އެމެރިކާގެ ކުރީގެ ރައީސް ޖޯ ބައިޑެންއަށް ޖެހިފައިވާ ޕްރޮސްޓޭޓް ކެންސަރު ކަށިތަކުން އިތުރަށް ފެތުރި މިހާރު ހޭދަކުރަމުންދަނީ ވަރަށް ވޭންހުރި ދުވަސްތަކެއްކަމަށް ދަރިކަލުން ހަންޓާ ބައިޑެން ބުނެފިއެވެ.
ހުކުރު ދުވަހު އޮންލައިންގައި އާންމުކުރި ބީބީސީގެ "ނިއުސްނައިޓް" ޕްރޮގްރާމުގެ ވީޑިއޯގައި ހަންޓާ ބައިޑެން ބުނީ "ކެންސަރު ވަނީ ފެތުރި ކަށިތަކުގެ ތެރެއަށާއި އެއަށް ވުރެ ދުރަށް ފެތުރިފައި ކަމަށެވެ. ބައްޕަގެ ހަށިގަނޑުގައި މިހާރު އަޅަމުންދާ ވޭނަކީ ކެތްކޮށްލަން އުނދަގޫވާފަދަ ހާލަތެއްކަމަށް އޭނާ ބުންޏެވެ.
ޢުމުރުން 83 އަހަރުގެ ބައިޑެންގެ ތަރުޖަމާނު ހޮނިހިރު ދުވަހު އެ އިންޓަވިއުއާ ގުޅޭ ގޮތުން ވާހަކަ ދެއްކުމަށް ވަނީ ދެކޮޅު ހަދާފައެވެ. ބައިޑެން 2025 ވަނަ އަހަރުގެ މެއި މަހު ވައިޓް ހައުސް ދޫކޮށް ވަޑައިގެންނެވިތާ ހަތަރު މަސް ނުވަނީސް "އެގްރެސިވް" ބާވަތެއްގެ ޕްރޮސްޓޭޓް ކެންސަރު ހުރިކަން ހާމަކުރެއްވިއެވެ. އެ ދުވަހު ބައިޑެން ވިދާޅުވީ ކެންސަރު ކަށިތަކަށް ފެތުރިފައިވާ ކަމަށެވެ. އޮކްޓޫބަރު މަހު ބައިޑެންގެ ތަރުޖަމާނު ބުނީ ރޭޑިއޭޝަން ފަރުވާއާއި ހޯމޯން ތެރަޕީ ހޯދަމުންދާ ކަމަށެވެ.
ބައިޑެންއަކީ 2020 ވަނަ އަހަރުގެ އިންތިޚާބު ކާމިޔާބުކުރެއްވި އިރު އެމެރިކާގެ ރައީސްކަމަށް ހޮވުނު އެންމެ އުމުރުން ދޮށީ ރައީސްއެވެ. ބައިޑެންގެ ޖިސްމާނީ ދުޅަހެޔޮކަމާއި ސިކުނޑީގެ ހާލަތާ މެދު 2021 އިން 2025 އަށް ދެމިގެންދިޔަ ރައީސްކަމުގެ ދައުރުގައި ވެސް ފާޑުކިޔުން އަމާޒުވިއެވެ. ޖޫން މަހު ޗިކާގޯގައި ބޭއްވި ބަރާކް އޮބާމާގެ ރިޔާސީ ލައިބްރަރީ ހުޅުވުމުގެ ރަސްމިއްޔާތުގައި ވެސް ބައިޑެން ބައިވެރިވެވަޑައިގެންނެވިއެވެ. ބައިޑެން ވަނީ 2009 އިން 2017 އަށް އޮބާމާގެ ނައިބު ރައީސްކަން ކުރައްވައިފައެވެ.
ބައިޑެންގެ ރިޔާސީ ހަނދާންތައް ހިމެނޭ ފޮތް ނޮވެމްބަރު 17 ގައި ނެރުމަށް ވަނީ ހަމަޖެހިފައެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists