ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ސްކޭމް މައްސަލަތަކުގެ އަދަދު 3،000 އަށް އަރާފައިވާއިރު، އެ މައްސަލަތަކުގައި އާންމުންގެ އަތުން 35 މިލިއަނަށްވުރެ ގިނަ ދިވެހި ރުފިޔާ ގެއްލިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މި 3،000 މައްސަލައިގައި އާންމުންގެ އަތުން 35,144,703.32ރ ވަނީ ގެއްލިފަ އެވެ. މީގެ ތެރެއިން ފުލުހުންނަށް އަނބުރާ ހޯދިފައިވަނީ 13,296,072.51ރ އެވެ.
މި މައްސަލަތަކުގެ ތެރެއިން، ގެއްލުނު ފައިސާ އެއްކޮށް އަނބުރާ ހޯދިފައިވަނީ 1,196 މައްސަލައެއްގަ އެވެ. އަދި 279 މައްސަލައެއްގައި ފައިސާގެ ބައެއް ހޯދިފައިވާއިރު، މިއީ ފައިސާ ގެއްލުމަށްފަހު އެ އަނބުރާ ހޯދުމަކީ ބުރަ މަސައްކަތެއް ކަމާއި، ބައެއް ހާލަތްތަކުގައި އެ ފައިސާ އެއްކޮށް ގެއްލިދިއުމުގެ ފުރުސަތު އޮތްކަން ހާމަކޮށްދޭ ތަފާސް ހިސާބުތަކެކެވެ.
މަކަރާއި ހީލަތުން ފައިސާ ހޯދުމަށް އެންމެ ގިނައިން ބޭނުންކޮށްފައިވަނީ އޮންލައިންކޮށް ވިޔަފާރިކުރުމުގެ ނަމުގައި ހިންގާ "އީ-ކޮމާސް" ސްކޭމްތަކެވެ. މިފަދަ 1,478 މައްސަލައެއް ވަނީ ރިޕޯޓްކޮށްފަ އެވެ. މީގެ އިތުރުން ބޭރު ފައިސާ މާރުކުރުމުގެ ނަމުގައި ހިންގި 540 ސްކޭމްގެ މައްސަލައާއި، އެކި ފަރާތްތަކުގެ ނަމުގައި މީހުންނަށް އޮޅުވާލައިގެން ހިންގި (އިމްޕަރސަނޭޝަން) 439 މައްސަލަ ހިމެނެ އެވެ.
މައްސަލަތައް ރިޕޯޓްކުރެވިފައިވާ ގޮތަށް ބަލާއިރު، އެންމެ ގިނައިން ފާހަގަކުރެވިފައިވަނީ ފޭސްބުކް މާކެޓްޕްލޭސް (1,093 މައްސަލަ) އަދި ވައިބަރ (911 މައްސަލަ) ބޭނުންކޮށްގެން ހިންގާފައިވާ ސްކޭމްގެ މައްސަލަތަކެވެ. އަދި ފޭސްބުކް، ފޯނު ކޯލް، އައިބޭ، ޓެލެގްރާމް، ވަޓްސްއަޕް، އިންސްޓަގްރާމް އަދި ޓިކްޓޮކް މެދުވެރިކޮށްވެސް މިފަދަ ސްކޭމްތައް ހިނގާފައިވެ އެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists