ފުލުހުންގެ އިދާރާ ހިންގުން ވަގުތީގޮތުން ޑީސީޕީ ފަރުހާދު ފިކުރީއާ ހަވާލުކޮށްފި
ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމުގައި ހުންނެވި އިސްމާޢީލް ނަވީން، ފުލުހުންގެ ޚިދުމަތުން ރިޓަޔާ ކުރެއްވުމާ ގުޅިގެން، އެ މުއައްސަސާ ވަގުތީގޮތުން ހިންގެވުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާ ހަވާލުކޮށްފިއެވެ.
މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީން ބުނީ، އިއްޔެ އިން ފެށިގެން ދިވެހި ފުލުހުންގެ ޚިދުމަތް ހިންގެވުމުގެ ޒިންމާތައް ވަގުތީގޮތުން ޑީސީޕީ ފަރުހާދުއާ ހަވާލުކޮށްފައިވާ ކަމަށެވެ.
ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި އިސްމާއީލް ނަވީން, ފުލުހުންގެ ހިދުމަތުން ރިޓަޔާ ކުރެއްވީ އިއްޔެ އެވެ.
އެކަން އިއުލާން ކުރައްވައި ނަވީން ވިދާޅުވި ގޮތުން ހިދުމަތުން ވަކިވެވަޑައިގަންނަވަނީ 31 އަހަރަށް ވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވުމަށް ފަހު އެވެ.
ނަވީން ވިދާޅުވީ ފުލުހުންގެ ހިދުމަތުން ވަކިވެވަޑައިގެންނެވި ނަމަވެސް އެ ޔުނީފޯމާއި ބެޖާއި މުއައްސަސާއަށް ކުރާ އިހްތިރާމާއި އޮތް ލޯބި އޮންނާނެ އެވެ. އަދި ގައުމީ ލޯބި އެ ގޮތުގައި ދެމި އޮތް ކަމުގައި ވިދާޅުވި އެވެ.
ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމަށް ނަވީން އައްޔަނު ކުރެއްވީ ޖޫން 10, 2025 ގަ އެވެ. އޭރު ހުންނެވީ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގަ އެވެ.
ނަމަވެސް ސީޕީގެ މަގާމުގައި ކުރިން ހުންނެވި އަލީ ޝުޖާއު ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވުމާ ގުޅިގެން ފުލުހުންގެ އިދާރާ ހިންގަވަމުން ގެންދެވީ ނަވީންގެ ބެއްލެވުގެ ދަށުންނެވެ. ނަވީން, މަގާމުން ވަކިވެވަޑައިގެންނެވި ސީދާ ސަބަބެއް ސާފެއް ނުވެ އެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists