ބޯޑަރުގެ މައްސަލަތަކާ ބެހޭގޮތުން އިންޑިޔާ އާއި ޗައިނާއިން މި ހަފްތާ ތެރޭގައި އިތުރު މަޝްވަރާތަކެއްކޮށްފިއެވެ.
އިންޑިއާއާއި ޗައިނާއާ ދެމެދު އޮންނަ އިމުގެ މައްސަލަތަކާއި ލައިން އޮފް އެކްޗުއަލް ކޮންޓްރޯލް ސަރަހައްދުގެ ހަމަޖެހުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބޭއްވި 'ވޯކިން މެކޭނިޒަމް ފޯ ކޮންސަލްޓޭޝަން އެންޑް ކޯޑިނޭޝަން' ގެ 36 ވަނަ ބައްދަލުވުމުގައި، ދެ ގައުމު ހިއްސާކުރާ ކޯރުތަކުގެ މަތީ ބައިގައި ޗައިނާއިން ހިންގާ މަޝްރޫއުތަކުގެ ފަންނީ ތަފްސީލުތައް ހިއްސާކުރުމުގެ މުހިންމުކަން އިންޑިއާއިން އަލުން ވަބީ ތަކުރާރުކޮށްފައެވެ.
އިންޑިއާގެ ނިއުދިއްލީގައި އިއްޔެ ކުރިއަށްދިޔަ މިބައްދަލުވުމުގައި އިންޑިއާގެ ފަރާތުން އިސްކޮށް ހުންނެވީ ޚާރިޖީ ވުޒާރާގެ ޖޮއިންޓް ސެކްރެޓަރީ ސުޖީތު ގޯޝްއެވެ. އަދި ޗައިނާގެ ފަރާތުން އިސްކޮށް ހުންނެވީ އެގައުމުގެ ޚާރިޖީ ވުޒާރާގެ ބައުންޑަރީ އެންޑް އޯޝަނިކް އެފެއާޒް ޑިޕާޓްމަންޓުގެ ޑިރެކްޓަރ ޖެނެރަލް ހޫ ޔަންގްޗީ އެވެ.
މި ބައްދަލުވުމުގައި ދެ ގައުމުން ވަނީ ސަރަހައްދީ ރޮނުގުގެ ހާލަތާ ބެހޭގޮތުން މަޝްވަރާކޮށް، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި ބޯޑަރު ސަރަހައްދީ ހަމަޖެހުމާއި އަމާންކަން ދެމެހެއްޓުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަން ފާހަގަކޮށްފައެވެ. އަދި އޮޅުންބޮޅުންތަކުން ދުރުހެލިވެ، ހައްލުނުވެ ހުރި މައްސަލަތައް ނިންމުމަށްޓަކައި ޑިޕްލޮމެޓިކް އަދި އަސްކަރީ ގުޅުންތައް މެދުވެރިކޮށް މަޝްވަރާތައް ކުރިއަށްގެންދިއުމަށް ދެފަރާތުންވެސް އެއްބަސްވިއެވެ.
މީގެއިތުރުން، ދެ ގައުމުގެ ދެމެދުގައި އޮންނަ ކޯރުތަކާ ބެހޭގޮތުން މަޝްވަރާކުރާ 'އެކްސްޕަރޓް ލެވެލް މެކޭނިޒަމް' ގެ ބައްދަލުވުމެއް އަވަސް މުއްދަތެއްގެ ތެރޭގައި ބޭއްވުމުގެ މުހިންމުކަން އިންޑިއާއިން ވަނީ ފާހަގަކޮށްފައެވެ. އަދި ފާއިތުވި އަހަރު ބޭއްވުނު 24 ވަނަ ސްޕެޝަލް ރެޕްރެޒެންޓަޓިވްސް މަޝްވަރާތަކުގެ ނަތީޖާއަށް ބިނާކޮށް، ބޯޑަރުގެ އިންވަކިކުރުމާއި، ބޯޑަރު ބެލެހެއްޓުމާއި، ގުޅުން ބަދަހިކުރުމުގެ ދާއިރާތަކުން އިތުރަށް ހަރަކާތްތެރިވުމަށް ދެ ގައުމުން ވަނީ ޚިޔާލު ބަދަލުކޮށްފައެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists