނު ކަމުގައި ވިޔަސް، ޣައްޒާގެ ރައްޔިތުންނަށް އެ މިންވަރު ފުދެއެވެ. މިއީ ޝުކުރުވެރިކަމުގެވެސް ލާމަސީލު ނަމޫނާއެއް ނޫންތޯއެވެ؟ 

މި ސަރަހައްދުގެ ރައްޔިތުންނަށް، ރޯދަމަހަށް މިގޮތަށް ޒީނަތްތެރިކުރުމަކީ ހަމައެކަނި އާދަކާދައެއް ނޫނެވެ. އެއީ އެމީހުންގެ ދިރިއުޅުން އަލުން އާރާސްތުކޮށް، އުންމީދު އާކުރަން ކުރާ މަސައްކަތެކެވެ. މި މަސައްކަތުގައި އިސްކޮށް އުޅޭ އެ ސަރަހައްދުގެ ރައްޔިތެއް ކަމަށްވާ ޔާސިރު އަލް-ސައްތާރީ ބުނެފައިވެއެވެ. "މި އާދަކާދަ ދުވަހަކުވެސް ހުއްޓައެއް ނުލަން. ކޮންމެ އެއްޗެއް ބިމާ ހަމަވެގެން ދިޔަޔަސް މިކަން ކުރިއަށްދާނެ. އަހަރެމެން އަދިވެސް ދުނިޔޭގައި ދިރި އެބަ ތިބިން. އަހަރެމެން މިކަން ފާހަގަކުރާ ސަބަބަކީ އެއީ." ސާއްތާރީ އަކީ މި ގަތުލުއާއްމުގައި އޭނާގެ ގެދޮރާއި، އަނބިންނާއި، އާއިލާގެ އެތައް ބަޔަކު ވެސް ގެއްލިފައިވާ ރައްޔިތެކެވެ. ނަމަވެސް، އޭނާ އަދިވެސް ބާރުއަޅަނީ މި ޒީނަތްތެރިކުރުންތައް މެދުކެނޑުމެއްނެތި ކުރިއަށް ގެންދިއުމަށެވެ. ސާބިތުކަމުގެ ލާމަސީލު ނަމޫނާއެއް ނޫންތޯއެވެ؟

ޣައްޒާގައި ރޯދައަށް ޒިނަތްތެރިކޮށްފައި-- ފޮޓޯ/ މޮންޑޮވެއިސް 

ޣައްޒާގެ ސަރުކާރުގެ މީޑިއާ އޮފީހުން ހާމަކޮށްފައިވާ ގޮތުގައި، އެގައުމުގެ ބޮޑު ބަޔަކަށް ކަރަންޓުގެ ޚިދުމަތެއް ނުލިބެއެވެ. ހަނގުރާމައިގެ ސަބަބުން 5،000 ކިލޯމީޓަރުގެ ކަރަންޓު ނެޓްވޯކާއި 2,000 އަށްވުރެ ގިނަ ޓްރާންސްފޯމަރު ވަނީ ހަލާކުވެފައެވެ. މީގެ ސަބަބުން ލިބުނު ގެއްލުން 1.4 ބިލިއަން ޑޮލަރަށް އަރައެވެ. އަދި މި ގަތުލުއާއްމު ފެށުމާއެކު އިސްރާއީލުން ދަނީ ކަރަންޓު އުފެއްދުމަށް ބޭނުންވާ ތެޔޮ އެތެރެކުރުމަށް ވެސް ހުރަސްއަޅަމުންނެވެ. އެހެންނަމަވެސް، ރޭގަނޑު ވުމުން ފޭލިގެތަކާއި ހަލާކުވެފައިވާ އިމާރާތްތަކުގެ މަތީގައި ފަންޫސްތަކުގެ އަލި ފެންނަން ހުރެއެވެ. އެ އަލި ފަނޑެވެ. ވަޔަރުތައް ބަލިކައްޓެވެ. ނަމަވެސް ޣައްޒާގެ ރައްޔިތުންނަށް މީ ބޮޑު އަލިކަމެކެވެ. ފުދުންތެރިކަމުވެސް ލާމަސީލެއްނޫންތޯއެވެ؟

 "ހަނގުރާމައިގެ ސަބަބުން އަހަރެމެންގެ ކުދިންގެ ރަމަޟާން މަހުގެ އުފާވެރިކަން ފޭރިގަތުމަށް އަހަރެމެން ފުރުސަތެއް ނުދޭނަން. އެކުދިންނަށް މިހާރުވެސް ވަނީ އެތައް އެއްޗެއް ގެއްލިފައި."

ޔާސިރު އަލް-ސައްތާރީ

ވޭތުވެދިޔަ ދެ އަހަރުގެ ރަމަޟާން މަސް ވެސް ޣައްޒާގެ ރައްޔިތުން ހޭދަކުރަން ޖެހުނީ މި ގަތުލުއާއްމުގެ ތެރޭގައެވެ. މެދުކެނޑުމެއް ނެތް ހަމަލާތަކާއި ބަނޑުހައިހޫނުކަމުގެ ތެރޭގައެވެ. ރޯދަ ވީއްލުމަށާއި ހާރުކެއުމަށް ވެސް ބޭނުންވާ ކާބޯތަކެތި ހޯދުމަށް ޣައްޒާގެ އާއިލާތަކުން ބޮޑެތި ތަކްލީފުތަކެއް އުފުލިއެވެ. ޣައްޒާގެ ރައްޔިތުން ކަރުނައާއެކު ކިޔައިދޭ ގޮތުގައި، މިއަދު އެމީހުންގެ އަތުގައި ރޯދަ ވީއްލާނެ އެކަށީގެންވާ ކާބޯތަކެތީގެ މިންވަރެއް ނެތެވެ. ބޯނެ ސާފު ފެންފޮދެއް ނުލިބި، ބަނޑަށް ޖެހިފައިވާ މައުސޫމް ކުދިންގެ ރުއިމުގެ އަޑު މުޅި ސަރަހައްދުގައި ވަނީ ގުގުމާފައެވެ. އިސްރާއީލުން ޣައްޒާ ހިސާރުކޮށް، އިންސާނީ އެހީ ފޯރުކޮށްދިނުމަށް ހުރަސް އަޅަމުންދިއުމުގެ ސަބަބުން، ގިނަ އާއިލާތަކަކަށް ރޯދަ ވީއްލަން ޖެހިފައިވަނީ ހަމައެކަނި ނުސާފު ފެންފޮދަކުން ނުވަތަ ބަނޑުފުރާނަ މުއްތިކުރުމަށްޓަކައި ގަސްގަހާގެހީގެ ފަތުން ތައްޔާރުކޮށްފައިވާ ސޫޕް ފޮދަކުންނެވެ. މިއީ ހިތްވަރުގަދަކަމުގެ ލާމަސީލު ނަމޫނާއެއް ނޫންތޯއެވެ؟

ޣައްޒާގައި އާއިލާއެއް ރޯދަވިއްލަނީ-- ފޮޓޯ/ ޖީޕީބީ.އޯގް

2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން އިސްރާއީލުން ދިން ހަމަލާތަކުގައި 72,000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ. އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. އަދި 171,000 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ. އެތައް ގެދޮރަކާ މިސްކިތަކާއި، ހަސްފަތަލަކާއި، ސުކޫލުތަކެއް ވަނީ ސުންނާފަތިވެފައެވެ. މިދިޔަ އަހަރުގެ އޮކްޓޫބަރު 10 ގައި އިސްރާއީލުން ވެފައިވާ، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ސަބަބުން، އިސްރާއީލުން ދެ އަހަރު ވަންދެން ދިން ހަމަލާތައް ވަނީ ކޮންމެވެސް ވަރަކަށް މަޑުޖެހިފައެވެ. ނަމަވެސް، އޭގެ ފަހުންވެސް، އިސްރާއީލު ސިފައިން ވަނީ އެތައް ސަތޭކަ ފަހަރަކު އެއްބަސްވުމާ ޚިލާފުވެ، ހަމަލާދީ 603 ފަލަސްތީީނު މީހުން ޝަހީކޮށްލާ، 1,618 އަށް ވުރެގިނަ މީހުން ޒަޚަމްކޮށްލާފައެވެ. އަލުން އާރާސްތުކުރި އެތައް އިމާރަތެއް ބިމާ ހަމަކޮށް އަޅިއަށް ހަދާފައެވެ. އަޅުކަން ކުރަމުންދިޔަ މިސްކިތްތައް ވެސް ބޮންއަޅައި ސުންނާފަތިކޮށްފައެވެ. ނަމަވެސް، މަގުމަތީގެ ހިރަފުހުގެ ތެރޭގައާއި ހަލާކުވެފައިވާ އިމާރާތްތަކުގެ ގޯތިތެރޭގައި ސަފުތައް ހަދައި، ޖަމާއަތުގައި ނަމާދުކޮށް، މާތްﷲގެ ހަޟްރަތުން ނަސްރަށް އެދި ދުއާ ކުރުމުގައި އެ ރައްޔިތުން ދަނީ ދެމިތިބެމުންނެވެ. މީ އީމާންތެރިކަމުގެ ލާމަސީލެއް ނޫންތޯއެވެ؟

ޣައްޒާގައި ގަމާއަތުގައި ނަމާދުކުރަނީ-- ފޮޓޯ/ އޭބީސީނިއުސް

ޣައްޒާއިން ދޭ މެސެޖަކީ ސާފު މެސެޖެކެވެ. އެއީ ކިތަންމެ ބޮޑު ގެއްލުމަކައި ބިރުވެރިކަމެއްގެ ތެރެއިންވެސް، ރަމަޟާން މަސް އަންނާނެ ކަމާއި، އެ މަހުގެ ބަރަކާތާއި އުފާވެރިކަން އެމީހުން ހޯދާނެ ކަމެވެ. ކޮންމެއަކަސް، މިއަހަރުގެ ރޯދަމަހަކީ ޣައްޒާގެ ރައްޔިތުންގެ ކެތްތެރިކަމާއި އީމާންތެރިކަން ވަޒަންކުރެވޭ ބޮޑު އިމްތިހާނެކެވެ. ފާނޫޒުގެ ފަނޑު އަލީގެ ތެރެއިން އެ ރައްޔިތުން ކުރަމުންދާ ހަމައެކަނި އުންމީދަކީ، މި ބަރަކާތްތެރި މަސް ނިމުމުގެ ކުރިން ބޮން އެޅުންތައް ހުއްޓި، ފަލަސްތީނުގެ ބިމަށް ދާއިމީ އަމާންކަމާއި މިނިވަންކަން ލިބިގެންދިއުމެވެ. އެކަހެރިވެފައިވާ އެ ރައްޔިތުންގެ ކަރުނުން ފުރިގެންވާ ދުއާއަކީ މުޅި އިސްލާމީ އުންމަތުގެވެސް މިއަދުގެ ދުއާއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
23 Jul 2026
ރާއްޖޭގައި ފުރަތަމަ ފަހަރަށް ލޭގެ ނިއުކްލިއިކް އެސިޑް ޓެސްޓިން ފަށައިފި
އެންއޭޓީ އަކީ ހަދިޔާކުރާ ލޭގައި އެޗްއައިވީ, ހެޕަޓައިޓިސް ބީ (އެޗްބީވީ) އަދި ހެޕަޓައިޓިސް ސީ (އެޗްސީވީ) ފަދަ ނުރައްކާތެރި ބަލިތައް ހުރިތޯ ބެލުމަށް ބޭނުންކުރާ އެންމެ ޒަމާނީ ޓެކްނޮލޮޖީއެވެ. މި ޓެސްޓުގެ ޒަރީޢާއިން ކުރިން ބޭނުންކުރަމުން އައި ޓެސްޓު ކުރުމުގެ އުސޫލުތަކަށް ވުރެ އެތައް ގުނައެއް އަވަހަށް އަދި ޔަޤީންކަމާ އެކު ބަލިތައް ދެނެގަނެވޭނެ ކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ ހަލީމް ވިދާޅުވެފައިވެއެވެ.
23 Jul 2026
ބަންގްލަދޭޝްގައި ހާލުގައި ޖެހިފައިވާ މުސްލިމުންނަށް އެހީވުމުގެ ފުރުސަތު
ބަންގްލަދޭޝްގެ އިރުދެކުނުގެ ހަތް ޑިސްޓްރިކްޓެއް ކަމަށްވާ ޗިޓަގޮންގް، ކޮކްސް ބާޒާރު، ބަންޑަރުބަން، ރަންގަމަތީ، ޚަގްރަޗާރީ، މޯލްވީބާޒާރު އަދި ހަބީގަންޖްގައި ފެންބޮޑުވުމުގެ ސަބަބުން މިހާތަނަށް 44 މީހަކު މަރުވެ، މިލިއަނަކަށްވުރެ ގިނަ މީހުންވަނީ ހާލުގައި ޖެހިފައެވެ. މީގެ އިތުރުން 267,918 އާއިލާއެއް ވަނީ އެކަހެރިވެ، ކާބޯތަކެއްޗާއި ބޯފެނަށް ޖެހިފައެވެ.
23 Jul 2026
އެމެރިކާއާއި ސައޫދީ ޢަރަބިއްޔާއިން ނިއުކްލިއާ އެއްބަސްވުމެއްގައި ސޮއިކޮށްފި
އެމެރިކާގެ ހަކަތައާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި، މި އެއްބަސްވުމުގެ ސަބަބުން ސައޫދީގެ ނިއުކްލިއާ ހަކަތައިގެ މަޝްރޫޢުތަކުގައި ބައިވެރިވުމުގެ ބޮޑު ފުރުޞަތެއް އެމެރިކާގެ ކުންފުނިތަކަށް ލިބިގެންދާނެއެވެ. މީގެ އިތުރުން ނިއުކްލިއާ ހަތިޔާރު ނުފެތުރުމުގެ އުސޫލުތައް ހިމެނޭ ގޮތަށް، އެތައް ބިލިއަން ޑޮލަރެއްގެ އަގުހުރި "ދެ ފަރާތެއްގެ ސޭފްގާޑް އެއްބަސްވުމެއް" ގައި ވެސް ވަނީ ސޮއިކޮށްފައެވެ.
23 Jul 2026
ކިލޯއަކަށްވުގެ ގިނަ މަސްތުވާތަކެތި ރާއްޖެ އެތެރެކުރި ބަޔަކު ހައްޔަރުކޮށްފި
ފުލުހުން ބުނީ، އެ މީހުންގެ ތެރެއިން އެންޑްރޫ ލޮއިޑް ކޯބިން ހައްޔަރުކޮށްފައިވަނީ ޖުލައި 19 ވަނަ ދުވަހު ވައިގެމަގުން އޭނާ ރާއްޖެ އައިއިރު ހަށިގަނޑުގައި މަސްތުވާތަކެތި ރައްކާކޮށްފައިވާކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ފުލުހުންނަށް ދިން މައުލޫމާތާ ގުޅިގެން ކަމަށެވެ.
23 Jul 2026
ހޫތީން ސަޢޫދީ ދެ ތެޔޮ ޓޭންކަރަކަށް މިސައިލާއި ޑްރޯން ހަމަލާ ދީފި
ޙޫތީ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ބުދަ ދުވަހު ހާމަކުރި ގޮތުގައި ހަމަލާ އަމާޒުކޮށްފައި ވަނީ "އެންސީލިއާ" އާއި "ލައިލާ" ނަމަކަށް ކިޔާ ދެ ޓޭންކަރަށެވެ. ޙޫތީންގެ ހަތިޔާރު އެޅި ފައުޖުން ނެރެފައިވާ ކަނޑުގެ ދަތުރުފަތުރު ބަންދުކުރުމުގެ ނިންމުމާ އެ ދެ އުޅަނދު ޚިލާފުވެފައިވާ ކަމަށް ސަރީޢު ބުންޏެވެ. މީގެ އިތުރުން ގާތްގަނޑަކަށް ދިހައެއްހާ ބޯޓު މަގުން އެއްކައިރިކޮށް އަނބުރާ ފޮނުވައިލެވިފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.
23 Jul 2026
1.15 ޓްރިލިއަން ޑޮލަރުގެ އަސްކަރީ ބިލެއް އެމެރިކާއިން ފާސްކޮށްފި
ރިޕަބްލިކަން ޕާޓީގެ އަޣުލަބިއްޔަތު އޮންނަ ހައުސްއިން ބުދަ ދުވަހު މި ބިލު ފާސްކުރީ ވަރަށް ހަނި ތަފާތަކުންނެވެ. ބިލު ފާސްކުރުމަށް 216 މެންބަރުން ވޯޓު ދިންއިރު، ބިލާ ދެކޮޅަށް 212 މެންބަރުން ވޯޓު ދިނެވެ. މި ވޯޓުގައި ރިޕަބްލިކަން ޕާޓީގެ ހަތް މެންބަރަކު ބިލާ ދެކޮޅަށް ވޯޓު ދިންއިރު، ޑިމޮކްރެޓިކް ޕާޓީގެ ހަ މެންބަރަކު ވަނީ ބިލަށް ތާއީދުކޮށްފައެވެ.
23 Jul 2026
ޕޮލިސް މެމޯރިއަލް ޑޭ ފާހަގަކުރުމަށް ފުލުހުންގެ ދިދަ ބައިދަނޑިއަށް ތިރިކޮށްފި
ހަރަކާތްތައް ފެށުމުގެ ގޮތުން ރޭ ދަންވަރު 12:00 ގައި އިސްކަންދަރު ބިލްޑިންގުގައި ނަގާފައިވާ ދިވެހި ފުލުހުންގެ ޚިދުމަތުގެ ދިދަ ބައިދަނޑިއަށް ތިރިކޮށްފައިވެއެވެ.
23 Jul 2026
ފްރާންސްގައި 15 އަހަރުން ދަށުގެ ކުދިން މީސް މީޑިއާ ބޭނުންކުރުން މަނާކުރަނީ
ފަރަންސޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހުން، 15 އަހަރުން ދަށުގެ ކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރާ ގާނޫނެއް މިދިޔަ އަންގާރަ ދުވަހު ފާސްކޮށްފިއެވެ. މިއީ ވިލާތުގެ ގައުމުތަކުގެ ތެރެއިން މިފަދަ ފިޔަވަޅެއް އެޅި ފުރަތަމަ ގައުމެވެ.