އޮސްޓްރޭލިއާ އާއި ދެކޮޅަށްކުޅެ މޮޅުވި މެޗްގައި ފަލަސްތީނު ދިދަ ހިފައިގެން އުޅުނު މައްސަލާގައި މިސްރުގެ ކޯޗް ހުސާމް ހަސަން މިއަދު ވާހަކަދައްކައިފިއެވެ.
ވަރލްޑްކަޕް މިސްރު އެންމެ ފަހުން ކުޅުނު މެޗްގައި އެތީމްގެ ކޯޗް ހުސާމް ފަލަސްތީނުގެ ދިދަ ހިފައިގެން އުޅުނު މައްސަލަ ބައެއް ފަރާތްތަކުން ފާހަގަކުރަމުންދާތީވެ، އެކަމަށް ރައްދުދެމުން ކޯޗް ބުނީ، ގާޒާ އާއި ފަލަސްތީނުގައި ހިނގަމުންދާ އިންސާނިއްޔަތާ ހިލާފު ކަންކަމަކީ "މުޅި ދުނިޔެއަށް ހުރި ލަދެއް" ކަމަށެވެ. ފަލަސްތީނުގެ އާންމު ރައްޔިތުން ތަހައްމަލު ކުރަމުންދާ ނިކަމެތި ހާލަތުގެ މައްޗަށް އަލިއަޅުވާލަމުން، ކޯޗް ހުސާމް ބުނީ، އެތައް ހާސް އަންހެނުންނާއި ކުޑަކުދިން ޝަހީދުވަމުންދާ ކަމާއި، ބަލިމަޑުކަމާއި ކާބޯތަކެތީގެ ދަތިކަން ކުރިމަތިވެފައިވާކަމަށެވެ. އަދި ފޭލިގެތަކުގައި ދިރިއުޅޭ މީހުން މޫސުމީ ގޯސް ހާލަތްތަކަށް ހުށަހެޅިފައިވާކަމަށާއި، އެމީހުން ތިބީ ނުރައްކާތެރި ހާލަތެއްގައިކަން ކޯޗް ފާހަގަކުރިއެވެ.
ފާޑުކިޔުންތައް ހަމައެކަނި އަރަބި ދުނިޔެއަށް އަމާޒުކުރުމުގެ ބަދަލުގައި، ހުސާމް ބުނީ މިއީ މުޅި އިންސާނިއްޔަތާއި ދުނިޔޭގެ ނިންމުންތައް ނިންމާ ފަރާތްތަކުގެ އިހުމާލެއް ކަމަށެވެ. އެހެންކަމުން ކޯޗް ހުސާމް ވަނީ، އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ބައިނަލްއަގުވާމީ ފުޓްބޯޅަ އާއިލާގެ ނުފޫޒު ބޭނުންކުރުމަށް ގޮވާލާފައެވެ.
ފަލަސްތީނުގެ ރައްޔިތުންނަށްޓަކައި ހިތުގައި ހަމްދަރުދީއެއް ނެތް ކޮންމެ މީހަކީ އިންސާނިއްޔަތުކަމެއް ނެތް މީހެއް ކަމަށާއި، އަދި މިއީ ވަކި ގައުމަކަށް، ދީނަކަށް ނުވަތަ ނަސްލަކަށް ބެލުމެއް ނެތި، މުޅި އިންސާނިއްޔަތުގެ މައްޗަށް އޮތް ޒިންމާއެއްކަން އޭނާގެ ވާހަކާގައި ވަނީ ފާހަގަކޮށްފައެވެ.
މިސްރު ޓީމުގެ ކޯޗް ހުސާމް ހަސަން އަކީ ވަރަށް ފާޅުކަން ބޮޑުގޮތެއްގައި ފަލަސްތީނަށް ތާއީދުކޮށް ވާހަކަދައްކަމުންދާ ކޯޗެކެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists