ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "މަހާސަމާ" ލާނިން ފެސްޓިވަލްގެ ޕައިލެޓް ފޭސްގައި ބައިވެރިވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.
މިއީ އެމްއެންޔޫގެ "ފުރާތަ" ޕްރޮގްރާމާއި "ލައިފްލޯންގް ލާނިން" ސިޔާސަތުގެ ދަށުން ކުޑަކުދިންނާއި ޒުވާނުންނަށް އަމާޒުކޮށްގެން ފަރުމާކޮށްފައިވާ ވޯކްޝޮޕް ސިލްސިލާއެކެވެ. މި ފެސްޓިވަލްގެ މަގުސަދަކީ ތައުލީމާއި، މައުލޫމާތު ހިއްސާކުރުމާއި، އިޖުތިމާއީ ހަރަކާތްތަކުގެ ތެރެއިން މާނަހުރި އުނގެނުމުގެ ފުރުސަތުތަކެއް ޒުވާން ޖީލަށް ފަހިކޮށްދިނުމެވެ.
އެމްއެންޔޫއިން ނެރުނު ނޫސްބަޔާނެއްގައިވާ ގޮތުން، މި ޕްރޮގްރާމްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމުގެ ސުންގަޑިއަކީ 16 ޖުލައި 2026 އެވެ. އަދި މި ފެސްޓިވަލް ކުރިއަށް ދާނީ 19 ޖުލައި އިން 23 ޖުލައި 2026 ގެ ނިޔަލަށެވެ.
"ފުރާތަ" ޕްރޮގްރާމަކީ ކުދިންގެ ޝައުގުވެރިކަން ހުންނަ ފަދަ ގޮތްތަކަށް އުނގަންނައިދީ، ރަސްމީ ތައުލީމަށް ބާރުލިބޭނެހެން ކުދިންގެ ވިސްނުމާއި، އުފެއްދުންތެރިކަމާއި، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބިނާކުރުމަށް ފަރުމާކޮށްފައިވާ ހަރަކާތެކެވެ.
މި ފެސްޓިވަލްގައި ބައިވެރިން ބަހާލެވިފައިވަނީ ތިން އުމުރުފުރާއަކަށެވެ:
ކެޓެގަރީ އޭ: 9 އަހަރާއި 12 އަހަރާ ދެމެދު
ކެޓެގަރީ ބީ: 13 އަހަރާއި 15 އަހަރާ ދެމެދު
ކެޓެގަރީ ސީ: 16 އަހަރާއި 18 އަހަރާ ދެމެދު
މި ޕްރޮގްރާމްގައި ހިމެނޭ މުހިންމު ދާއިރާތަކުގެ ތެރޭގައި ރޮބޮޓިކްސް، އިސްލާމީ އަހުލާގާއި އަދަބުތައް، ސައިންސާއި ހިސާބު، ވާހަކަ ދެއްކުމާއި ލިޔުންތެރިކަން، އަދި ނަފްސާނީ ދުޅަހެޔޮކަމާއި ކިޔެވުމުގެ ހުނަރުތައް ހިމެނެއެވެ. މި ސެޝަންތައް ކުރިއަށް ގެންދާނީ އެމްއެންޔޫގެ އެކަޑަމިކް މުވައްޒަފުންގެ ބެލުމުގެ ދަށުން، ކުދިން އަމަލީ ގޮތުން ބައިވެރިވާ ގޮތަށް ވަރަށް ޝައުގުވެރި މާހައުލެއްގައެވެ.
ކޮންމެ ދުވަހަކު ހެނދުނު 8:15 އިން ހަވީރު 3:30 އަށް ކުރިއަށްދާ މި ވޯކްޝޮޕްތައް ނިންމުމުގެ ރަސްމިއްޔާތު އޮންނާނީ 23 ޖުލައި 2026 ގައެވެ.
އެމްއެންޔޫއިން ބުނި ގޮތުގައި މިއީ ޔުނިވާސިޓީން މުޖުތަމައަށް ފޯރުކޮށްދޭ ހިދުމަތްތައް ފުޅާކުރުމުގެ ގޮތުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. މި ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން https://forms.gle/DsmfwcDjXhu6QRw8A މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެއެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists