މި އަންނަ ޖޫން މަހުން ފެށިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންނާއެކު ބައްދަލުވުންތައް ބާއްވަވަން ފައްޓަވާނެކަން އެމަނިކުފާނު އިއުލާނުކުރައްވައިފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ ރައްޔިތުންގެ ބައްދަލުވުންތައް، ކުރިއެކޭވެސް އެއްގޮތަށް އަލުން އަނެއްކާ ވެސް ފެށުމަށް ނިންމަވާފައިވާ ކަމަށެވެ. އަދި އަންނަ މަހުން ފެށިގެން އެ ބައްދަލުވުންތައް ކުރިއަށްދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"މާލެގައި ކަމަށްވާނަމަ މާލޭގެ އަވަށުތަކުގެ ބައްދަލުވުންތަކެއް ބާއްވާނީ. އަޅުގަނޑު މަސައްކަތް ކުރާނީ ވަގުތު އޮތް މިންވަރަކުން ހަފްތާއެކު އެއް ބައްދަލުވުން ބޭއްވޭތޯ. އެހެން ކަހަލަ ދަތުރެއް ނުވަތަ ވަގުތު ނޯންނަ ކަހަލަ ކަމެއް ދިމާވާގެން ނޫނީ ހަފްލާއަކު އެއް ފަހަރު ނުވަތަ ވީހާވެސް އަވަހަކަށް ރައްޔިތުންގެ ބައްދަލުވުންތައް ބާއްވާނަން“.
ރައީސް ޑރ. މުހައްމަދު މުއިއްޒު
ރައްޔިތުންގެ ބައްދަލުވުމުގެ އިތުރުން، އެކި ދާއިރާތަކުގެ ފަރާތްތަކާ އެކުގައި ވެސް ބައްދަލުވުންތައް ބާއްވަވާނެ ކަމަށާ އެގޮތުން، ފަތުރުވެރިކަމުގެ ދާއިރާ އާއި މަސްވެރިކަމުގެ ދާއިރާ ފަދަ ދާއުރާތަކުގައި މަސައްކަތް ކުރައްވާ ފަރާތްތަކާ ވަކި ވަކިން ބައްދަލުކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ހަމައެހެންމެ، ރަަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރަށްރަށަށްވެސް ވަޑައިގަންނަވާނެ ކަމަށް ރައީސް ވިދާޅުވުއެވެ.
އަޅުގަނޑު ވަޢުދުވެފައި އޮންނާނެ ދެފަހަރު ކޮންމެ ރަށަކަށް ދާނަމޭ. އެހެންވީމާ ދެވަނަ ބުރު މިހާރު މި ފަށަނީ. މިހާރުވެސް ބައެއް ރަށްރަށަށް ދެވިއްޖެ ދެފަހަރު. ދެން އެ ރަށްރަށަށް ދެވޭނީ ތިންވަނަ ފަހަރު. ބައެއް ރަށްތަކަށް ހަތަރު ފަހަރުވެސް ދެވިދާނެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު
ރައީސް ވިދާޅުވީ، އެމަނިކުފާނެ ބޭނުންވެވަޑައިގަންނަވަނީ، ރައްޔިތުންނާ ވީހާވެސް ގާތުން މަސައްކަތް ކުރައްވަން ކަމަށެވެ.
އެއީ ރައްޔިތުންގެ ވިސްނުމާއި އެއްގޮތަށް ކަންތައްތައް ކުރިއަށް ގެންދިއުމުގައި ލިބޭ ޔަގީންކަމެއް. ސީދާ އަޅުގަނޑުމެންނާ ހަމައަށް ނާންނަ ކަންކަން ހުރޭ. ބައްދަލުވުންތަކުގެ ސަބަބުން އެކަންކަން ހައްލުކުރުމަށް މަގުފަހިވެގެންދޭ." ރައީސް ވިދާޅުވިއެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists