އާޖެންޓީނާ އަދި ބޮސްނިއާ އެންޑް ހެރްޒެގޮވީނާއަށް ރާއްޖޭގެ ފަރާތުން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުން އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ.
އެގޮތުން، އާޖެންޓީނާގެ ސަފީރުކަމަށް އައްޔަންކުރުމަށް ރުހުން ދީފައިވަނީ އދ. ގައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު މުހައްމަދަށެވެ. އޭނާ އެ މަގާމަށް އައްޔަންކުރުމަށް ފެންނަ ކަމަށް 55 މެންބަރުން ވޯޓު ދެއްވާފައިވެއެވެ.
އަލީ ނަސީރަކީ ޑިޕްލޮމެޓިކް ދާއިރާއިން ޕީއެޗްޑީ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. ޚާރިޖީ ދާއިރާގައި މަސައްކަތް ކުރައްވަން ފެއްޓެވީ 1985 ގައެވެ. އޭނާވަނީ ރާއްޖެއިން އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު އަދި ރާއްޖެއިން އެމެރިކާއަށް އަދި ކެނެޑާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމުވެސް ފުރުއްވާފައެވެ. އަދި ފޮރިން މިނިސްޓްރީގެ މަލްޓިލެޓަރަލް ސެކްރެޓަރީގެ މަގާމު ވެސް ފުރުއްވިއެވެ.
މީގެ އިތުރުން ބޮސްނިއާ އެންޑް ހެރްޒެގޮވީނާގެ ސަފީރުކަމަށް، އައްޔަނުކުރަން ރުހުންދީފައިވަނީ މިހާރު ޖަރުމަނުވިލާތަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އައިޝަތު ޝާން ޝާކިރުއަށެވެ. ޝާން އެ މަގާމަށް އައްޔަންކުރުމަށް ފާސްވީ 54 މެންބަރުންގެ ވޯޓުންނެވެ.
ޝާން ޝާކިރަކީ މީގެ ކުރިން ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމަށް އަދާކުރައްވާފައިވާ ބޭފުޅެކެވެ. އަދި ފޮރިން މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީކަމާ، ބަންގްލަދޭޝްގައި ހުންނަވާ ދިވެހި ސަފީރުކަން ވެސް ކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މި ދެ ބޭފުޅުންގެ ނަންފުޅު މަޖިލީހަށް ފޮނުއްވީ މާޗް މަހުގެ އަށްވަނަ ދުވަހުގައެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists