ރާއްޖޭގައި ޝީޝާ މަނާކުރުމުގެ މަޝްވަރާތަކެއް ކުރަމުން ނުދާ ކަމަށް ހެލްތް މިނިސްޓަރު ޤީލާ އަލީ މިއަދު ވިދާޅުވެއްޖެ އެވެ.
ގީލާ މިހެން ވިދާޅުވީ ބައިނަލްއަޤުވާމީ ފެންވަރުގައި ފާހަގަކުރާ ދުންފަތުގެ އިސްތިޢުމާލުކުރުމާ ދެކޮޅަށް މަސައްކަތްކުރާ ދުވަހާއި ގުޅިގެން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހަވީރު ކުރިއަށްގެންދެވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
ޝީޝާ މަނާކުރުމާއި ހަކުރަށް ދެމުން އަންނަ ސަބްސިޑީ ކަނޑާލުމާއި ހަކުރުގެ ބާވަތްތަކުން ނަގާ ޓެކްސްތައް އިތުރުކުރުންފަދަ ކަންކަމުގައި މަޝްވަރާތައް މިހާރުވެސް ކުރިއަށްދާ ކަމަށް ކުރީގެ ހެލްތް މިނިސްޓަރު ނާޒިމް ކުރީން ވިދާޅުވި އެވެ. ނަމަވެސް އެފަދަ މަޝްވަރާއެއް ނުހިނގާ ކަމަށް ސަރުކާރުން ފަހުން ބުންޏެވެ.
މިއަދު އޮތް ނޫސްވެރީންގެ ބައްދަލްވުމުގައި އެކަމާއި ގުޅޭގޮތުން ސުވާލު ކުރުމުން މިނިސްޓަރު ގީލާ ވިދާޅުވީ ރާއްޖޭގައި ޝީޝާ މަނާކުރުމުގެ މަޝްވަރާތަކެއް ކުރަމުން ނުދާ ކަމަށެވެ.
"އަޅުގަނޑުމެންގެ މަޝްވަރާތަކުގެ ތެރޭގައި ޝީޝާ މަނާކުރުމުގެ މަޝްވަރާތަކެއް އަދި ކުރިއަކަށް ނުގެންދެވޭ," ގީލާ ވިދާޅުވި އެވެ.
ޝީޝާ ބުއިމަކީ ޒުވާނުންގެ މެދުގައި މިއަދު ވަރަށް އާންމުވެފައިވާ ކަމެކެވެ. ޝީޝާގެ ހިދުމަތްދޭ ތަންތަން ވެސް ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންނެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists