އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.
ހޯމަ ދުވަހު އެމެރިކާގެ ކޯޓް އޮފް އިންޓަނޭޝަނަލް ޓްރޭޑަށް ހުށަހެޅި މި މައްސަލާގައި ބުނެފައިވަނީ، މަޖުބޫރުކޮށްގެން މަސައްކަތް ކުރުވައިގެން އުފައްދާ މުދާ އެތެރެވުން ހުއްޓުވުމަށް އެކަށީގެންވާ މަސައްކަތެއް ނުކުރާ ކަމަށް ބުނެ 60 ގައުމަކުން އެތެރެކުރާ މުދަލުން ބޮޑު ޓެކްސްއެއް ނަގަން ފެށުމަކީ ރައީސަށް ލިބިގެންވާ ބާރުގެ ބޭރުން ކޮށްފައިވާ ކަމެއް ކަމަށެވެ.
މި ޓެރިފްތައް ތައާރަފްކޮށްފައި މިވަނީ، މީގެ ކުރިން ޓްރަމްޕް ސަރުކާރުން ނެގި "ލިބަރޭޝަން ޑޭ" ޓެރިފްތަކަކީ ގާނޫނާ ހިލާފު އެއްޗެއް ކަމަށް ފެބްރުއަރީ މަހު ސުޕްރީމް ކޯޓުން ކުރި ހުކުމާ ގުޅިގެން، ވަގުތީ ގޮތުން ނަގަމުންދިޔަ ޓެކްސްތަކުގެ މުއްދަތު ހަމަވި ދަނޑިވަޅެއްގައެވެ.
ނިއުޔޯކްގެ އެޓާނީ ޖެނެރަލް ލެޓިޝިއާ ޖޭމްސް ވިދާޅުވީ، ސުޕްރީމް ކޯޓުން ބަލިވުމުން، ސަރުކާރުން އަލުން މަސައްކަތް ކުރަނީ ގާނޫނާ ހިލާފަށް އާއިލާތަކާއި ވިޔަފާރިތަކުގެ އަތުން ބޮޑު ޓެކްސްއެއް ނެގުމަށް ކަމަށެވެ. މި ދައުވާގައި އިސްކޮށް އުޅެނީ ނިއުޔޯކާއި އޮރެގަން ފަދަ ޑިމޮކްރެޓިކް ގަވަރުނަރުން ނުވަތަ އެޓާނީ ޖެނެރަލުން ތިއްބަވާ ސްޓޭޓްތަކެވެ.
މިކަމާ ގުޅިގެން ވައިޓް ހައުސްގެ ތަރުޖަމާނު ކުޝް ދެސާއީ ބުނީ، މި ޓެރިފްތަކަކީ ބޭރު ގައުމުތަކުން ގެންގުޅޭ ބޭއިންސާފު ވިޔަފާރީގެ އުސޫލުތަކަށް ދެވޭ ގާނޫނީ އަދި އެކަށީގެންވާ ރައްދެއް ކަމަށެވެ. އަދި މަޖުބޫރުކޮށްގެން މަސައްކަތް ކުރުވުން ހުއްޓުވުމަށް ގައުމުތަކުން ނުކުޅެދުމަކީ އެމެރިކާގެ މަސައްކަތްތެރިންނަށް ލިބޭ ބޮޑު ގެއްލުމެއް ކަމަށް އޭނާ ފާހަގަކުރިއެވެ.
ރައީސް ޓްރަމްޕް ބުނި ގޮތުގައި މިފަދަ ބޮޑު ޓެރިފްތަކުގެ ސަބަބުން އެމެރިކާގެ އުފެއްދުންތެރިކަން އަލުން ދިރޭނެއެވެ. ނަމަވެސް، މީގެ ކުރިން 1977 ވަނަ އަހަރުގެ ގާނޫނެއްގެ ދަށުން ނެގި ޓެރިފްތައް ސުޕްރީމް ކޯޓުން ބާތިލްކުރުމުން، ސަރުކާރަށް ވަނީ އޭރު ޓެކްސް ދެއްކި ފަރާތްތަކަށް ފައިސާ އަނބުރާ ދޭން ޖެހިފައެވެ.
މިހާރު އަލަށް ތައާރަފްކުރި ޓެރިފްތައް ނަގަނީ 1974 ވަނަ އަހަރުގެ ޓްރޭޑް އެކްޓްގެ 301 ވަނަ މާއްދާގެ ދަށުންނެވެ. މި ޓެރިފްތަކުގެ އަސަރު އެމެރިކާއަށް އެތެރެކުރާ މުދަލުގެ 99 އިންސައްތައަށް ކުރާނެއެވެ. ސްޓޭޓްތަކުން ތުހުމަތު ކުރާ ގޮތުގައި ސަރުކާރުން "ފޯސްޑް ލޭބަރ" ނުވަތަ މަޖުބޫރުކޮށްގެން މަސައްކަތް ކުރުވުމުގެ މައްސަލައަކީ ބަހަނާއެއްގެ ގޮތުގައި ބޭނުންކޮށްގެން، ކުރިން ކޯޓުން ބާތިލްކުރި ޓެކްސްތައް އަލުން ނަގަން ކުރާ މަސައްކަތެކެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists