ވިޔަފާރިތަކަށް މުދާ އެތެރެކުރުމުގައި ދިމާވާ ބޭރު ފައިސާގެ ދަތިކަން ކުޑަކުރުމުގެ ގޮތުން ބޭންކުތައް މެދުވެރިކޮށް ހަފުތާއަކު ދޫކުރާ އެމެރިކާ ޑޮލަރުގެ ޢަދަދު 51 އިންސައްތައިން މައްޗަށް ޖެއްސުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނިންމައިފިއެވެ.
މި ބަދަލު ގެނެސްފައިވަނީ މި ހަފުތާއިން ފެށިގެން ކުރިއަށް އޮތް ތިން ހަފުތާގެ މުއްދަތަށެވެ. މި ފިޔަވަޅުގެ ބޭނުމަކީ ބޭންކިންގ ނިޒާމުގެ ތެރެއިން ބޭރު ފައިސާ ހޯދެން ހުރި ފުރުޞަތުތައް ފުޅާކޮށް އިމްޕޯޓް ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކަށް ލުއި ފަސޭހަ ގޮތްތަކެއް ހަމަޖައްސައިދިނުމެވެ.
ފެބްރުއަރީ މަހުން ފެށިގެން ރާއްޖެއަށް ޑޮލަރު ވަންނަ މިންވަރު ދަށަށް ގޮސްފައިވާއިރު އެކަމުގެ މައިގަނޑު ސަބަބެއް ކަމަށް އެމްއެމްއޭ އިން ފާހަގަކޮށްފައިވަނީ މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ފަތުރުވެރިކަމުގެ ސިނާޢަތަށް އައިސްފައިވާ މަޑުޖެހުމެވެ. ބޭރު ފައިސާގެ ބާޒާރަށް ކުރިމަތިވެފައިވާ ފިއްތުންތައް ކުޑަކުރުމަށް އެމްއެމްއޭ އިން ގެންދަނީ ތަފާތު ފިޔަވަޅުތައް އަޅަމުންނެވެ.
މީގެ ކުރިންވެސް މިފަދަ ފިޔަވަޅުތައް އެމްއެމްއޭ އިން އަޅާފައިވެއެވެ. މި އަހަރުގެ ރަމަޟާން މަހާ ދިމާކޮށް ޒަރޫރީ ކާބޯތަކެތި އެތެރެކުރާ ވިޔަފާރިވެރިންނަށް އެހީވުމުގެ ގޮތުން ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ ޢަދަދު 32 އިންސައްތަ އިތުރުކުރިއެވެ. އަދި ފަތުރުވެރިކަމުގެ އޮފް ސީޒަނާ ދިމާކޮށް ޖޫން މަހު 26 އިންސައްތައިގެ އިތުރުވުމެއް ވެސް ގެނެސްފައިވެއެވެ. މިފަހަރު ގެނައި 51 އިންސައްތައިގެ ބަދަލަކީ މި އަހަރު މިހާތަނަށް އެމްއެމްއޭ އިން ގެނައި މިބާވަތުގެ އެންމެ ބޮޑު އިތުރުވުމެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists