ރާއްޖޭގައި ވަޒަންވެރިނުވާ ކޮންޓްރެކްޓަރުންނަށް ކޮންސްޓްރަކްޝަން މަޝްރޫޢުތަކުން ލިބޭ ފައިސާއިން ވިތުހޯލްޑިންގ ޓެކްސްގެ ގޮތުގައި %10 ނެގޭ ގޮތަށް އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނު އިސްލާހުކުރުމުގެ ބިލެއް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
މި ބިލު މަޖިލީހަށް ހުށަހެޅުއްވީ މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރެވެ.
މި ބިލު ހުށަހެޅުއްވި ސަބަބުގެ ގޮތުގައި ފާހަގަކޮށްފައިވަނީ، ދިވެހިރާއްޖޭގައި ހިންގާ ކޮންސްޓްރަކްޝަން މަޝްރޫޢުތަކުގެ ކޮންޓްރެކްޓްތަކަށް ވާދަކުރުމުގައި ދިވެހި ވިޔަފާރިތަކާއި ވަޒަންވެރިވެފައިނުވާ ކޮންޓްރެކްޓަރުންނާ ދެމެދު ހަމަހަމަ އަދި ވާދަވެރި މާޙައުލެއް ޤާއިމުކުރުމެވެ.
މިހާރު ޤާނޫނު އޮތް ގޮތުން ރާއްޖޭގައި ވަޒަންވެރިނުވާ ކޮންޓްރެކްޓަރުން ވިތުހޯލްޑިންގ ޓެކްސްގެ ގޮތުގައި ދައްކަނީ ލިބޭ ޖުމްލަ ފައިސާގެ %5 އެވެ. ހުށަހެޅި އިސްލާހު ފާސްވެއްޖެނަމަ އެ ރޭޓު %10 އަށް ބޮޑުވާނެއެވެ.
މީގެ އިތުރުން ވަޒަންވެރިނުވާ ފަރާތަކަށް ރާއްޖޭގައި ހުރި ދާއިމީ މަރުކަޒެއް މެދުވެރިކޮށް ލިބޭ އާމްދަނީން ވިތުހޯލްޑިންގ ޓެކްސް ދައްކައިފައިވާނަމަ އެ ވިތުހޯލްޑިންގ ޓެކްސް ނެގުނު އާމްދަނީއާ ގުޅިގެން ދައްކަންޖެހޭ ޓެކުހުގެ ފުރިހަމަ އަދަދު ކަމުގައި ބެލެވޭނެ ކަމަށާއި ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރާއިރު އެ އާމްދަނީ ނުހިމެނޭނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.
މި އިސްލާހުގެ ސަބަބުން ދައުލަތުގެ އާމްދަނީއަށް އަހަރަކު އެވެރެޖުކޮށް 251 މިލިޔަން ރުފިޔާ އިތުރުވާނެ ކަމަށް ދައުލަތުގެ ޓެކްސް އިދާރާ މީރާއިން ލަފާކޮށްފައިވާ ކަމަށް ސަރުކާރުން ބުނެފައިވެއެވެ.
މިއަދުގެ މަޖިލީހުގެ ޖަލްސާގައި ވަނީ ބިލުގެ އިބްތުދާއީ ބަހުސް ކުރިއަށް ގެންގޮސްފައެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists