ބްރިޖްމަތިން ބަނގުރާ އުފުލަނިކޮށް، ދެ ބިދޭސީއަކު ހައްޔަރުކޮށްފި
ސިނަމާލެ ބްރިޖްމަތިން ބަނގުރާ އުފުލަނިކޮށް ބަނގްލަދޭޝްއަށް ނިސްބަތްވާ ދެމީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ، ޖާހިރު ހޮސައިން (33އ) އާއި ސޮޖަން ސުލްތާން (36އ) އެވެ. މި ދެމީހުން ހައްޔަރުކޮށްފައި ވަނީ ހުޅުމާލެ ފޭސް 1 ގެ ކޮންޓެއިނަރ ޖެޓީން މާލެއަށް ބަނގުރާ ގެންދާކަމަށް ލިބުނު މައުލޫމާތާ ގުޅިގެން ހިންގި އޮޕަރޭޝަންގައެވެ.
ހުޅުމާލެ ފޭސް 1 ގެ ފުލުހުންނާއި ބުރިޖު އެންޑް ހައިވޭ ޕޮލިސް ގުޅިގެން މާރިޗު 30 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަންގައި، ބުރިޖުމަތިން އެ މީހުން ހުއްޓުވައި ބަލައިފާސްކުރިއިރު 28 ފުޅި ބަނގުރާ ފެނިފައިވެއެވެ.
މި މައްސަލައިގެ އިޖުރާއަތްތައް ފުރިހަމަކުރުމަށްފަހު، އެ ދެމީހުން މިހާރު ވަނީ ރާއްޖެއިން ޑީޕޯޓްކުރުމަށް މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފައެވެ.
މަސްތުވާތަކެއްޗާއި ބަނގުރަލުގެ ނުރައްކަލުން މުޖުތަމައު ސަލާމަތްކުރުމަށްޓަކައި ދިވެހި ފުލުހުންގެ ޚިދުމަތުން ގެންދަނީ މެދުނުކެނޑި އެންޓި ނާކޮޓިކްސް އޮޕަރޭޝަންތައް ހިންގަމުންނެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists